ބީޓްރޫޓަކީ ތަރުކާރީއެއް ގޮތަށް ކެއުމުގައި ހިމަނާ އެއްޗެކެވެ. ބީޓްރޫޓުގެ ކުލައަކީ ވަރަށް ގަދަ ރަތްކުލައެކެވެ. މަށާލާއިރު އަތުގައިވެސް ކުލަ ހޭކެއެވެ. ކާން ގެންގުޅޭ ތަށީގައިވެސް ކުލަ ހިފައެވެ. ބީޓްރޫޓަކީ ކެއުމުގައި ވަރަށް ގިނަ މީހުން ބޭނުންކުރާ ވަރަށް މީރު އެއްޗެކެވެ. ބީޓްރޫޓް ހިކިކޮށް ކައްކައިގެންނާއި ފެނުކައްކައިގެން އަދި ބަތް ހަދާއިރު އޭގެތެރެއަށް އަޅައިގެންވެސް ކައި އުޅެއެވެ. އާއްމުގޮތެއްގައި ކައި އުޅެނީ ބަތާއެކު ނުވަތަ ރޮއްޓާއެކު ނަމަވެސް ބީޓް ރޫޓުގައި ޖޫސް ގިރައިގެންވެސް ބޮއެވެ. މޭވާއަކަށް ނުވިކަމުގައިވިޔަސް ބީޓްރޫޓު ޖޫހަކީ އާއްމުންގެ މެދުގައި މަގުބޫލު ޖޫހެއް ކަމުގައި ބެލެވިދާނެއެވެ. މިއީ ސިއްހީ ގިނަ ފައިދާތަކެއް ލިބިދޭ ޖޫހެކެއެވެ.
ބްލަޑް ޕްރެޝަރ ދަށްކޮށްދިނުމަށް އެހީތެރިވެދޭ
ބީޓްރޫޓު ޖޫހުން ބްލަޑް ޕްރެޝަރ ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. ބްލަޑް ޕްރެޝަރ މާމައްޗަށް ދާނަމަ ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމަށް މަގުފަހިވެގެންދެއެވެ. މިޖޫހުން "ސިސްޓޯލިކް އަދި ޑައެސްޓޯލިކް" ބްލަޑް ޕްރެޝަރ ދަށްކޮށްދެއެވެ. މިގޮތުން ދުވާލަކު 250 އެމްއެލްގެ ބީޓްރޫޓް ޖޫސް ބޮވިދާނެއެވެ. މިޖޫހުގައި "ނިޓްރޭޓް" ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ. ނާރުތެރެއިންލާފައި ލޭހިގުމަށް ފަސޭހަވެގެންދެއެވެ.
އެތްލީޓުންނަށް ރަނގަޅު ޖޫހެއް
މިޖޫހުގެ ސަބަބުން ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދީ ދުވެހަދާއިރު ވަރުބަލިނުވެ ހިފަހައްޓައެވެ. އަދި އެހެންމެ ކަސްރަތު ކުރާއިރުވެސް ބުންވަރު ހިފަހައްޓަދީ ހަދައެވެ. ރިސާރޗްތަކުން ދައްކާގޮތުގައި 500 އެމްއެލްގެ ބީޓްރޫޓް ޖޫސް ބޮއިގެން ދުވަންދާނަމަ ވަރަށް ރަނގަޅު ނަތީޖާއެއް ދެއްކިދާނެއެވެ.
ސިކުނޑީގެ ބަލިތަކަށް ފަރުވާއެއް
ސިކުނޑީގައި ލޭދައުރުވުމާއި ސިކުނޑި ރަނގަޅަށް މަސައްކަތްކުރުމުގައި މިޖޫސް ވަރަށް މުހިއްމެވެ. މިޖޫސް ބޯނަމަ ސިކުނޑީގެ އެކި ބަލިތަކަށް ފަރުވާ ލިބިގެންދެއެވެ.
ފައިބަރގެ މާއްދާ އެކުލެވިގެންވުމުން ހަޖަމުކުރުމުގެ ނިޒާމަށް ފަސޭހަވޭ
މިޖޫސް ބުއިމުން ބޮޑުކަމުދިއުމަށް ފަސޭހަވެގެންދެއެވެ. ފައިބަރގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ. ހަށިގަނޑުގެ ބަރުދަންވެސް އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. ބްލަޑް ޝުގަރ ލެވެލް އެއްވަރެއްގައި ހިފަހައްޓަދީ ކޮލޮސްޓްރޯލްވެސް އެއްވަރެއްގައި ބަހައްޓަދެއެވެ. ޑައެޓްކުރާ މީހުންނަށްވެސް މިޖޫސް ވަރަށް ރަނގަޅުވާނެއެވެ. ބަނޑުހައިނުވެ ގިނައިރު ހިފަހައްޓަދީ އަދި ހަކަތަވެސް ލިބިދޭ ޖޫހަކަށްވެއެވެ.
އެނީމިއާ ހުންނަ މީހުންނަށް ފަރުވާއަކަށް ވެގެންދޭ
އެނީމިއާއަކީ ރެޑް ބްލަޑް ސެލް މަދުވުމުން ދިމާވާކަމެކެވެ. މިޖޫހުގެ ސަބަބުން ދަގަނޑުގެ މާއްދާ ލިބި ރެޑް ބްލަޑް ސެލް މަތިކޮށްދެއެވެ. އެނީމިއާ ޖެހުމުން މީހާ ވަރުބަލިވެ ކަންކަމުގައި މަސްއޫލުވާން އުދަގޫވެއެވެ.
ކެންސަރުގެ ބަލިތަކަށް ފަރުވާއެއް
2021 ގައި ހެދި ދިރާސާއަކުން ދައްކާގޮތުގައ ފިރިހެނުންގެ ތެރެއިން މިޖޫސް ބޯނަމަ ޕްރޮސްޓޭޓް ކެންސަރު ޖެހޭ މީހުންގެ އަދަދު މަދުވެއެވެ. އަދި ހަމައެހެންމެ އަންހެނުންނަށް އުރަމަތީ ކެންސަރާއި އޯވަރީގެ ކެންސަރު ޖެހުމުންވެސް ދުރުކޮށްދެއެވެ. މިޖޫހުގައި އެންޓިއޮކްސިޑެންޓުގެ މާއްދާ އެކުލެވިގެންވާތީ ސެލްތައް ހަލާކުނުވެ ހިފައްޓަދެއެވެ. ވިޓަމިން ސީ ވެސް އެކުލެވިގެންވެއެވެ.
މައުލޫމާތު: ހެލްތިއާސްޓެޕް.ކޮމް