November 22, 2024 12:17
Advertisement

-Advertisement-

މަތިންދާބޯޓުގައި ކުޑަދަރިފުޅު ރޯތީ ކަންބޮޑުވޭތަ؟

ކުޑަކުދިންނަށް ގިނަފަހަރު ރޮވެން ދިމާވާ ވަކި ސަބަބެއް ނޭނގެއެވެ. ކުޑަކުދިން ގޮވައިގެން ދަތުރުކުރާއިރު ބައެއް މައިންބަފައިން ވަރަށް ޖެހިލުންވެއެވެ. އަދި ހަމައެހެންމެ އަލަށް ދަރިފުޅުގޮވައިން ދަތުރުކުރާނަމަ ހާާސްކަން އިތުރުވެގެންދެއެވެ. މިކަމާމެދު ވިސްނާ ބައެއް ފަހަރު ޑޮކްޓަރުންގެ އިރުޝާދުވެސް ހޯދައެވެ. ކުޑަކުދިން ރޯން ދިމާވާ ސަބަބުތައް ފާހަގަކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ކުޑަދަރިފުޅު ގޮވައިގެން ދަތުރުކުރާއިރު ވިސްނަންވީ ކަންކަން ހުރެއެވެ. އެކުދިން މަސަލަސްކުރާނެ މޮޅެތި އުކުޅުތަކާއި އެކަންކަމަށް ވާންޖެހޭ ތައްޔާރީތައްވާންޖެހެއެވެ. މަތިންދާބޯޓުގައި ދަތުރުކުރާއިރު ކަންފަތުގައި ރިހުމުގެ މައްސަލައަކީ ބޮޑެތި މީހުންނަށްވެސް ދިމާވާ މައްސަލައަކަށް ވުމާއެކު ކުޑަކުދިންނަށްވެސް މިކަމުގެ ސަބަބުން އަސަރުތަކެއް ކުރެއެވެ. ކަންފަތުގެ ޕްރެޝަރ ދަށްކުރުމަށް އެކިއެކި ކަންކަން ކުރެއެވެ. ޗުއިންގަމް ކައިގެންނާއި އަނގައިން ނޭވާ ބޭރުކުރުމާއި ކަންފަތުގައި ކަފަކޮޅެއް ހަރުކުރުން ކަހަލަ ކަންކަމުން ލުއި ލިބިގެންދެއެވެ. އެހެންނަމަވެސް ކުޑަކުދިންނަށް މިކަންކަން ކުރުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. އުމުރުން 5 އަހަރާއި 7 އަހަރުގެ ކުދިންނަށް ކިޔާދިނުމުން އެކަންކަން ކުރެވުނު ނަމަވެސް އެއަށްވުރެ ކުޑަކުދިންގެ މިމައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން ތަފާތެވެ. ކުޑަކުދިންގެ ރުއިން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ކުރެވިދާނެ ކަންކަން ހިއްސާކޮށްލާނަމެވެ.

އެންމެ ގަޔާވާ ކުޅޭއެއްޗެހި ދިނުން

ދަތުރުކުރާއިރު ވިސްނަންވާނީ ދަރިފުޅު ހިތްހަމަޖެހޭ ކުޅޭއެއްޗެއް ގެންދިއުމަށެވެ. ހިތްހަމަޖެހޭ ބައިވަރު އެއްޗެހި ހުރިނަމަ އެހުރިހާ އެއްޗެއްވެސް ގެންދާށެވެ. އެކަތި ކުޅެލުމަށްފަހު ފޫހިވެގެން އެއްލާލުމުން އަނެއްކާވެސް އަނެކަތި ދެވޭނެއެވެ. މިކަހަލަ ގޮތަކަށް ރުއިން ހުއްޓުވުމަށް މަސައްކަތް ކުރެވިދާނެއެވެ. ކުޅޭއެއްޗެހި ދޭއިރުވެސް ކުއްޖާއަށް ގެއްލުންނުވާނެފަދަ އެއްޗެހި ދިނުމަށް ސަމާލުވާށެވެ. ސައިޒުން މާކުޑައެއްޗެއް ދޭނަމަ އަނގަޔަށް ލުމުގެ ސަބަބުން ކަރުގައި ތާށިވެދާނެތީވެސް ވިސްނަންޖެހެއެވެ. ތަފާތު ކުޅިވަރުތަކުން ކުއްޖާގެ ރުއިން ހުއްޓުވިދާނެއެވެ.

Advertisement

ފްލައިޓް ނައްޓާލާއިރު ތުއްތުކުދިންނަށް ގާތުންދިނުން ނުވަތަ ބުއްފުޅި ދިނުން

ފްލައިޓް ނައްޓާލާއިރުއާއި ފްލައިޓް ޖައްސާގަޑީގައި އިވޭ އަޑުގެ ސަބަބުން ބައެއްކުދިން ބިރުގަނެ ހާސްވެއެވެ. ނުވަތަ އެކުދިންގެ ކަންފަތަށް ތަދުވުމުން ހާސްވެއެވެ. ގާތުން ދިނުމުން ގިނަފަހަރަށް ކަންފަތަށް ކުރާ ޕްރެޝަރ ދަށްކޮށްދީ ތަދު ކުޑަކޮށްދެއެވެ. ފްލައިޓުގައި ގިނަވަގުތު ގާތުން ދިނުމުންވެސް ކުއްޖާ ރޯނެ ފުރުސަތު ކުޑަވެއެވެ.

ކުއްޖާ ސާފުކޮށްލާ ނެޕީ ބަދަލުކުރުން

ފްލައިޓްގައި ގިނަފަހަރަށް ކުއްޖާ ރޯނީ ކޮންމެވެސް ކަހަލަ އުދަގުލެއްވާތީއެވެ. ނެޕީ ފޯވުމުގެ ސަބަބުންވެސް ބައެއް ކުދިންނަށް އުދަގޫވެ ހަމަޖެހިނުލެވި އުޅެއެވެ. ސާފުކޮށްލާ ހެދުން ބަދަލުކޮށްލުމުން ކުއްޖާއަށް އަރާމުވެއެވެ. ދަތުރުކުރާއިރު ދަތުރަށް ބޭނުންވާ މިންވަރަށް އަތްދަބަހުގައި ހެދުން ގެންދާށެވެ.

ކުއްޖާ ނިދާގަޑި ބަދަލުކޮށްލުން

ދަތުރެއް ދާން އޮތްނަމަ އާންމުކޮށް ދަރިފުޅު ނިދާގަޑީގައި ނުނިންދަވާ ވޭތޯ ބަލާށެވެ. އޭރުން ދަތުރުމަތީގައި ގިނައިރު ދަރިފުޅު ނިދާފައި އޮތުމުގެ ފުރުސަތު ބޮޑުވެއެވެ. މިހެންވުމުގެ ސަބަބުން ކުއްޖާއަށް ވާ އުދަގުލުން ސަލާމަތްވެ ރުއިމުގެ ފުރުސަތު ވަރަށް ބޮޑަށްވެސް ކުޑަވެގެންދެއެވެ. ކުއްޖާ ނިންދަވާއިރު ވަކި ޚާއްސަ ލަވައެއް ނުވަތަ މަދަހައެއް ޖަހާނަމަ ލަވަ ނުވަތަ މަދަހަ އަޑުއިވޭހެން ކުއްޖާ ގާތުގައި ފޯނު ބާއްވާށެވެ. އޭރުންވެސް ކުއްޖާ ނިދާފައި ގިނައިރު އޮންނާނެއެވެ.

 

މައުލޫމާތު: ޑެއިލީ ސްޓަރ ޑޮޓް ނެޓް/ ވޮޝިންގޓަން ޕޯސްޓް ޑޮޓް ކޮމް

+1
1
+1
1
+1
2
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް