November 24, 2024 01:54
Advertisement

-Advertisement-

ކުރުވާހަކަ: ވާލޯބި އެނގޭނަމަ!

ހަވީރުގެ ފިނިވައިރޯޅި އަހަރެންގެ އިސްތަށިގަނޑާއި ކުޅެމުން ދިޔައީ ވަރަށް ލޯބިންނެވެ. އެވަޔާއި ކުޅެލުމަށް މިނިވަންކަމާއި އެކު އަހަރެންގެ އިސްތަށިގަނޑު ދޫކޮއްލާފައި އޮތީމެވެ. ކުރިމަތިން މާ ދުރު ނޫން ހިސާބުގައި އަހަރެންގެ ދެއަހަރުގެ ދަރިފުޅު ކުޅެން އުޅުނެވެ. ކޮންމެ ދުވަހަކުވެސް އަތިރިމައްޗަށް ކުޅެން އަންނަން އުޅެއެވެ. އަހަރެންގެ ދަރިފުޅުގެ އުފަލަށް އަހަރެން ނުކުރާނެ ކަމެއް ނުހުންނާނެއެވެ. އެހެން ވުމުން ވީހާވެސް ގިނައިން ހަވީރު ގަޑީގައި އަތިރިމައްޗަށް އަންނަމެވެ. ނަމަވެސް އެއީ އަހަރެންގެ ފިރިމީހާ އާއި އެކީ ނުވަތަ ފިރިމީހާ ހޮސްޕިޓަލު ޑިއުޓީ ގަޑީގައެވެ. އަބަދުވެސް އަހަރެންގެ ލޯބިވާ ފިރިމީހާ އަށް ވަގުތު ދޭން މަސައްކަތް ކުރަމެވެ. އެއީ ވަރަށް ބިޒީ ޑޮކްޓަރެކެވެ. ހަމަ އެފަދައިން އަހަރެންގެ ފިރިމީހާވެސް އަހަރެންނަށް ވަގުތު ދެއެވެ. އަހަރެންގެ ފިރިމީހާ އަކީ ރައްޓެހިންނާއި އެކީ ކޮފީތަކަށް ގޮސް އުޅޭ މީހެއް ނޫނެވެ. ސަބަބަކީ އެވަގުތުވެސް އަހަރެންނަށްޓަކައި ހޭދަކޮއްލުމެވެ. ކިހާ ލޯބިވޭހެއްޔެވެ.

އަހަރެންގެ ނަމަކީ ޔުސްރާއެވެ. އަހަރެންގެ ފިރިމީހާގެ ނަމަކީ ޔާސިރެވެ. ކިހާ ގުޅޭ ނަމެއް ހެއްޔެވެ. އެނަމާ އެއްވަރަށް ދެމީހުންވެސް ލޯބިވެއެވެ. ކަތުރުފަނި ކީއްކުރަންހެއްޔެވެ، އެއްވެސް އެއްޗަކަށް އަހަރެމެންގެ ދެމީހުންގެ ދެމެދަށް ނުވަދެވޭހާ އިތުބާރާއި ލޯބިން އަހަރެމެން އުޅުނީމެވެ. އެހާ ލޯބިން އަހަރެމެންގެ ދިރިއުޅުން ކުރިއަށް ގެންދިޔައީމެވެ. އަހަރެން ޔާސިރާއި އިނީ ވަރަށް ލޯބިންނެވެ. ދުވަހަކުވެސް ވަކި ނުވާން ވަޢުދުވެފައެވެ. ދިރިއުޅުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކޮންމެ ގުރުބާނީއެއްވެސް އަހަރެމެން ދެމީހުން ދިޔައީ ވަމުންނެވެ. ޔާސިރަކީ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ މީހެއްކަމުން އުޅެން ޖެހެނީ ވަރަށް ބުރަކޮށެވެ. އަބަދުވެސް ކޮންމެވެސް ބަލި މީހެއްގެ ކަންތަކުގައެވެ. ގެއަށް އަޔަސް އަބަދުވެސް ހޮސްޕިޓަލުން ނުގުޅާ ފަހަރެއް ނުދާނެއެވެ. ނަމަވެސް ޔާސިރު އަކީ އަހަރެން ދެކެ ވަރަށް ލޯބިވާ ފިރިއެއްކަމުން ވީހާވެސް ގިނައިން އަހަރެންނަށް ވަގުތު ދޭން މަސައްކަތް ކުރެއެވެ. އަހަރެން އެކަން ބަލައިގަންނަނީ ވަރަށް އުފަލުންނެވެ. އަދި އެކަމަށް އަބަދުވެސް ޝުކުރުވެރިވަމެވެ. އަހަރެމެންގެ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ ބޭނުމުގައި އަހަރެން ބަނޑުބޮޑުވި ފަހުން އަހަރެން އޮފީހުން ކެނޑުނީމެވެ. އަދި ހުރިހާ ވަގުތެއް ދަރިފުޅާއި އަހަރެންގެ ލޯބިވާ ފިރިމީހާއަށް ހުސްކުރީމެވެ. އަދި އަހަރެން ކުރިން ލަމުން ދިޔަ ހެދުންތައް ބޮޑެތި ހެދުމަށް ބަދަލުކޮއްލީ ޔާސިރު އެދުމަށެވެ. އެހެން ބަޔަކަށް އަހަރެންގެ ހަށިގަނޑު ފޮރުވީއެވެ. އަހަރެންނަކީ ހަމައެކަނި ޔާސިރުގެ މީހެކެވެ.

ހޮސްޕިޓަލުގެ ވަރަށް ބިޒީ ދުވަހެކެވެ. އަހަރެން ޔާސިރަށް ގުޅީ އަހަރެންގެ އާދައިގެ މަތިން މެންދުރު ކާން ގެއަށް އައުމަށެވެ. ނަމަވެސް އިރުކޮޅެއް ވާނެކަމަށް ބުނެ ފޯނު ބޭއްވިއެވެ. އަހަރެން މެންދުރަށް ކެއްކީ އަހަރެންގެ ލޯބިވާ ފިރިމީހާއަށް އެންމެ މީރު ކެއުމެވެ. ދިވެހި ކެއުމެވެ. ކާން ހަދާފައި ޔާސިރު އަންނަންވާއިރަށް ފެންވަރައި ވަރަށް ރީތިވެލީމެވެ. ޔާސިރު އައުމުން ނޫނީ ނުކާން މަޑުކޮއްލީ ދަރިފުޅު އުނގަށް ލައިގެންނެވެ. ބަލިމީހުންގެ ކަންތައް ނިންމާލާފައި ނޫނީ ނާދެވޭނެކަން އަހަރެންނަށް އެނގެއެވެ. ޔާސިރުގެ ފަރުވާތެރިކަމުން އޭނާއަށް ދައްކަން މީހުން ތިބެނީ ނަންބަރު ނުލިބިފައެވެ. ނަމަވެސް އެދުވަހެއްގެ ބަލަން ހަމަޖެހިފައިވާ މީހުން ބެލުމަށްފަހު އަވަހަށް ގެއަށް އައުމަކީ ޔާސިރުގެ އާދައެކެވެ.

Advertisement

"ވަރަށް ލަސްވެއްޖެދޯ" ޔާސިރު އައިސް އަހަރެންގެ ކޮނޑުގައި އަތް އަޅުވައިލިއެވެ.

"ނޫން. އަހަންނަށް އެނގޭ ކިރިޔާ ވަގުތެއް ލިބުނަސް އަންނާނެކަން ލަސްނުކޮށް" އަހަރެން ޔާސިރުގެ އުނަގަނޑުގައި ބައްދައިލީމެވެ.

"މިއަދު ވަރަށް ބިޒީކޮށް މި އުޅެނީ. މިއައީވެސް އާދެވިގެނެއް ނޫން. އަހަރެންގެ ލޯބިވާ ދެކިލުމަށް" ޔާސިރު އަހަރެންގެ ކޮލުގައި ހިފައިލީ ވަރަށް ލޯބިންނެވެ.

"ދެން ހިނގާ ކާންދާން" އަހަރެންގެ ދަރިފުޅު ޔާސިރު އަތަށް ދީފައި ކާމޭޒާއި ދިމާލަށް ހިނގައިގަތުމުން ޔާސިރުވެސް އަހަރެންގެ ފަހަތުން އައިސް މޭޒު ދޮށުގައި އިށީނެވެ. ވެފައިވާ ވަރުބަލި އަހަރެންނަށް ނުދައްކަން އުޅުނަސް މޫނުމަތިން ވަރަށް ރަނގަޅަށް ހާމަވަމުން ދިޔައެވެ. އަބަދުވެސް ޑިއުޓީ ގަޑީގައި ހިނގާ މަޖާ ވާހަތައް ގެއަށް އައިސް އަހަރެންނަށް ކިޔައި ދެއެވެ. އަދި ޔާސިރުގެ ހުރިހާ ރައްޓެހިން ކަހަލަ ގޮތަކަށް އަހަރެންނަށް އެނގެއެވެ. އެއްވެސް ގޯސް މީހެއް ޔާސިރުގެ ރައްޓެހިންގެ ގޮތުގައި ނުހުންނާނެއެވެ. އަދި އަމުދުން އަންހެން ކުދިންނާއި ވަރަށް ދުރުވާނެއެވެ. އަހަރެން މަޖަލަކަށް ހަދާފައިވެސް އެވާހަކަ ޔާސިރާއި ދިމާލަށް ބުނަމެވެ. އަހަރެން ދެކެ ބިރުން ނުހުރެ އަންހެން ކުދިންނާއި ވާހަކަ ދައްކަން ބުނަނީ ޔާސިރަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ.

އަހަރެންގެ ދަރިފުޅު ވަރަށް ބަލިވެގެން ޔާސިރުވެސް ގޭގައި މަޑުކޮއްލި ދުވަހެކެވެ. ހޮސްޕިޓަލުން އޮފް ނެގީއެވެ. އަހަރެމެން ދެމީހުން ދަރިފުޅުގެ ޓެސްޓްތަކެއް ހައްދަން ހޮސްޕިޓަލަށް ދިޔައީ އެކީގައެވެ. އެތާގެ ހުރިހާ މުވައްޒަފުންވެސް އަހަރެމެންނަށް ވަރަށް ރަނގަޅެވެ. ވަރަށް އިޚްތިރާމް ކުރިއެވެ. ޚާއްސަކޮށް ދަރިފުޅާއި ހަވާލުވެ ހުރި ނަރުހަކީ ދުވަހަކުވެސް އެހާ ރަނގަޅު ނަރުހެއް ނުދެކެމޭ ބުނާނެހާވެސް ރަނގަޅު އޯގާތެރިއެކެވެ. އަހަރެމެންގެ ހުރިހާ ކަމެއް ނިމެންދެން އަހަރެމެންގެ ޚިދުމަތުގައި އުޅުނެވެ. ގެއަށް އަންނަމުން އޭނައަށް ވަރަށް ބޮޑަށް އަހަރެން ޝުކުރު އަދާކުރީމެވެ. ހެޔޮ ހިތުންނެވެ. ހެޔޮ ރަހުމަތް ލައްވާތޯ ހިތުގެ އަޑިން ދުޢާ ކުރެވުނެވެ. އަހަރެމެން ގެއަށް އައިއިރު އަހަރެންގެ މަންމަ އާއި ބައްޕަ ގެއަށް އައިސް އުޅެއެވެ. ދަރިފުޅު ބަލި ޚަބަރު ލިބިގެންނެވެ. ގެއަށް އައިސް އަހަރެން ދަރިފުޅުގެ ގާތުގައި އިށީނީ މަންމަމެންނާއި ވާހަކަ ދައްކާށެވެ. އެމީހުން ދަރިފުޅަށް ގެނައި ހަދިޔާތައް ހިފައިގެން އެނދުގައި ދަރިފުޅު އޮތެވެ. އިރުކޮޅެއް ނުވަނީސް ޔާސިރަށް ހޮސްޕިޓަލުން ފޯނެއް އައެވެ. މީހަކު މާބޮޑަށް ބަލިވީ ކަމަށް ޔާސިރު ބުންޏެވެ. އެހާ ބޮޑަށް މީހަކު ބަލިވީމާ ދާން ޖެހޭނެތާއެވެ. އަހަރެން ޔާސިރު ގާތުގައި އަވަހަށް ދާށޭ ބުނެ ފޮނުވައިލީމެވެ. ފަހުން އަހަރެން ހަނދާންވީ ގޮތުގައި ޔާސިރު ދިޔައީ ދަރިފުޅުގެ ބޭސް ސިޓީ ނުލައެވެ. އަހަރެން އެކަމާއި އަޅާނުލާ މަންމަމެން ގާތުގައި ދަރިފުޅު ބަހައްޓާފައި ބޭސް ފިހާރައަކަށް ދާން ސައިކަލަށް އަރައި ދުއްވައިލީމެވެ. ޔާސިރު ބިޒީވުމުން އިތުރު ކަމެއް ނުޖައްސަން ވެގެންނެވެ. އަހަރެން ގޮސް މަޑުކޮއްލީ ހޮސްޕިޓަލުގެ ދޮރުމަތީގައި ހުރި ބޭސް ފިހާރައަކަށެވެ. އަދި ފިހާރައަށް ވަދެ ބޭސް ނަގައިގެން ދަރިފުޅަށް ކާނެ އެއްޗެއް ގަނެލަން ޖެހިގެން ހުރި ފިހާރައަށް ވަނީމެވެ. އަހަރެންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ޔާސިރެވެ. އަދި އަހަރެންނަށް ޚިދުމަތް ދިން ނަރުސް ކުއްޖާ ޔާސިރުގެ އަތުގައި ހިފަހައްޓައިގެން ހުރިތަން ފެނުމުން އަހަރެންނަށް ރޮވުނުވެ. އެއީ ހަމަ ހަގީގަތެއްތޯ ޔަގީން ނުވެގެން ދެލޯ ރަނގަޅަށް ފޮހެލައިގެންވެސް ބެލީމެވެ. އެއީ ހަމަ އެމީހުންނެވެ. އަހަރެން އެފިހާރައަށް ނުވަދެ ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އަދި ޔާސިރު ގެއަށް އަންނަންދެން ކެތް ކޮއްލައިގެން އިނީމެވެ. ހަވީރުވި ފަހުން ޔާސިރު ގެއަށް އައުމުން އަހަރެން އެވާހަކަ ކިޔައި ދޭންފެށީމެވެ. ޔާސިރު އެކަން ދޮގު ކުރާކަށް ނޫޅެއެވެ. އެކަމަށް އެއްބަސް ވިއެވެ. އަދި ވީހާވެސް އަވަހަކަށް ދެއަންބަށް ކައިވެނި ކުރަން ނިންމާފައިވާ ވާހަކަ ބުންޏެވެ. އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ހެންނެވެ. ހެޔަށް ގޮތްވާން ފެށިއެވެ. ނަމަވެސް އަހަރެން ދެވަނަ އަންބެއްގެ މަގާމެއް ބޭނުމެއް ނޫން ކަމަށް ވަރަށް ސާފުކޮށް ބުނީމެވެ. ނަމަވެސް ޔާސިރު ފެށީ ދީނީ ފަޅިންނެވެ. އެއީ ފިރިހެނަކަށް ހަތަރެއް ހުއްދަ ނޫންތޯ ސުވާލު ކުރިއެވެ. އަހަރެން އެއީ ހުއްދަ ކަމެއް ކަމަށް އެއްބަސް ވީމެވެ. ނަމަވެސް އެކަން ހުއްދަވަނީ ހަމަ ހުރެފައި މީހަކު ބޭނުންވީމާ ނޫންކަން ބުނެދިނީމެވެ. އެންމެފަހުން ހަތިޔާރު ބަހައްޓަން ޖެހުނީ އަހަރެންނަށެވެ. ހަތަރު އަނބީން ހުއްދަވީމަ ޔާސިރަށް އެކަން ކުރުމުގެ ހައްގު އެބައޮތެވެ. އަހަރެންނަށް ވިސްނުނީ އަހަރެންގެ ދަރިފުޅުގެ މަތިންނެވެ. ދަރިފުޅަށް އެއްވެސް ކަހަލަ ދެރައެއް ލިބޭކަށް ބޭނުން ނުވާތީ ޔާސިރަށް ހުއްދަ ދިނީމެވެ. އަހަރެންގެ ދުނިޔެ ބަނަވީއެވެ. ވިއްސާރަ ބޯވިލާތަށް ނެގީއެވެ. ކަތުރުފަނި ނުވަންނާނެ ކަމަށް ހިތި ހަޔާތަށް ކަތުރުފަނި ވަނީއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޑަ ސައިފޮދަކާއި އެކު ޔާސިރުގެ ދެވަނަ ކައިވެނި ކުރިއެވެ. ޔާސިރުގެ މޫނުމަތިން އެރޭ ވަރަށް އުފާވެރިކަން ފެނިގެން ދިޔައެވެ. އަހަރެން އެމަންޒަރު ބަލަން ދުރުގައި ދަރިފުޅު އުނގަށް ލައިގެން އިނީމެވެ. ދެވަނަ ކައިވެންޏަށް ފަހުވެސް ޔާސިރު އަހަރެންނާއި ދަރިފުޅަށް ވަރަށް ހެވެވެ. އެއްވެސް ކަހަލަ އުނިކަމެއް ލިބުނަ ނުދެއެވެ. އަހަރެންވެސް އެކަން ބަލައިގަތީމެވެ. އަދި ޔާސިރުގެ ދެވަނަ އަނބިމީހާ އާއި ގުޅުން ބަދަހި ކުރަމުން ދިޔައީ އެތެރެ އަނދާ އަޅިއަށް ވެފައިވާ ހަށިގަނޑަކާއިގެންނެވެ. ޔާސިރަށް އިތުރަށް ބުރަވި ނަމަވެސް އަހަރެން އޭނައަށް ކޮއްދެމުން އައި އެއްވެސް ކަމަކަށް ބުރުލެއް ނައަރުވަމެވެ. ނަމަވެސް އަހަރެންނަށް ކެތް ކުރެވޭނީ ވަކި ވަރަކަށް ތާއެވެ. ފަހަކަށް އައިސް ޔާސިރުގެ ހަނގުއަނބި ގިނައިން އުޅެނީ އަހަރެމެންގެ ގާތުގައެވެ. ތިން ކޮޓަރި ހުންނަ އެޕާރޓްމަންޓަކަށް ވާތީ އެތަނުން އެއް ކޮޓަރީގައި ދުވާލު ގަޑީގައި އޭނަ އުޅެމުން ދިޔައެވެ. ޔާސިރާއި ދެމީހުން ލޯބިން އުޅޭ މަންޒަރު ފެނުން އެއީ އަހަރެންގެ ހިތަށް ކުޅަދާނަވި ކަމަކަށް ނުވިއެވެ. އަދި އެވާހަކަ ޔާސިރުގެ ގާތުގައި ބުނީމެވެ. ނަމަވެސް ޔާސިރު އެގޮތަކަށް އެއްބަސް ނުވިއެވެ. ދެއަނބިން ހަމަހަމަ ކުރަން ވެގެންނެވެ. ނަމަވެސް އެއީ އަހަރެން ގަބޫލުކުރާ ކަމެއް ނޫނެވެ. ދެއަނބިން ހަމަހަމައެއް ނުވާނެއެވެ. އެއީ މިހާރު އުޅޭ ފިރިހެނުންނަށް ނުވާނެ ކަމެއް ކަމަށް އަހަރެން ބުނީމެވެ. އަހަރެންގެ ވާހަކަ އަޑުއަހާފައި ޔާސިރު ބޭރަށް ދިޔައެވެ. އަހަރެންނާއި ޒުވާބު ކުރަން ބޭނުން ނުވާކަމަށް ބުނެއެވެ. އަހަރެން އެވަރުންވެސް ކެތެއް ނުވިއެވެ. އަދި ޔާސިރުގެ ދެވަނަ އަނބިމީހާގެ ގާތުގައި ހަމަ އެވާހަކަ އެގޮތަށް ބުނީމެވެ. ނަމަވެސް މިފަހަރު ވަރަށް ތަފާތެވެ.

"ކަލޭ ތިއީ ބޭކާރު މީހެއް. އަނގަ ނުތަޅާ ހުރޭ" ޔާސިރުގެ އަނބިމީހާ ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. ހޮސްޕިޓަލުން އެފެނުނު އިރާއި މިހާރާއި ތަފާތު ކަމުންނެވެ. މިހާރަކު އެ އޯގާތެރިކަމެއް ނެތެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތެވެ.

"ބޭކާރީ ކަލޭ. ކަލޭ އަހަރެންގެ ފިރިމީހާ ޖަހައިގަތީ. އެހެން މީހަކު ކަލެއަށް ނުވީތަ" އަހަރެންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުނެވެ.

"ކޮން ކަލޭ ކަލޭ ކިޔާކަށް. ދޭ މިތަނުން. ކަލޭގެ ދަރިއެއް ނެތްނަމަ މިއަދު ޔާސިރު ލައްވާ ކަލޭ ވަރި ކުރުވީމުސް" އަހަރެންނާއި ދިމާލަށް އޭނާ އެހެން ބުނުމުން އަހަރެން ވަރަށް ދެރަވެ ހިތުގައި ޖެހުނެވެ. އަހަރެން ޔާސިރަށް ނުވަނީ ކޮން ގުރުބާނީއެއް ހެއްޔެވެ. އަހަރެންނަކީވެސް މޮޅަށް ކިޔަވައިގެން ހުރި މީހެކެވެ. ޔާސިރާއި ކައިވެނިކޮއްގެން އަހަރެން ވަޒީފާ ދޫކޮއްލީ ހަމަ ޔާސިރަށްޓަކައެވެ. ނަމަވެސް އަހަރެންނަށް މިއަދު އެއިން ލިބުނު އެއްވެސް އުފަލެއް ނެތެވެ. އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. އެމަންޒަރު ބަލަން އަހަރެންގެ ދަރިފުޅު ދުރުގައި ހުއްޓެވެ. ދަރިފުޅާއި ދިމާލަށް އަހަރެން ނެއެބުރެމެވެ. އަހަރެންގެ މޫނު އެވަގުތު ދައްކަން ބޭނުން ނުވާތީއެވެ.

"ކޮން ކަންތަކެއް މިހިނގަނީ" އަހަރެން ސިއްސައިގެން ދިޔައީ ޔާސިރުގެ އަޑަށެވެ. އަހަރެން ފަހަތަށް އެނބުރި ބަލައިލީމެވެ. ޔާސިރު ހުރީ ވަރަށް ރުޅިގަދަވެފައެވެ. އައިގޮތަށް އައިސް އަހަރެންގެ މޫނުމަތީގައި ބާރަށް އަތް އެޅިގޮތުން އަހަރެންގެ ނޭވާ ހާސްވާން ފެށިއެވެ. ސަލާމަތަށް އެދި އާދޭސްކޮށް ހަޅޭލަވައިގަނެވުނެވެ. ސަލާމަތްވާން ޔާސިރުގެ އަތުގައި އަހަރެން ބާރަށް ދަތް އެޅީމެވެ. ޔާސިރު ސިއްސައިގެން ގޮސް އަހަރެންގެ އަނގަމަތިން އަތް ނެގިއެވެ.

"ކީއްވެ ދަތް ތިއެޅީ" އަހަރެންގެ ކޮނޑުގައި ހިފައި ޔާސިރު ކޮޅަށް ނެގިއެވެ. އަހަރެން ލޯހުޅުވައިލީމެވެ. އެ ފެނުނީ ހަމަ ހުވަފެނެކެވެ. ކިހާ ބިރުވެރި ހުވަފެނެއް ހެއްޔެވެ. އަހަރެން ޔާސިރުގެ ގައިގައި ބައްދައިލުމަށްފަހު މަޢާފަށް އެދުނީމެވެ. އުފަލުން ޔާސިރު މަޢާފް ކުރިއެވެ. އަހަރެންނަށް ހުވަފެނުން ފެނުނު ގޮތް މެދުވެރި ނުކުރައްވާތޯ ދުޢާ ކުރީމެވެ.

= ނިމުނީ =

+1
4
+1
7
+1
3
+1
4
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް