November 22, 2024 03:33
Advertisement

-Advertisement-

ފޮޓޯ: އަރާކުރި ސީރީސް

ކުޑަކުދިންނަށް ޚާއްސަ: 'ހެޔޮކަމުގެ ބަދަލު' މިވާހަކަ ކިޔުމަށްފަހު ޖަވާބު ދިނުމަށް!

މިއީ އަރާކުރި ސީރީސްގެ "ވާހަކަ ދޭހަ 2" މި ފޮތުގެ ވާހަކައެކެވެ. މި ފޮތުގައި މިބާވަތުގެ ޢިބްރަތްތެރި 15 ވާހަކަ ހިމެނޭނެއެވެ. މި ވާހަކަ ކިޔުމަށްފަހު ތިރީގައިއެވާ ދޭހައިގެ މަސައްކަތް ކޮށްލާށެވެ.

އެއް ދުވަސްވަރެއްގައި މިސުރުގައި އުޅުއްވި ރަސްކަލެކެވެ. އޭނާއަކީ އޭނާގެ މުއްސަނދިކަމާއި ބޮޑާކަން އެންމެން ދަންނަ މަޝްހޫރު ރަސްކަލެކެވެ. މި ރަސްގެފާނަކީ އޭނާ ގެންގުޅުއްވާ ޚާދިމުންނަށް ވެސް ވަރަށް އަނިޔާވެރި އަދި ނިކަމެތިކޮށް ހިއްތަވާ ރަސްކަލެކެވެ. 

އެއް ދުވަސްވަރެއްގައި އެ ރަސްގެފާނުގެ ގަނޑުވަރުގައި ޚާދިމެއްގެ ގޮތުގައި ޢަލީ ކިޔާ ކުއްޖަކު އުޅުނެވެ. އޭނާއަށް ވެސް އެ ރަސްގެފާނު ވަރަށް ނިކަމެތިކޮށް ހިއްތަވައެވެ. އެއް ދުވަހަކު އޭނާއަށް ރަސްގެފާނު ވަރަށް ބޮޑަށް އަނިޔާކުރެއްވިއެވެ. ދެއްވި އަނިޔާގެ ބޮޑުކަމުން އޭނާ ބަލިވެ ނުތެދުވެވިފައި އޮންނަން ޖެހިއްޖެއެވެ. އެހެން އޮތް އޮތުމުގައި ޢަލީ ވިސްނަމުން ދިޔައީ އެ ގަނޑުވަރުން ސަލާމަތްވެގެން ފިލައިގެން ދެވޭނެ ގޮތަކާމެދުގައެވެ.

Advertisement

ދުވަސްތައް ހޭދަވުމުންގޮސް އެއް ދުވަހަކު ރަސްގެފާނު ގަނޑުވަރުގެ ބޮޑުންނާއެކު ބޭރަށް ނިކުމެވަޑައިގަތް ވަގުތު ބަލާފައި ޢަލީ ގަނޑުވަރުގެ ވަލު ދޮރޯށިން ނިކުމެގެން ގޮސް ޖަންގައްޔަށް ވަދެ ފިލައިފިއެވެ. އޭނާ ޖަންގަލީގައި އުޅެމުންގޮސް ބަނޑުހައިވެގެން ކާއެއްޗެއް ލިބޭތޯ ހޯދަމުން ދަނިކޮށް އޭނާއަށް ހޮހޮޅައެއް ފެނިއްޖެއެވެ. އެ ވަގުތު ޢަލީގެ ހިތަށް އެރިއެވެ. މިއީ ރަސްގެފާނަށް ފިލައިގެން އުޅެން ވަރަށް ރަނގަޅު ތަނެކެވެ. މިހެން ހިތައި އެ ތަނަށް ވަދެ ހޮހޮޅައިގެ ތެރޭގައި ޖައްސައިލި ތަނާ ޢަލީއަށް ނިދިއްޖެއެވެ.

ޢަލީއަށް ހޭލެވުނީ ބާރު ހަޅޭކެއްގެ އަޑަށެވެ. ސިއްސައިގެންގޮސް ބަލައިލިއިރު ހޮހޮޅައިގެ ތެރޭގައި ދެ ލޯ ބޮޑުކޮށްލައިގެން އޭނާއާ ދިމާއަށް ބަލަން އޮތީ ބިޔަ މިނިކާވަގެކެވެ. ޢަލީ ގަތް ބިރެއްގެ ބޮޑުކަމުން ހަޅޭއްލަވައިގަންނަން ވެސް ނޭނގިފައި އޮތީއެވެ. އެ ވަގުތު މިނިކާވަގު ބުންޏެވެ. އަހަރެންގެ ވަކިގަނޑަށް ހެރިފައި މިވާ ތީރު ނަގައިދީފިނަމަ އަހަރެން ކަލޭގެ ހެޔޮކަން ހަނދާން ނައްތައެއް ނުލާނަމެވެ. ދެން ޢަލީ ވަރަށް ބިރުން ހުރެ މިނިކާވަގުގެ ފައިގެ ވަކިގަނޑަށް ހެރިފައި ހުރި ބޮޑު ތީރު ނަގައިދީފިއެވެ. އެއަށް ފަހު ޢަލީއާއި މިނިކާވަގަކީ ދެ ރަޙްމަތްތެރިންނަށް ވެއްޖެއެވެ.

ދުވަސްކޮޅެއް ފަހުން ރަސްގެފާނު ޢަލީ ހޯދަން ނެރުއްވި މީހުންނަށް ޖަންގަލީ ތެރެއިން ޢަލީ ފެނިގެން އަތުލައިގަނެގެން ރަސްގެފާނުގެ އަރިހަށް ހާޒިރުކޮށްފިއެވެ. ދެން ރަސްގެފާނު އެ ރަށުގެ ރައްޔިތުން ގަނޑުވަރު ކުރިމައްޗަށް އެއްކުރައްވައިފިއެވެ. އަދި ޖަންގަލީ ތެރެއިން ބަނޑުހައިވެފައި އޮތް މިނިކާވަގެއް ގެނެސް، އޭތީގެ ކުރިމައްޗަށް ޢަލީ އެއްލައިލުމަށް އަމުރު ކުރައްވައިފިއެވެ. ދެން ރަސްގެފާނު އަމުރު ކުރެއްވި ފަދައިން ޚާދިމުން އަމަލުކޮށްފިއެވެ. އެ މިނިކާވަގުގެ ކުރިމައްޗަށް އަލީ އެއްލައިލުމުން އޭތި ޢަލީއާ ހަމަލާދޭން ވަގުތުން ތައްޔާރު ވެއްޖެއެވެ. މިނިކާވަގު ޢަލީއާ ކައިރިވީ ވަގުތު އެ އެއްޗަށް ޢަލީ އެނގިއްޖެއެވެ. ހަމަ ވަގުތުން އޭތި ޙަމާލާ ދިނުމުގެ ބަދަލުގައި ޢަލީގެ ކައިރީގައި ބަނޑުޖަހައި އޮށޯތުމަށްފަހު އަތުގައި ފިރުމައިލިއެވެ. އެ ވަގުތު މި މަންޒަރު ބަލަން ރަސްގެފާނާއި އެންމެން ޙައިރާންވެފައި ތިއްބެވެ.

ދެން ރަސްގެފާނު ޢަލީ ގެންނަވައި ކަންވީގޮތް ސާފުކުރެއްވުމަށްޓަކައި ސުވާލުކުރައްވައިފިއެވެ. ޢަލީ ރަސްގެފާނަށް އޭނާ ގަނޑުވަރުން ފިލައިގެން ދިއުމަށް ފަހު ދެން ކަންހިނގި ހުރިހާ ގޮތެއްގެ ވާހަކަ ކިޔައިދީފިއެވެ. އެއަށްފަހު ޢަލީއަށް ހެޔޮކޮށް ހިއްތަވައި ދާން ބޭނުންތާކަށް ދިއުމުގެ ހުއްދަ ދެއްވާފައި ޢަލީ ދޫކޮށްލައްވައިފިއެވެ. އެއަށްފަހު ރަސްގެފާނު ވެސް މީހުންނަށް ހަރުކަށިވެ އަނިޔާކުރެއްވުން ހުއްޓަވައިލައްވައި އޯގާތެރިކޮށް ހިއްތަވަން ފައްޓަވައިފިއެވެ.

  • އެހީގެ ލަފުޒުތައް ބޭނުންކޮށްގެން ޖުމުލަތަކުގައި އެވާ ހުސްތަންތަން ފުރިހަމަ ކުރާށެވެ!
  • އަނިޔާވެރި، ގަނޑުވަރު،  ފަޚުރުވެރި،   ހޮހޮޅައިގެ،    މިސުރު

 (1) އެއް ދުވަސްވަރެއްގައި _________ ގައި ރަސްކަލަކު އުޅުއްވިއެވެ.

 (2) އެ ރަސްގެފާނަކީ ވަރަށް __________  ރަސްކަލެކެވެ.

 (3) _________  ތެރޭގައި ޖައްސައިލިތަނާ ޢަލީއަށް ނިދިއްޖެއެވެ.

 (4) ރަސްގެފާނު އެ ރަށުގެ ރައްޔިތުން _________ ގެ ކުރިމައްޗަށް އެއްކުރެއްވިއެވެ.

  • ވިސްނައިގެން ވާހަކަ ކިޔުމަށް ފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!
  • މިސުރުގެ ރަސްގެފާނު މަޝްހޫރު ވެފައިވަނީ ކޮންކަހަލަ ރަސްކަލެއްގެ ގޮތުގައި ހެއްޔެވެ؟
  • ޢަލީ އެނދުން ނުތެދުވެ އޮންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟
  • ގަނޑުވަރުން ޢަލީއަށް ނިކުމެވޭގޮތްވީ ކީއްވެ ހެއްޔެވެ؟
  • ޢަލީ މިނިކާވަގަށް ކޮށްދިނީ ކޮން ކަމެއްހެއްޔެވެ؟
  • ބަނޑުހައިވެފައި އޮތް މިނިކާވަގު ޢަލީ ކައިނުލައި ދޫކޮށްލި ސަބަބަކީ ކޮބައި ހެއްޔެވެ؟
  • އެންމެ ފަހުން ރަސްގެފާނަށް އައީ ކޮންކަހަލަ ބަދަލެއްހެއްޔެވެ؟ އަދި އެއީ ކީއްވެ ހެއްޔެވެ؟

 

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
0
+1
5
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް