ހަޔާތުގެ ދަތުރުނާމާގައި ކޮންމެ މީހަކީވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް ކަހަލަ މައްސަލަތަކެއް ތަހައްމަލު ކުރާނެ ނުވަތަ ކުރަމުން ދާނެ މީހެކެވެ. އެގޮތުން ކޮންމެ ދުވަހަކީވެސް މިފަދަ ތަފާތު އެތައްކަންކަމަކާ ކުރިމަތިލާ ހައްލު ހޯދަން އުޅެންޖެހޭ ދުވަހަކަށް ވަނީ ވެފައެވެ. މިކަމުގެ ސަބަބުން މީހާ މާޔޫސްވެ ހިތްނުތަނަވަސްވެ ނައްސި ވިސްނުން އައިސް ދިރިއުޅުން މަތިން ފޫހި ކުރުވައެވެ. މިހެންވުމުގެ ސަބަބުން މައްސަލަ ހައްލު ކުރަން ވިސްނުން ބައްޓަން ކުރުމުގެ ބަދަލުގައި މައްސަލައިގެ ވަށާޖެހި ވިސްނުން ވިސްނާ ސްޓްރެސް، އެންޒައިޓީ އަދި ޑިޕްރެޝަންގެ ހާލަތަށް މީހާ ވެއްޓޭ ފަދަ ފުރުސަތުތަކެއް ޤާއިމްވެގެންދެއެވެ. ވީމާ، މިކަންކަމުން އަރާގަނެ އަސްލު މައްސަލަ ހައްލު ކުރަން ކުރެވިދާނެ ބައެއް ކަންކަން މިއާޓިކަލް އިން ހިއްސާކޮށްލާނަމެވެ.
މައްސަލަ ދިމާވުމުން ވިސްނޭ ވިސްނުން އަދި އަމަލު ކުރެވޭ ގޮތް:
މައްސަލައެއް ދިމާވާ ހިސާބުން ފެށިގެން އަހަރުމެންނަށް ވިސްނާ ފިކުރުކުރުމާއި ސަމާލުކަން ބޮޑަށް މިދެވެނީ ދިމާވި މައްސަލައިގެ ސަބަބުން ދިމާވި ދެރަވާކަންކަމާއި ހިތްހަމަނުޖެހޭ ކަންތައްތަކާއި ކަމެއް އަހަރުމެން ބޭނުންވިގޮތަށް ނުވިނުވުމާއި ލިބުނު ގެއްލުމާއި ތަޙައްމަލުކުރަން ޖެހުނު ކަންކަމުގެ މައްޗަށެވެ. ވުމާއެކު އަސްލު ދިމާވި މައްސަލައިގެ ސަބަބުން އިތުރު މައްސަލަތަކެއް ވިސްނުމާއި ފިކުރުތަކުން ގެނެވި މައްސަލައިން ދިމާވި ވަރަށްވުރެވެސް މައްސަލަ ބޮޑުވެގެންދެއެވެ. އެހެންކަމުން މައްސަލަ ހައްލުކުރުމަށް ފޯކަސްކުޑަވެ މައްސަލައިގެ ތެރެއަށް އެއްކޮށް މީހާ ޢަރަޤުވެއެވެ. އަދި މީހާ އިތުރަށް ފިކުރުބޮޑުވެ ކަންބޮޑުވެ މާޔޫސްކަމުގެ ތެރެއަށްގޮސް އެއްގޮތަކަށްވެސް ހައްލުކުރުމުގެ ވިސްނުމާހަމައަށް ވާސިލްވުންވެސް އުދަގޫކަމަކަށްވެއެވެ.
މައްސަލަ ހައްލު ކުރުމަށް ވިސްނުން ގެންގުޅެވިދާނެ ގޮތްތައް:
- މައްސަލަބަލައިގަތުން:
މައްސަލައިގެ ހައްލަށް ވިސްނުމަށް ފުރަތަމަކަމަކަށް ދަސްކުރަންވީ މައްސަލަ އެދިމާވީކަން އަދި އެއަކަށް ދެން އިތުރު ބަދަލެއް ނުގެނެވޭނެކަން ބަަލައިގަނެ ހިތުގެ އަޑިން ޤަބޫލުކުރުމެވެ. ހިތުގެ އަޑިން ޤަބޫލުކުރެވުމުން މައްސަލައިގެ ސަބަބުން އިތުރަށް މިއުފެދޭ ނައްސި ވިސްނުންތަކާއި ޚިޔާލާއި ފިކުރުތަކުން ދުރުވެވޭނެއެވެ.
- ލިބުނު ޢިބްރަތްތަށް، ރަނގަޅު ކުރެވިދާނެ ކަންކަން:
ދެންއެއަށްފަހު މައްސަލައިގެ ސަބަބުން އަމިއްލަ ނަފްސަށް ލިބުނީ ކޮން އިބްރަތެއްތޯ ބަލައި އަދި ރަނގަޅުކުރެވިދާނެ ކަމަކީ ކޮބައިތޯ ބަލައި އެކަންތަކަށް ވިސްނައިގެން ކުރިއަށް އޮތްތާގައި އެގޮތަށް ޢަމަލުކުރުމަށް އަޒުމުކަނޑައެޅުން. މިއީ ދިރިއުޅުމެ ލަނޑުދަނޑިތައް އަދި ރާސްތާއާއި މަޤްސަދަށް ވާސިލުވުމަށް މަގުފަހިވާކަމެކެވެ.
- ކޮންމެ މައްސަލައަކަށްވެސް ހައްލެއްވާކަން ދެނެގަނެ އެކަމަށް މަސައްކަތްކުރުން:
އަޅުގަނޑުމެން ހެއްދެވިފަރާތުން ދެއްވާފައިވާ އިރުޝާދުތަކަށް ބެލިކަމުގައިވިއަަސް އެނގެނީ އެއްވެސްމީހަކަށް އެމީހަކަށް ނުއުފުލޭ ވަރުގެ ތަކުލީފެއް ނުވަތަ ބުރައެއް ނުޖައްސަވާކަމެވެ. ވީމާ، މިއިންވެސް ދޭހަވަނީ ކޮންމެ މައްސަލައެއްވެސް ހައްލުވާނެކަމެވެ. އަޅުގަނޑުމެން މިޖެހެނީ މި ހައްލަކީ ކޮބައިތޯ ބަލައި ހޯދަން މަސައްކަތްކުރާށެވެ. ދިރިއުޅުމުގެ ދަތުރުގައި އެއްކަމެއްފަހު އަނެއްކަމެއް އަންނައިރު މިއިން ކޮންމެ ކަމަކީ ވެސް އަޅުގަނޑުމެންނަށް ރަނގަޅަކަށް ދިމާވާ ކަންކަންކަމަށް ޤަބޫލުކޮށް ލިބޭ ފިލާވަޅުތަކުން ދިރިއުޅުން އާރާސްތުކޮށް ހަރުދަނާ ކުރަންޖެހެއެވެ.
ވީމާ، ހަމަ ބޭނުންވާއިރަށް މައްސަލައިގެ ހައްލު ވަގުތުން ވަގުތަށް ނުލިބުނު ކަމުގައިވިއަސް ކެތްތެރިކަމާއި ޙިކްމަތްތެރިކަމާއެކު ހައްލު ހޯދުމުގެ ޢަޒުމުގައި އުޅުމުން ހައްލަށް ވާސިލްވާނެއެވެ. ބައެއްފަހަރު ބައެއް ކަންކަމުގެ ހައްލު ހޯދަން ކުރަންޖެހޭ މަސައްކަތްބުރަވެ ތަހައްމަލު ކުރަންޖެހޭ ތަކްލީފު އުދަގޫ މަރުޙަލާއަކަށްވެދާނެއެވެ. އެހެންނަމަވެސް ހިތްވަރު އެލުވާނުލާ ކުރިއަށް ދިއުމުން ކާމިޔާބީއާއި ހަމައަށް ވާސިލުވެވޭނެކަމީ ޔަޤީންކަމެކެވެ.
އެންމެ މުހިއްމު ކަމަކަށް މިވަނީ ވިސްނުމާއި ފިކުރު ފައްސިކޮށް ތިޔާޤި ވިސްނުންތަކަކާއިއެކު މައްސަލައިގެ ހައްލަށް ދެވޭނެކަމަށް ހިތާއި ސިކުނޑިއާއި ހަށިގަނޑަށް ވިސްނައިދީގެން އެކަމަށް އަމަލީ ސިފަގެނެވުމެވެ.
- މައްސަލަހައްލުވުމުން ދިރިއުޅުމަށް އަންނަބަދަލު:
އިސްވެދިޔަ ކަންކަމަށް އަލިއަޅުވާލާ ކަން އެހެން ކުރުމުން މައްސަލައިގެ ހައްލަށް ވާސިލްވުމަށް ބާރުލިބި ހިތްވަރު ލިބި ވިސްނުން ފައްސިވެ އަބަދުވެސް ހައްލު ހޯދަން މަސައްކަތް ކުރުވެއެވެ. އަދި ސިކުނޑިއަށް ލުއިލިބި ސްޓްރެސްތަކުން ދުރުވެ މީހާ ހަމަޔަކަށް އެޅި އުފާވެރި އަމާން ހަމަޖެހޭ ދިރިއުޅުމަކަށް މަގުފަހިވެދެއެވެ.
ހައްލަކީ ހޯދުމުން ލިބޭ އެއްޗެކެވެ. އެހެންކަމުން މައްސަލައަށް ފޯކަސްނުކޮށް ހައްލު ހޯދުމަށް އެންމެންވެގެން މަސައްކަތް ކުރަމާ ހިނގާށެވެ. މިއީ އުފާވެރި އަމާން އޮމާން އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަދަހި މުޖުތަމަޢުއެއް ބިނާކުރުމަށް އެޅޭނެ ބިންގަލެކެވެ.
އެޑިޓަރުގެ ނޯޓް: މިއީ ސޯޝަލް އިމޯޝަނަލް އިންޓެލިޖެންސް ކޯޗެއް އަދި ގައިޑަންސް އެންޑް ކައުންސެލަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަމާ އިބްރާހީމް ދީދީ "ޒީޓައިމްސް" އަށް ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގެ ބޭނުމަކީ ކިޔުންތެރިންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ހަރުދަނާ ބަދަހި ގުޅުންތަކެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރުމެވެ.