ފައިސާއަކީ ކިހާ މުހިންމު އެއްޗެއްކަން އެންމެ ބޮޑަށް އިހްސާސްވާނީ ބުރަ މަސައްކަތުން އެ ފައިސާ ހޯދާ މީހުންނަށެވެ. ފައިސާ ހޯދުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ދިރިއުޅުމުގެ އެކި ބޭނުންތައް ފުއްދުމަށެވެ. ފައިސާ މާގިނައިން ލިބެން ފެށުމުން އެކަމާ ބޮޑާވާ މީހުންވެސް އުޅެއެވެ. މުއްސަނދިކަމަކީ އެކި މީހުންނަށް އެކި މިންވަރަށް ލިބިގެންދާ އެއްޗެކެވެ. އެކަމާ ބޮޑާނުވެ ޝުކުރުވެރިވެގެން އެކަމުން މުސްތަގުބަލަށް ރަނގަޅު މަންފާއެއް ކުރޭތޯ މަސައްކަތް ކުރަންޖެހެއެވެ. ފައިސާގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ބޭކާރު ޚަރަދުކުރުން މަދުކުރަން ދަސްކުރަންޖެހެއެވެ. ފައިސާ ލިބުމުން އެފައިސާ ރައްކާކުރަންވެސް ވިސްނަންޖެހެއެވެ. ނޫންނަމަ މާދަމާ ކަންވާނެ ގޮތެއް ބުނެދޭން އެނގޭނެހެއްޔެވެ. މަހު މުސާރަ ބަރާބަރަށް ލިބި ފުދިގެން އުޅެވޭއިރުވެސް ވާނުވާ ނޭނގިހުއްޓާ މަހުގެ ދެބައިކުޅައެއްބަޔަށް ދާންވާއިރަށް އަތްމަތި ހުސްވެގެންވެސް ދެއެވެ. އެއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. މަހުގެ ބާކީ ދުވަސްތަކުގައި ދިރިއުޅުމުގެ ދެންހުރި ކަންކަން ހަމަޖައްސާނެގޮތެއް ނެތިއްޖެނަމަ އެކަމާމެދު ފިކުރުބޮޑުވެގެންދެއެވެ. ފައިސާ ގެންގުޅެން ނޭނގި ފައިސާއިން ކުރެވޭ ބޭކާރު ޚަރަދުތައް ނޭނގޭ މީހުންވެސް އުޅެއެވެ. ވިސްނާލާއިރު އޮންނަނީ ކޮންމެހެން ޚަރަދުކުރަން ނުޖެހޭ ކަމަކަށް ޚަރަދު ކުރެވިފައެވެ. މިހެން ދިމާވަނީ ކީއްވެގެންތޯ ބަލާލުން މުހިންމެވެ.
ބައެއް މީހުންނަކީ ފެޝަނަށް ލޯބިކުރާ މީހުންނަށް ވުމުން ވިސްނާނުލާ ކުރެވޭ ބޭކާރު ޚަރަދު
ބައެއް މީހުންނަކީ ޒަމާނީ ފަހުގެ ފެޝަންތަކަށް ލޯބިކޮށް ފަހުގެ ފެޝަނުގެ އެއްޗެހި އަބަދުވެސް ގަންނަ މީހުންނެވެ. އެއީ ހެދުމުން ފެށިގެން ބޫޓާއި ދަބަސްވިޔަސް ހެވެވެ. އިންސްޓަރގްރާމް ސްޓޯރީއަށް ނުވަތަ ރީލްއަށް އެއްޗެއްލާން ބޭނުންވެގެންގޮސް ރީތިހެން ހީވާ "ކަލެކްޝަން" އެއްކޮށްލައެވެ. އެކަމަށް ދެވިހިފައި ވިސްނާނުލައި ބޮޑު ޚަރަދެއް ކުރެއެވެ. ރައްޓެހިންނާއެކު ބޭރަށްދާން ރާވާފައިވާނަމަ އެތަނަކަށް ދިއުމަށް އަގުބޮޑު ހެދުމާއި އެއާއި ގުޅޭ އިތުރު ސާމާނު ހޯދައެވެ. މިހެންގޮސް ކޮންމެހެން މުހިންމު ނޫން ޚަރަދު ކުރެވިގެންދަނީ މާބޮޑަށެވެ. އަމިއްލަ ހިތްހަމަޖެހުމަށް އެއްޗެހި ގަތުމަކީ މުހިންމުކަމެއްވެސް މެއެވެ. އެހެންނަމަވެސް ކޮންމެހެން ގަންނަން ނުޖެހޭނަމަ އެއެއްޗެއް ނުގަތުން ބުއްދިވެރިއެވެ. ޝޮޕިންއަށް ދާނަމަ ކުޑަކޮށް މުށްބާރު ކޮށްލައިގެން އުޅެން ދަސްކުރާށެވެ. އެއްޗެހި ގަނެގެން އިންސްޓަރގްރާމް އަޕްޑޭޓް ކުރުމުގެ ބަދަލުގައި މީރުއެއްޗެއް ކައްކާލާ ނުވަތަ އަތިރިމައްޗަށް ގޮސްލާ މޮޅު ވީޑިއޯ ނުވަތަ ޕާކަށްގޮސް މޮޅުގޮތަކަށް ފޮޓޯއެއް ނަގާލުމަށްފަހު އަޕްޑޭޓްކޮށްލާށެވެ. ނޫންނަމަ އެކަމަށް ބޮޑު ޚަރަދެއް ނުކޮށް އަމިއްލަ ހިތްހަމަޖެހުމަށް އެއްޗެއް ގަނެލާށެވެ.
ލޮލަށް ފެންނަހާ އެއްޗެއް ބޭނުންވެގެން އެކަމަށް ދަހިވެތި ނުވާށެވެ!
މީހަކު ގެންގުޅޭހާ އެއްޗެއް ހޯދުމަށް ނުވިސްނާށެވެ. އެމީހަކަށް ލިބޭ މިންވަރަކުން ފުއްދައިގެން އުޅެން އާދަކުރާށެވެ. ރީތި ކޮންމެ އެއްޗެއް ހޯދަން ބޭނުންވެއްޖެނަމަ އެއީ ގޯހެކެވެ. ފައިސާގެ މުހިންމުކަން އަމިއްލައަށް ވިސްނާށެވެ. މާދަމާވެސް ބޮޑުކަމެއް ދިމާވެދާނެ ކަމަށްޓަކައި އަބަދުވެސް ވިސްނަންވާނެއެވެ. މާއަގުބޮޑެތި އެއްޗެހި ގަންނަން ނުވިސްނާށެވެ. ތިމާގެ ފުދުންތެރިކަން ހުރި މިންވަރަކުން އެކަމެއް ކުރަން ވިސްނާށެވެ. އެހެންނޫނީ ދަރަނިވެރިވެދާނެއެވެ. އެއްޗެއް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ބަލާލާށެވެ. އެއަށްފަހު އެއީ މިވަގުތަށް ކުރަން ކޮންމެހެން މުހިންމު ޚަރަދެއްތޯ ވިސްނާލުމަށްފަހު އެކަމަށް ޚަރަދުކުރާށެވެ. ނޫނީ އަގުބޮޑެތި އެއްޗެހި ގަންނަންވާނީ ޚާއްސަ މުނާސަބަތަކާއި ގުޅުވައިގެންނެވެ. މީހުން ގެންގުޅޭ ހުރިހާއެއްޗެއް ބޭނުންވެގެން އުޅޭ މީހަކަށް ނުވާށެވެ.
މަހުންމަހަށް ލާރި ދައްކާގޮތަށް ވިޔަފާރި ނުކުރުން
އަގުބޮޑެތި ފޯނުތައް ބާޒާރަށް ނިކުންނައިރަށް ބޭނުންވެގެން އުޅޭ މީހުންވެސް އުޅެއެވެ. ތިމާގެ ރައްޓެހިން ގެންގުޅޭތީ އަގުބޮޑު ފޯނު ގެންގުޅެން ބޭނުންވެއެވެ. ނޫނީ ރައްޓެހިވެގެން އުޅޭ ލޯބިވެރިޔާއަށް 'ތުއި' ދައްކާލަންވެސް ގަނެލަން ބޭނުންވެއެވެ. ސްކީމަށް ފޯނުނަގާލުމަށްފަހު މަހުން މަހަށް ރުފިޔާ ދައްކާލަ ދައްކާލާ ތިބޭ މީހުންވެސް އުޅެއެވެ. ވަކި ހިސާބަކުން އެހުރިހާ ދަރަންޏެއް ދެއްކުމަށްފަހު މުސާރަ ހުސްވާލެއް އަވަސްވުމުން ރައްޓެހިން އަތުން ލޯނުނަގައެވެ. މިކަންކަމަކީ މީހާ ދަރަނިވެރިވާނެ ކަންކަމެވެ. ބޭންކުން ލޯނު ނަގައި ނުވަތަ ކްރެޑިޓް ކާޑަށް އެއްޗެހިގަނެ އިންޓަރެސްޓް ބޮޑުވުމުން ބޭކާރު އެތައް ފައިސާއެއް އަތުން ގެއްލެއެވެ. މިހުރިހާ ކަމަކީ ދަރަނިވެރިވެގެންދާ ކަންކަމެވެ. މީގެ ބަދަލުގައި މިކަހަލަ އެއްޗެހި ގަތުމަށް ދުވާލަކު 50 ރުފިޔާ ނުވަތަ 100 ރުފިޔާ ރައްކާކޮށް އެކަމަށް ވަކި ބަޖެޓެއް ހަމަޖައްސާށެވެ. ދަރަނިން ސަލާމަތްވުމަށް މިކަންކަން ވަރަށް މުހިންމެވެ.
މެމްބަރޝިޕް ނެގުމަށްފަހު ލާރިދައްކާ އަދި ބަލަން ބޭނުންނުވާ އެއްޗިއްސަށް ސަބްސްކްރައިބް ކުރުން
ޖިމަށް ދާނަމޭ ކިޔައި ދާން ބޭނުންވެގެން ކޮންމެ މަހަކު ލާރި ދައްކައެވެ. އެކަމަކު ވަގުތު ނުވެގެން ގިނަ ދުވަހު ނުދެވި ހުއްޓާ މަސް ނިމެނީއެވެ. އޭރުން އެލިބެނީ ހާދަބޮޑު ގެއްލުމެކެވެ. އަމިއްލަ މީހާއަށް ޔަގީންކަން ނެތް ކަންކަމަށް ޚަރަދު ނުކުރާށެވެ. ވަގުތަކީވެސް އެމީހަކު އަމިއްލައަށް ހޯދީމަ ލިބޭނެ އެއްޗެކެވެ. ތިމާގެ އަމިއްލަ ނަފްސަށް ޔަގީން ނުވެވޭނަމަ އެކަންކަން ކުރުމުން ދުރުހެލިވާށެވެ.
ކްރިޕްޓޯ އަދި ބިޓްކޮއިންއަށް ޚަރަދު ނުކުރުން
ރައްޓެހިން ކުރާތީ މިކަންކަންވެސް ކޮށްލާނަމޭ ހިތުގައި އޮވެއެވެ. މިކަމުގައި އެއްވެސް ތަޖުރިބާއެއް ނެތް މީހެއްނަމަ ވަރަށް ބޮޑު ދެރައެއް ލިބިގެންދާނެއެވެ. މިފަދަ ކަމެއް ފެށުމުގެ ކުރިން އެކަމުގެ މައުލޫމާތު ދަންނަ މީހަކާ މަޝްވަރާކޮށްލުން ވަރަށް މުހިންމެވެ.