December 18, 2024 12:09
Advertisement

-Advertisement-

ފޮޓޯ: އަމަންޑާ އަލްވަރނަޒް ބްލޮގް

އަމިއްލައަށް ހީވާ ހީވުންތަކުން ސިކުނޑިއާއި ވިސްނުން ތަރައްޤީކޮށް ބައްޓަންކުރެވިދާނެ ގޮތްތަކަށް އެހީއެއް

ހީވާހީވުންތަކާއި ޤަބޫލްކުރެވޭ ކުރުންތަކަކީ އިންސާނާގެ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އަދި ވިސްނުން ތަރައްޤީކޮށް ބަދަހި ކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. މިކަމުގެ ސަބަބުން އިންސާނާ މަގުފުރެދި ވިސްނުން ގޯސްވެ ދިރިއުޅުން ވިއްސިވިހާލިވެގެންދެއެވެ. ހަމަމިއާއެކު ނަފްސާނީ ބަލިކަށިކަމެއްގެ ތެރެއަށް މީހާ ޢަރަޤުވެ ސްޓްރެސް، އެންޒައިޓީ އަދި ޑިޕްރެޝަންއަށް ވެއްޓޭ ޙާލަތުވެސް މެދުވެރިވެއެވެ.

ހީވާ ހީވުންތަކާއި ޤަބޫލުކުރުންތައް އުފެދޭގޮތް:

އާއްމުގޮތެއްގައި އިންސާނާގެ ސިކުނޑީގައި ދައުރުވަމުންދާ ވިސްނުމާއި ފިކުރު އުފެދެނީ ދިރިއުޅޭ މާހައުލާއި ލިބިފައިވާ މަޢުލޫމާތާއި ތަޖްރިބާތަކާއި އަމިއްލައަށް ކުރެވޭ އިޙްސާސްތަކާއި، ޤަބޫލުކުރެވޭ ކުރެވުންތަކާއި ހީވާހީވުންތަކުގެ މައްޗަށެވެ. ކަންމިހެން އޮތް އިރު ސިކުނޑިއަށް ނައްސި ވިސްނުން އަންނަ ކޮންމެ ފަހަރަކީ އެއަށް ބާރުލިބި އެގޮތަށް ފިކުރުތައް ގަތާ މިނާ އަތުރާލެވޭ ފަހަރު ކަމުގައިވާނަމަ އެކަމުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުއައިސް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކައް އެޅޭ ހުރަހަކަށްވެއެވެ. އެހެންކަމުން ސިކުނޑިއާއި ވިސްނުން ތަރައްޤީކޮށް ލަނޑުދަނޑި ހާސިލުކުރަން ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލާނަމެވެ.

Advertisement

އަމިއްލަ ނަފްސާއި މެދު ފައްސި ވިސްނުމަކުން ވިސްނާ ކޮންމެކަމެއްވެސް ކުރެވޭނެކަމަށް ޤަބޫލުކުރުން:

ތިމާއަކީ ޤާބިލްމީހެއްކަން ދަނެގަނެ ކޮންމެކަމަކާ ކުރިމަތިލައިގެން ހިތްވަރާއި ޢަޒުމާއި އެކު ކުރިއަށް ދިއުމަށް މަސައްކަތް ކުރުމެވެ. ކާމިޔާބަކީ މަސައްކަތްތެރިއެއްގެ ހައްގެއްކަން ހިތުގެ އަޑިން ޤަބޫލުކޮށްގެން އަމިއްލައަށް ނުވާނެ ކަމަށް ހީވާ ހީވުންތަކާއި ޤަބޫލުކުރުންތަކުން ދުރުހެލިވުމެވެ. ހުނަރަކީ މަސައްކަތް ކުރުމުން ދިރުވާ އާލާކޮށް ބިނާކުރެވޭ އަދި ޤާއިމްކުރެވޭ ކަމެއްކަމާއި ޖެހެނީ އަމިއްލަ ވިސްނުމުން އެކަމަށް މަގުފަހިވާގޮތައް ބައްޓަން ކުރުންކަން ދެނެގަތުމެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެއްކަމާއި އެކިމީހުން ކަންކަން ޙާސިލުކުރަން ގެންގުޅޭނީ އެކިއުކުޅުތައްކަމެވެ. އަދި ތިމާއާއި އެހެންމީހުން އަޅާނުކިޔާ ތިމާއަށް ކުރެވުނު އެންމެ ރަނގަޅަށް ބޭނުންވާ އަމާޒަށް ވާޞިލްވުމަށް މަސައްކަތް ކުރުމެވެ.

އެހެންމީހުންނާމެދު ނުވިސްނާ އަމިއްލަ ނަފްސަށް ސަމާލުކަންދިނުން:

ހީވާހީވުންތަކާއި ޤަބޫލުކުރުންތައް ގިނަފަހަރަށް ބިނާވަނީ އަހަރުމެންނަށް ކުރިން ދިމާވެފައިވާ ކަމަކާއި ގުޅިގެން ނުވަތަ އެހެންމީހަކު ބުނާ ބަހަކުން، ކުރާ ޢަމަލަކުން، ކަންތައް ކުރާގޮތަކުން އަހަރުމެންގެ އަމިއްލަ ނަފްސާމެދު ދެކެވިފަ ހުންނަ ގޮތްތަކަކަށެވެ. މިސާލަކަށް އަހަރުމެންނަށް ވަކި ކަމެއް މީހަކު ނުވާނެޔޭ ނުވަތަ ތިކަން ކުރެވޭ ފެންވަރެއްނެތޭ ބުނުމުން އަހަރެމެންގެ ސަމާލުކަން މިދެވެނީ ނުވަތަ ލިބެނީ އެހެންބުނި މީހާއަށް ދައްކަން ނުވަތަ ބަދަލުހިފުމުގެ ގޮތުންވެސް އެކަންކޮށްފަ ދެއްކުމެވެ. މިގޮތަށް ވިސްނުންގެނެސް އަހަރުމެންގެ އަމަލު ބަހައްޓައިގެން އެކަން ޙާސިލް ކުރަން އުޅެގެން ލިބޭ ގެއްލުން ބޮޑުވެ ނުވަތަ އެކަމުން ލިބެންވީ ހަޤީޤީ ހިތްހަމަޖެހުން އަހަރުމެންނަށް ނުލިބެއެވެ.

ވީމާ، ކަންކަން ކުރަންވީ އެހެންމީހަކަށް ދައްކަން ނުވަތަ ބުނިބަދުބަހަކަށް ރައްދު ދިނުމުގެ ބަދަލުގައި އަމިއްލަ ނަފްސަށްޓަކައެވެ. އަދި އެކަމަކީ އަމިއްލަ ނަފްސަށާއި ދިރިއުޅުމަށް ފައިދާ ކުރުވަނިވި ކަމެއްކަމަށް ޤަބޫލުކޮށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅުމުގެ ނިޔަތުގައެވެ.

ނައްސި ހީވުންތަކާއި ޤަބޫލުތަކުން ދުރުހެލިވާން މަސައްކަތްކުރުން:

ހީވާހީވުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުން ދިރިއުޅުމުގައި ހަމަޖެހުންނެތްކަން އެނގޭ ހިސާބުން ފެށިގެން ވިސްނުން ބަދަލުކުރަން މަސައްކަތް ކުރަންޖެހެއެވެ. ވިސްނުން ފައްސި ކުރުމަށްޓަކައި އެހާލަތުގައި އެކަމެއްދިމާވެގެން އަމިއްލައަށް އަމަލުކޮށްފައިވާ ގޮތަކީ އެހާލަތުގައި ތިމާއަށް ވިސްނި ނުވަތަ އެނގިފައިވާ އެންމެ ރަގަޅުގޮތް ކަން ބަލައިގަނެ އަމިއްލަ ނަފްސަށް އެކަމަށް މަޢާފުކުރުމެވެ. ހަމަ އެއާއެކު އެކަމުން ލިބުނު ޢިބުރަތުގެ އަލީގައި ކުރިއަށްއޮތް ތަނުގައި އެކަން ތަކުރާރުނުކުރަން ނިންމާ ހިތްވަރާއި އެކު މަސައްކަތްކުރުމެވެ. އަދި މިކަމަކީ އަމިއްލައަށް ޕްރެކްޓިސްކޮށް ކުރަން ފެށުމުން ރަގަޅުކުރެވޭނެ ކަންކަން ޤަބޫލުކުރުމެވެ.

ކެތްތެރިކަމާއި އެކު ވިސްނުން ތަރައްޤީކުރުމަށް މަސައްކަތްކުރުން:

ކޮންމެކަމަކީވެސް ވަގުތުނަގާނެ ކަމެއްކަން އަދި ކެތްތެރިކަމާއި އެކު އެކަމާ ކުރިމަތިލުމެވެ. ފަށާއިރު ކަންކަން ލަސްވުމާއި އަދި ނައްސިވިސްނުންތައް އަންނާނެ ކަން ޤަބޫލުކުރުމެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ހެޔޮމަގު ދައްކަވައި ހިދާޔަތާއި ތަޢުފީޤުދެއްވާ ރަނގަޅު މަގު ދެއްކެވުމަށް އެދި ދުޢާކުރުމެވެ. އެއްވެސްވަރަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުން ފަސްނުޖެހި މަޑުމަޑުން ފިޔަވަޅުއަޅަމުން ފަހަރަކު ކަމެއް ރަނގަޅުކުރަން މަސައްކަތް ކުރުމެވެ. ކޮންމެދުވަހަކުވެސް ކޮންމެވެސް އެއްކަމެއް ކާމިޔާބުކަމާއިއެކު ހުއްޓުމެއްނެތި ކުރުމުން ދިރިއުޅުމުގެ ބިންގާ ހަރުދަނާވެ ހީވާ ހީވުންތަކާއި ޤަބޫލުކުރުންތަކުން އެއްކިބާވެ ސިކުނޑިއާއި ވިސްނުން ތަރައްޤީކުރުމަށް މަގުފަހިވެއެވެ.  

 

އެޑިޓަރުގެ ނޯޓް: މިއީ ސޯޝަލް އިމޯޝަނަލް އިންޓެލިޖެންސް ކޯޗެއް އަދި ގައިޑަންސް އެންޑް ކައުންސެލަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަމާ އިބްރާހީމް ދީދީ "ޒީޓައިމްސް" އަށް ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގެ ބޭނުމަކީ ކިޔުންތެރިންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ހަރުދަނާ ބަދަހި ގުޅުންތަކެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރުމެވެ.

+1
0
+1
0
+1
6
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް