ކޮންމެ ދުވަހެއްގެވެސް ހެނދުނު ޝަރުވާންގެ ފުރަތަމަ ކަމަކީ ގަސްތަކަށް ފެންދިނުމެވެ. އެގަސްތަކަށް ވާނުވާ ބެލުމަށްފަހު ނޫނިއްޔާ އެހެންކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. ހެނދުނު ހޭލައިގެން ފުރަތަމަވެސް ނިކުންނަނީ ގޯތިތެރެއަށެވެ. އަދި ގިފިލީގައިވެސް ވަރަށް ގިނަ ގަސްތައް ހައްދާފައި ހުރެއެވެ. އެހުރިހާ ގަސްތަކެއްވެސް ބަލަހައްޓަނީ ޝަރުވާންގެ އަމިއްލައަށެވެ. އެހެން މީހަކު އެކަމުގައި ބައިވެރިވާކަށް އޭނާ ބޭނުން ނުވެއެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދު ހެނދުނުވެސް ޝަރުވާންގެ ފުރަތަމަ މަސައްކަތަކީ ގަސްތަކުގެ ހާލުބެލުމެވެ. ގަސްތަކަށް ފެންދޭން ގޮސް ފެންހޮޅި ނަގަން ގުދުވެލިއެވެ.
"ޝަރުވާން" އައިޝާ ގޮވައިލި އަޑަށް ޝަރުވާން ބަލައިލިއެވެ.
ޝަރުވާން އާއި ނުލާހިކު ގާތުގައި އައިޝާ ހުއްޓާ ފެނުމުން ޝަރުވާނަށް ލިބުނީ ކުއްލި ސިހުމެކެވެ.
"ކިހިނެއްވީ. ހާދަ ހެނދުނަކާ" ޝަރުވާން އެހެން އަހައިލި އިރު ހުރީ ވަރަށް ބިރުންނެވެ. ޝަރުވާންމެންގެ ގޯތިތެރޭގައި އައިޝާ ހުއްޓާ ފެނިއްޖެއްޔާ ކަންތައް ވަރަށް ގޯސްވާނެކަން ޝަރުވާންގެ ހިތް ވިސްނައިދިނެވެ.
"ރޭގައި ފިރިމީހާ އަތުވެއްޖެ. ދެން ކިހިނެއް ހަދާނީ" އައިޝާ އަވަސް އަވަހަށް ބުނެލިއެވެ.
"ދެން ފިރިމިހާ އެކީ އުޅޭ" ޝަރުވާން އެހެން ބުނެލީ އަވަހަށް އައިޝާ އެތަނުން ފޮނުވައިލުމުގެ ބޭނުމުގައެވެ.
"ހާދަ ހެއްވައޭ. އުޅޭށޭ. ހާދަ އަވަހަކަށް ތި ބަދަލުވީ" އައިޝާ ހިތްހަމަ ނުޖެހުނެވެ. އަދި ދާން ހިނގައިތެވެ.
"މަޑުކޮއްބަލަ. މިރޭ ދާނަން މީޓް ކޮއްލަން" ޝަރުވާން އައިޝާގެ ފަހަތުންގޮސް ބުނެލުމުން އައިޝާގެ މޫނުން ހިނިތުންވުމުގެ ކުލަވަރެއް ފެނުނެވެ. އައިޝާ ހިނގައިގަތީ އޭނަގެ ގެއާއި ދިމާލަށެވެ. އައިޝާ ދިއުމުން ޝަރުވާން ފުންނޭވާއެއް ދޫކޮއްލީ މަންމައަށް އެމަންޒަރު ނުފެނި ސަލާތް ވީތީއެވެ.
އައިޝާ ދިއުމުން ޝަރުވާންގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ގަސްތަކުގެ ގޮފިތަށް ކޮށާ ރީތި ކުރަމުން ދިޔައެވެ. މަސައްކަތުގައި އުޅުނު ނަމަވެސް ޝަރުވާންގެ ހިތް އޮތީ އައިޝާ އާއި އެކީގައެވެ. އަވަސް ކޮއްލައިގެން ނަމަވެސް އައިޝާ އާއި ބައްދަލު ކޮއްލަން ބޭނުންވިއެވެ. ނަމަވެސް އައިޝާ އާއި ބައްދަލު ކުރަން ހަމަޖެހިފައި އޮތީ މިރެއެވެ. އަދި ލައްކަ ވަގުތު އެބައޮތެވެ. އަދި މިއީ ހެނދުނެވެ. މެންދުރުވެ ހަވީރުވެސް ވާފަހުން ކިރިޔާ ރޭގަނޑު ވާނީއެވެ. އެޚިޔާލުގައި ހުރެ ގަސްތައް ކޮށަމުން ދަނިކޮށް ހޭވެރިކަންވީ އަތުގައި ވަޅި އެޅުމުންނެވެ. ސިއްސައިގެން ގޮސް ހަޅޭލަވައިގަނެވުނެވެ. އިނގިލިން ލޭފައިބަމުން ދިޔައެވެ. ޝަރުވާން އިނގިލީގައި ބާރަށް ހިފަހައްޓައިލިއެވެ. ލޭ މަނާ ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ބިންމައްޗަށް ލޭތިކި ޖެހިއެވެ. ނަމަވެސް މާބޮޑު ކަމަކަށް ނުހަދައި ކައިރީގައި އޮތް ފޮތިގަނޑަކުން އިނގިލީގައި ބާރަށް އައްސައިލުމަށްފަހު ގޭތެރެއަށް ދާން ހިނގައިގަތެވެ. ގޭތެރެއަށް ވަނުމުގެ ކުރިން މަންމަ އާއި ދިމާވެ ސުވާލުތަކާއި ކުރިމަތިވިއެވެ. ޝަރުވާނަށް ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް މަންމަ އެކަމާއި ވަރަށް ކަންބޮޑުވާނެއެވެ.
"އަތަށް ކިހިނެއް ހަދައިގެން ތިއުޅެނީ" ޝަރުވާން ފެނުމާއި އެކު މަންމަ ސުވާލު ކޮއްލިއެވެ.
"ކުޑަ ޒަޚަމެއްވީ" މަންމައަށް އެ ޖަވާބު ދީފައި ޝަރުވާން ކޮޓަރިއަށް ވަނީ އިތުރު ސުވާލުތަކެއް މަންމަ ކޮއްފާނެތީއެވެ.
ކޮޓަރިތެރެއަށް ވަނުމަށްފަހު ޑްރެސިންގޓޭބަލް މަތީގައި އޮތް ފޮށިން ބެންޑޭޖެއް ނެގުމަށްފަހު އިނގިލީގައި ބާރަށް އައްސައިލިއެވެ. ކޮންމެވެސް ވަރަކަށް ތަދު ހުރިނަމަވެސް ގިނައިރު ވާވަރަކަށް ތަދު ދިޔައީ ކުޑަވަމުންނެވެ. އެތަދު ވީހާވެސް އަވަހަކަށް ކެނޑޭތޯ ބޭސްވެސް ކައިފިއެވެ. މިރޭ އައިޝާ އާއި ބައްދަލު ކުރަން ދާއިރު ޝަރުވާން ބޭނުންވީ ވަރަށް ތާޒާ ކަމާއި އެކު އައިޝާ އާއި ބައްދަލު ކުރާށެވެ.
ހަވީރު ފަހެއް ޖެހީއްސުރެން ޝަރުވާން ހުންނަނީ ގަޑިއަށް ބަލަބަލައެވެ. އައިޝާ އާއި ބައްދަލުވުމަށް ދާށެވެ. ނަމަވެސް އެތަނަށް ދެވޭނީ މަންމައަށް ކޮންމެވެސް ކަހަލަ ދޮގެއް ހަދައިގެންނެވެ. މަންމަ ކިބައިން ސަލާމަތް ވުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޝަރުވާން ސިޓިންގރޫމްގައި އިންދާ ގަޑިން އަށެއް ޖެހީއެވެ. އަވަސް އަވަހަށް ބޭރަށް ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ފަހަތުން މަންމަ ގޮވައިލި އަޑަށް ހުއްޓުނެވެ.
"ކޮންތާކަށް މާރީތިވެގެން" ޝަރުވާން ހުއްޓުމުން މަންމަ ސުވާލު ކޮއްލިއެވެ.
"މިދަނީ ރައްޓެއްސަކާއި މީޓްކޮއްލަން. އަންނާނަން ވަރަށް އަވަހަށް" ޝަރުވާން ބުނެލިއެވެ.
"އާނ. ލަސްނުކޮށް އަންނާތި އިނގޭ" މަންމަ ވަރަށް ލޯބިން ބުނެލިއެވެ.
ޝަރުވާން އަވަސް ފިޔަވަޅުތައް އަޅަމުން ދިޔައީ އައިޝާމެންގެ ގެއާއި ދިމާލަށެވެ. ޝަރުވާންގެ ހިތް ބާރަށް ތެޅެމުން ދިޔައީ އަނެއްކާ ދިމާވެދާނެ ކަންތަކާއި މެދުގައެވެ. އައިޝާގެ ފިރިމީހާ ވެސް ރަށުގައި އެބައުޅެއެވެ. ކޮންމެ ގޮތެއްވިޔަސް މިރޭ ޝަރުވާނަށް އައިޝާ އާއި ބައްދަލު ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަން ޝަރުވާނަށް އެނގެއެވެ. ޝަރުވާން ގޮސް އައިޝާމެންގެ ގޯތިތެރޭގައި މަޑުކޮއްލީ އެއްވެސް މީހަކަށް ނުފެންނާނެ ގޮތަކަށެވެ. މާގިނަ އިރަކު ޝަރުވާން އައިޝާއަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އައިޝާ ބޭރަށް ނިކުތްތަނާހެން ޝަރުވާން އައިޝާއަށް ގޮވައިލިއެވެ. އަދި އަތުން ހަނާ އަޅާ އެދިމާލަށް އައުމަށް އެދުނެވެ. އައިޝާ ދުވެފައި އައިސް ޝަރުވާންގެ ގާތަށް ހުއްޓުނެވެ.
"ކޮބާ ފިރިމީހާ" ޝަރުވާން ސުވާލު ކޮއްލިއެވެ.
"ކާކު" އައިޝާ ބުނެލިއެވެ.
"ތީނަގެ ފިރިމީހާ" ޝަރުވާން ބުނެލިއެވެ
"އޯހް. ޚާލިދު ދޯ. އޭނާވީ ބޭރަށް ގޮސް. ވަރަށް ލަހުން އަންނާނީ. ރައްޓެހިންނާއި އެކު ކޮފީއަށް ގޮސްވީ" އައިޝާ ޝަރުވާންގެ އަތުގައި ހިފައިލިއެވެ. ޝަރުވާންވެސް އައިޝާގެ އުނަގަނޑުގައި ހިފައިލީ ވަރަށް ލޯބިންނެވެ.
"ޚާލިދު ނާންނާނެތަ. ހިނގާ އެހެން ދިމާލަކަށް ދާން" ޝަރުވާން ހިތަށް ބިރުވެރިކަން ވަނެވެ.
"ދެން ކޮންތާކަށް ދާނީ. ބޭރުގައި އުޅެނިކޮށް ފެނިދާނެ. އެހެން ނޫނަސް ގެއަށް އަންނައިރު ނެތިއްޔާ ހޯދާނެ" އައިޝާ ޝަރުވާނާއި އެކު އެހެން ދިމާލަކަށް ދާކަށް ބޭނުމެއް ނުވިއެވެ.
ނަމަވެސް ޝަރުވާންގެ އާދޭސްތަކަށް އިތުރަށް ނޫނެކޭ ބުނުމުގެ ހިތްވަރެއް އައިޝާއަކަށް ނުލިބުނެވެ. އެންމެފަހުން ޝަރުވާނާއި އެކީ ރަށުގެ ތުނޑިއާއި ދިމާލަށް ހިނގައިގަތެވެ. މީހުން މަދުން އުޅޭނެހެން ހީވާ މަގުތަކުންނާއި އަނދިރި ގޯޅިތަކުންލާފައި ރަށުގެ ތުނޑިއަށް ދާން ނެގީ ދިހަވަރަކަށް މިނިޓެވެ. ދެމީހުން ގޮސް ރަށުގެ ދޮންވެލި ތުނޑީގައި އިށީންއިރު އެހިސާބުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަޑު އަދި މިލަހަނދުވަރެއް ތުނޑިއަށް ދީފައި އޮތުމުން އެމަންޒަރު ވަރަށް ހިތްގައިމެވެ. ޝަރުވާނާއި އައިޝާއަށް މުޅި ތުނޑި ހިތަކަށް ވަނީ ލިބިފައެވެ. އައިޝާ ގޮސް ޝަރުވާންގެ ކޮނޑުގައި ބޯއަޅައިލިއެވެ.
"އަހަރެންނަށް ދުވަހަކުވެސް ދެރަގޮތެއް ނުހަދައްޗޭ" އައިޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
"ކީއްކުރަން ދެރަގޮތެއް ހަދަންވީ. އެއަށްވުރެ އަހަރެން އައިޝާ ދެކެ ލޯބިވޭ. އެކަމަކު ތިއީ މީހެއްގެ އަންބެއް" ޝަރުވާންގެ ކުރިމަތީގައި އޮތީ އެ ހުރަހެވެ. އައިޝާ އަކީ މީހެއްގެ އަންބަކަށް ވުމެވެ.
"އަހަރެން ޚާލިދު ގާތުން ވަރިވާން ބޭނުން. އެކަމަކު އެކަން ކުރެވޭނީ އަހަރެންނަށް ޔަގީންކަން ލިބުނީމަ. ޝަރުވާންގެ އެހިތްވަރު އެބަހުރިތަ" އައިޝާ ޝަރުވާންގެ ކޮލުގައި ހިފައިލިއެވެ.
"ކީއްވެ. ބަލަ އަހަރެންނަކީ ފިރިހެނެކޭ. ކީއްވެ ތިކަމާއި ކުރިމަތި ނުލެވެންވީ" ޝަރުވާން އައިޝާގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާކަށް ބޭނުމެއް ނޫނެވެ.
"އެހެންވިއްޔާ އޯކޭ. އަހަރެން ތައްޔާރު" އައިޝާ ގޮސް ޝަރުވާންގެ ގައިގައި އޮޅުލައިގަތެވެ.
ނަމަވެސް ޝަރުވާން އެހެން ބުނި ނަމަވެސް މަންމަ ނުރުހޭނެކަން ޝަރުވާނަށް އެނގެއެވެ. ޝަރުވާންގެ މޫނުމަތިން ކިތަންމެ ރީތި މަންޒަރުތަކެއް ދައްކަމުން ދިޔަ ނަމަވެސް އެތެރެ ބިރުން އަނދާ ހުލިވަނީއެވެ. މަންމަ އާއި ދެކޮޅަށް އެއްވެސް ކަމެއް ކުރާކަށް ޝަރުވާނަކަށް ނުކެރޭނެއެވެ. މީގެ ކުރިން މަންމަ އޮތީ ޝަރުވާން އާއި އެވާހަކަ ދައްކާފައެވެ. އައިޝާ އަކީ ރަނގަޅު ކުއްޖެއް ނޫން ކަމާއި ޝަރުވާން އައިޝާ އާއި ވާހަކަ ދެއްކުމަކީވެސް މަންމަ ގަބޫލު ކަމެއް ނޫންކަމެވެ. ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ. ކިތަންމެ ލޯބިވިޔަސް އައިޝާ ދޫކޮއްލާނީ ހެއްޔެވެ. ނުވަތަ ތެދުބަހުން ވާހަކަ ދައްކާނީ ހެއްޔެވެ. ނުވަތަ ކަންތައް ވެފައި އޮތް ގޮތް އައިޝާއަށް އެއްވެސް އޮޅުވައިލުމެއް ނެތި ކިޔައިދޭނީ ހެއްޔެވެ.
"ކޮންކަހަލަ މަލެއް ފޮޅުވަނީ" އައިޝާ އާއި ޝަރުވާން ސިއްސައިގެން ދިޔައީ ފަހަތުން ޚާލިދު ގޮވައިލި އަޑަށެވެ.
= ނުނިމޭ =