November 24, 2024 22:42
Advertisement

-Advertisement-

ކުޑަކުދިންނަށް ކިޔާލަދޭންވީ ހިއްސާ ނުކުރެވޭނެ ބައެއް ތަކެތި

ކުޑަކުދިންނަކީ ނާޒުކު ބަޔަކަށްވާއިރު އެކުދިން ކުރާ ކޮންމެ ކަމަކަށްވެސް ސަމާލުވާންވާނެއެވެ. ޚާއްސަކޮށް އެހެން ކުދިންނާއެކު އުޅޭއިރު އަމިއްލަ ބޭނުމަށް ބޭނުންކުރާ ބައެއް ތަކެތި 'ޝެއާ' ނުވަތަ ހިއްސާ ނުކުރުމަށް ސަމާލުކަންދޭންވާނެއެވެ. ކުޑަކުދިންނަށް ޖަރާސީމު ފެތުރޭލެއް އަވަސްވެފައި އެކުދިން ބަލިވާލެއްވެސް އަވަސްވާނެއެވެ. ބައެއް ކުދިންނަކީ ހިރަފުސްކޮޅެއް ޖެހިލާއިރަށް ރޯގާޖެހޭ ކުދިންނެވެ. އަދި ހަމުގެ މައްސަލަތައް ދިމާވާލެއް ގިނައެވެ.

މައިންބަފައިން ކުދިންނަށް ދަސްކޮށްދޭންވީ، ކޮންމެ ކުއްޖެއްގެވެސް އެއްޗެހި ވަކިން ގެންގުޅުމަށެވެ. އެއީ ބައެއް ކަހަލަ އެއްޗިއްސަކީ އެހެން ކުދިންނާ ހިއްސާ ކުރުން ރަނގަޅު ނޫންތަކެތި ކަމުގައިވާތީއެވެ. މިގޮތަށް ކިޔައިދޭއިރު ހިއްސާ ކުރެވޭނެ އެއްޗިއްސާ ނުކުރެވޭނެ އެއްޗެހި ވަކިން ކިޔައިދޭށެވެ. މިސާލަކަށް އެހެންކުދިންނާއެކު ކުޅޭއިރު ކުޅޭއެއްޗެހި ހިއްސާ ކުރެވިދާނެއެވެ. 

ކުޑަކުދިންނަކީ އެކުދިން ހާނުވައި ތަރުބިއްޔަތު ކުރި ގޮތަކަށް އުޅެން ދަސްކުރާނެ ކުދިންނެވެ. ބައެއް ކުދިންނަށް ވިސްނިފައި އޮންނަނީ ތިމާ ގެންގުޅޭ އެއްވެސް އެއްޗެއް އެހެން ކުދިންނަށް ދީގެން ނުވާނެކަމެވެ. އެހެން ކުއްޖަކަށް ދީފިނަމަ ހަލާކުކޮށްލަފާނެތީ ޖެހިލުންވާ ކުދިންވެސް ތިބެއެވެ. މިފަދަ ވާހަކަތައް މައިންބަފައިން ވަރަށް ތަފްސީލުކޮށް ކިޔާދެންޖެހެއެވެ. އެހެން ކުދިންނާ ހިއްސާކުރުމުން ކުދިންގެ ސިއްހަތަށް ގެއްލުން ލިބިދޭ އެއްޗެހި ފިޔަވާ އެހެން އެއްޗިއްސަކީ ހިއްސާ ކުރެވިދާނެ އެއްޗެހި ކަމުގައި ބުނެދެވިދާނެއެވެ. އެހެންނަމަވެސް އެންމެ ކުޑަކުދިންގެ ކުޅޭއެއްޗެހި އެހެން ކުދިންނާ ހިއްސާ ކުރުން ރަނގަޅެއް ނޫނެވެ. ސަބަބަކަށްވެފައިވަނީ އެކުދިންގެ ކުޅޭއެއްޗިއްސަކީ އަނގަޔަށްލައި ސޮނި ހޭކިފަ ހުންނަ އެއްޗެހި ކަމުގައިވާތީއެވެ. މީގެ ސަބަބުން އެއްކުއްޖެއްގެ ކުޅުން ނުވަތަ ސޮނިން އަނެއްކުއްޖާއަށް ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ. މިކަހަކަ ކަންކަމަކީ އެއް ބެލެނިވެރިއަކާ އަނެއް ބެލެނިވެރިއަކުވެސް ދެނެގަނެ އެނގެންޖެހޭ ކަންކަމެވެ. ތިމާގެ ރައްޓެއްސެއްގެ ދަރިއަކަށްވީތީ ނުވަތަ ތިމާގެ މީހެއްގެ ދަރިއަކަށްވީތީ އެގޮތަށް ހިއްސާ ކޮށްލިއަސް އޯކޭ ވާނެކަމަށް ދެކޭ މީހުންވެސް ތިބެއެވެ. އެހެންނަމަވެސް މިއީ ވިސްނަންޖެހޭ ކަމެކެވެ.

Advertisement

ކުދިން ގެންގުޅޭ އެއްޗެހީގެ ތެރެއިން ހިއްސާ ނުކުރެވޭނެ ބައެއްތަކެތި: 

ފެންފުޅި

އެއްކުއްޖެއްގެ ފެންފުޅީގައި އަނެއްކުއްޖަކު ތުންޖަހައިގެން ނުވަތަ ހޮޅި ބޭނުންކޮށްގެން ފެންބުއިމުން އެއްކުއްޖެއްގެ ކުޅުގައި ހުންނަ ޖަރާސީމު އަނެއްކުއްޖަކަށް ވާސިލުވުމުގެ ފުރުސަތު އޮވެއެވެ. މިހެންވުމުގެ ސަބަބުން ރޯގާޖެހުން ފަދަ ކުދިކުދި ބަލިތައްޖެހުމުގެ ފުރުސަތު އޮވެއެވެ. ކޮންމެ ކުއްޖަކީވެސް ނާޒުކު ކުއްޖެކެވެ. ދިމާވެދާނެ ނުރައްކަލަކަށް ވިސްނުން މުހިއްމެވެ. ފެން ބޯން ބޭނުންވާނަމަ ވަކިން ތައްޓަކަށް އަޅާފައި ދެވިދާނެއެވެ. 

އަތުގައި ގެންގުޅޭ ރުމާ

އަތުގައި ގެންގުޅޭ ރުމާ ނުވަތަ ތުވާލިކޮޅަކީ އެއްގޮތަކަށްވެސް އެހެން ކުއްޖަކާ ހިއްސާކުރުން ބުއްދިވެރި އެއްޗެއް ނޫނެވެ. އަތުގައި އޮންނައިރު ހޭކިފައި ހުރެދާނެ ޖަރާސީމަކަށް ވިސްނަންވާނެއެވެ. ބައެއްފަހަރު ނޭފަތް ފޮޅުން ނުވަތަ އަނގަމަތި ފޮހެލުން ފަދަ ކަންކަން ކޮށްފައި އޮންނައިރު އޭގައި ހުންނާނީ އެތައް ޖަރާސީމެއް ހަރުލާފައެވެ. މިއެއްޗިއްސަކީ ކޮންމެ ދުވަހަކުހެން ބަދަލުކޮށް ދޮންނަންޖެހޭނެ ތަކެއްޗެވެ. 

ދަތްއުނގުޅާ ބުރުސް

2016 ވަނަ އަހަރު "ޔުނިވަރސިޓީ އޮފް މެންޗެސްޓަރ" އިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި ބޭނުންކޮށްފައި ހުންނަ ބުރުހުން ގިނަ އަދަދެއްގެ ބެކްޓީރިއާ ފެނިފައިވެއެވެ. މިގޮތަށް އެއްކުއްޖަކު ބޭނުންކޮށްފައި އޮންނަ ބުރުހެއް އަނެއްކުއްޖަކު ބޭނުންކުރުން އެއީ ސިއްޙީގޮތުން ބަލާއިރު ގެއްލުންހުރި ކަމެކެވެ.

ސައިބޯނި 

ސައިބޯނި މިއީ އެންމެ ފަސޭހައިން ބެކްޓީރިއާ ހަރުލާފައި ހުންނަ އެކައްޗެވެ. ގައިގެ ހަންގަނޑުގައި ހުންނަ ބެކްޓީރިއާ އަނެކާގެ ހަންގަނޑަށް ވާސިލުވުމުގެ ފުރުސަތު އޮވެއެވެ. މިސަބަބަށްޓަކައި މިއީވެސް ހިއްސާކުރުން ރަނގަޅުއެއްޗެއް ނޫނެވެ. އެއްކުއްޖަކު އަނެއްކުއްޖެއްގެ ގޭގައި މަޑުކޮށްލުމަށް ދާއިރުވެސް މިފަދަތަކެތި ވަކިން ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެއެވެ. 

ކަންފަތުމުދި

'އިއަރިންގްސް' ނުވަތަ ކަންފަތުމުދި ފަދަ ތަކެތިވެސް އެހެން ކުއްޖަކާ ހިއްސާކުރުން އެހާ ބުއްދިވެރިއެއް ނޫނެވެ. އެއީ "ބްލަޑް ބޯންސް ޕެތެޖެންސް" ފެތުރުމުގެ ފުރުސަތު އޮންނާތީއެވެ. އެކެއްގެ ކަންފަތުގެ ހޯލްގައި ހަރުލާފައި ހުންނަ ޖަރާސީމު އަނެކާގެ ގަޔަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ރަނގަޅަށް ސާފުކުރުމަށްފަހު ނޫނީ ބޭނުންކުރުން ބުއްދިވެރިއެއް ނޫނެވެ.

އިއަރފޯން

އިއަރވެކްސް އިން ބެކްޓީރިއާ ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާތީ މިއީވެސް އެހާ ރައްކާތެރި ކަމެއް ނޫނެވެ. ކަންފަތް ރަނނގަޅަށް ސާފުނުކުރުމާއި މަޑު ހަރުލާފައި ހުރެއްޖެނަމަ ޖަރާސީމު އުފެދި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރިގެން ހިގައިދާނެއެވެ

ފުނާ

މިއީވެސް ވަރަށް އަވަހަށް ޖަރާސީމު ފެތުރޭ އެއްޗެކެވެ. ބޮލުން ހަންފޮޅޭނަމަ އަދި ވަރަށް އަވަހަށް ޖަރާސީމު ފެތުރެއެވެ. ބުރުހަކުން އުނގުޅައިގެން ރަނގަޅަށް ފުނާ ސާފުކުރުމަށްފަހު ބޭނުންރެވިދާނެއެވެ.

މިކަހަލަ އެއްޗެހި އެއްކުއްޖަކު އަނެއް ކުއްޖަކާ ހިއްސާކުރުމާއި ގުޅޭގޮތުން މައިންބަފައިން ކުދިންނަށް އިރުޝާދު ދޭންވާނީ މިފަދަކަންކަމުން ލިބޭ ގެއްލުންތައް ކިޔައިދިނުމަށްފަހު އެވެ. އެއިރުން ކުދިންނަށް ފަސޭހައިން ވިސްނޭނެއެވެ. 

 

މައުލޫމާތު: އެޑިއުކޭޝަން ވާރލްޑް

+1
1
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް