ފަހަތުން ކަރުކެހިލި އަޑަށް ދެމީހުން ދިޔައީ ސިއްސައިގެންނެވެ. ދެމީހުންނަށް ދުރަށް ޖެހިލެވުނެވެ. ފަހަތުހައި ހަމީދާ ހުއްޓެވެ. ހަމީދާ އަކީ ކާކުކަން ވަރަށް ރަނގަޅަށް އައިޝާ އަށް އެނގެއެވެ. ވާހަކަ ދައްކާއިރު އެދެއްކެނީ ތެދު ވާހަކައެއްތޯވެސް ނުބަލާނެއެވެ. ހަމީދާގެ ކަމަކީ ރަށުތެރޭގައި ވާހަކަ ހިފައިގެން ހިނގުމެވެ. އޭނާ ނުރުހޭ މީހެއް ވިއްޔާ އެވާހަކައެއް ހުއްޓައެއް ނުލާނެއެވެ.
"އަޅެ ކަލޭމެން ޝޯ ކުޅެނީތަ. އެންމެން އެތިބީ ސްޓޭޖް ކައިރީގައި. ކަލޭމެން ދެމީހުން މިތާ މާ ފޮޅުވަން" ހަމީދާ ވާހަކަފެށިއެވެ.
"ހަމީދާއްތަ ކޮންތާކަށް ތި ދަނީ" އައިޝާ ވަރަށް ލޯބިން އަހައިލީ ހަމީދާ ހަމަޖެއްސުމަށެވެ.
"ބަލަ އަހަރެންނަށް މާދުރުން ތި ދެމީހުން ފެނިގެންނޭ މިއައީ" ހަމީދާ ހޭންފެށިއެވެ.
"ޝަރުވާން މިތާގައި ހުއްޓާ ފެނިގެން މަޑުކޮއްލީ" އައިޝާ މަޢުޟޫ ބަދަލުކޮއްލެވޭތޯ މަސައްކަތް ކުރިއެވެ.
"އޯހް. ތިހެންދޯ ތިވީ. އެކަމަކު ވެދާނެ ދައްތަގެ ލޮލުގެ މައްސަލައެއް އުޅެނީކަމަށް" ހަމީދާ ލާނެތް ފާޑަކަށް ހީލާފައި ހިނގައިގަތެވެ.
ނަމަވެސް ހަމީދާ ދިއުމުންވެސް އައިޝާގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ހިތް ބާރުބާރަށް ތެޅެން ފެށުނެވެ. ދެން ރަށުތެރޭގައި މި ވާހަކަ ފެތުރިދާނެތީއެވެ. އައިޝާއަށް ހަމީދާ ވަރަށް ރަނގަޅަށް އެނގެއެވެ. ކޮއްފައި ނުކުރާނެ ކަންތައްވެސް އެނގޭތީއެވެ. ހަމީދާ ހިނގައިގަތީވެސް ޝަރުވާންގެ މަންމަމެންނާއި ދިމާލަށެވެ. ޝަރުވާންވެސް އެދިމާލަށް ހިނގައިގަތުމުން އައިޝާ އެކަން ހުއްޓުވިއެވެ. ހަމީދާ އާއި އެކުއެކީގައި އެދިމާލަށް ދިޔަ ނުދިނުމަށެވެ. ހަމީދާ އަށް ޝަރުވާންގެ މަންމަ އާއި ހަމައަށް ފޯރުމުގެ ކުރިން އޭނާގެ އަނގަ ހުއްޓުވަން ޖެހެއެވެ. އައިޝާ ހަމީދާގެ ފަހަތުން ދުވެފައި ގޮސް ހަމީދާގެ އަތުގައި ހިފެހެއްޓިއެވެ.
އަދި ވަރަށް އާދޭހާއިއެކު އެވާހަކަ އެއްވެސް މީހަކު ގާތުގައި ނުބުނުމަށް އެދުނެވެ. އެކަން އެގޮތަށް ކޮއްލަދީފި ނަމަ ހަމީދާ އެދުނު ކޮންމެ ކަމެއް ކޮއްލަ ދޭނެކަމަށް އެދުނެވެ. ހަމީދާވެސް އެކަމަށް އެއްބަސްވިއެވެ. ދުވަހަކުވެސް އެވާހަކަ ނުދައްކާށެވެ. އަދި އެކަމާއި ގުޅިގެން އައިޝާއަށްވެސް އެއްވެސް ބިރެއް ނުދެއްކުމަށް އެއްބަސްވިއެވެ. އައިޝާއަށް އުފަލުން ފޮޅުނެވެ. ކޮންމެފަދަ އަގެއް ދީފައި ނަމަވެސް ހަމީދާގެ އަނގަ ބަންދު ކޮއްލެވުނީމައެވެ.
"ވަރަށް ދަތިކޮށް މިއުޅެނީ. އަނެއްހެން ކަމެއް ބޭނުމެއް ނޫން" ހަމީދާ ބުނެލިއެވެ.
"ކޮންކަމެއް ބޭނުމީ" އައިޝާ އަވަސް އަވަހަށް އަހައިލިއެވެ.
"އެންމެ ފަސްހާސް ރުފިޔާ. ވަރަށް ދަތިކޮށް ދައްތަ މިއުޅެނީ. އެހެންނޫނަސް މިއީ އެހާ ބޮޑުކަމެއްވެސް ނޫނެއްނު ކޮއްކޮއަށް" ހަމީދާ ބުނެލިއެވެ.
"ލައްބަ މާދަމާ އާދޭ އަހަރެމެންގެ ގެއަށް. ހަމަޖައްސާފައި ބަހައްޓާނަން" އައިޝާ ޖަވާބު ދިނެވެ.
އެހިސާބަށް ބުނެވުނުތަނާހެން ޝަރުވާންގެ މަންމަ އާއި އޭނާގެ އެކުވެރިންތަކެއް އައިސް އެހިސާބަށް އަރައި ހަމަވިއެވެ. އަދި ޝަރުވާންގެ މަންމަ ހުއްޓުމުން އެމީހުންވެސް ހުއްޓުނެވެ. އަދި ޝަރުވާނަށް ނުރުހުމުގެ ގޮތުން ބަލައިލިއެވެ. ކުރިންވެސް ޝަރުވާން އައިޝާ އާއި ވާހަކަ ދައްކަން މަންމަ ބޭނުމެއް ނުވާކަން އޮތީ އަންގައިފައެވެ.
"ހަލީމާއްތާ. ކޮންތާކަށް ތިދަނީ" އައިޝާ އިސްވެ ޝަރުވާންގެ މަންމަ އާއި ވާހަކަ ދެއްކި ނަމަވެސް ހުރީ ވަރަށް ޖެހިލުންވެފައެވެ.
"އީދު ކުޅިވަރު ބަލަން މިއައީ" ޝަރުވާންގެ މަންމަ ހަލިމާ ދިނީ ކުރު ޖަވާބަކެވެ. ހަލީމާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އެއިރު އެމަންޒަރު ބަލަން ދުރުގައި ޝަރުވާން ހުއްޓެވެ. ހަލީމާ ހިނގައިގަތުމުން ޝަރުވާންވެސް ހިނގައިގަތެވެ. މަންމަގެ ރުޅިވެރިކަމުން ސަލާމަތް ވުމަށެވެ. ވަރަށް ބަސްއަހާ ކުއްޖެއްހެން ޝަރުވާން އޭނަގެ މަންމަ އަތުގައި ހިފަހައްޓައިގެން ހިނގަމުން ދިޔަނަމަވެސް ފަހަތަށް އެނބުރި އައިޝާއަށް ބަލައިލެވެއެވެ. އައިޝާވެސް ހުއްޓި ހުރީ ޝަރުވާނަށް ބަލަހައްޓައިގެންނެވެ. ދެން ކަންތައް ވެދާނެ ގޮތަކާއި މެދު ވިސްނޭ ކަހަލަ ގޮތަށެވެ. ޝަރުވާނާއި މަންމަ ގޮސް ސްޓޭޖް ކައިރީގައި މަޑުކޮއްލީ އެކުއެކީގައެވެ. އެތާގައި ހުރި ނަމަވެސް ޝަރުވާންގެ ހިތްވަނީ އައިޝާގެ ގާތުގައެވެ. ދޭތެރެއަކުން އައިޝާ ފެނޭތޯ ވަށައިގެން ހޯދައިލަނީ މަންމައަށް ވަރަށް ސިއްރުންނެވެ. މަންމަ ދޭތެރެއަކުން ޝަރުވާންގެ ހަރަކާތަށް ބަލާލައެވެ. ޝަރުވާން ހިތަށް ފިނިކަމެއް ލިބުނީ އައިޝާ ޝަރުވާންމެންނާއި ދިމާލަށް އަންނަ މަންޒަރު ފެނުމުންނެވެ. ނަމަވެސް އެއައި ގޮތަށް އައިސް އައިޝާ ހުއްޓުނީ މާދުރަށެވެ. ޝަރުވާންމެންގެ ގާތަށް ހުއްޓެން ނުކެރުނީއެވެ. އީދު ޝޯ ނިމުނީ ވަރަށް ލަހުންނެވެ. ޝަރުވާންގެ މަންމަ ހަލީމާ ބޭނުންވީ ހުރިހާ ކަމެއް ނިމެންދެން މަޑުކޮއްލާށެވެ. ބަސްއަހާ ކުޑަކުއްޖެއްހެން ޝަރުވާން އޭނަގެ މަންމަ ގާތުގައި މަޑުކޮއްލިއެވެ. ކުޅިވަރުތައް ނިމުމާއި އެކު ޝަރުވާނާއި މަންމަ ގެއަށް ދާން ހިނގައިގަތީ އަތިރި މަގުންނެވެ. ތަންކޮޅެއް އަވަހަށް ގެއަށް ދެވޭނީ އެމަގުން ދިޔައީމައެވެ. ޝަރުވާން ގެއަށް ވަނުމާއިއެކު އަވަސްވެގަތީ ނިދާލުމަށެވެ. ފަތިހު މަންމަ ގޮވާނެކަން އެނގޭތީ ނިދި ހަމަކޮއްލުމަށެވެ. ޝަރުވާން ގޮސް އެނދުގައި އޮށޯވެލި ނަމަވެސް ލޮލަށް ނިންޖެއް ނައެވެ. މިރޭ ކަންތައްވީ ގޮތުންނެވެ. އެއީ ދުވަހަކުވެސް ޝަރުވާން އުންމީދު ކުރި ކަމެއް ނޫނެވެ. އަދި ކުރަން ބޭނުންވި ކަމެއްވެސް ނޫނެވެ. ތަގުދީރަށް ހުރަސް އެޅޭނީ ކާކަށް ހެއްޔެވެ. އެއީ ތަގުދީރު ނިޔާ ކުރި ގޮތެވެ.
ފަތިހުގެ އެންމެ ހިތްގައިމު ގަޑިއެވެ. އެންމެ ނިދިގަދަވެގެން ދިޔަ ގަޑިއެވެ. ޝަރުވާން ސިއްސައިގެން ދިޔައީ ފައިގާ އެއްޗެއް ޖެހުނުހެން ހީވާތީއެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެނދުން ތެދުވެ މުޅި ކޮޓަރި ހޯދައިލިއިރުވެސް އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއް ނުވެއެވެ. ޝަރުވާން ބިރުގަތެވެ. ޔަގީނުންވެސް ކޮންމެވެސް އެއްޗެއް ޝަރުވާންގެ ފައިގައި ޖެހުނެވެ. އެއީ ހަމަ ޔަގީންކަމެވެ. އެންމެފަހުން ކޮޓަރިން ބޭރަށް ނިކުމެ ސިޓިންގރޫމްގައި ހުރި ގޮނޑީގައި އިށީނެވެ. ގަޑިން ހަތަރެއް ޖަހަނީއެވެ. މަންމަވެސް ހޭލާނީ ބަންގި ގޮވަން ގާތް ވުމުންނެވެ. އޭގެ ކުރިން މަންމައަށް ނުގޮވަން ޝަރުވާން ނިންމީ މަންމައަށް ރަނގަޅަށް ނިދަން ފުރުސަތު ދޭންވެގެންނެވެ. ގޯތިތެރެ ކޮންމެވެސް ވަރަކަށް އަނދިރިކޮށް އޮތްނަމަސް ދިޔައީ ބިންމައްޗަށް އަލިވަމުންނެވެ. ޝަރުވާން ބޭރަށް ނިކުމެ އުޑުމަތި ބަލައިލިއެވެ. ވިއްސާރަކަމުގެ އެއްވެސް އަލާމަތެއް ފެންނާކަށް ނެތެވެ.
"ދަރިފުޅާ. ހާދަހާ ނުގަޑިއެއްގައި ބޭރުގައި ތިއުޅެނީ" ޝަރުވާން ބޭރުގައި ހުއްޓާ ފެނުމުން މަންމަ ސުވާލު ކޮއްލިއެވެ.
"މިދެން ނިކުމެލީ" ޝަރުވާން ޖަވާބު ދިނެވެ.
"ދެން ދޭ ނަމާދު ކުރަން. މިހާރު ބަންގި ގޮވަން ގާތްވަނީ. މަންމަވެސް ނަމާދުކޮއްލައިގެން މިދަނީ ހެނދުނު ސައި ހަދާލަން" ޝަރުވާންގެ މަންމަ ހަލީމާ ކޮޓަރިއަށް ވަނެވެ.
ޝަރުވާންވެސް މަންމަގެ ބަސްއަހައިގެން ކޮޓަރިއަށް ވަދެ ނަމާދަށް ތައްޔާރުވިއެވެ. ނަމާދަށް ހުރިއިރުވެސް ހިތަށް އަރަމުން ދިޔައީ މިރޭ ނިދީގައި އެވީ ގޮތެވެ. ކޮންމެވެސް ދިރޭ އެއްޗެއް ޝަރުވާންގެ ފައިގައި ޖެހުނެވެ. އެއީ ހުވަފެނެއް ނޫނެވެ. ނަމަވެސް ސުވާލަކީ އެހާ އަވަހަށް އެ އެއްޗަކަށް ފިލޭނެ ހެއްޔެވެ. އަދި ފައިގައި ޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަވަސް ކޮއްލައިގެން ޝަރުވާން ނަމާދުކޮށް ނިމިގެން ބޭނުންވީ ކޮޓަރިން ބޭރަށް ނިކުމެލާށެވެ. މިވަގުތު ކޮޓަރީގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ޝަރުވާން ކޮޓަރިން ބޭރަށް ނިކުތްއިރު މަންމަ ސިޓިންގ ރޫމްގައި ގުރުއާން ކިޔަވަން އިނެވެ.
"ދަރިފުޅާ ހާދަހާ އަވަހަކަށް ތި ނިންމާލީ. އެހާ އަވަހަށް ނަމާދު ކުރާކަށް ނުވާނެ އިނގޭ. ވަރަށް މަޑުމައިތިރި ކަމާއިއެކު ނަމާދު ކުރަންވާނީ. މަންމަ މާދަމާ މަރުވިޔަސް ހަނދާން ބަހައްޓާތި" ޝަރުވާންގެ މަންމަ ނަސޭހަތް ދިނެވެ. ތެދެކެވެ. ޝަރުވާނަށް މިރޭ ނަމާދު ކުރެވުނީ ވަރަށް އަވަހަށެވެ. އަވަސް އަރުވާލައިގެންނެވެ.
"މަންމާ ތިކަން ރަނގަޅު ކޮއްލާނަން. މިރޭ ވީގޮތް" ޝަރުވާން މަންމަގެ ގާތުން މަޢާފަށް އެދުނެވެ.
"ތިއީ މިހާރުގެ ޒުވާން ކުދިންގެ ސްޓައިލް. ކަމަކަށް ކަމެއް ކުރާނީ. ކޮންމެ ކަމެއްވެސް ކުރާނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން" މަންމަގެ ސްޓައިލްގައި ވާހަކަ ދެއްކި ނަމަވެސް އެއަށް އިތުރު ރައްދެއް ޝަރުވާން ދޭކަށް ބޭނުމެއް ނުވިއެވެ. ޝަރުވާން ބޭނުންވީ އިރުއަރަންދެން މަންމަގެ ގާތުގައި މަޑުކޮއްލާށެވެ. އެހެން ނޫނިއްޔާ މަންމަވެސް ކިހާ ދެރަވާނެހެއްޔެވެ. ޝަރުވާނަކީ މަންމަގެ ހުރި ހަމައެކަނި ދަރިއެވެ. ހަމަ އެގޮތަށް ޝަރުވާންވެސް މަންމަ ދެކެ ވަރަށް ލޯބިއެވެ.
= ނުނިމޭ =