އެއީ މީގެ 17 ވަރަކަށް އަހަރު ކުރިއެވެ. ގދ. އަތޮޅު ރަށެއްގެ 5 މެންބަރުންގެ ޢާއިލާއަކަށް އުފަން، ޢާއިލާގެ 2 ވަނަ އަކީ އޭނާގެ ބައްޕަ ގަބޫލުކުރާގޮތުން ހިތްވަރުގަދަ ދަރިއެކެވެ. ބައްޕަގެ ވިޔަފާރި، ހަރުދަނާކަމާއިއެކު ކުރިއެރުވުމުގައި މަސައްކަތްކޮށްދޭނެ ފަންނުވެރި ޒުވާނެކެވެ. އަންހެން ދަރިއެއްނަމަވެސް ކޮންމެކަމެއްވެސް ކުރާނެކަމުގެ ޔަގީންކަން އޮތް ކުއްޖެކެވެ. މިއީ ނަދާ ސަޢީދުގެ ވާހަކައެވެ. ކިޔެވުމަށް ޝައުގުވެރިކަން ހުންނަ، އަދި ސިކުނޑިތަނަވަސް ކުއްޖެކެވެ. ކުޑައިރުވެސް ފޮތާއި ރައްޓެހި ނަދާއަކީ ފޮތްތަކުގައިވާ ކަންކަން ބަލައި، ހޯދާ، ދިރާސާކުރުމަށް ކުޅަދާނަ ކުއްޖެކެވެ. އެގޮތުގެ މަތިން ސައިކޮލޮޖީއާއި ގުޅުންހުރި ފޮތްތަކާއި ލިޔުންތައް ކިޔުމަށް ލޯބިޖެހެންފެށީ ގްރޭޑް 10 ވެސް ނިމުނުފަހުންނެވެ.
ނަދާ އެންމެ ފުރަތަމަވެސް އެކަމާ މަޝްވަރާކުރީ އޭނާގެ ބައްޕައާއެވެ. ބައްޕަގެ ޖަވާބުން ނަދާއަށް ބައްޕަގެ ވިސްނުން ދޭހަވިއެވެ.
''އެންމެ ފުރަތަމަ ސައިކޮލޮޖީއާއި ކައުންސިލިންގ ދިމާއަށް ދެވެން ފެށުނީ އެކަމަށް އުފެދުނު ޝައުޤަކާއި ލޯތްބެއްގެ ސަބަބުން. އެހެންވެ، ބައްޕައާއި އެވާހަކަ ފުރަތަމަ ހިއްސާކުރީ. ބައްޕަ ވިދާޅުވީ ދަރިފުޅު މޮޔަވެދާނެ ނޫންހޭ ތިޔަ ދާއިރާއިން ކުރިއަށް ދަންޏާ..''.
އެއީ ނަދާއަށް އޭނާގެ ބައްޕަ ކޮށްލި ސަމާސާއެއްކަމަކު، ބައްޕަގެ ވިސްނުން އެނގުމުން އިތުރަށް އެވާހަކަ ދައްކަން ނަދާ ނުވިސްނައެވެ.
ނަމަވެސް މުޅި އާއިލާއަށް ކުއްލިއަކަށް ލިބުނީ ނަދާއަށް ސްރީލަންކާއިން ކިޔަވާނެ ފުރުސަތު ލިބުނު ޚަބަރެވެ. ސައިކޮލޮޖީއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ނަދާ ނިންމީ އާއިލާއާއި ވަކިން ކުޑަކުޑަ ދަރިފުޅު ގޮވައިގެން އެކަނި ކިޔަވަން ދިއުމަށެވެ. އެހިސާބުން ނަދާގެ ފިރިމީހާއާއި ޢާއިލާއިންވެސް ނަދާގެ ހުވަފެން ސީދާކޮށްދިނުމަށްޓަކައި އަތުކުރި އޮޅާލިއެވެ.
2013ގައި ނަދާ ލަންކާގައި ކިޔަވަންފެށިއެވެ. މިކަމުގައި އެންމެ ބޮޑު ހިތްވަރަކަށްވީ، މެދުކެނޑުމެއްނެތި ހިތްވަރު ދެމުންގެންދިޔަ ފިރިމީހާއާއި ޢާއިލާގެ ހެޔޮ ދުޢާއާއި ގާތްމީހުން ނަދާއަށް ސައިކޮލޮޖީން ކުރިއަށް ނުދެވޭނެކަމަށް ބުނި ބުނުމެވެ.
''ނުވާނެއޭ ބުނި ކޮންމެ މީހަކުވެސް ބުނެލަނީ ނަދާއަށް ކިހިނެއްހޭ ވިޔަފާރި ދާއިރާގައި އުޅެފައި ސައިކޮލޮޖީއަށް ބަދަލުވެވޭނީ. ނުވާނެއޭ. ނުކުރެވޭނެއޭ''.
ނަމަވެސް ހަޤީޤަތަކީ ނަދާއަށް މި ހިތްވަރު ލިބިގެން ދިޔައީ މުޅިއާއިލާއާއި ގާތް މީހުން ދިން ހެޔޮ ނަސޭހަތާއި ހިތްވަރަށްވުރެބޮޑަށް، އެ ''ނެގެޓިވް'' ބަސްތަކުންކަމެވެ.
ކަންދިމާ ކުރިގޮތުން ސްރީލަންކާއިން ހެދި ސައިކޮލޮޖީ ކޯހަކީ ރާއްޖެއިން ގަބޫލުކުރާ ކޯހަކަށް ނުވާތީ، އަލުން ޖެހުނީ އެ ކޯސް ފުރިހަމަ ކުރާށެވެ. އާފެށުމަކުން 3 އަހަރު ކިޔަވަން ފަށަންޖެހުމީ ނަދާއަށް ލިބުނު ކާމިޔާބީއެވެ. ހިތްވަރު އެލުވައިނުލައި ކިޔެވުމާއިގެން ކުރިއަށް ދިޔައީ ދެކެމުންއައި ހުވަފެނުގައި ކުލަޖެއްސި ރީތި ފުރިހަމަ މަންޒަރެއް ސިފަވާނެކަމާއިމެދު ޔަގީންކުރަމުންނެވެ.
އެވިޑް ކޮލެޖުން ކައުންސެލިންގ ކޯސް ފުރިހަމަކޮށް، ރާއްޖޭގައި ކައުންސިލަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރަން ފެށީ ފުރިހަމަ މިނިވަންކަމާއި ކައުންސެލިންގ އެތިކްސްއާއިއެކު މަސައްކަތްކުރެވޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް ސްރީލަންކާފަދަ މިދާއިރާގައި ތަޖުރިބާގިނަ ޤައުމަކަށް އަޅާކިޔާއިރު ހުރި ދަތިކަން ނަދާ ފާހަގަކުރިއެވެ. ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ދާއިރާއަކީ ވަރަށް ބައިވަރު ގޮންޖެހުންތަކާއިއެކު ކުރިއަރަމުން އަންނަ ދާއިރާއެއްކަމެވެ. އަދި ހަމައެއާއިއެކު ހަރުދަނާ ގޮތެއްގައި މިދާއިރާގެ ކަންތައް ތަންފީޒު ކުރަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމުގައި ހުރި ދަތިތަކެވެ.
މިހުރިހާކަމެއްގެ ތެރޭގައި ނަދާ މަސައްކަތްކުރީ އޭނާ ހިފަހައްޓާ އުސޫލުތަކާއި، ދާއިރާގައި ހިފަހައްޓަންޖެހޭ އުސޫލުތަކާއިއެކީގައެވެ.
ނަދާއަކީ ކްލަޔަންޓުންނަށް ތެރަޕީ ދިނުމުގައިވެސް މި އުސޫލު ގެންގުޅޭ ވަރަށް ތަފާތު ކައުންސިލަރެކެވެ. ކްލަޔަންޓުންނާމެދު ބަހައްޓާ ގާތްކަމާއި، ވަޒީފާއަށްދޭ އަހަައްމިއްޔަތުކަން އެއީ ތެރަޕީ ނަގާ ފަރާތްތަކަށް އެކަމުގެ ސަބަބުން ލުއި ފަސޭހަތަކެއްވެ، ދިރިއުޅުމާއިގެން ކުރިއަށްދާން ލިބޭ އިތުރު ހިތްވަރެކެވެ. ކިތަންމެ ބަލިވިޔަސް، ކިތަންމެ ބޮޑުކަމެއް ދިމާވިޔަސް، ނަދާ އެކަން ވަޒީފާގައި އުޅޭ މީހުންނަށް ނާންގާ ކުރަންޖެހޭ މަސައްކަތަކާއިގެން ކުރިއަށްދަނީ ވަރަށްވެސް ބޮޑު ޝައުޤަކާއެކީގައެވެ.
މިދާއިރާގައި ނަދާއަށް މިހާތަނަށް އެންމެ ހަނދާނުން ފޮހެލަން ދަތި ކޭސް އަކަށް ފާހަގަކުރީ "ސިވިއަރ ސުއިސައިޑް ކްލައިންޓެއްގެ ކޭސް'' އެކެވެ.
'' ވަރަށް އޮމާންކަމާއިއެކު ޕޮޒިޓިވް އައުޓްކަމްއަކާއިއެކު ކޭސް ނިންމައިލެވުނު ދުވަސް އެއީ. މިހާތަނަށް އެންމެ ފާހަގަކުރެވޭ 1 ކޭސްއަށްވާނެ އެކޭސް."
ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގައިވެސް މަސައްކަތްކުރި ނަދާ މިހާރު މަސައްކަތް ކުރަނީ ރެހެންދި ސްކޫލުގެ ކައުންސިލަރެއްގެ މަޤާމެވެ.
ނަދާ އެންމެ އުފާވަނީ މި ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ބޭފުޅުންގެ ފަރާތުން މެދުކެނޑުމެއްނެތި އެހީތެރިކަން ލިބޭތީއެވެ. އެގޮތުން ޝީގެ ކައުންސެލިންގ ޑިޕާޓްމަންޓުން ބަހައްޓަވާ ގާތްކަން އަބަދުވެސް ނަދާ ފާހަގަކުރެއެވެ.
މިދާއިރާއިން ނަދާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޕީއެޗްޑީ ހާސިލުކޮށް މުޖުތަމަޢަށް ޚިދުމަތް ކުރުމުގައި ދެމިހުރުމެވެ. އަދިހަމައެއާއިއެކު މިދާއިރާއަކީވެސް އެހެނިހެން ދާއިރާތައް ފަދައިން މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ އުޖޫރައެއް ލިބި، މަޤާމުގެ ކުރިއެރުން ލިބުމަށް މަގުތައް ފަހިވެފައިވާ ދާއިރާއަކަށްވުމެވެ. އަދި ދާއިރާގައި އިތުރަށް ކުރިއަށް ދެވޭނެ ގޮތްތައް ހަމަޖެހިގެން ދިޔުމަކީވެސް މިދާއިރާގައި މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން ނަދާގެ ވަރަށް ބޮޑު އުންމީދެކެވެ.
ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ނަދާ ދޭންބޭނުންވާ މެސެޖަކީ، ބަލިވުމުން ބޭސްކުރާ ފަދައިން، ނަފްސާނީ ގޮތުން އުނދަގޫތަކެއް ވާންފެށުމުން ފަސްނުޖެހި އަވަހަށް ފަރުވާ ހޯދުމަށެވެ. އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަމެވެ. އަދި ކޮންމެ މީހަކުވެސް ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މަސައްކަތް ކުރުމަކީ އަމިއްލަ ނަފްސަށް ވެވޭ ވަރަށް ބޮޑު ޤުރުބާނީއެއްކަމެވެ. މިފަދައިން ނަދާކުރި މަސައްކަތުން މިއަދު އޭނާގެ އެތަކެއް 'ކްލަޔަންޓުންނެއް' ވަނީ އެކަން ހިތްވަރާއިއެކު ދައްކައިދީ ދިރިއުޅުމުގައި ކާމިޔާބީ ހޯދާފައެވެ.