November 24, 2024 01:43
Advertisement

-Advertisement-

ވާހަކަ: އާދޭސް (ބާރަވަނަބައި)

އިސްމާއީލް ފެނުމާއި އެކު އަރޫމާ ކޮޅަށް ތެދުވިއެވެ. ބިރުން ހުރެ ގޮސް ފާރުގައި ލެނގިލިއެވެ. އެމަންޒަރު ވަރަށް ރަނގަޅަށް އަރޫމާގެ މަންމަ ޒުލޭޚާއަށް ފެނުނެވެ. ނަމަވެސް އެކަމާއި އަޅައިނުލީ ދޫކޮއްލީ އިސްމާއީލަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ. އެއްވެސް މަންޒަރެއް ޒުލޭޚާގެ ލޮލަށް ނުފެންނަނީސް ގަބޫލު ކުރަން ބޭނުން ނުވަނީއެވެ.

"ދަރިފުޅާ. ހާދަ ބިރަކުން ތި އުޅެނީ. ބޭބެ ނޫޅޭ ކަމެއް ކުރާކަށް. ތިވެސް ބޭބެގެ ދަރިއެކޭ" ޒުލޭޚާ ގޮސް އަރޫމާގެ އަތުގައި ހިފައި ގެނެސް އެނދުގައި ބޭންދިއެވެ.

"އެކަމަކު އެބަލަނީ ވަރަށް ބިރުވެރި ގޮތަކަށް" އަރޫމާ ހީވީ މޮޔައެއް ހެންނެވެ.

Advertisement

"ދަރިފުޅާ. ތިއީ މާ ބޮޑަށް ވިސްނާތީ ވާ ގޮތެކޭ. ދެން ނުވިސްނާ އަރާމް ކޮއްލެވޭތޯ ބަލަންވީނު" އިސްމާއީލް ވަރަށް އޯގާތެރި ކަމާއި އެކު އަރޫމާ އާއި މުޚާތަބު ކުރިއެވެ. އިސްމާއީލް ބޭނުންވީ އަރޫމާ ހަމައަކަށް އަޅުވާށެވެ. ކަންތަކާއި ވިސްނާ ގޮތް ބަދަލު ކޮއްލާށެވެ.

"ދެން މިދަނީ. އަރާމް ކޮއްލާ. ކަމެއް ބޭނުން ވެއްޖެއްޔާ މަންމައަށް ގޮވާލާތި" ޒުލޭޚާ އިސްމާއީލް އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތް އިރުވެސް އަރޫމާ އިނީ އެމީހުންނަށް ލޯ އަޅައިގެންނެވެ. އެމީހުން ކޮޓަރިން ބޭރަށް ނިކުތުމާއި އެކު އަރޫމާ އެނދުގައި އަނެއްކާވެސް އޮށޯވެލިއެވެ. މަންމަ އެދައްކަނީ ރަނގަޅު ވާހަކައެއް ކަމަށް ވެސް ވެދާނެއެވެ. މަންމަގެ ފިރިމީހާ ދަރިފުޅާއި ބެހެން އުޅެފާނެ ހެއްޔެވެ. އެކަމަކު ސިއްތިވެސް އެކަހަލަ ވާހަކައެއް ބުނެފައި އޮތުމުން އަރޫމާގެ ހިތް ބާރަށް ތެޅެމުން ދިޔައީ ބިރުންނެވެ. މަންމަގެ ވާހަކަ ގަބޫލު ކުރަން ކިތަންމެ ބޭނުންވި ނަމަވެސް ހަމަ ހިތް ބިރު ގަންނަނީއެވެ.

މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. އަރޫމާ ބޭރަށް ނިކުމެލީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. މިސްރާބެއް ނެތް އޮޑިއެއް ދުއްވާ ފަދައިންނެވެ. ގޭތެރޭގައި އޮވެ ބޯ ހާސްވާތީ ބޭރަށް ނިކުމެލަން ހިތް ބުނާތީއެވެ. ގެއިން ބޭރަށް ނިކުމެލީމައި ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިދާނެކަމަށް ހިތް ތަކުރާރުކޮށް ބުނެދޭތީއެވެ. ރަށުގެ ބޮޑު މަގުން އަތިރިއާއި ވީ ދިމާލަށް އަރޫމާގެ މިސްރާބު ޖެހިއެވެ. މަގުގެ ދެފަރާތުގައިވާ ގަސްތަކުން ކޮންމެވެސް ވަރެއްގެ ހިޔަލެއް ދީފައި އޮތަކަސް މުޅި މަގުމަތިހެން އޮތީ އަވި ދީފައެވެ. އަރޫމާ މަޑު ހިނގުމުގައި ގޮސް އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޯށެވެލިއެވެ. ކުރިމަތިން ފެންނަ  މޫދުވެސް ހަމަ ހިމޭން ކަމާއި އެކު އަރޫމާއަށް މަރުހަބާ ކިޔަމުންދާ ކަހަލައެވެ. މެންދުރު ގަޑިއަށް ވުމުން ޒުވާން ދެތިން ކުއްޖަކު ފިޔަވައި އެހެން ބަޔަކު ފެންނާކަށް ނެތެވެ. އަރޫމާ ބޭނުންވެސް ވީ އެގޮތެވެ. ހިމޭން މާހައުލެއްގައި ސިކުނޑިއަށް އަރާމެއް ހޯދައި ދިނުމެވެ. ނަމަވެސް އެހަމަ ހިމޭންކަން ދުއްވާލީ ޒިހުނަތެވެ. އަރޫމާގެ ސްކޫލް ދައުރުގެ ރައްޓެއްސެކެވެ. މީހުންނާއި ގުޅޭ އަނގަ ގަދަ ޒުވާނެކެވެ.

"ކިހިނެއްވެފައި މިތާ ތިއޮތީ. ވިޔަފާރީގެ ކަންތަކާއި ވިސްނަނީ ދޯ" ޒިހުނަތު ފުރަތަމަވެސް ކުރީ ސުވާލެވެ.
"ނޫން. ނޫން. އަހަރެން މިއީ ވިޔަފާރި ކުރާ މީހެއް ނޫން" އަރޫމާ ޖަވާބު ދިނެވެ.

"އޯހް. ބިޓު ކެޓީތަ. ނުވަތަ ބިޓެއް ލިބޭތޯ ބަލަނީތަ. އަހަންނަށްވެސް ބިޓެއް ނުލިބިގެން މި އުޅެނީ" ޒިހުނަތު ހޭންފެށިއެވެ.

"ކޮބާ މަންމަމެންގެ ހާލު" ޒިހުނަތު ސުވާލި ކޮއްލިއެވެ.

"އެބައުޅޭ" އަރޫމާ ޖަވާބު ދިނެވެ.

"ކިހިނެއް ވެފައި ތި އޮތީ. ހާދަހާ މޫޑީ ވެފައި" އަރޫމާގެ ވާހަކަތައް ހުރި ގޮތުން ޒިހުނަތަށް ކޮންމެވެސް ކަމެއް ޝައްކު ވިއެވެ.

ވީ ކިހިނެއްކަން ޒިހުނަތަށް ކިޔާ ދޭންވީ ބާއެވެ. ސްކޫލް ދައުރުގައިވެސް އެކަހަލަ ކަންތަކުގެ ލަފާ ޒިހުނަތު ދެއެވެ. އަރޫމާ ވިސްނަމުން ދިޔައީ އެވާހަކަތައް ޒިހުނަތަށް ކިޔައި ދެވޭނެ ގޮތަކާއި މެދުގައެވެ. ވިސްނާ ވިސްނާ ވެސް އެވާހަކަ ދައްކާނެ ގޮތެއް އަރޫމާގެ ސިކުނޑިއަކަށް ނައެވެ. ނަމަވެސް އެންމެ ފަހުން އެވާހަތައް ޒިހުނަތައް ކިޔައިދޭން ފެށިއެވެ. ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރުވެސް ހިތްވަރު ކޮއްލާފައި ހިތުގެ ހުރިހާ ވާހަކައެއް ޒިހުނަތުގެ ކުރިމައްޗަށް ބަންޑުން ކޮއްލިއެވެ. އެކަމަށް ޒިހުނަތުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. ކުރިއަށް ދާންވީ މަގު ޒިހުނަތު ކޮށައި ދިނެވެ. އެއީ ބައްޕައެއްގެ ހައިސިއްޔަތުން އަރޫމާ ދެކެ ލޯބި ވާތީ އުޅެވުނު ގޮތެއް ކަމަށް ޒިހުނަތު ބުނެދިނެވެ. ނަމަވެސް އަރޫމާ އެކަމަށް މާ ބޮޑަށް ބިރު ގަތީ ކަމަށް ވުންވެސް އެކަށީގެންވާ ކަމަށް ޒިހުނަތު ބުނެދިނެވެ. ނަމަވެސް އަރޫމާ އެ ގޮތަށް ވިސްނަމުންދާ ކަމަށް ވަންޏާ މުޅި އާއިލާ ހަލާކު ވުމުގެ އިތުރަށް އަރޫމާވެސް ހަލާކު ވެދާނެ ކަމަށް ނަސޭހަތްތެރި ވިއެވެ. އެކަމަށް އަރޫމާވެސް އެއްބަސްވިއެވެ. އަރޫމާގެ ސަބަބުން އާއިލާ ހަލާކުވެގެންދާކަށް ބޭނުމެއް ނޫނެވެ. އެހެން ވެއްޖެއްޔާ އަރޫމާގެ ފަރާތުން އާއިލާއަށް އެދެވުނީ ވަރަށް ބޮޑު ގެއްލުމެއްކަން އަރޫމާއަށްވެސް ވިސްނުނެވެ. ކޮންމެ ގޮތެއްވިޔަސް މަންމައަކު ދަރިއަކަށް ދެރަ ގޮތެއް ނުހަދާނެކަން އަބަދުވެސް އަރޫމާގެ ސިކުނޑީގައި އޮވެއެވެ. ޒިހުނަތާއި ދިމާވިކަން ނަސީބެކޭ ހިތަށް އެރިއެވެ. ކުރިންވެސް އަރޫމާއަށް ދިމާވާ ކޮންމެ ކަމަކުންވެސް ސަލާމަތް ވަނީ ޒިހުނަތުގެ ބަސް އަހައިގެންނެވެ. އެހެންވީމާ މިފަހަރު ޒިހުނަތުގެ ބަސް ނާހަންވީ ކީއްވެހެއްޔެވެ. އަރޫމާ އުފަލުން ގޮސް ޒިހުނަތުގެ ގައިގައި ބައްދައިލިއެވެ. ވެދިން އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާ ކުރިއެވެ. އެންމެ ފަހުން ދެމީހުން އެކީގައި ހިނގައިގަތީ ގެއާއި ދިމާލަށެވެ. ޒިހުނަތު ބޭނުންވީ އަރޫމާ ގެއަށް ލުމަށްފަހު ދެން ޒިހުނަތު ގެއަށް ދާށެވެ. ޒިހުނަތު ކަންތައް ކުރީވެސް އެގޮތަށެވެ. އަރޫމާ އައި ގޮތަށް އައިސް ގޭތެރެއަށް ވަނެވެ. ހިތްހަމަޖެހިފައިވާ އަރޫމާގެ މޫނުމަތިން އުފާވެރި ކަމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. މާޒީ ހަނދާން ނައްތާލުމަށްފަހު އަލުން އަނެއްކާވެސް ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅިއެވެ. މީހުން ބުނެ އުޅޭތާއެވެ. ކަންތައް ދިމާވާނީ ޒުވާނުންނާއި އެވެ. އަދި ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަމަށެވެ. އަރޫމާ މިހާރު ގަބޫލު ކުރާ ގޮތުން ކަންތައް އެގޮތަށް ދިމާވީ އަރޫމާއަށް ހެޔޮ ވިސްނޭށެވެ. އާއިލާ އާއި ގުޅުން ކެނޑި މުޅި އާއިލާ ހަލާކުގެ ތެރެއަށް ވެއްޓުމުގެ ކުރިން ހެޔޮ ވިސްނުން ދެއްވީއެވެ. އަރޫމާގެ ހިތް ވަނީ އުފަލުން ފޮޅިފައެވެ. ހެޔޮ ވިސްނުން ދެއްވީތީއެވެ.

ހަވީރުގެ ހިތްގައިމު ވަގުތު އަރޫމާއި ކުރިމަތިލީ އުފާވެރި ކަމާއި އެކުގައެވެ. އިސްމާއީލާއި މަންމަ އަދި އަރޫމާގެ ބައްދަލުވުން ކުރިއަށް ދިޔައީ ރަށުގެ ދޮންވެލި ތުނޑިންނެވެ. ހަވީރުގެ ސަޔަކާއި އެކުގައެވެ. އަރޫމާގެ ހުރިހާ ވާހަކައެއް އިސްމާއީލް އާއި މަންމައަށް ކިޔައިދީ އެމީހުންގެ ކިބައިން އަރޫމާ މަޢާފަށް އެދުމުން އެހުރިހާ ކަމެއް ހައްލުވީއެވެ. މިހާރު އަރޫމާގެ ނަޒަރުގައި އިސްމާއީލަކީ އަރޫމާގެ އުފަން ބައްޕައެވެ. ހަވީރުގެ ސައިގެ ކަންތައް ކުރިއަށް ދިޔައިރު ރައްޓެހިންވެސް އެމީހުންނާއި ބައިވެރި ވަމުން ދިޔައީ އުފާވެރި މޫނުތަކާއިގެންނެވެ. އުފާވެރި އާއިލާއެއް ފެނުމުން ހުރިހާ އެންމެންވެސް ފުރަތަމަވެސް ކިޔަމުން ދިޔައީ މަރުހަބާއެވެ. އެ ސަރަހައްދަކީ ހަވީރުގެ ވަގުތުގައި ވަރަށް ބާރު ބޮޑު ސަރަހައްދެކެވެ. އާއިލާ ތަކުގެ އުފާވެރި ބައްދަލުވުންތައް މި ސަރަހައްދާއި ގުޅިފައިވެއެވެ. އަރޫމާމެން ބައްދަލުވުންވެސް ނިންމާލީ އިރުއޮއްސެން ގާތްވުމުންނެވެ. ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެއޭ ބުނާހެން އިރުވެސް އޮއްސެން ދިޔައީ އަރޫމާމެންގެ އާއިލާއަށް އުފާވެރިކަމަށް އެދެމުން ދެންވެސް ބައްދަލު ވުމުގެ އުންމީދުގައެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އެނބުރި ދިޔައީ ދުނިޔެއަށް އަނދިރި ކުރަމުންނެވެ. ވަރުބަލިވެފައިވާ މީސްތަކުންނަށް އަރާމް ކޮއްލަން ރޭގަނޑުގެ ހަމަހިމޭން ކަމަށް މަރުހަބާ ކިޔަމުންނެވެ. ދުނިޔެމައްޗަށް އަނދިރިވާން ފެށުމާއި އެކު އިސްމާއީލް ކޮޅަށް ތެދުވިއެވެ. އަދި އޭނާގެ އަތުގައި ހިފަހައްޓައިގެން ޒުލޭޚާވެސް ތެދުވިއެވެ. އަރޫމާ ތެދުވީ އެންމެ ފަހުންނެވެ. އެމީހުން ގެއާއި ދިމާއަށް ހިނގަމުން ދިޔައިރު އިސްމާއީލް ހުރީ އަރޫމާ އާއި ޒުލޭޚާގެ މެދުގައެވެ. އިސްމާއީލް އެކި ކަހަލަ ޖޯކު ކިޔަމުން ދިޔައިރު ޒުލޭޚާ ދޭތެރެއަކުން ގޮސް އިސްމާއީލްގެ އުނަގަނޑުގައި ބައްދާލައެވެ. އަނެއްބައި ފަހަރު އަރޫމާގެ އަތުގައި ހިފަހައްޓާލަނީ މައެއްގެ ލޯބިންނެވެ. އެމީހުނަށް ގެއާއި ހަމައަށް ދެވުނުއިރު މަޢުރިބް ނަމާދަށް ބަންގި ގޮވައި ނިމެނީއެވެ. އަރޫމާ އަވަސްވެގަތީ ނަމާދުކޮއްލުމަށެވެ. އިސްމާއީލާއި ޒުލޭޚާ ވަނީ ކޮޓަރިއަށެވެ. ނަމާދުކޮށް ނިމިގެން އަރޫމާ ކޮޓަރިން ބޭރަށް ނިކުތެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ސިޓިންގރޫމްގައި ހުރި ގޮނޑީގައި އިށީނީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން އަރޫމާ ސިއްސައިގެން ދިޔައީ އިސްމާއީލް ކޮޓަރިން ނިކުތް އަޑަށެވެ.

"ކޮން ޚިޔާލަކަށް ގެއްލިފައި" އިސްމާއީލް އައިސް އަރޫމާ އާއި ސުވާލު ކޮއްލިއެވެ.

"ހަމަ އިނީ. އެކަމަކު ބަނޑު ވަރަށް ފުލް. ބަނޑަށް އުނދަގޫވާހެން ހީވަނީ" އަރޫމާ ބުނެލިއެވެ.

"ތިވާނީ މާ ރަނގަޅަށް ސައި ބޮވުނީ ކަމަށް. ފަހުން ރަނގަޅުވާނެ. އަދި މިރޭ ކާނަންތަ" އިސްމާއީލް ގޮސް އަރޫމާގެ ބޮލުގައި ފިރުމައިލިއެވެ.

"ހިއެއް ނުވޭ ދެން މިރޭ ކެވޭނެހެން. މަންމަ އާއި ބޭބެ މިރޭ ކާލާ" އަރޫމާ ބުނެލިއެވެ.

"ކޮބާ. މަންމަ. ނަމާދު ކުރަނީތަ" އަރޫމާ އަނެއްކާވެސް އަހައިލިއެވެ.

"ކީއްކުރަން މަންމަ އުޅޭތަނެއް ބަލަންވީ. މަންމަވެސް އުޅޭނެއެއްނު. އިރުކޮޅަކުން ބޭރަށް ނިކުންނާނެކަން ނޭނގެ. އަދި މިރޭ މަންމަ ދާނެ ފިހާރައަށްވެސް. މަންމަ ވަރަށް ބިޒީކޮށް އުޅެނީ މިދުވަސްވަރު" އިސްމާއީލް ހުރިހާ ވާހަކައެއް އެއްނޭވާއިން ބުނެލިއެވެ. އިސްމާއީލް ބޭނުންވީ މަންމަ ގޭގައި ނޫޅޭނެކަން އަރޫމާއަށް އަންގާށެވެ.

"އެހެންވިއްޔާ ދެން ބޭރުންދޯ ބޭބެމެން ކާނީ" އަރޫމާ ސުވާލު ކޮއްލިއެވެ.

"ނޫން. ފަހަރެއްގައި މަންމަ ބޭރުން ކާލަފާނެ. އެކަމަކު އަހަރެން ކާނީ ގެއިން. ކޮންމެވެސް ވަގުތެއް ހޯދައިގެން އަންނާނަން ކާން" އިސްމާއީލް ބޭނުންވީ ގެއިން ކާށެވެ.

ދެމީހުންގެ ވާހަކަ ހުއްޓުނީ ޒުލޭޚާ ކޮޓަރިން ނިކުތް އަޑަށެވެ. ޒުލޭޚާ ނިކުމެގެން އައިގޮތަށް އައިސް އިސްމާއީލްގެ ގާތުގައި އިށީނެވެ.

"ކޮން ވާހަކައެއް ތިދައްކަނީ" ޒުލޭޚާ ސުވާލު ކޮއްލިއެވެ.

"ބޭބެ ބުނީ މަންމަ މިރޭ ފިހާރައަށް ދާން ޖެހެޔޯ. ވަރަށް ބިޒީ ވާނެޔޯ" އަރޫމާ ޖަވާބު ދިނެވެ.

"ނޫން. މަންމަ މިރޭ ގޭގައި މަޑުކޮއްލަން ވިސްނައިގެން މިހުރީ" ޒުލޭޚާ ބުނެލިއެވެ.

"ފިހާރައިގައި އެބަހުރި ކޮންމެހެން ނިންމަންޖެހޭ ކަންތަކެއް. އެހެންވީމާ ޒުލޭޚާ ދާންވާނެ" އިސްމާއީލް ބޭނުންވީ މިރޭ ޒުލޭޚާ ފިހާރައަށް ފޮނުވާލާށެވެ.

= ނުނިމޭ =

+1
1
+1
1
+1
5
+1
1
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް