ޤުރުއާން ބާވައިލެއްވެމުން ދިޔަ ދުވަސްވަރު، ޤުރުއާނުގެ މޫރިތި އާޔަތްތަކުގައިވާ ކައުނީ ޙަޤީޤަތްތަކުގެ ވާހަކައަށް ކީރިތި ނަބިއްޔާ އިޝާރާތް ކުރެއްވިނަމަ، އޭރު މީސްތަކުންގެ ސިކުނޑިތައް ތަރައްޤީވެފައިވާ މިންވަރަށް ބަލާއިރު، ދީނުގެ އަސާސީ ކަންކަން ދޫކޮށްލައި، ކައުނުގެ ސިއްރުތަކާމެދު ބޭނުމެއްނެތް ޖަދަލަކާ ކުރިމަތިލައިފާނެއެވެ. އެއީ އޭރު މީސްތަކުން ތިބީ އެފަދަކަމެއް އެމީހުންގެ ސިކުނޑިތަކުން ވިސްނައި ފަހުމް ކުރެވޭވަރުގެ ޢިލްމީ ކުރިއެރުމެއްގައެއް ނޫނެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅުގައި ވަނީ ކައުނުގައިވާ ބައެއް ޙަޤީޤަތްތައް ޢިލްމީ ކުރިއެރުމާއެކު ހާމަވެގެން ދިއުމަށެވެ.
ޢިލްމީގޮތުން ކުރިއެރުމުން މާތްﷲ މިކައުނުގައި ލައްވާފައިވާ އާޔަތް (މުޢުޖިޒާ) އާއި ޤުރުއާނުގައި އެކަލާނގެ ބާވައިލައްވައިފައިވާ އާޔަތް (މުޢުޖިޒާ) އާ ދެމެދުގައިވާ ގުޅުން ފެންނަމުން ދާނެއެވެ. ޤުރުއާން ބާވައިލައްވަމުން ދިޔަ ދުވަސްވަރު ކީރިތި ރަސޫލާ ޤުރުއާނުގައިވާ ކައުނީ ޙަޤީޤަތްތައް ތަފްސީރު ކުރައްވަމުން ގެންދެވިނަމަ، ޤުރުއާން ވެގެންދާނީ އޭގެ ދެއްވުންތައް ހުއްޓި ހަރުވެ ޖާމިދުވެފައިވާ އެއްޗަކަށެވެ. އެހެނީ ކީރިތި ރަސޫލާ ޤުރުއާން ތަފްސީރު ކުރެއްވުމަށްފަހު ދެން އެހެން މީހަކަށް އެ ފޮތް ތަފްސީރު ކުރުމަކީ ކުޅަދާނަކަމަކަށް ނުވާނެއެވެ. ނަމަވެސް ކީރިތި ރަސޫލާ ވަނީ ޤުރުއާން ތަފްސީރު ކުރެއްވުން ދޫކޮށްލައްވައި، އެއީ އެކިއެކި ޒަމާންތަކުގައި އޭގެ ދެއްވުން އާވެއާވެ ހުންނަ ފޮތެއްގެ ގޮތުގައި ދޫކުރައްވާފައެވެ. ޤިޔާމަތާ ޖެހެންދެންވެސް އެ މާތް ފޮތުގެ ދެއްވުން ހުއްޓިއެއް ނުދާނެއެވެ. އެހެންކަމުން ކީރިތި ރަސޫލާ ޤުރުއާނުގެ ހުރިހާ ޙަޤީޤަތެއް ތަފްސީރު ކުރެއްވުމުން މަނާވެގަތުމަކީ އޭގެޒާތުގައި ދެއްވުމެވެ. މިކަމުންވެސް ދޭހަވަނީ ޤުރުއާނަކީ މުޢުޖިޒާއެއް ކަމެވެ.
ޤުރުއާން ތަދުވީނު ކުރެއްވުމަށް ނުވަތަ ފޮތެއްގެ ސިފައިގައި ލިޔުއްވުމަށް ފެއްޓެވިއިރު މުޞްހަފުގައި ލިޔުއްވާ ކޮންމެ އާޔަތަކީވެސް ކުރިން ލިޔެވިފައިވާ އާޔަތަކަށް ވާންޖެހެއެވެ. ކަދުރު ރުކުގެ އޮށީގައި ނުވަތަ ޖަނަވާރުގެ ހަމުގައި ނުވަތަ ޤުރުއާން ބާވައިލެއްވެމުން ދިޔައިރު ލިޔެ ރައްކާ ކުރުމަށް ބޭނުންކުރެވޭ އެހެން ވަސީލަތެއްގައި، ލިޔެފައިވާ ލިޔުމަކަށް ބައްލަވައިގެން ނޫނީ އެއްވެސް އާޔަތެއް ލިޔުއްވާފައެއް ނުވެއެވެ. އަދިހަމަ އެއީ ލިޔެވިފައިވާ އާޔަތަކަށް ވުމުގެ އިތުރުން އެ އާޔަތަކީ މަދުވެގެން ދެ ޞަޙާބީއަކު ހިތު ދަސްކުރައްވާފައިވާ އާޔަތަކަށް ވާންޖެހެއެވެ. ނަމަވެސް ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ލިޔެވިފައި ވަނިކޮށް ފެންނަންނެތް އެއް އާޔަތެއްވެއެވެ. އެއާޔަތް ހިތުން ދަސްކުރައްވާފައި ވަނީ އެންމެ ބޭކަލެކެވެ. ޤިޔާސްކުރެވިފައިވާ އުސޫލަކީ ހަމައެކަނި އެންމެ ބޭފުޅަކު ވިދާޅުވާ އާޔަތެއް މުޞްޙަފުގައި ނުލިޔުއްވުމެވެ. އެއީ މާތް ﷲ ގެ އަންނަނިވި ވަޙީ ބަސްފުޅެވެ.
مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُم مَّن قَضَى نَحْبَهُ وَمِنْهُم مَّن يَنتَظِرُ وَمَا بَدَّلُوا تَبْدِيلًا
– (އަލްއަޙްޒާބު 23)
މި އާޔަތުގެ މާނައީ ﷲ އަށް އެއުރެން ޢަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުންގެ ތެރެއިން ވެއެވެ. ފަހެ އެއުރެންގެ ތެރެއިން (ޝަހީދުވެ) މަރުވެގެން ދިޔަބަޔަކު ވެއެވެ. އަދި (ޝަހީދުވުމަށް) އިންތިޒާރުކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ޢަހުދަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ.
ނަމަވެސް އެކަލާނގެ މަންހަޖު ފުރިހަމަ ކުރެއްވުމަށް، މުއުމިނުންގެ ހިތްތަކަށް މާތް ﷲ އީމާންކަން ވައްދަވާގޮތް ނިކަން ދެކި ބަލާށެވެ. ދެންނެވުނު އާޔަތް ހިތުން ދެނެވަޑައިގަންނަވާ ހަމަ އެކަނި ބޭފުޅަކީ، ކީރިތި ރަސޫލާގެ ޞަޙާބީ ޚުޒައިމަތު ބިން ޘާބިތުއެވެ. އެ އާޔަތަކީ އެންމެ ބޭފުޅަކު ހިތުން ދެނެވަޑައިގަންނަވާ އާޔަތަކަށް ވުމުން އެއާޔަތް ޤުރުއާން ފޮތުގައި ލިޔުއްވުމާ މެދު އެކަށީގެންވާ ޖަދަލެއް އުފެދުނެވެ. ނަމަވެސް އެވަގުތު ޚުޒައިމާއާ ބެހޭގޮތުން ކީރިތި ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅު އެބޭކަލުންނަށް ހަނދުމަވިއެވެ. އެ ބަސްފުޅަކީ "ޚުޒައިމާ މީހަކަށް ހެކިވެއްޖެނަމަ (އެހައިވަރުން) ފުދެއެވެ." މިއެވެ. ޒައިދު ބިން ޘާބިތުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން މުޞްޙަފް ލިޔަމުން ދިޔައިރު އަޙްޒާބު ސޫރަތުގެ އާޔަތެއް މަދުކަން އެނގުނެވެ. އެ އާޔަތް ކީރިތި ރަސޫލާ ކިޔަވާ ވިދާޅުވާކަން އަހުރެން ދެނެހުރީމެވެ. އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ ޚުޒައިމަތު ބިން ޘާބިތު ފިޔަވައި އެއްވެސް ބޭފުޅަކަށް މިއާޔަތް ހަނދުމަފުޅެއް ނެތެވެ. ޚުޒައިމަތުގެފާނަކީ އެކަލޭގެފާނުގެ ހެކިބަސް ދެމީހުންގެ ހެކިބަހާއި އެއްވަރު ވާނެކަމަށް ކީރިތި ރަސޫލާ ވިދާޅުވެފައިވާ ބޭކަލެކެވެ.
ޚުޒައިމަތު ބިން ޘާބިތުގެ ހެކިބަސް ދެމީހުންގެ ހެކިބަހާއި އެއްވަރު ވާނެކަމަށް ރަސޫލާ ވިދާޅުވެފައި ވަނީ ޙާދިސާއަކާ ގުޅިގެންނެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އަޢުރާބީ އެއްގެ އަތުން އަހެއް ބައްލަވައިގަތެވެ. އެ އަހުގެ އަގު ހޯދުމަށް އަޢުރާބީކަލޭގެ ކީރިތި ރަސޫލާގެ ފަހަތްޕުޅުން އާދެއެވެ. ކީރިތި ރަސޫލާ ހަރުކޮށް ހިންގަވާ ވަޑައިގެންނެވީ އޭނާއަށް އަގު އަދާކޮށްދެއްވުމަށެވެ. ނަމަވެސް ބަޔަކު މި އަޢުރާބީކަލޭގެ ހިފަހައްޓައިފިއެވެ. އެއީ އެ އަޢުރާބީކަލޭގެ އަތުން އަސް ގަތުމަށެވެ. އަޢުރާބީކަލޭގެ އަތުން ކީރިތި ރަސޫލާ އެ އަސް ބައްލަވައި ގަތްކަމެއް މި މީހުންނަކަށް އެނގިއެއް ނެތެވެ. އޭނާގެ އަތުން އެ އަސް ގަންނަން މީހުން ތިބިކަން އެނގުމުން އަޢުރާބީކަލޭގެ ރަސޫލާއަށް ދެންނެވިއެވެ. ކަލޭގެފާނު ތިޔަ އަސް ބައްލަވައި ގަންނަވާނަންތޯއެވެ؟ ނޫނީ އަހަރެން ތި އަސް މިތިބަ މީހުންނަށް ވިއްކާލަންވީތޯއެވެ؟ ކީރިތި ރަސޫލާ ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މިއަސް ކަލޭގެއަތުން ބައްލަވައި ގެންފީމު ނޫންހެއްޔެވެ؟ އަޢުރާބީކަލޭގެ ބުންޏެވެ. ނޫނެކެވެ. ތިމަން، ކަލޭގެފާނަކަށް އަދި ތި އަހެއް ނުވިއްކަމެވެ. ކީރިތި ރަސޫލާ ވިދާޅުވިއެވެ. ކަލޭ ތިމަންކަލޭގެފާނަށް މިއަސް ވިއްކައިފީމުއެވެ. އަޢުރާބީކަލޭގެ ބުންޏެވެ. އެހެންކަމަށް ވާނަމަ ކަލޭގެފާނުގެ ބަސްފުޅު ތެދުކަމުގެ މައްޗަށް ހެއްކެއް ދައްކަވާށެވެ! މިތަންވަޅު ޚުޒައިމަތުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެކަމަށް ހެކިވަމެވެ.
މި ޙާދިސާ ނިމިގެން މީހުން ކޮޅުކޮޅަށް ގޮސް ހަމަޖެހުމުން ކީރިތި ރަސޫލާ ޚުޒައިމަތުގެފާނަށް ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ ހެކިވީ ކޮންފަދައަކުން ހެއްޔެވެ؟ (މާނައަކީ: ކަލޭގެފާނު މިކަމަށް ހެކިވަނީ ކޮންފަދައަކުން ހެއްޔެވެ؟) ތިމަންކަލޭގެފާނު އެ އަސް ބައްލަވައި ގެންނެވިއިރު ކަލޭގެފާނު އެތާކު ނެތީމުއެވެ. ޚުޒައިމަތުގެފާނު ވިދާޅުވިއެވެ. އެއީ ތިމަންކަލޭގެފާނު، ކަލޭގެފާނުގެ ރިސާލަތް ޤާބޫލުކުރައްވާ ކަލޭގެފާނަކީ ރަސޫލަކު ކަމުގައި އީމާންވާތީއެވެ. ކަލޭގެފާނުގެ ރިސާލަތު ޤަބޫލުކޮށްގެން ތިބެ އީމާންވާއިރު މިފަދަކަމެއްގައި ކަލޭގެފާނު ދޮގުކުރައްވާނީ ކިހިނަކުންތޯއެވެ؟
މި ޙާދިސާއާ ގުޅިގެން ކީރިތި ރަސޫލާވަނީ ޚުޒައިމަތުގެފާނުގެ ހެކިބަސް ދެމީހުންގެ ހެކިބަހާ އެއްވަރު ކުރައްވާފައެވެ. އެކަލޭގެފާނަށް ދެޝަހާދަތުގެވެރިޔާ (ދެމީހުންގެ ހެކިބަހާ އެއްވަރު ބޭފުޅެއް) ކަމުގައި ނަންދެވިފައިވެއެވެ. އެހެންކަމުން ޚުޒައިމަތުގެފާނުގެ ބަހަކީ ދެމީހުންގެ ބަސްކަމުގައި ބައްލަވައި ދެންނެވުނު އަލްއަޙްޒާބު ސޫރަތުގެ 23 ވަނަ އާޔަތް މުޞްޙަފްގައި ތަދުވީނު ކުރެވުނެވެ.