November 22, 2024 16:20
Advertisement

-Advertisement-

ބޭނުންވަނީ މުސާރަ ބޮޑު ވަޒީފާއެއްތަ ނޫނީ ކިޔެވި ދާއިރާގެ ވަޒީފާއެއްބާ؟

ކޮންމެ މީހަކުވެސް އެންމެ ކުޑައިރުއްސުރެ "ޑްރީމް ޖޮބް" އޭ ކިޔާ އެންމެ ބޭނުންވާ ވަޒީފާއެއް އޮވެއެވެ. ސްކޫލުގައި ކިޔަވަމުންދާ ވަރަކަށް ކުރިއަށްދާން ބޭނުންވާ ދާއިރާއަށް ބަދަލު އަންނަ ކުދިންވެސް އުޅެއެވެ. އަދި ކުޑައިރުއްސުރެ އެއްދާއިރާއަކުން ކުރިއަށްދާން ނިންމާ އެ ބޭނުންވާ ދާއިރާ ނޫން އެހެން ދާއިރާއަކުން ވަޒީފާ އަދާކުރަން ބޭނުންނުވާ ޒުވާނުންވެސް އުޅެއެވެ.

ހަޔާތުގެ އެކި މަރުހަލާތައް ކަޑައްތުކުރާއިރު މިޑްރީމް ޖޮބަށްވެސް ބަދަލު އާދެއެވެ. މިގޮތުން އެކީގައި އުޅޭ ރައްޓެހިންނާހުރެ ކުރިއަށްދާން ބޭނުންވާ ދާއިރާގެ ނުފޫޒުވެސް ބައެއްފަހަރު ފޯރައެވެ. އެއީ ޔުނިވަރސިޓީ އަށް ގޮސް އެއްކުލާހެއްގައި ކިޔެވުމުގެ ބޭނުމުގައެވެ. އަދި ކިޔަވައި ނިމިގެން އެއް އޮފީހެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭތޯ ބައެއް އެކުވެރިން މިގޮތަށް މަސައްކަތްކުރެއެވެ. ކިޔަވަން ބޭނުންވާ ދާއިރާތަކާއި ދިރިއުޅުން ބައްޓަންކުރަން ބޭނުންވާ ގޮތްތަކަށް ބަދަލު އަންނަ މިފަދަ ތަފާތު ސަބަބުތައް ހުރެއެވެ. މިގޮތުން ކިޔަވަން ބޭނުންވާ ދާއިރާއިން ކުރިއަށްދާން ބަލާއިރު އެދާއިރާއަކުން ކިޔެވޭނެ ފުރުސަތު ނުލިބުމާއި ފައިސާގެ ދަތިކަމާއި އަމިއްލަ ގައުމުގައި ހުރެގެން ކިޔެވުމުގެ ފުރުސަތު ނެތުންކަހަލަ އެތައްކަމެއް ދިމާވެއެވެ.

ދިވެހި ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ދާއިރާތަކުން ވަޒީފާ ހޯދަން އުދަގޫވުމެވެ. ރާއްޖެއިން ބޭރުން މަތީތަޢުލީމް ހާސިލުކުރި ޒުވާނަކު ވަނީ ވަޒީފާއެއް ނުލިބި ހޭދަވި އުދަގޫ ދުވަސްތައް ހިއްސާކޮށްފައެވެ. "އަޅުގަނޑު ތަޢުލީމް ހާސިލުކުރީ ފުޑް ސައިންސްގެ ދާއިރާއިން. އެއިރު ރާއްޖެ އައިއިރު މިއީ އެހާ އާންމު ދާއިރާއެއް ނޫން. ވަޒީފާގެ ފުރުސަތުތައް ވަރަށް މަދު. އެހެންވުމުން ޖެހުނީ ކިޔެވިއެއްޗަކާ ގުޅުމެއް ނެތް ދާއިރާއެއްގައި މަސައްކަތްކުރަން".  

Advertisement

ބިޒްނަސްގެ ދާއިރާ ނުވަތަ މާކެޓިންގެ ދާއިރާއިން ކިޔަވައިގެން އަންނަ މީހާ މަސައްކަތް ކުރަން ބޭނުންވާ ދާއިރާތަކުން ފުރުސަތު ލިބޭތޯ މަަސައްކަތްކޮށްކޮށް ފޫހިވެގެންދާއިރުވެސް ވަޒީފާ ނުލިބިދިޔަ ދުވަސްވަރެއްވެސް ދިޔައެވެ. އެހެންނަމަވެސް މިއީ ރާއްޖޭގައި ވަރަށް ގިނަ މީހުން ތަމްރީން ވަމުން އަންނަ ދާއިރާއެކެވެ. އަދި ގިނަ ކުންފުނިތަކެއް އުފެދި މިދާއިރާގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދަނީ ލިބެމުންނެވެ.

ތިމާ ކިޔެވި ދާއިރާއިން ލިބޭ ވަޒީފާއަށްވުރެ އެހެން ދާއިރާއަކުން ބޮޑު މުސާރައެއް ލިބެން އޮވެއްޖެނަމަ އެދިމާލަކަށް ދާމީހުން ވެސް އުޅެއެވެ. ޝައުގުވެރިވާ ދާއިރާއަކުން ވަޒީފާއެއް ލިބުމަކީ އެހާ ފަސޭހަކަމަކަށް ނުވެ ހިގައިދާނެއެވެ. ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ވަޒީފާއަކަށް ނުގޮސް ހުރެއްޖެނަމަ ދެން ކުރިމަތިލާންޖެހެނީ އުދަގޫ ދުވަސްތަކަކާއެވެ. އޭގެ ކުރިން ކޮންމެވެސް ވަޒީފާއެއް ލިބޭތޯ ބަލައި އެލިބުނު ވަޒީފާއަކައިގެން ކުރިއަށް ދިއުމަކީ އެންމެ ބުއްދިވެރިގޮތެވެ.

"ބޭނުންވާ ދާއިރާއިން ވަޒީފާ ނުލިބިއްޖެނަމަ މަސައްކަތަށް ފަރުވާކުޑަކުރެވޭ ފަހަރުވެސް އާދޭ. އެއީ ބައެއްފަހަރަށް މިގޮތަށް ދާ ވަޒީފާއަކީ މައިންބަފައިން ބުނެގެން އަދާކުރާ ވަޒީފާއަކަށްވެފަވެސް އެބަހުރި. މީގަ މުހިންމީ ކޮންމެ ވަޒީފާއެއް އަދާކުރިއަސް ފަރުވާތެރިކަމާއެކު ޒިންމާ އަދާކުރުން. ހަމައެކަނި މުސާރައިގެ ބޭނުމުގައި ވަޒީފާ އަދާނުކޮށް ކުރާހިތުން ރަނގަޅަށް މަސައްކަތްކުރުން". ވަޒީފާއެއް އަދާކުރަން މަޖުބޫރުވެގެން ވަޒީފާއަށް ދާނަމަ މަސައްކަތުގެ ފެންވަރުދަށްވެގެން ދެއެވެ.

ކިޔެވި ދާއިރާއަކުން މަސައްކަތްކުރަން ބަލާއިރު ލިބޭ މުސާރައާއި އެކަށީގެންނުވާ މިންވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ފަހަރުވެސް އާދެއެވެ. މިގޮތަށް މަސައްކަތް ކުރުމުން 'ސްޓްރެސްވެ' ވަޒީފާގައި އުޅޭހިތް ނުވާ ފަހަރު އާދެއެވެ. އެހެންނަމަވެސް ފައިސާ މުހިންމުވާތީ އުޅެން މަޖުބޫރުވަނީއެވެ.

ހަލާލުގޮތުގައި މަސައްކަތްކޮށްގެން އަދާކުރާ ކޮންމެ ވަޒީފާއަކީވެސް އޭގެ ޒާތުގައި ރަނގަޅު ވަޒީފާއެކެވެ. ބޭނުންވާ ހުރިހާކަމެއް ހާސިލު ނުވިނަމަވެސް ތިމާގެ ހިތްފުރޭވަރަށް ފައިސާ ނުލިބުނަސް އިޚްލާސްތެރިކަމާއެކު ވަޒީފާގައި އުޅޭނަމަ އެކަމުގައި ބަރަކާތްލައްވާ ތިމާގެ ދިރިއުޅުން ބާއްޖަވެރިވެގެންދާނެއެވެ. 

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް