November 24, 2024 00:38
Advertisement

-Advertisement-

ކުރުވާހަކަ: ހުންނަންތަވީ އުމުރަށް މިހެން

އަބަދު އިވެނީ ރީތި އަންހެން ކުދިންގެ ވާހަކައެވެ. އަބަދުވެސް އެނޫން ވާހަކައެއް އަޑެއް ނީވެއެވެ. ސްކޫލުގެ ތެރެއިން ވެސް ފެންނަނީ އެމަންޒަރެވެ. މަދު ކުއްޖަކު ނޫނިއްޔާ ހުސްކޮށް ހުންނަ ކުއްޖަކު ނުހުރެއެވެ. އަހަރެންނަށް ވެސް ވަރަށް ގިނަ ހުށަހެޅުންތައް ލިބުނެވެ. ނަމަވެސް އަހަރެން ގަޔާވާ ކުއްޖަކާއި ދިމާނުވަނީއެވެ. ބައެއް މީހުން ދެކޭ ގޮތުގައި އަހަރެންގެ ޒާތްކޮޅު ބޮޑީއެވެ. ތެދަކަށްވެސް ވެދާނެއެވެ. އަހަރެންނަކީ ކޮންމެ ކޮންމެ ކަހަލަ ކަމެއް ރަނގަޅު ރީތިވާ މީހެއް ނޫނެވެ. އަންހެންކުއްޖެއް ވިއްޔާވެސް ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ. ހެދުން އެޅުމާއި އުޅޭ ގޮތެވެ. ކޮފީތަކަށް ދިއުމާއި އަބަދު ބޭރުގައި އުޅުމަކީ އަހަރެން ގަބޫލުކުރާ ކަމެއް ނޫނެވެ.

ކުއްޖަކާއި ރައްޓެހިވުމުގެ ކުރިން އަހަރެން ބޭނުންވީ ފުރަތަމަ ރަނގަޅު ތަޢުލީމެއް ހޯދާށެވެ. އެކަމަށް ގަދައަޅާ މަސައްކަތް ކުރީމެވެ. ސްކޫލް ނިމިގެން ގެއަށް އައިސް އަބަދުހެން ކަހަލަ ގޮތަކަށް އިންނަނީ ކިޔަވާށެވެ. ކުދިން ޓިއުޝަން ކްލާސްތަކަށް ދިޔަޔަސް އަހަރެން ބޭނުންވަނީ ގޭގައި އެކަނި އިނދެ ކިޔަވާށެވެ. އެހެން ކުދިންނަށް ވުރެ މޮޅުވާން ބޭނުންވެފައިވާ ބޮޑު ކަމުންނެވެ. ނަމަވެސް ބައެއްފަހަރު ނޭނގޭ ފިލާވަޅުތައް ކްލާސް ގަޑީގައި ޓީޗަރު ގާތުގައި އަހައިގެން އޮޅުން ފިލުވާތީ ޓީޗަރުންވެސް ތިބެނީ ވަރަށް އުފަލުންނެވެ. އަހަރެންނަށް ކިޔަވައިދިނުން އެއީ އެމީހުންނަށް ލިބޭ އުފަލަކަށް އޮންނަނީ ވެފައެވެ. އަހަރެންގެ މައިންބަފައިންވެސް އެކަމަށް ވަރަށް އުފާ ކުރެއެވެ. އަދި އަހަރެން ކިޔެވުމަށް ބޭނުންވާ ކޮންމެ ކަމެއްވެސް ވަރަށް އުފަލުން ކޮއްދެއެވެ. އަހަރެންނަކީ ފިރިހެން ކުއްޖަކަށް ވީނަމަވެސް އަހަރެން ލައްވާ އެއްވެސް ކަމެއް ނުކުރުވައެވެ. އެހެންވުމުން އަހަރެންގެ ހުރިހާ ވަގުތެއް ކިޔެވުމަށް ހުސްކުރަން ވަރަށް ފަސޭހައެވެ.

އަހަރެން ގްރޭޑް ދިހައެއްގައި އުޅުނު އަހަރެވެ. ސްކޫލުގެ އެންމެ ފަހު އަހަރު ކަމަށް ވުމުން އަހަރެންގެ މަސައްކަތް ދެގުނަ އިތުރު ކޮއްލީމެވެ. އެންމެ ފަހު އަހަރުވެސް ރަނގަޅު ނަތީޖާ އާއި އެކު ސްކޫލް ނިންމާލާށެވެ. އެންމެފަހުން މަންމަގެ އެދުމަށް ނަތީޖާ ރަނގަޅުކޮށް އަހަރެންނަށް ލުއި ކުރުމަށް ގެއަށް ޓިއުޝަން ޓީޗަރެއް ގެނައުމަށް އެއްބަސްވީމެވެ. އަހަރެން އެހާ ބޭނުން ކަމަކަށް ނުވި ނަމަވެސް މަންމަގެ އެދުމަށް ނޫނެކޭ ބުނަން ނުކެރުނީއެވެ. ކޮންމެ މަންމައަކުވެސް ބޭނުންވާނީ އެމީހާގެ ދަރިފުޅަކީ އެންމެ މޮޅު އެންމެ ރަނގަޅު ކުއްޖަކަށް ވުމަށެވެ. އެގޮތް ނޭދޭނެ މީހަކު ނުހުންނާނެއެވެ. ތިމާއަށް ލިބެން ނޭދޭ އުފަލެއް އެހެން މީހަކަށް ލިބުމަށް އެދެނީ ހަމަ އެކަނި މައިންބަފައިންނެވެ.

Advertisement

އަހަރެންގެ ނަސީބު ވަރަށް ރަނގަޅެވެ. މަންމަ ހޯދައިދިނީ އަހަރެންގެ ސްކޫލްގެ ޓީޗަރެކެވެ. އަހަރެން ވަރަށް އުފާވިއެވެ. އެއީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ ޓީޗަރަކަށް ވާތީއެވެ. މަންމަމެން އަހަރެންނަށް ކިޔެވުމަށް ވަކި ކޮޓަރިއެއް ހަމަޖެއްސިއެވެ. ގޭތެރެއިން އެއްވެސް އުނދަގުލެއްވާން ބޭނުން ނުވާތީއެވެ. އަދި އަހަރެން ކިޔެވުމަށް ކޮޓަރި ތައްޔާތު ކޮއްލަދިނެވެ. އެކަމަކު އަހަރެންގެވެސް އެދުމާއި އެކު ޓީޗަރު އަންނަން ހަމަޖެއްސީ ރޭގަނޑުގެ ގަޑީގައެވެ. އަހަރެން އިޝާ ނަމާދުކޮށް ކައިގެން ހަމަޖެހިލެވޭހާ ގަޑިއަށެވެ. ޓިއުޝަން ނަގަން ފެށުމުން އަހަރެންނަށް ކުރިން ހީވެސް ނުކުރާހާ ކުރިއެރުން ލިބެން ފެށިއެވެ. އަދި ޓިއުޝަން ގަޑި ނޫން ގަޑިތަކުގައިވެސް އެއްޗެއް އޮޅުން ފިލުވަން ބޭނުމިއްޔާ ގުޅާލަން ބުނެ އަދި ކޮންމެ ގަޑިއެއްގައިވެސް ގުޅާ ނޭނގޭ އެއްޗެއް އޮޅުން ފިލުވައިލެވޭތީ އަހަރެންނަށް ވަރަށް ފަސޭހައެވެ. އަދި އެހެން ޓީޗަރުންނާއި ވަރަށް ތަފާތެވެ. އޯގާތެރި ކަމާއި ލޯތްބާއިއެކު އަހަރެންގެ ސިކުނޑިއަށް ވިސްނޭ ގޮތަކަށް ކިޔަވައި ދެއެވެ. އަދި އަހަރެންނަށް ފިލާވަޅު ނޭނގިގެން ކިތަންމެ ފަހަރަކު އެހިޔަސް އެއްވެސް ޝަކުވާ ކީއްކުރަން މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އެއްވެސް ކަހަލަ ކުލަވަރެއްވެސް ނުދެއްކުމަކީ އަހަރެން ވަރަށް ގަޔާވި ކަމެކެވެ.

ޓާމް ޓެސްޓް ގާތްވަމުން ދިޔަ ދުވަސްވަރެވެ. ޓީޗަރުވެސް އަހަރެންނަށް އިތުރު ވަގުތު ދެމުން ދިޔައެވެ. އެއްރޭ އަހަރެން ކިޔަވަން އިންދާ މަދިރިއެއް ހެފުމުން އަހަރެން ސިއްސައިގެން ދިޔައެވެ. އަދި އަހަރެންގެ ފައި ގޮސް ޖެހުނީ ޓީޗަރުގެ ފައިގައެވެ. އަހަރެން ވަގުތުން ސޮރީއޭ ބުނެލީމެވެ. "އިޓްސް އޯކޭ" ބުނެ ޓީޗަރުގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނުވިއެވެ. ނަމަވެސް އަހަރެންނަށް އިސްއުފުލާ ބަލާލާކަށްވެސް ނުކެރިފައި އިންދާ އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ޓީޗަރެވެ. ލަދު ނުގަތުމާއި ކިޔެވުމާއިގެން ކުރިއަށް ދާން ނަސޭހަތް ދިނެވެ. ކިހާ ރަނގަޅު އޯގާތެރި ޓީޗަރެއް ހެއްޔެވެ. އަހަރެންނަށް ކިޔަވައި އެދެނީވެސް ކިހާ ލޯބިންހެންނެވެ.

އަހަރެން ޓިއުޝަން ނަގަންފެށިތާ މަހެއް ނުވަނީސް ޓީޗަރު އަހަރެންނަށް ގުޅައި ހާލު ބަލަން ފެށިއެވެ. އަދި ފިލާވަޅު ދަސްކުރުމަށާއި ނޭނގޭ އެއްޗެއް އޮވެއްޖެއްޔާ އަބަދުވެސް ސުވާލު ކުރުމަށް އެދެއެވެ. ނަމަވެސް އަހަރެން އިސްވެ ސުވާލު ކުރާވަރެއް ނުވެއެވެ. އަބަދުވެސް އަރެންގެ ލޯބިވާ ޓީޗަރު ގުޅައެވެ. އެގާތްކަން ދުވަހެއް ދުވަހަކަށް ދިޔައީ ގާތްވަމުންނެވެ. އަހަރެންނަށް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރެވެން ފެށުނެވެ. ޓީޗަރުގެ ފޯނު ކޯލް ތަކަށް އިންތިޒާރު ކުރެވެން ފެށުނެވެ. އަދި ޓިއުޝަން ގަޑިއަށް މާކުރިން ތައްޔާރުވެވެއެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް ޓީޗަރަށް ބަލައިލެވެއެވެ. ގިނަ ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެއެވެ. އަހަރެން ލަދުން އިސްޖަހާލަނީއެވެ. ޓީޗަރުގެ މޫނުމައްޗަށްވެސް ލަދުރަކި ހިނިތުންވުމެއް ގެނުވައެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ޓީޗަރެވެ. އަހަރެންނަށް ވުރެ ދިހަ އަހަރު ދޮށީ އަންހެނެކެވެ. އަހަރެންނަށްވުރެ މޮޅަށް ކިޔަވައިގެން ގައުމުގެ ދަރިން ބިނާ ކުރަން މަސައްކަތް ކުރާ އިޚްތިރާމް ލިބިގެންވާ ޓީޗަރެކެވެ. އަދި އަހަރެންގެ ފަރާތުން އެކަހަލަ މަންޒަރެއް ފެނި އެކަމާއި ޓީޗަރު ނުގަބޫލު ވެއްޖެއްޔާ އަހަރެން މުޅި ދުނިޔެއަށް ބޭޒާރު ވާނެއެވެ. އެދުވަހުން އަހަރެންގެ އެއްވެސް އަގެއް ނުއޮންނާނެއެވެ. އަހަރެންގެ މައިންބަފައިންނަށް ގެއިން ބޭރަށް ނިކުންނަން ނުކެރޭނެއެވެ. އެމީހުން އަހަރެންނަށް ދިން ތަރުބިއްޔަތު ބޭކާރުވާނެއެވެ. ކޮންމެ ރެއަކުވެސް އަހަރެން ނިދީގައި ފެންނަނީ އޭނާއެވެ. އައިޝާއެވެ. ކިހާ ރީތި ނަމެއް ދޯއެވެ. ރަކި ހިނިތުންވުމާއި އެކު ފެންނަ އިރު ވަކިން ރީއްޗެވެ.

"ކީއްވެ އަހަރެންގެ މޫނަށް ތިބަލަނީ. ފިލާވަޅު އޮތީ އަހަރެންގެ މޫނުގައިތަ" އަހަރެން ޓީޗަރު އައިޝާއަށް އަހަރެން ބަލާކަން އެނގިގެން ސުވާލު ކޮއްލިއެވެ.

އެސުވާލާއި އެކީ އަހަރެންގެ މުޅި ހަށިގަނޑު އެކީ ފިނިވެ އަނގައިން ބަސްހުއްޓުނެވެ.

"ތިއީ ފިރިހެނެކޭ. ހާދަ ލަދުން ތި އުޅެނީ. ތި ބުނަން ބޭނުންވާ އެއްޗެއް އަހަރެންގެ ގާތުގައި ބުނެބަލަ" ޓީޗަރު އަހަރެންގެ އަތުގައި ފުރަތަމަ ފަހަރަށް ހިފިއެވެ. ތެދެކެވެ. އަހަރެންނަކީ ފިރިހެނެކެވެ. ފިރިހެނުންނަކީ ވަރަށް ކެރެންޖެހޭ ބައެކޭ އަބަދުވެސް މީހުން ބުނާތީ އަޑު އަހަމެވެ. އަހަރެން ދެރަވާކަށް ބޭނުމެއް ނޫނެވެ.

"ވަރަށް ރީތި" އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

"ކާކު؟ ކާކު؟" ޓީޗަރު އެހިއެވެ.

"ޓީ. ޓީ. ޓީޗަރު" އަހަރެން ހުއްޓެމުން ހުއްޓެމުން ބުނެވޭތޯ މަސައްކަތް ކުރީމެވެ.

"ނޮޓް ޓީޗަރ. އައިޝާ. ދެން އައިޝާ ކިޔާ" އައިޝާ އައިސް އަހަރެންގެ އަތަށް ފިތައިލިއެވެ. އަހަރެންނަށް ލަދުން ހުރެވުނު ތަނެއްވެސް ނޭނގުނެވެ.

އެރެއަށްފަހު އަހަރެންގެ ހިތުގައި އައިޝާގެ ނަން ލިޔެވުނެވެ. ދުވަކުވެސް ނުފޮހެވޭނެ ދެއްޔަކުންނެވެ.

އަހަރެންގެ ކިޔެވުން ނިމެން ގާތްވި ވަރަކަށް އަހަރެންގެ ހިތުގައި އައިޝާގެ ހަނދާންތައް އާވަމުން ދިޔައެވެ. އެކަމަކު އެކަމެއް އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނޫނެވެ. އެއީ އަދި ސްކޫލް ނުނިމޭތީއެވެ. ގަދަ ހިތްވަރާއި އެކު އަހަރެން ކިޔެވުމާއިގެން ކުރިއަށް ދިޔައީ އައިޝާގެ ވެސް އެހީތެރިކަމާއި އެކުގައެވެ. އަދި މަންމަ ޓީޗަރަށް ދޭ ފީ އަހަރެމެންގެ ކައިވެންޏަށް ފޮރުވަމުން ދިޔައީމެވެ.

އަހަރެން ސްކޫލް ނިމި ވަޒީފާ ލިބުނު ދުވަހެވެ. ސްކޫލް ނިމުނުތަނާހެން ވަޒީފާއެއް ލިބުނެވެ. އަހަރެން ބޭނުންވީ މަންމަ އާއި މިވާހަކަތަށް ހިއްސާ ކުރާށެވެ. އަހަރެމެންގެ ކައިވެނީގެ ކަންތަކެވެ. ކައިވެނި ކުރާނެ ތާރީހަކާއި އެހެނިހެން ކަންތައް ހަމަޖެއްސޭނީ އެއިރުންތާއެވެ. އަހަރެން އޮފީހުން ނިމިގެން ގެއަށް އައިއިރު މަންމަ ސިޓިންގ ރޫމްގައި އިންދާ ފެނިގެން މަންމަގެ ގާތަށް ޖެހިލީމެވެ.

"އެބައޮތް ވާހަކައެއް ދައްކާލަން" އަހަރެން މަންމަގެ ގާތުގައި ބުނެލީމެވެ.

"މީހަކާއި އިންނަން ދޯ. ދަރިފުޅު އަވަހަށް އިނދޭ" މަންމަގެ އެޖުމްލައިން އަހަރެންގެ ހިތް އުފަލުން ފުރުނެވެ.

"ލައްބަ. ލައްބަ" އަހަރެން ވަރަށް އަދަބުވެރިކަމާއި އެކު ބުނެލީމެވެ.

"އެއީ ކާކު. އަދިވެސް މަންމަމެންނަކަށް ނުދައްކަމެއްނު" މަންމަ ބޭނުންވީ އެކުއްޖާ އަކީ ކާކުތޯ ބަލާލުމަށެވެ.

"އައިޝާ" އަހަރެންނަށް ބުނެވުނެވެ.

"ޓީޗަރ؟ އެކަމަކު އެއީ ދަރިފުޅުގެ އުމުރާއި ގުޅޭ އަންހެނެއްވެސް ނޫނެއްނު" މަންމަގެ ރާގު ބަދަލުވިއެވެ.

"މަންމާ އުމުރު އެއީ ނަމްބަރެކޭ" އަހަރެން މަންމައަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ.

"ހެޔޮ ނަމްބަރަކަސް. އެހެން މީހަކާއި އިނދޭ. ތިކަމަކާއި ގަބޫލެއް ނޫން" މަންމަގެ އެޖުމްލަތައް އަހަރެންގެ ހިތް ފޫއަޅުވަމުން ދިޔައެވެ.

އިތުރަށް މަންމަ އާއި ބަހުސް ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެވާހަކަ އަހަރެން އައިޝާގެ ގާތުގައި ބުނީމެވެ. އައިޝާއަށް ވީގޮތް ފެނިފައި އަހަރެން ވަރަށް ދެރަވިއެވެ. އަދި މުޅި ރަށުތެރޭގައި އެވާހަކަ ވަރަށް ބާރަށް ފެތުރުނެވެ. އަހަރެން މުސްކުޅިއަކާއި އިންނަން އުޅޭ ވާހަކައެވެ. އަދި އަހަރެންގެ ރައްޓެހިން އަހަރެންނާއި ދިމާކުރަމުން ދިޔައެވެ. އުމުރު ތަފާތު ވުމަކީ މައްސަލައެއް ހެއްޔެވެ. ދެމީހުން ލޯބިވަންޏާ އެނިމުނީ ނޫންހެއްޔެވެ. ކައިވެނި ކުރަން ޖެހެނީ ވަކި ވަޒީފާއެއްގައި އުޅޭ ވަކި އުމުރެއްގެ މީހަކާއި ހެއްޔެވެ. އެކަމެއް އަހަރެން ގަބޫލެއް ނުކުރަމެވެ. އަދި އައިޝާވެސް ގަބޫލެއް ނުކުރެއެވެ. ނަމަވެސް އަހަރެންގެ މަންމަ އާއި ރައްޓެހިން ދިމާ ކުރާވަރުން އެކަމެއް ކުރާކަށް ނުކެރުނެވެ. އެކަމަކު އަދިވެސް އަހަރެމެން ދެމީހުންނަކީ ދެލޯބިވެރިންނެވެ. ބަޔަކު ކިޔާހާ އެއްޗެއް އަޑު އަހައިގެން އުމުރަށް މިހެން ހުންނަންވީ ހެއްޔެވެ.

= ނިމުނީ =

+1
2
+1
2
+1
10
+1
0
+1
2
+1
1
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ބޮޑަށް ކިޔާހިތްވަނީ ދިގުވާހަކަތައް. މިޒަމާނާއި ގުޅޭ ތަފާތު ލޯބީގެ ވާހަކައެއް ގެނެސްދީބަލަ. ބިރުވެރި ވާހަކަތައް އަޅުގަނޑަށް ކިޔާކަށް ނުކެރޭ ބިރުން. ލޯބީގެ ދިގު ވާހަކައެއް ގެނެސްދޭނެ ކަމުގެ އުންމީދުގައި….

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް