November 22, 2024 12:12
Advertisement

-Advertisement-

އަބުރާއި ޢިއްޒަތަކީ ގެއްލިއްޖެނަމަ އަނބުރައި ނުލިބޭނެފަދަ އަގުބޮޑު އެއްޗެއް!

ކޮންމެމީހަކުވެސް، އެމީހަކަށް ލިބޭ އަގުބޮޑު މުދާ، ވަރަށް ރައްކާތެރިކަމާއެކު ފޮރުވައެވެ. އަގެއްނެތް އެއްޗެއްނަމަ އެއެއްޗެއް ބޭނުންނުކޮށް ދޫކޮށްލައެވެ. އަޅުގަނޑުމެންނަށް ލިބޭހައި އަގުބޮޑު މުދާތައް ފޮރުވަމުންދާއިރު، ﷲ ޞުބްޙާނަހޫ ވަތާޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު އެއްހަދިޔާ ކަމުގައިވާ އަންހެންދަރީން ރައްކާތެރިކަމާއެކު ގެންގުޅެނީ ކިތައް މީހުން ބާވައޭ ހިތަށްއަރައެވެ؟

މުދަލަކީ ކިތަންމެ އަގުބޮޑުވިނަމަވެސް ފައިސާހުރިނަމަ ގަނެވޭނެ އެއްޗެކެވެ. ނަމަވެސް އަބުރާއި ޢިއްޒަތަކީ ގެއްލިއްޖެނަމަ އެއަށް ކިތަންމެ ބޮޑު އަގެއް ދީގެންވެސް އަލުން އަނބުރައި ނުލިބޭނެފަދަ އަގުބޮޑު އެއްޗެކެވެ. ތިމާމެންނަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގިނަމަވެސް އަންހެންދަރީން ފެޝަން ޝޯތަކުގައި ބައިވެރިކޮށް އަދި ލަވައާއި ފިލްމުކުޅުވާއިރު މިކަމާމެދު އަޅުގަނޑުމެން ވިސްނާލަންޖެހެއެވެ. ތިމާގެ ދަރިފުޅު ނުވަތަ އަނބިމީހާގެ ވަނާތައް ހިލޭ ފިރިހެނުންގެ ކުރިމަތީގައި ގޮތްގޮތަށް ދައްކަމުންދާއިރު، މަރުވެގެން ﷲގެ ޙަޟްރަތަށް ދާނެކަމާމެދު ވިސްނާ ކިތައް މީހުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅޭބާވައެވެ؟  

އަންހެނުންނަށް ﷲ ތަޢާލާ ކަނޑައަޅުއްވާފައިވަނީ އެމީހުންގެ ހަށިގަނޑު ރަނގަޅުގޮތުގައި ނިވާކުރުމަށެވެ. އަދި ހިލޭ ފިރހެނުންނަށް އެމީހުންގެ ހަށިގަނޑު ނުދެއްކުމަށެވެ. މިޔާ ޚިލާފްވެ، އަންހެނުން ތަފާތު އެކިއެކި ޝޯތަކަށް އަރައިގެން، އެމީހުންގެ ހަށިގަނޑު، ހިލޭ ފިރިހެނުންގެ ޝިކާރައަކަށް ހެދުން ހުއްދަނުވާ ހުއްޓެވެ.

Advertisement

ޢައުރަ ނިވާކުރުމަކީ ވަރަށް ކުޑަކަމެކޭ ހިތައި ދޫކޮށްލިޔަސް، މިކަމަކީ ވަރަށް ބޮޑުކަމެކެވެ. މިކަމާމެދު ކޮންމެ އުޚްތަކު ވިސްނާލުން ވަރަށް މުހިންމެވެ. މާތްﷲ ޞުބްޙާނަހޫ ވަތަޢާލާ، ކަމަކާމެދު ނިޔާއެއް ކަނޑައެޅުއްވުމަށްފަހު އެކަމެއް ބަދަލުކުރުމުގެ އިޚްތިޔާރެއް އަޅުގަނޑުމެން އިންސާނުންނަކަށް ލިބިގެނެއްނުވެއެވެ. އެއާ ޚިލާފަށް  އުޅުމުގެ ހުއްދައެއް ލިބިގެނެއްނުވެއެވެ. އާޚިރަތަށް ލޯބިކުރާ އަދި ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން ބޭނުންނަމަ އޮތީ ﷲ ގެ ކަލާމްފުޅާއި ރަސޫލާ ﷺ ގެ ސުންނަތުގައި ހިފުމެވެ. އެއާ ޚިލާފުވާ އިންސާނަކަށް ބާއްޖަވެރިކަމެއް ނުވެއެވެ.

ﷲ ޞުބްޙާނަހޫ ވަތަޢާލާ، އަންހެނުންނަށް އަމުރު ކުރައްވާފައިވަނީ ޢައުރަ ނިވާކޮށްގެން އުޅުމަށެވެ. އެހެންވުމުން، ﷲ ތަޢާލާގެ އަމުރުފުޅާ ޚިލާފްވެ، އެނޫންގޮތަކަށް އުޅުމުގެ އިޚްތިޔާރު އެއްވެސް އިންސާނަކަށް ލިބިފައެއް ނުވެއެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "މާތްﷲ އާއި އެކަލާނގެ ރަސޫލާ ﷺ، ކަމަކާމެދު ނިޔާކުރައްވައިފި ހިނދު، އެބައިމީހުން އެކަންތަކުގައި، އެބައިމީހުންނަށް އިޚްތިޔާރެއް އޮތުމަކީ، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް އޮތްކަމެއް ނޫނެވެ. މާތްﷲއަށާއި، އެކަލާނގެ ރަސޫލާ ﷺ އަށް އުރެދިއްޖެ މީހާ، ހަމަކަށަވަރުން ބަޔާންވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ."

އިސްލާމީ ޝަރީޢަތުގައި ހިލޭ ފިރިހެނުންނަށް އަންހެނުން ނިވާވެގެން އުޅުމަށް އަންގަވާފައިވަނީ ވަރަށް ބޮޑު ޙިކްމަތެއް އެކަމުގައިވާތީއެވެ. އެއީ އެކަމުގެ ސަބަބުން ފިރިހެނުންގެ ކިބައިން އަންހެނުންނަށް ރައްކާތެރިކަން ލިބުމެވެ. އަދި އެމީހުންގެ އަބުރު ރައްކާތެރިކުރުމާއި، އެމީހުންގެ އަގު އެހެން މީހުންގެ ކުރިމަތީގައި ހިފެހެއްޓުމެވެ. އަންހެނުން ނިވާވެގެން އުޅުމަށް އިސްލާމްދީނުގައި އަންގަވާފައިވުމަކީ އަންހެނުންގެ މިނިވަންކަން ގެއްލިގެންދާ ކަމެއްނޫނެވެ. އަންހެނުންނަށް އެމީހުން އެދޭކަމެއް ކުރުމުގެ ޙައްޤު އެބައޮތެވެ. ނަމަވެސް އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް ކުރުމުގެ ހުއްދައެއްނެތެވެ. ފާޙިޝް ޢަމަލުތަކަށް މަގުފަހިވާގޮތަށް ހެދުން އަޅައިގެން ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނިކުތުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ. ވީމާ، އެކިއެކި ނަންނަމުގައި ބާއްވަމުންދާ ފެޝަންޝޯ ފަދަ ކަންކަމަކީ އިސްލާމްދީން ހުއްދަކުރާކަމެއް ނޫނެވެ.

މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "ހަމަކަށަވަރުން މުއުމިނުންގެ މެދުގައި ފާޙިޝްކަންތައް ފެތުރިގެން ދިޔުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. ކަންތައްތައް ދެނެވޮޑިގެންވަނީ ﷲ އެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ." މިކަންކުރާ އަންހެންކުދިންނާއި، އެކުދިންލައްވާ މިކަންކުރުވާ ބަޔަކު އެކުރަނީ އިސްލާމީ ޝަރީއަތުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ. އަދި މިކަމަށް ވާގިވެރިވުން ހުއްދައެއް ނުވާނެއެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެއްވިގެންވަނީ ހެޔޮކަންތައްތަކަށް ވާގިވެރިވުމަށާއި ނުބައި ކަންތައްތައް މަނާކުރުމެވެ. އިސްލާމީ މުޖުތަމަޢެއްގައި ފާޙިޝް ކަންތައްތަކަށް މަގުފަހިވާފަދަ ކޮންމެކަމެއް ކުރުމާއި ބެލުމާއި އަދި އަޑުއެހުމަކީ ހުއްދަވާނެކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ފާޙިޝް ކަންތައް ކުރުމަށް މަގުފަހިވާތީއެވެ.   

މާތްﷲ ވަޙީކުރައްވަނީ: " قُوْا أَنْفُسَكُمْ وَأَهْلِيْكُمْ نَارًا وَقُوْدُهَا النَّاسُ وَالْحِجَارُ عَلَيْهَا مَلاَئِكَةٌ غِلاَظٌ شِدَادٌ لاَ يَعْصُوْنَ اللّهَ مَا أمَرَهُمْ وَيَفْعَلُوْنَ مَا يُؤْمَرُوْنَ" މާނައީ: " އޭ އީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހްލުން، ނަރަކައިގެ އަލިފާނުން ރައްކައުތެރިކުރާށެވެ. އެ އަލިފާންގަނޑު ރޯކުރާނޭ ދަރުކަމުގައިވާހުށީ މީހުންނާއި ހިލައެވެ. އަދި އެތަން ބެލެހެއްޓެވުމުގައި ހަރުކަށި އަދި ބާރުގަދަ މަލާއިކަތުންގެ ބަޔަކު ތިއްބަވާނެއެވެ. އެބޭކަލުންނަށް މާތްﷲ ކުރައްވާ އަމުރުފުޅަކަށް އެބޭކަލުން ނުކިޔަމަންތެރި ނުވާހުއްޓެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާހުއްޓެވެ"

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ. 

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް