މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނާއި ޖިންނީން އުފައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ. އެކަން އަންގަވައި މާތްﷲ ވަޙީ ކުރައްވަނީ: وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ " (الذاريات: 56) މާނައީ: "ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންނެއް ނަހައްދަވަމެވެ." އެކަލާނގެއަށް އިޚްލާޞްތެރި ކަމާއެކު އަޅުކަންކުރުންމަތީ ދެމިހުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗައް ވާޖިބުކަމެކެވެ. މިހެންކަމުން އެކަލާނގެ އަޅުތަކުންގެ މައްޗައް ފަރުޟު ކުރައްވާފައިވާ އަޅުކަންތައްތަކުގެ އިތުރުން ސުންނަތް ކަންތައް ގިނަގިނައިން ކުރުންމަތީ ދެމިހުރެވޭތޯ މަސައްކަތް ކުރަންވާނެވެ. ފަރުޟު އަޅުކަންތައް އަދާ ކުރުމަށްފަހު ކުރުން އެންމެ ހެޔޮ ޢަމަލަކީ ސުންނަތް ޢަޅުކަންތަކެވެ.
ސުންނަތް އަޅުކަންތައް ކުރުމުން ވަރަށްގިނަ ފައިދާ ތަކެއް ލިބިގެންދެއެވެ. އެންމެ މުހިންމު އެއްފައިދާއަކީ ފަރުޟު އަޅުކަންތަކުން އުނިވައިބައި (ކުރެވޭ ކުށްތައް) ފުރައިދޭ އެއްޗެއްގެ ގޮތުގައި ސުންނަތް އަޅުކަންތައްވުމެވެ. އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާތީ، އަޅުކަންތަކުގައިވެސް ނޭގި ކިތަންމެ ގިނަ ކުށެއްކުރެވިފައި ހުންނާނެއެވެ. އެހެނީ އެމީހަކު ކުރާ ނަމާދުގައި، ނުވަތަ ހިފައި ރޯދައިގައި އުނިކަމެއް ނުވާ އެއްވެސް އިންސާނަކު ނުހުންނާނެތީއެވެ. ޤިޔާމަތް ދުވަހުން ތިމާގެ ތިލަފަތުގެ ހެޔޮކަމުގެ ކޮޅު ބަރުކޮށްދޭ އެއްޗެއްގެ ގޮތުގައި ސުންނަތް އަޅުކަންތަށް ވެއެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ: " إِنَّ أَوَّلَ مَا يُحَاسَبُ النَّاسُ بِهِ يَوْمَ الْقِيَامَةِ مِنْ أَعْمَالِهِمُ الصَّلاَةُ قَالَ يَقُولُ رَبُّنَا جَلَّ وَعَزَّ لِمَلاَئِكَتِهِ وَهُوَ أَعْلَمُ انْظُرُوا فِى صَلاَةِ عَبْدِى أَتَمَّهَا أَمْ نَقَصَهَا فَإِنْ كَانَتْ تَامَّةً كُتِبَتْ لَهُ تَامَّةً وَإِنْ كَانَ انْتَقَصَ مِنْهَا شَيْئًا قَالَ انْظُرُوا هَلْ لِعَبْدِى مِنْ تَطَوُّعٍ فَإِنْ كَانَ لَهُ تَطَوُّعٌ قَالَ أَتِمُّوا لِعَبْدِى فَرِيضَتَهُ مِنْ تَطَوُّعِهِ ثُمَّ تُؤْخَذُ الأَعْمَالُ عَلَى ذَاكُمْ ».( رواه ابي داود/صححه الألباني)
" މާނައީ: " ޤިޔާމަތް ދުވަހުގައި، އިންސާނާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭހުށީ އޭނާގެ ނަމާދާއި މެދުގައެވެ. މަތިވެރި ވަންތަ އަހަރެމެންގެ ވެރި މާތްﷲ ތަޢާލާ ހުރިހާ ކަމެއް އެނގިވޮޑިގެންވީކަމުގައި ވިޔަސް އެކަލާނގެ މަލާއިކަތުންނަށް ވަޙީކުރައްވަވާނެ އެވެ. ތިމަން ﷲ ގެ އަޅާގެ ނަމާދަށް ބަލާށެވެ. އެ އަޅުކަން ފުރިހަމަތޯ ނުވަތަ ނޫންތޯއެވެ. އެއަޅުކަން ފުރިހަމަ ކަމުގައިވަނީ ނަމަ އެ ލިޔެވޭ ހުށީ ފުރިހަމަ އަޅުކަމެއްގެ ގޮތުގައެވެ. އަދި އޭގައި ކަމެއް އުނިވެފައިވާނަމަ، ތިމަން ﷲ ގެ އަޅާ އެއްވެސް ސުންނަތް ނަމާދެއްކޮށްފައިވޭތޯ ބަލާށެވެ. ތިމަން ﷲ ގެ އަޅާގެ ވާޖިބު ޢަމަލުތައް އޭނާގެ ސުންނަތް ޢަމަލްތަކުން ފުރިހަމަ ކުރާށެވެ.‘ އަދި އޭނާގެ ހުރިހާ ޢަމަލަކާއިމެދުގައި ކަންތައް ކުރެވޭ ހުށީ މިފަދަ ގޮތަކަށެވެ.“ (އަބޫ ދާވޫދު)
ސުންނަތް ކަންތަކުގެ ތެރޭގައި، އެކަމެއް ކުރުމުން މުޅި އަހަރު ދުވަހު ހެޔޮ ޢަމަލުކުރުމުން ލިބޭހާ ޘަވާބުލިބޭ ކަންތައްތައްވެއެވެ. ހަމަ އެހެންމެ އެކަމެއްގެ ސަބަބުން ސުވަރުގޭގައި ގަނޑުވަރެއް ބިނާވެގެންދާ ކަންތައްތައްވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ: مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ ». (رواه مسلم) މާނައީ: " ރަމަޟާންމަހުގެ ރޯދަހިފުމަށްފަހު، ޝައްވާލުމަހު 6 ދުވަހު ރޯދައަށް ހުރެފި މީހަކު މުޅި އަހަރު ދުވަހު ރޯދައަށް ހުރިފަދައެވެ." އަދިވެސް ރަސޫލާ ﷺ ޙަދީޘްކުރައްވަނީ: " مَنْ صَلَّى فِى يَوْمٍ ثِنْتَىْ عَشْرَةَ سَجْدَةً تَطَوُّعًا بُنِىَ لَهُ بَيْتٌ فِى الْجَنَّةِ" ( رواه مسلم). މާނައީ: ރެއަކާއި ދުވާލު ބާރަ ރަކުޢަތް ކޮށްފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވޭ ހުއްޓެވެ." އެއީ މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތް، ފަހުން ދެރަކުޢަތް، އަދި މަޣްރިބް ނަމާދުގެ ފަހުން ދެރަކުޢަތް، ޢިޝާ ނަމާދުގެ ފަހުން ދެރަކުޢަތް، ފަތިސް ނަމާދުގެ ކުރިން ދެރަކުޢަތް މިއެވެ.
ކޮންމެ ސުންނަތް އަޅުކަމެއްގެވެސް ޘަވާބާއި ދަރުމަ މަތިވެރިވެފައި ގިނަގުނައެވެ. މިހެންކަމުން އަޅުގަނޑުމެން ވާންވީ ހެޔޮ ކަންތައް ކުރުމުގައި އެއްބަޔަކު އަނެއްބަޔަކާއި ވާދަކޮށް ކުރިއަރަން މަސައްކަތްކުރާ ބަޔަކު ކަމުގައެވެ. އަޅުގަނޑުމެން ވާންވީ ގިނަގިނައިން ސުންނަތް ނަމާދު ކުރާ، ގިނަގިނައިން ސުންނަތް ރޯދަ ހިފާ، ގިނަގިނައިން ޞަދަޤާތްދޭ ބަޔަކުކަމުގައެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ: " فَاسْتَبِقُوا الْخَيْرَاتِ" ( سورة البقرة 148) މާނައީ: " ފަހެ ހެޔޮ ކަންތައްތަކުގައި ތިޔަބައި މީހުން ވާދަކުރާށެވެ." އަޅުގަނޑުމެން ވާދަކުރަންވީ އަޅުކަންތަކުގައެވެ. އެންމެ ގިނައިން އަޅުކަންކުރެވޭ އިންސާނަކީ ތިމާކަމުގައި ވުމަށެވެ.
ނަމަވެސް ފަރުޟު އަޅުކަންތައް އަދާ ނުކޮށް ކުރާ ސުންނަތަކުން ފައިދާއެއް ނުކުރާނެއެވެ. އެހެނީ ފަރުޟަކީ އަޅުތަކުންގެ މައްޗައް ވާޖިބުކަމެކެވެ. ސުނަނަތް އަޅުކަންތައް ކުރަންވާނީ އެވާޖިބުތައް އަދާކުރުމަށްފަހުގައެވެ. މިހެންކަމުން ފަރުޟު ކަންތަކަށް ބުރޫ އަރާ ގޮތަކަށް ސުންނަތް ކަންތައް ކުރުން ހުއްދަވެގެން ނުވެއެވެ. އަދި ފަރުޟު އަޅުކަންތައް އަދާ ނުކޮށް ސުންނަތް އަޅުކަންތައް ކުރުމެއްވެސްނެތެވެ.
ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.