November 23, 2024 22:46
Advertisement

-Advertisement-

ވާހަކަ: ލޭތިކި (ބާރަވަނަބައި)

ޝަރުވާންގެ ހިތުގައި ޝައްކުގެ ވިންދު ޖަހަމުން ދިޔައެވެ. މަންމައަށް އެނގުނަސް އިތުރު ތަފްސީލް ހޯދުމަށް ނޭނގޭ ކަމަށް ހެދެނީ ކަމަށް ވެދާނެއެވެ. ނަމަވެސް އެއަންހެން ކުއްޖާ މަންމައަށް ފެނުނުނަމަ ވަގުތުން ޝަރުވާނާއި ސުވާލު ކުރާނެއެވެ.

"އަދިވެސް ހުންނަނީތަ" ޝަރުވާން ސިއްސައިގެން ދިޔައީ މަންމަ ބާރަށް ބުނެލި އަޑުންނެވެ.

މަންމަ އެހެން ބުނުމާއިއެކު ޝަރުވާން ގެއިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އެއިރުވެސް ޝަރުވާނަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. އަބަދުވެސް ހިތަށް އަރަނީ މަންމައަށް އެމަންޒަރު ހުންނާނީ ރަނގަޅަށް ފެނިފައެވެ. އެހެން ނޫނިއްޔާ އެ އަންހެން ކުއްޖާ އެކޮޓަރިން ނިކުމެގެން ދާނީވެސް ކިހިނެއް ހެއްޔެވެ. ގޭ ދޮރު ތަޅުލީ ޝަރުވާނެވެ. އެއީ ތަޅުދަނޑިން ނޫނިއްޔާ ހުޅުވޭނެ ތަޅެއް ނޫނެވެ. ޝަރުވާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަދާނެގޮތް ހުސްވިއެވެ. އެވާހަކަ މަންމައަށް ތަފްސީލްކޮށް ކިޔައިދޭނީ ހެއްޔެވެ. ނޫނެކެވެ. އެވާހަކަ މަންމައަށް ކިޔައިދީފިއްޔާ މަންމަ ސިހުރުވެސް ހަދަން ފަށައިފާނެވެ. އެގޮތަށް ކަންތައް ވެއްޖެއްޔާ އެކަމުގެ އަސަރު ކުރާނީ ހަމައެކަނި ޝަރުވާނަކަށް ނޫނެވެ. މުޅި ރަށަށް ސިހުރުގެ އާދައެއް ފެށިދާނެވެ. ޝަރުވާން މިސްކިތުން އައިއިރުވެސް މަންމަ ބޭރުގައި އިނެވެ. އަދި ޝަރުވާން ފެނުމުން މަޑުކޮއްލަދޭން އެދުނެވެ. ޝަރުވާން ވަރަށް ކިޔަމަންތެރިކަމާއިއެކު ގޮސް މަންމަގެ ގާތުގައި އިށީނެވެ. އަދި ކުޑަކުއްޖެއްހެން މަންމަގެ ކޮނޑުގައި ބޯއަޅައިލިއެވެ.

Advertisement

"ރޭގައި ވަރަށް ލަހުންތަ ނިދީ" ފުރަތަމަ ސުވާލު މަންމަ ޝަރުވާނާއި ކުރިމަތި ކުރިއެވެ.

"ނޫން. ހެދުންތައް ނަގައިފައި ގޮސް ނިދީ. ވަރަށް އަވަހަށް ނިދިއްޖެ. ދެން ހޭލެވުނީ މަންމަގެ އަޑަށް" ޝަރުވާން ގަސްތުގައި ދޮގު ހެދިއެވެ.

"އެކަމަކު މަންމައަށް ހީވީ ވަރަށް ލަސްވިފަހުންވެސް މީހަކު ހިނގާހެން" ފަހަރަކު ސުވާލެއް ކުރިމަތި ކުރަމުން ދިޔައެވެ.

"ތިވާނީ މަންއަށް ހީވި ހީވުމެއް ކަމަށް" ޝަރުވާން އެހެން ބުނެފައި ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. މަންމަގެ ސުވާލުތަކުން ސަލާމަތް ވުމަށެވެ. ނަސީބު ކަންދިމާކުރީ ވަރަށް ރަނގަޅަށެވެ. މަންމަގެ ވިސްނުންވެސް ބަދަލުވީއެވެ. މަންމަވެސް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

ހެނދުނުގެ ހިތްގައިމު މަންޒަރުތަކުން ދުނިޔެ ޒީނަތްތެރި ކުރަމުން ދިޔައިރު ޝަރުވާން އިނީ ގޯތިތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ދޭތެރެ ދޭތެރެއިން ރޭގައި އެއަންހެންކުއްޖާ އާއި ބައްދަލުވި ދިމާލަށް ބަލާލައެވެ. އަދި ދުވަހަކުވެސް އަންހެންކުއްޖަ ކުފެނިފައި ޝަރުވާންގެ ހިތަށް މިވާކަހަލަ ގޮތެއް ނުވެއެވެ. ޝަރުވާން ބޭނުންވީ އެ އަންހެންކުއްޖާ އާއި ބައްދަލު ކުރާށެވެ. ނަމަވެސް އެކަންވާނީ ކިހިނެއް ހެއްޔެވެ. އެއަންހެންކުއްޖާ ވީ ތަނެއްވެސް ޝަރުވާނަކަށް ނޭނގެއެވެ. ބޭކާރު ޚިޔާލުތަކެކޭވެސް ހިތަށް އަރައެވެ. ނަމަވެސް އަދި އެހާއަވަހަށް ކަންތަކުން ރެކިގަތުމަކީ ޝަރުވާންގެ ގޮތެއް ނޫނެވެ. ޝަރުވާން އެޚިޔާލުގެ ކަނޑަށް ގެނބެމުންދަނިކޮށް ލޮލުގައި އަޅައިގަތީ ދޮރާށިން ވަދެގެން އައި މީހަކާއެވެ. އެއީ ދަންނަ މީހެކެވެ. ޝަރުވާނާއި އެއް އޮފީހެއްގައި މަސައްކަތްކުރި ޒުވާނެކެވެ. އޭނާ އައިސް ޝަރުވާން އަތަށް ސިޓީ އުރައެއް ދިއްކޮށްލިއެވެ. އެސިޓީ އުރައިގެ ބޭރުގައި ވަނީ ޝަރުވާންގެ ނަމެވެ. އަވަސް އަވަހަށް ސިޓީ އުރައިން ސިޓީ ނެގުމަށްފަހު ކިޔަން ފަށައިފިއެވެ. ޝަރުވާނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެންހެންނެވެ. ޝަރުވާންގެ ވަޒީފާ ގެއްލުނީއެވެ. އެހާ ކުރާ ހިތުން ކުރި މަސައްކަތް ގެއްލުނީތީ ޝަރުވާނަށް ރޮވުނެވެ. މީހެއްގެ މަރުން ސަލާމަތްވިތަނާހެން މިޖެހުނީ އަނެއް ކަންތަކާއިއެވެ. ވަޒީފާ ގެއްލުނީއެވެ. އަނެއްކާވެސް ކުރިއަށްދާން އުނދަގޫވީއެވެ. ފައިސާ ހޯދާނެ ގޮތެއް ހޯދަން މަޖުބޫރުވީއެވެ. މުސްކުޅި މަންމައަކު ބަލަން ޖެހިފައި ހުރުން އެއީ ޝަރުވާން އެންމެ ފިކުރު ބޮޑުވާ ކަންތަކެވެ. އަދި އަމުދުން ޝަރުވާން މީހަކާއި ނީނދެ ހުރުންވެސް އެއީ އުނދަގޫ ކަމެކެވެ.

ހަވީރުގެ ފިނި ދުނިޔެއަށް ވެރިވަމުންދިޔަ ވަގުތެވެ. މުޅި ގޯތިތެރެއަށް ގަސްތަކުގެ ހިޔާ އެޅެމުން ދިޔައެވެ. އެ ހިތްގައިމު ވަގުތު ޝަރުވާންގެ މަންމަ މީހަކާއި ވާހަކަ ދައްކަން ގޯތިތެރޭގައި އިންތަން ފެނުނެވެ. ޝަރުވާން ހުރީ ވަޒީފާއިން ކަނޑާލި ވާހަކަ މަންމަގެ ގާތުގައި ބުނާނެ ވަގުތަކަށް އިންތިޒާރު ކޮއްގެންނެވެ. މަންމަ ވަރަށް ހަމަޖެހިލާފައި ހުންނަ ވަގުތަކު ނޫނިއްޔާ އެވާހަކަ ނުބުނަން މަޑުކޮއްލީއެވެ. މާގިނައިރަކު އެމީހަކު މަޑުނުކޮށް ދާން ހިނގައިގަތެވެ. އެމީހާ ހިނގައިގަތުމުން ޝަރުވާން ގެއިން ބޭރަށް ނިކުތެވެ. އަދި މަޑު ހިނގުމެއްގައި ގޮސް މަންމަގެ ގާތަށް ހުއްޓި މަންމަގެ އަތުގައި ހިފެހެއްޓިއެވެ.

"ކިހިނެއްވީ ދަރިފުޅާ. މަންމައަށް ހާދަ ހީވޭ ކަމެއްވެފައިހެން ތިހުންނަނީ" ޝަރުވާން ފެނުމާއިއެކު މަންމަ ބުނެލިއެވެ.

"ވަޒީފާ ގެއްލުނީ. ދެން ކިހިނެއް ފައިސާ ހޯދާނީ" ޝަރުވާންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އަދި އެއަށް ހިތްވަރު ދެމުން ޝަރުވާންގެ މަންމަ ދިޔައެވެ. ހިތްވަރު ކުރުމަށާއި އަދި ރަނގަޅު ވާނެކަމަށް ބުނެދިނެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަމަށް ވިސްނައިދީ ޝަރުވާންގެ ހިތްހަމަޖައްސައިދިނެވެ. ޝަރުވާން އެކަމާއި ވިސްނަން ބޭނުން ނުވިޔަސް ވިސްނެއެވެ. އެއީ ކިހާ ބޮޑުކަމެއްކަން އިހުސާސް ވަނީއެވެ.

"ދެން އެކަމާއި ނުވިސްނާ. މަންމަ މިދަނީ ރިޝްމީގެ ގާތަށް. އޭނަ އަންނާށޭ ބުނެފައި އޮތީ. ނޭނގެ ކޮން ކަމެއްގަކަންވެސް" މަންމަ ހިނގައިގަތީ ބޭރަށް ދާށެވެ. ޝަރުވާން ހުރީ މަންމަގެ ހިތްހަމަނުޖެހުން ކުރިމަތިވެދާނެތީ ވަރަށް ބިރުންނެވެ. ނަމަވެސް ކަންތައް ދިމާވީ ވަރަށް ރަނގަޅަށެވެ. ޝަރުވާން އެކަނިވީ ވަގުތުވެސް ވިސްނުނީ ރޭގައި ދިމާވި ކަންތަކާއިއެވެ. އެއަންހެންކުއްޖާ އާއި ދިމާވި ހިސާބުގައި ދުވާލު ގަޑީގައި ޝަރުވާން އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އަދިވެސް އެ އަންހެންކުއްޖާގެ އެއްވެސް މަޢުލޫމާތެއް ނުލިބެއެވެ. މިހާރު ވީ ހިސާބެއްވެސް ނޭނގޭތީ ޝަރުވާން ހުރީ ވަރަށް ދެރަވެފައެވެ. ޝަރުވާން ބޭނުންވަނީ އެ އަންހެންކުއްޖާއި އެކު ގިނަ ވަގުތުތަކެއް ހޭދަ ކޮއްލާށެވެ. އެކި ވާހަކަ ދައްކާ އުފާ ކުރާށެވެ.

އިރުއޮއްސިގެން ދިޔައިރުވެސް ޝަރުވާންގެ މަންމަ ގެއަށް ނާންނާތީ ޝަރުވާން ހުރީ ވަރަށް ހާސްވެފައެވެ. މަންމަ ނާންނާތީއެއް ނޫނެވެ. ޝަރުވާން އިންތިޒާރު ކުރާ ގަޑިއަށް މަންމަ ގެއަށް ނާދެވިއްޖެއްޔާ ޝަރުވާނަށް އެގަޑިއަށް އެތަނަށް ނުދެވިދާނެތީއެވެ. ސިޓިންގރޫމްގައި ޝަރުވާން ދެކޮޅަށް ހިނގަހިނގާ ހުއްޓައި މަންމަ ގޭތެރެއަށް ވަނެވެ. ޝަރުވާން އުފަލުން ފުންމައިގަނެވުނެވެ.

"ކިހިނެއްވެފައި ތިހުންނަނީ" ޝަރުވާން ފެނިފައި މަންމަ ސުވާލުކުރިއެވެ.

"މީހަކު އެބައާދޭ. އެހެންވެ މިހުންނަނީ މަންމަ ގެއަށް އައިމަ ނޫނިއްޔާ ނުދާން" ޝަރުވާން ބުނެލިއެވެ.

"އެކަމަކު ލަސްނުކޮށް އަންނާތި" މަންމަ ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ.

މަންމަގެ ހުއްދަލިބުމުން ޝަރުވާން ނިކުތީ ބޭރަށެވެ. ދޮރާށި ދޮށުގައި މަޑުކޮއްލައިގެން ހުރިއިރު ޝަރުވާނަށް ބެލެނީ ގޯތިތެރޭގެ އެކި ދިމަ ދިމާލަށެވެ. ނަމަވެސް ދޮރާށި ދޮށުގައި ހުރުމުން އެ އަންހެންކުއްޖާ އަންނަންޏާ ފެންނާނެތާއެވެ. ޝަރުވާނަށް ނުފެނި އެކުއްޖާއަށް އެ ގެއަކަށް ނުވަތަ ގޯތިތެރެއަށް ނުވަދެވޭނެއެވެ. ޝަރުވާން އެތާނ ހުންނަތާ ވަރަށް ގިނައިރު ވެއްޖެއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވިތާ ދުނިޔެމައްޗަށް އަނދިރިވާން ފަށައިފިއެވެ. ޝަރުވާން އެހެން ހުރެ ވަރުބަލިވެއްޖެއެވެ. އެއްވެސް އުންމީދެއް ނެތް ކަމަކަށް އިންތިޒާރު ކުރަންވީ ކީއްކުރަންބާއޭ ހިތަށް އަރައެވެ. ނަމަވެސް އެކަމަށް ހިތްއެދޭތީ މަޑުކޮއްލީއެވެ. އެހެން ކޮޅަށް ހުންނަތާ އެތަށް އިރެއްވީފަހުން ޝަރުވާން ގޭތެރެއަށް ވަންނަން ހިނގައިގަތީ ވާރޭގެ ތިކިތައް ޝަރުވާނަށް ހަމަލަދޭން ފެށުމުންނެވެ. ދުވެފައި ގޭތެރެއަށް ވަނީ ވާރެއިން ސަލާމަތް ވުމަށެވެ. ތުނިކޮށް ވާރޭ ވެހެމުން ދިޔަ ނަމަވެސް މުޅި ހިސާބުގަނޑުވަނީ ދުންފިނި ވެރިވެފައެވެ. ޝަރުވާން ގޭތެރެއަށް ވަންނަމަވެސް ބޭނުންވީ ބޭރު ފެންނަ ހިސާބެއްގައި މަޑުކޮއްލާށެވެ. ގެއަށް ވަންނަ ދޮރުކަނީގައި ލެނގިލައިގެން ހުރީ އެ އަންހެންކުއްޖާ އާއި ބައްދަލުވެދާނެކަމުގެ އިންތިޒާރުގައެވެ. ޝަރުވާން ހިތް އަވަސްވެގަތީ ރޭގައިވެސް އެ އަންހެންކުއްޖާ އާއި ބައްދަލުވި ތަނުން މީހެއްގެ ހިލަމެއް ވީހެން ހީވާތީއެވެ. ޝަރުވާނަށް ހީވީ ހަމަ ރަނގަޅަށެވެ. ކޮންމެވެސް މީހަކު އެދިމާލުގައި އެބައުޅެއެވެ. ޝަރުވާންގެ ވިންދު އަވަސްވެލިއެވެ. ހިތް ބާރަށް ތެޅެން ފެށުނެވެ. ނަމަވެސް ވެހެމުން ދިޔަ ވާރޭ ހުއްޓާލާތޯ ޝަރުވާން މަޑުކޮއްލިއެވެ. ވާރޭ ވެހުން ހުއްޓުނީ އަޖައިބުވާ ކަހަލަ ގޮތަކަށެވެ. ހަމަ ކުއްލިއަކަށް ހުއްޓުމަށްފަހު ދުންފިނިކަމަށްވެސް ނިމުމެއް އަތުވެއްޖެއެވެ. ޝަރުވާން ނިކުމެގެން ދުއްވައި ގަތެވެ. ކުރިމަތިން ފެންނަމުންދާ އަންހެންކުއްޖާ އާއި ދިމާލަށެވެ. ބާރު ބާރަށް ގޮސް ހުއްޓުނީ އެކުއްޖާ މަޑުކޮއްލައިގެން ހުރި ގަސް ކައިރީގައެވެ.

"ކޮބާ ކޮންތާކަށް ދިޔައީ ރޭގައި" ޝަރުވާން ބުނެލިއެވެ.

"އަހަރެން ބުނީމެއްނު އެއްވެސް މީހަކަށް އަހަރެންގެ ހިލަމެއް ނުވާނެއޭ. އަހަރެންގެ މޮޅުކަން އެންމެ ރެއަކުންވެސް އެނގިއްޖެދޯ" އެ އަންހެންކުއްޖާ ހޭން ފެށިއެވެ.

"ދެން ކޮންތާކަށް ދިޔައީ. އަހަރެންގެ މަންމައަށް ފެނުނުތަ" ޝަރުވާންގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ބޭރުކޮއްލިއެވެ.

"ކާކަށް އަހަރެން ފެންނާނީ. އަދި ފެންނަންވީ. ތީނައަށް ފެނުނީމަ ނިމުނީނު. ދެން ކާކަށް ދައްކަން ތި އުޅެނީ" އެ އަންހެންކުއްޖާ ހޭންފެށިއެވެ.

= ނުނިމޭ =

+1
0
+1
0
+1
5
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް