ތުރުކީވިލާތުގެ މަޝްހޫރު ލިޔުންތެރިޔާ އޮކްޓު ރައިޙާން ވިދާޅުވާގޮތުގައި އެމެރިކާއާއި އިޒްރޭލު އޮޑީގެ އަޞްލު މާލިމީއަކީ އެމެރިކާއެވެ. މިއީ ގިނަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަ ގޮތުގެ އިދިކޮޅެވެ. ގިނަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އިޒްރޭލުގެ މުއްސަނދި ބިލިޔަނަރުންގެ ނުފޫޒާއި ލޮބީ ގްރޫޕްތަކުގެ ސަބަބުން އިޒްރޭލު ބޭނުންވާހާ ކަމަކަށް އެމެރިކާ ލައްވާ މަގުފަހިކުރާކަމުގައެވެ. ރައިޙާން ވިދާޅުވަނީ މިއީ މުޅިން މިކަމުގެ ޙަޤީޤަތް އޮތްގޮތެއް ނޫނެވެ.
އޭނާ ވިދާޅުވާގޮތުގައި އިޒްރޭލް ޤާއިމްކުރެވިފައިވަނީ ހުޅަނގުގެ 'އިމްޕެރިއަލިޒަމް'ގެ މަޞްލަޙަތުތަކާގުޅޭ ސަބަބުތަކާހުރެއެވެ. އިޒްރޭލު ދެމިއޮންނަނީ އެމެރިކާއިން އެކަން އެދޭތީއެވެ. އޭނާ ސިފަކުރައްވާ ގޮތުގައި އިޒްރޭލު ދިރިދެމިއޮތުމަށް އިޒްރޭލު އެދޭގޮތަށް އެމެރިކާއިން ވެސް ބޭނުންވަނީ އިޒްރޭލު އެ ސަރަހައްދުގައި ދެމިއޮތުމަށެވެ.
ވޮޝިންޓަންގެ ތާއީދާ ނުލައި އިޒްރޭލަށް ދައުލަތެއްގެ ގޮތުގައި ދެމިއޮވެ ނިއުކްލިއާ އަސްކަރީ ބާރެއްގެ ގޮތުގައި ކުރިއަރައި ދާނެގޮތެއްނެތެވެ. ހަމައެގޮތަށް އެމެރިކާއިން ބޭނުންނުވާ 'އިމްޕިރިއަލިސްޓް' އުންމީދުތައް ހާސިލް ކުރުމަށް ބަރޯސާވެވޭނެ އެހެން ޤައުމެއް، އިޒްރޭލު ފިޔަވައި މެދުއިރުމަތީގައި ނެތެވެ.
ޔަހޫދީންގެ ނުފޫޒު
ތުރުކީވިލާތާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ކޮންޒަވޭޓިވް ފިކުރު ގެންގުޅޭ ފަރާތްތަކަށް ޤަބޫލުކުރެވިފައި އޮންނަނީ އިޒްރޭލު ބޭނުންވާހާ ގޮތަކަށް އެމެރިކާއާއި ދުނިޔޭގެ އެހެން ޤައުމުތައް ދީލުވާލާކަމުގައެވެ. އެއީ އެމެރިކާގެ އިދާރާތަކުގެ މައްޗަށް އޮންނަ ޔަހޫދީންގެ މުއްސަނދިކަމުގެ ބާރާއި ނުފޫޒުގެ ސަބަބުންނެވެ. މި ރައުޔު ޤަބޫލުކުރާގޮތުގައި ވޮޝިންޓަންގެ އިދާރާތަކާއި ބާރުގަދަ ކުންފުނިތައް ޙަރަކާތްތެރިވުމުގެ ފަހަތުގައި އޮންނަނީ ޔަހޫދީންގެ [އަނދިރި] ބާރުތަކެވެ.
މިކަމަކީ ޕްރެޝަރކޮށްގެން ނުވަތަ ލޮބީކޮށްގެން ކުރެވޭކަމަށްވާނަމަ، އެމެރިކާގައި އެތައް ސަތޭކަ ހާސް ތުރުކީންނެއް ދިރިއުޅޭއިރު ކޮންމެވެސްވަރެއް ވީސްތާއެވެ. ތުރުކީން ބޭނުންވާގޮތަށް ކަންކަން ގެންދިއުމަށް ބާރުހުރި މުއްސަނދި ފަރާތްތަކުންނާއި ފަންނާނުންވެސް މަސައްކަތްކުރެއެވެ. ނަމަވެސް އެގޮތަށް އެނަތީޖާއެއް ނުނިކުމެއެވެ.
އިޒްރޭލު ވުޖޫދުވުން
ރައިޙާން ވިދާޅުވާގޮތުގައި އިޒްރޭލް – އެމެރިކާގެ ހަޤީޤަތް އެންމެ ބޮޑަށް ހާމަވެގެންދާ އެއްކަމަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި، މިހާރުގެ ރައީސް ޖޯބައިޑަން ނާއިބް ރައީސަކަށް ހުންނެވިއިރު 2013 ވަނަ އަހަރު ޔަހޫދީންގެ އޮގަނައިޒޭޝަނެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވި ބަސްފުޅެވެ. [މެދުއިރުމަތީގައި އިޒްރޭލު ދައުލަތެއްގެ ގޮތުގައި ނެތްނަމަ، އެމެރިކާގެ މަޞްލަޙަތު ޙިމާޔަތްކުރަން އިޒްރޭލެއް އުފައްދަން އަހަރެމެންނަށް ޖެހުނީހެވެ.]
ދެންނެވުނު ޢިބާރާތްކޮޅަކީ، އިޒްރޭލާ ނުލައި މެދުއިރުމައްޗަށް އެމެރިކާގެ އަތްގަދަކުރުން ނުބޭއްވޭނެކަމަށް އެމެރިކާއިންވާ ޞަރީޙަ އިޢުތިރާފެކެވެ. އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން އެމެރިކާ އަންނަނީ އެބުނާފަދަ ދެވަނަ އިޒްރޭލު ބިނާކޮށް ބާރުގަދަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
އެމެރިކާއިން ބޭނުންވާ ދެވަނަ އިޒްރޭލަކީ ތުރުކީވިލާތާއި ޢިރާޤާއި، ސީރިއާއާއި، އީރާނާ ގުޅޭ ސަރަޙައްދުގައި ދިރިއުޅޭ ކުރުދީންނަށް ބިނާކޮއްދޭން އެމެރިކާއިން ބޭނުންވެގެން އުޅޭ ދައުލަތެވެ. ނަމަވެސް މިކަމަށް އެމެރިކާއަށް އޮތް އެންމެ ބޮޑު އަސާސީ ހުރަހަކީ ތުރުކީވިލާތުން ހުރަސްއެޅުމާއި ދެންނެވުނު އެހެން ދައުލަތްތަކުން ވެސް މިކަމަށް އެއްބާރުލުން ދޭން ދެކޮޅު ހެދުމެވެ.
ދެވަނަ އިޒްރޭލު
އޮކްޓު ރައިޙާން ވިދާޅުވާގޮތުގައި އެމެރިކާއާއި އިޒްރޭލުގެ އެހީތެރިކަމުގެ ދަށުން އުތުރު އިރާޤުގައި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް 2016 ވަނަ އަހަރު ކުރެވުނު މަސައްކަތް ނާކާމިޔާބު ކޮށްލެވުނެވެ. އެއީ ތުރުކީވިލާތުންނާއި، އީރާނާއި ޢިރާޤާއި ރަޝިޔާއިން ހަތިޔާރުގެ ބޭނުންކޮށްގެން ހަމަހިލާ އެކަން ކުރިޔަ ނުދިނުމުންނެވެ. ނަމަވެސް [ދެވަނަ އިޒްރޭލު] ވުޖޫދަށް ގެނައުމުގެ މަސައްކަތް އަދިވެސް އޮތީ ކުރިއަށެވެ.
އިޒްރޭލަކީ ހުޅަނގު އޭޝިއާގައި އެމެރިކާއިން ބޭނުންވާ ހަނގުރާމަ ކާމިޔާބުކުރުމަށް ބޭނުންކުރާ ހަތިޔާރެވެ. ނަމަވެސް މިއީ ދުވަހަކު ބަދަލުނުވާނެކަމެއް ނޫނެވެ. މާދަމާވެސް ބަދަލުވެދާނެއެވެ. އިޒްރޭލުން ފަލަސްޠީނު އަޅުވެތިކޮށްގެން އުޅޭ އުޅުމަކީ އެގޮތަށް އަބަދު ދެމިއޮންނާނެކަން އެނގޭ ޙަޤީޤަތެއްނޫނެވެ. މާދަމާވެސް އެމެރިކާ އިޒްރޭލުގެ އަތުން ދޫކޮށްލަފާނެއެވެ. ފަލަޞްޠީނާއި ޢަރަބި އެހެން ޤައުމުތަކުން ބޭނުންވެގެން އުޅޭ މަގުން އެމެރިކާ ހިނގުމަކީ ވެސް މުޞްތަޙީލު ކަމެއްނޫނެވެ. މިހާރު ކުރިއާ ޚިލާފަށް ޙަޤީޤަތްތައް ހާމަވަމުން ދާއިރު، ޚާއްޞަކޮށް އެމެރިކާ ރައްޔިތުންގެ ނުފޫޒަކީ ވެސް ހިސާބު ހަދާއިރު ބޭނުން ކުރަންޖެހޭ ފޯމިއުލާއެކެވެ. އިޒްރޭލުން ފަލަސްޠީނާއި ޢަރަބިންނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކަށް އެމެރިކާގެ ރުހުން ބޭނުންވެއެވެ. އެމެރިކާއިން މި ރުހުމާ އިދިކޮޅުވެ އިޒްރޭލުގެ މުލައްދަނޑިން ދޫކޮށްލައިފިނަމަ އިޒްރޭލް އޭ ކިޔޭނެ ދައުލަތެއް ވުޖޫދުގައި ނޯންނާނެއެވެ.