November 22, 2024 03:30
Advertisement

-Advertisement-

ކުޑަކުދިންނަށް ޚާއްސަ: ކަޔާގެ ކިބުރުވެރި ކޮންޕިއުޓަރު މިވާހަކަ ކިޔުމަށްފަހު ޖަވާބުދިނުމަށް

މިއީ އަރާކުރި 20 ވަނަ ފޮތް: "ކަޔާގެ ކިޔަވާ މޭޒު" މި ފޮތުގައި ހިމަނާފައިވާ ވާހަކައެކެވެ. މިފޮތުގައި މިކަހަލަ ރީތި 3 ވާހަކަ ހިމަަނާފައިވެއެވެ. ވާހަކަ ކިޔައިލުމަށްފަހު ދީފައި އެވާ މަސައްކަތް ފުރިހަމަކޮށްލާނެ ކަމަށް އުންމީދު ކުރަމެވެ.

ކަޔާގެ ކިޔަވާ މޭޒު މިހާރު ފަޅުފިލުވައިލެވިފައި ވަނީ އެ ތަނަށް އަލަށް ގެނެވުނު އާ ކޮންޕިއުޓަރުގެ ސަބަބުންނެވެ. ކަޔާގެ ކިޔަވާ މޭޒުމަތީގައި އެ ކޮންޕިއުޓަރު ބެހެއްޓުމުން، މޭޒު މަތީގައި ހުރި ހުރިހާ ފޮތްތަކެއް ތިބީ ވަރަށް ދެރަވެފައެވެ. އެއީ އެ ބޮޑު ކޮންޕިއުޓަރުގެ ސަބަބުން ކިޔަވާ މޭޒުމަތި ފުރިފައި ވާތީއެވެ. އަދި ކޮންޕިއުޓަރު ލިބުމަށް ފަހު މިހާރު، ކަޔާ ފޮތްތަކާ ދުރުވެ ފޮތްތަކަށް ބަލައި ވެސް ނުލައި އަދި ފޮތް ކިޔުން މުޅިންހެން ހުއްޓާލައިފައި ވާތީއެވެ. މިހާރު ކަޔާ ފޮތް ކިޔުމުގެ ބަދަލުގައި އަބަދުވެސް އިންނަނީ ކޮންޕިއުޓަރުން ގޭމު ކުޅޭށެވެ. ނުވަތަ ކޮންމެވެސް އެހެންކަމެއް ކުރާށެވެ. އެ މަންޒަރު ބަލަން ކޮންމެ ދުވަހަކުހެން ފޮތްތައް ތިބެނީ ވަރަށް ދެރަވެފައެވެ.

ކޮންޕިއުޓަރު ވެސް މޭޒުމަތީ ބެހެއްޓި ދުވަހުން ފެށިގެން ހަމަ ކޮންމެ ދުވަހަކު ވެސް ދުވާލުދާ ހަތަރުދަމު އޭތީގެ މަސައްކަތަކީ ފޮނިކެނޑުމެވެ. އަބަދު ދައްކަމުންދާ ވާހަކައަކީ، އެތާ ހުރި ހުރިހާ ފޮތްތަކަށްވުރެ ކޮންޕިޔުޓަރުގެ ބޭނުންތެރިކަން ބޮޑުވާހަކައެވެ. އަދި ކޮންޕިއުޓަރުގެ މަސައްކަތް އަވަސްވެފައި ހުޝިޔާރު ވާނެ ވާހަކައެވެ. އެހެންކަމުން އެންމެން ވެސް މިހާރު ފޮތަށްވުރެ ކޮމްޕިއުޓަރު ދެކެ މާ ބޮޑަށް ލޯބިވާ ވާހަކައެވެ.

Advertisement

ކޮންޕިއުޓަރު އެ ގޮތަށް ވާހަކަދައްކާތީ، އެ މޭޒުމަތީގައި ތިބި ހުރިހާ ފޮތްތަކެއް ކަންބޮޑުވެފައި އެކަތި އަނެކައްޗަށް ބަލަން ތިއްބެވެ.

"މި ކޮންޕިއުޓަރު އެ ދައްކަނީ ތެދު ވާހަކައެއްތަ؟" އެތާ އޮތް އެންސައިކްލޮޕީޑިއާ އާ ދިމާއަށް ބަލައިލައިފައި ބަސްފޮތް  އަހައިލިއެވެ.

"އާން ވެދާނެ" އެންސައިކްލޮޕީޑިއާ ޖަވާބު ދިނެވެ. 

އާނ އެހެން ވެދާނެ! އެންސައިކްލޮޕީޑިއާ އޭގެ ޖަވާބުގައި ބުންޏެވެ.

"އަހަރެންނަކީ ލޯބި އެއްޗެއް. އަދި އަހަރެން ކަލޭމެންނަށް ވުރެ ކަންތައްކުރަން މާ އަވަސް ވެސް ވާނެ. ނިކަން ބަލާބަލަ! މި ކޮޓަރިއަށް ވަންނަ ހުރިހާ އެންމެން ވެސް އެހެން އެއްވެސް އެއްޗެއް ދެކެ ލޯބި ނުވާ ވަރަށް އަހަރެން ދެކެ ލޯބިވޭނު." ކޮންޕިއުޓަރު އަނެއްކާ ވެސް ފޮނި ކަނޑަން ފަށައިފިއެވެ.

"އެއީ ހަމަ ތެދެއްތަ؟" ބަސްފޮތް ވަރަށް ކަންބޮޑުވެފައި ދެވަނަ ފަހަރަށް މަޑުމަޑުން އަހައިލިއެވެ.

"މަށަށް ވެސް މިހާރު އެހެންއެބަ ހީވޭ!" އެންސައިކްލޮޕީޑިއާ މަޑުމަޑުން ބުންޏެވެ.

ބަސް ފޮތާއި އެންސައިކްލޮޕީޑިއާ ވާހަކަދައްކަމުން ދަނިކޮށް ކަޔާ ކުއްލިއަކަށް ކިޔަވާ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި ކިޔަވާ މޭޒުމަތީގައި ހުރި ފޮތްތަކާ ދިމާއަށް ބަލައި ވެސް ނުލައި ދިޔަގޮތަށް ގޮސް ކޮންޕިއުޓަރު ހުޅަވައިލައިފިއެވެ. ބަސް ފޮތާއި އެންސައިކްލޮޕީޑިއާ ވަރަށް ދެރަވެފައި ކަޔާއަށް ބަލަން ތިއްބެވެ. ކަޔާ ކޮންޕިއުޓަރ ހުޅުވައިލިތަނާ ކުއްލިއަކަށް ކޮންޕިއުޓަރު ސްކުރީން ކަޅުވެގެން ހިނގައްޖެއެވެ. "މަށަށް އެހީތެރިވެދީ މަށަށް ކޮންމެ ވެސް ކަމެއް ވެއްޖެ." ކޮންޕިއުޓަރު ކުއްލިއަކަށް ރޯން ފަށައިފިއެވެ.

މޭޒުމަތީގައި ހުރި ފޮތްތައް ކޮންޕިއުޓަރ އެ ކިޔާ އެއްޗެއްގެ އަޑު އިވޭކަމަށް ވެސް ނަހަދައި މަޑުމަޑުން ތިއްބެވެ.

ކަޔާ ކަންބޮޑުވެ ހާސްވެއްޖެއެވެ. އަދި ހަމަ އެ ދުވަހުގެ ހަވީރު، ކޮންޕިއުޓަރަށް ވީގޮތެއް ބަލަން އެކަމުގެ ޓެކްނީޝަނެއް އެ ގެއަށް ގެނެސްފިއެވެ.

"އަހަރެންގެ ކޮންޕިއުޓަރަށް ވެގެން އުޅެނީ ކިހިނެއްތަ؟" ކަޔާ ވަރަށް ދެރަވެލައިފައި އެމީހާއާ ސުވާލު ކުރިއެވެ.

"ކޮންޕިއުޓަރަށް ވައިރަސް އެރީ. "ޓެކްނީޝަން ބުންޏެވެ. "ދެން ޖެހޭނީ މި ވައިރަސް ފިލުވަން އެންޓިވައިރަސް އަޅަން. އެކަން ކުރެވޭނީ އަހަރެން މަސައްކަތްކުރާ އޮފީހަށް ގެންގޮސްގެން. ރަނގަޅުކުރަން ދެތިން ދުވަސްވަރު ނަގާނެ!" ދެން ކަޔާ ވަރަށް ދެރަވެއްޖެ. އިރުކޮޅަކު ވިސްނަން ހުރެފައި އެކަމާ އެއްބަސް ވުމުން ޓެކްނީޝަން ކޮންޕިއުޓަރު ހިފައިގެން ހިގައްޖެއެވެ.

ކޮމްޕިއުޓަރަށް އެ ވީގޮތަކުން ކަޔާ ވަރަށް ބޮޑަށް ދެރަވެއްޖެ. އަދި ވަރަށް ފޫހިވެގެން ގޭތެރޭގައި އެނބުރެން ފަށައިފިއެވެ. ކޮޅުކޮޅަށް ހިނގަން ފަށައިފިއެވެ. އެންމެ ފަހުން ކަޔާ ގޮސް އިށީނީ އޭނާގެ ކިޔަވާ މޭޒު ކައިރީގައެވެ. ކަޔާ މޭޒު ކައިރީގައި އިށީނދެލުމަށްފަހު މޭޒު މަތީގައި ހުރި އޭނާގެ ފޮތްތައް ގަޔާ ކައިރިި ކޮށްލިއެވެ. އަދި އެއަށްފަހު މޭޒުމަތިން ފޮތެއް ނަގައިފައި އެ ފޮތް ހުޅުވައިލުމަށްފަހު ކިޔަން ފަށައިފިއެވެ. އެހެން ފޮތްތައް އުފަލުން އެ މަންޒަރު ބަލަން ތިއްބެވެ. އެއީ ތިމަންނަމެންގެ ބޭނުން ވެސް ކަޔާ ހިފާނޭ ހިތައެވެ.

ދެތިން ދުވަސްފަހުން ކޮންޕިއުޓަރު މަރާމާތުކޮށްގެން ގެއަށް ގެނެސްފިއެވެ. ކޮންޕިއުޓަރު ގެއަށް ގެނައުމަށްފަހު ވެސް ކަޔާ ކުރިން އުޅުނުގޮތަށް އަބަދު ކޮންޕިޔުޓަރު ކައިރީ އިނުން ހުއްޓާާލައިފިއެވެ. އަދި އޭގެ ފަހުން ކުރިޔެކޭ ވެސް އެއްފަދައިން ކޮންމެ ދުވަހަކު ވެސް ކަޔާ ކިޔަވާ މޭޒު ކައިރީގައި އިނދެ ފޮތް ކިޔުމަށް ސަމާލުކަންދޭން ފަށައިފިއެވެ.

ފަރިތަކުރުން 1

ތިރީގައި އެވާ ބަސްބަހުގެ މާނަ ދަސްކޮށްލަމާ!

  • ބަސްފޮތް: ގިނަ އަދަދެއްގެ ލަފުޒުތަކާއި އޭގެ މާނަ އެކުލެވިގެން ވާ ފޮތެކެވެ. ބަސް ފޮތުގައި ބަސްތައް އަތުރާލައިފަ ވާނީ ހ،ށ ގެ އަކުރުތަކުގެ ތަރުތީބުންނެވެ.
  • އެންސައިކްލޮޕީޑިއާ: އެތައް މާއްދާ ތަކަކަށް ބޭނުންވާ އެތައް މައުލޫމާތުތަކެއް ހިމަނާލައިފައިވާ ފޮތެކެވެ. ކުޑަ ކުދިންގެ އެންސައިކްލޮޕީޑިއާއަކީ މުޅި ދުނިޔޭގެ ތާރީޚެއް ފަދަ ފޮތެކެވެ. ޖޯގުރަފީއާއި ތާރީޚާއި ސައިންސާއި ޓެކްނޮލޮޖީއާއި ޖައްވާބެހޭ މައުލޫމާތާއި އަދި ޖަނަވާރާ ބެހޭ މައުލޫމާތުތައް ވެސް މި ފޮތުގައި ހިމެނިފައިވެއެވެ.
  • އެންމެ ރަނގަޅު ލަފުޒެއް ބޭނުން ކޮށްގެން ހުސްތަންތަން ފުރިހަމަކުރާށެވެ!
  • ހުރިހާ ފޮތްތަކެއް ___________އަނެކެއްޗަށް ބަލަންތިއްބެވެ. (އެކަތި/ އޭތި)
  • އަހަރެން ________ ވުރެ މާ އަވަސްވާނެއެވެ. (ކަލޭމެންނަށް/ އަހަރެންނަށް)
  • މޭޒުމަތީގައި __________ ފޮތްތައް ތިބީ ވަރަށް ދެރަވެފައެވެ. (ހުރި/އިން)
  • ކަޔާ މޭޒު __________ ފޮތެއް ނަގައިގެން ކިޔަން ފެށިއެވެ. (ދަށުން/ މަތިން)  

ފަރިތަކުރުން 2

ކަޔާއާއި އެންސައިކްލޮޕީޑިއާއަކީ މި ވާހަކައިގެ 2 ޝަޚްޞިއްޔަތެވެ.

ތިޔަ ދަރިވަރު އަމިއްލައަށް ކަޔާއާ ބެހޭ އަމިއްލަ ވާހަކައެއް ލިޔާށެވެ. ލިޔާ ވާހަކައިގެ  ޝަޚްޞިއްޔަތު ނަގާނީ މި ވާހަކައިންނެވެ. ވާހަކައިގެ ފެށުން އެވަނީ ދީފައެވެ. ތިޔަ ދަރިވަރު ލިޔާނީ ވާހަކައިގެ  މައިގަނޑު ޕެރެގްރާފާއި ވާހަކަ ނިންމާ ޕެރެގްރާފެވެ.

އެއް ދުވަހަކު ކަޔާއަށް ފޯނެއް ލިބުމުން ވަރަށް އުފާވިއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ކަޔާ ސްކޫލުން ގެއަށް އައިސް ފޯނުން ގޭމު ކުޅެއެވެ. އެއް ދުވަހަކު ކަޔާގެ ރަޙްމަތްތެރިއަކު ކަޔާއަށް ފޯނުން ކުޅޭ ގޭމާއި ބެހޭ މަޢުލޫމާތު ދީފިއެވެ. ދެން ހަމަ ވަގުތުން ކަޔާ ފޯނުން އެ ގޭމު ކުޅެން ބޭނުންވެއްޖެއެވެ. އެކަމަކު ޖެހިގެން އޮތް  ދުވަހަކީ ކަޔާގެ ދިވެހި ޓެސްޓު ވެސް އޮންނަ ދުވަހެވެ..................

 

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
0
+1
3
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް