November 27, 2024 21:12
Advertisement

-Advertisement-

މިސަރުކާރުން ހަދަމުން އަންނަ ފްލެޓުތައް

ފްލެޓުގެ އިންތިޒާރުގައި މުޅިއުމުރު ހޭދަކުރި މީހުންގެ ހިތްދަތިކަން އިންތިހާއަށް!

ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަވި އެންމެންނަށް ފްލެޓު ލިބޭނެކަމަށް ބުނުމުން އެތައްހާސް ބަޔަކު ދިޔައީ އެކަމާ އުފާފާޅުކުރަމުންނެވެ. ސޯޝަލް ހައުސިންގ ފްލެޓު ހޯދުމަށް ފޯމުލުމަށް ސަރުކާރުން އިއުލާން ކުރުމާއެކު 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއެވެ. މީގެތެރެއިން 13000 މީހުންގެ ޝަރުތު ހަމަވިކަމަށް ނިންމާ 'ފްލެޓު ލިބޭނެ' ކަމަށް ސަރުކާރުން ދިޔައީ ބުނަމުންނެވެ.

އެހެންނަމަވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނިންމަމުން އަންނަނީ 4000 ފްލެޓެވެ. ރިޔާސީ އިންތިޚާބުގެ ކުރިންވެސް މި 4000 ފްލެޓު 13000 މީހުންނަށް ދޭނީ ކިހިނެއްތޯ ބުނެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

4000 ފްލެޓު ލިބޭނެ މީހުންގެ ނަންތައް ސަރުކާރުން އިއްޔެ އިއުލާން ކުރުމާއެކު އެތައްބަޔަކަށް ލިބުނީ ހިތްދަތިކަމެކެވެ. އުމުރު ދުވަހު ދަތިހާލުގައި އުޅުނު އެތައް އާއިލާއަކަށް ފްލެޓު ނުލިބި ދަށުން ޕޮއިންޓް ލިބިފަ އެބަހުއްޓެވެ. ފުރަތަމަ 4000 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓްތައް ލިބެނީ ދާއިމީ ލިސްޓުގައި 76 އަށްވުރެ ގިނައިން ޕޮއިންޓް ލިބޭ މީހުންނަށެވެ. އަދި ދެކޮޓަރީގެ އެޕާޓްމަންޓްތައް ލިބެނީ 73 އަށްވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ. އެއަށްވުރެ މަދުން ޕޮއިންޓް ލިބުނު މީހުންނަށް މިޖެހުނީ ފްލެޓެއް ލިބޭތޯ އަނެއްކާވެސް ދިގުއިންތިޒާރެއް ކުރާށެވެ. 

Advertisement

ޖުމްލަ ލިބުނު ޕޮއިންޓްގެ އަދަދު ޖަހާފަ ހުރިކަމުގައިވިއަސް އެޕޮއިންޓްތައް ލިބުނު ގޮތުގެ ތަފްސީލް އެނގެން ނެތެވެ. ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ދަނީ ފްލެޓު ލިސްޓާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

" މާލޭގައި ކުއްޔަށް އުޅޭތާ 32 އަހަރުވީ. ވަޒީފާއަށް ދަނީ ކުލިދައްކަން ފައިސާ ހޯދަން. ޕާޓްޓައިމްކޮށް ވިއަސް ދެތިންހަތަރު ވަޒީފާ އަދާކޮށްގެން ދެކޮޅުޖެހެނީ. މީހަކާ އިނދެ ދިރިއުޅުންފެށި 18 އަހަރު ނުވާ 3 ދަރިންވެސް އެބަތިބި. ސަރުކާރުގައި އުޅެ މުސްކުޅިވިއިރުވެސް އެއްވެސް ކެޓަގަރީއަކަށް ލައްވައެއްނުލާ. މިބުރުވެސް ފްލެޓެއް ނުލިބުނު" ކަންބޮޑުވުމާއެކު މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ.

" އިންތިހާއަށް ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ބަޔަކަށް ޝަރުތުހަމަވެޔޭ އަދި ފްލެޓު ދޭނަމޭ ބުނެ ވާހަކަދެއްކުން އެއީ އެބައި މީހުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. ރަށްރަށުގައި ދިރިއުޅޭ މީހުންނާއި މާލެ ބަދަލުވެފަ އަހަރު ނުވާ މީހުންވެސް ހަތަރުހާސް ފްލެޓު ލިބޭ މީހުންގެތެރޭގައި ހިމެނުމަކީ މުޅި އުމުރު މާލޭގައި ގަނަތެޅޭ މީހުންނަށް ކުރި މަލާމާތެއް". ފްލެޓު ލިސްޓާއި މެދު ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

ގެދޮރުވެރިޔާގެ ސްކީމުން ޝަރުތު ހަމަވެ ފުރަތަމަ ދޫކުރާ 4000 ފްލެޓު ނުލިބޭ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ލިޔުމެއް ފޮނުވުމަށް ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައެވެ. އެއީ ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން ފްލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމުގެ ލިޔުމެކެވެ. އެކަމަކު އެފްލެޓް ލިބޭނެ ދުވަހެއް ބުނެދޭން ނޭނގެއެވެ. 

ހިޔާ މަޝްރޫޢު 2018 ގައި ލިސްޓް އާންމުކުރިއިރު ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލް ހިމަނާފައިވިއަސް މިފަހަރުގެ ލިސްޓުގައި މިގޮތަށް ތަފްސީލެއް ނެތް

ރައީސް ސާލިހްގެ ސަރުކާރުން ފްލެޓް ދޭނެ މީހުންގެ ލިސްޓް އާންމު މިކުރީ އެ ފްލެޓުތައް ދޭން އުޅެނީ އިންސާފުވެރިކޮށް ނޫންކަމަށް ބުނެ އެމައްސަލަ ބަލައިދިނުމަށް އޭސީސީއަށް ހުށަހަޅާފައިވަނިކޮށެވެ. ގިނަ ބައެއްގެ ކަންބޮޑުވުމަކީ ހަމައެކަނި ހުށަހެޅި ލިޔުމަށް ބެލުމަށްފަހު ސަރުކާރުން ބޭނުންގޮތަކަށް ފްލެޓް ދީފައިވާތީއެވެ. ދިރިއުޅުމުގެ ހާލަތު ބެލުމަށް އަދި އެ މައުލޫމާތުގެ ސައްޚަކަން ކަށަވަރުކުރުމަށް މަސައްކަތްކޮށްފައި ނުވާތީއެވެ.

+1
1
+1
1
+1
2
+1
3
+1
0
+1
0
+1
8

Advertisement

ގުޅުންހުރި ލިޔުންތައް