November 23, 2024 23:21
Advertisement

-Advertisement-

ވާހަކަ: ލޭތިކި (ތޭރަވަނަބައި)

"އާނ. އަހަރެން ބޭނުންވީ އަހަރެންގެ ގާތުގައި އަބަދުމެ ބަހައްޓަން" ޝަރުވާން އެ އަންހެންކުއްޖާ އާއި ގާތަށް ޖެހިލިއެވެ.

"އަހަރެންވެސް ބޭނުންވަނީ ތިގޮތަށް" އެ އަންހެންކުއްޖާ ބުނެލިއެވެ.

ހިމަފޮދު ވާރޭ އެވަގުތު ވެހެން ފެށިއެވެ. ޝަރުވާން އެކުއްޖާ އަތުގައި ހިފައިގެން ގެއާއި ދިމާލަށް ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އެކަމަށް އެކުއްޖާ އިންކާރު ކުރިއެވެ. މިރޭ ތެމިގެން ނަމަވެސް މިތާގައި ވަގުތުކޮޅެއް ހޭދަކޮއްލަން ބޭނުންވީއެވެ. އެކަމަށް އެކުއްޖާ އެދުމުން ޝަރުވާނަށް އެކަމަށް އިންކާރު ކުރާކަށް ނުކެރުނުވެ. އަދި ބިންމަތީގައި އޮތް ލަކުޑިގަޑެއް މަތީގައި އިށީނެވެ. އެކުއްޖާ އައިސް ޝަރުވާންގެ އަތުގައި ހިފަހައްޓައިލިއެވެ.

Advertisement

"ދެންވެސް ނަން ބުނެބަލަ. އަދިވެސް ނަމެއް ނޭނގެ. ދެން ކިޔަންވީ ތީނަ މީނަ އޭނަ" ޝަރުވާން ހޭންފެށިއެވެ.

"އޯކޭ އަޑުއަހާ. އަހަރެންނަށް ކިޔަނީ ސުވައިދާ. މިވަރުން އޯކޭތަ" އެ އަންހެންކުއްޖާ އެންމެފަހުން އޭނަގެ ނަން ބުނެލިއެވެ.

"ކޮން ރަށެއް" ޝަރުވާން ބޭނުންވީ އަދިވެސް އިތުރަށް މައުލޫމާތު ސާފުކުރާށެވެ.

"ހާދަހާ ކެތްތެރިކަމެއް ނެތޭ. އަދި އެނގޭނެ. ކެތްތެރިކަމާއި އެކު ހިތްވަރު ކޮއްލާ" ސުވައިދާ ބުނެލިއެވެ.

"މިހާރު އެނގިއްޖެ ޖިންނިއެއް ނޫންކަން. ޖިންނީންނަށް ސުވައިދާ ނުކިޔާނެ. އެކަމަކު އަހަރެން ހީކުރީ މިރޭވެސް ވާރޭ ވެހެން ފެށީމަ ތިއީ ޖިންނިއެއް ކަމަށް" ޝަރުވާން ހޭންފެށިއެވެ.

"ޖިންނިއެއް ފެންނައިރަށް ވާރޭ ވެހެންޖެހޭތަ. ޖިންނިއެއް ފެނިއްޖެއްޔާ ތީނައަށް އެނގޭނެތަ" ސުވައިދާ ސަމާސަ ރާގަކަށް އަހައިލިއެވެ.

"އާނ. އަހަރެން ބިރުން ދުވެފިލާނަން" ޝަރުވާން ހޭންފެށިއެވެ.

ދެމީހުން ވާހަކައިގައި ތިއްބާ ޝަރުވާންގެ މަންމަ ގޮވައިލިއަޑަށް ޝަރުވާން ދިޔައީ ސިއްސައިގެންނެވެ. މަންމަ އެތަނަށް އަތުވެދާނެތީ ޝަރުވާން ހިތްތެޅެމުން ދިޔައެވެ. އަދި މަންމަ އެތަނަށް އަތުވެއްޖެއްޔާ ސުވައިދާ ފޮރުވާނީވެސް ކިހިނެއްކަމާއި މެދު ޝަރުވާން ފިކުރު ބޮޑުވިއެވެ. ޝަރުވާން މަންމައަށް ޖަވާބު ދިނެވެ.

"ތިތާ އަނދިރީގައި ކީއްތަ ތިކުރަނީ. ގެއަށް ވަންނަން އުޅެބަލަ" ޝަރުވާންގެ މަންމަ ބުނެލިއެވެ.

އެއީ ރަނގަޅު ވާހަކައެކެވެ. ރޭގަނޑު ގަޑީގައި މިކަހަލަ ތަންތާގައި ތިބޭކަށް ނުވާނެއެވެ. މަންމަ އަބަދުވެސް އެވާހަކަ ހަނދާން ކޮއްލަދެއެވެ. ޖިންނީންގެ ކިބައިން ސަލާމަތްވުމަށް އެކަހަލަ ތަންތަނަށް ނުދިއުމަށެވެ. ނަމަވެސް މިރޭ ޝަރުވާނަށް އެހުރެވުނީ އެކަހަލަ އަނދިރި ތަނެއްގައެވެ. އެތަނުން ސަލާމަތްވެވެން އޮތީ މަންމަ ގޭތެރެއަށް ވަނުމުންނެވެ. ނަމަވެސް ޝަރުވާން އަންނަންދެން މަންމަ ދޮރުގައި ލެނގިލައިގެން ހުއްޓެވެ. ޝަރުވާނަށް ގޮތް ހުސްވިކަހަލައެވެ. އެތަނުން ސުވައިދާ ނެރޭނެ ގޮތަކާއި މެދު ފިކުރު ކުރެވެން ފެށުނެވެ. މަންމައަށް ނުފެނި އެތަނުން ސުވައިދާ ނެރެވޭނެ ގޮތެއް ނެތެވެ. ޝަރުވާން ސުވައިދާ އަތުގައި ހިފައިގެން ގޮސް ގަހެއްގެ ބިއްދޮށަށް ވަނެވެ.

"ހާދަ ހާސްވެފައި. ތީނަ ހީކުރީ އަހަރެން މިއީ ކުޑަކުއްޖެއް ކަމަށްތަ. އަހަރެންގެ ސަލާމަތް އަހަރެން ހޯދާނަމޭ. އަހަރެން ވަރަށް މޮޅުވާނެ ފިލަން" ސުވައިދާ ހޭންފެށިއެވެ.

"އެކަމަކުވެސް އަހަރެންނަށް ނުކެރޭނެ ސުވައިދާ އެކަނި ދޫކޮއްލާފައި ދާން" ޝަރުވާން ވަރަށް ލޯބިން ބުނެލިއެވެ.

ޝަރުވާންގެ މަންމަ އެމީހުންނާއި ދިމާލަށް އަންނަން ފެށުމުން ސުވައިދާ ފާރުގައި އަތް އެޅުމަށްފަހު އަނެއްފަރާތަށް ފުންމައިލިއެވެ. ސުވައިދާގެ ހަރަކާތް ހުރި ގޮތުން ޝަރުވާން ހުރީ ހައިރާންވެފައެވެ. އެހާ ފަރިތަކަމުންނެވެ. ފިރިހެނަކަށްވެސް އެހާ ފަރިތައެއް ނުވާނެއެވެ. އެމަންޒަރު ހިނގީ ޝަރުވާންގެ ކުރިމަތީގައެވެ. ގަބޫލު ކުރަން އުނދަގޫވެފައި ހުއްޓާ މަންމަ އައިސް ޝަރުވާންގެ ގާތަށް ހުއްޓުނެވެ. ޝަރުވާނަށް ހޭވެރިކަންވީ މަންމަ އައިސް ވާހަކަ ދައްކަން ފެށުމުންނެވެ. އެތައް ފަހަރަކު އަންނާށޭ ބުނެ ނައިސްގެން އެންމެފަހުން ޝަރުވާން ބަލާ އައީއެވެ.

"އެދިޔައީ" ޝަރުވާނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

"ކާކުހޭ. މިހާރަކަށް އައިސް ދަރިފުޅު ހޭބުއްދި ފިލާފައި ހުންނަހެން މަންމައަށް ހީވަނީ" ހިތްހަމަނުޖެހިފައި ހުރި މަންމަ ބުނެލިއެވެ.

އެންމެފަހުން ޝަރުވާން މަންމަގެ ބަސް އަހައިގެން ގޭތެރެއަށް ވަންނަން ދިޔައެވެ. މަޑު ހިނގުމެއްގައި މަންމަގެ ފަހަތުން ހިނގައިފައި ދިޔައިރުވެސް ޝަރުވާނަށް ބެލެނީ އެ ފާރާއި ދިމާލަށެވެ. އެވަރުގެ އަންހެން ކުއްޖެއް އެހާ ފަސޭހައިން އެތަނުން ފުންމާލީތީ ހައިރާން ވެގެންނެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތަށް ވުމުން ދެން ބޭރަށް ނުނިކުންނަން ބުނެފައި ޝަރުވާންގެ މަންމަ ކޮޓަރިއަށް ވަނެވެ. ނަމަވެސް ހިތް ގޮވަމުން ދިޔައީ އަދިވެސް ސުވައިދާ އެހިސާބުގައި ވާނޭ ކަމަށެވެ. ހިތާއި ދެކޮޅަށް ކިތަންމެ މަސައްކަތެއް ކުރަމުންދިޔަ ނަމަވެސް އެހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އެންމެ ފަހުން ޝަރުވާނަށް ޖެހުނީ ދީލާލާށެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ބަލައިލިއެވެ. މަންމަ ނިދުނުކަން ޔަގީންވުމުން ސިޓިންގރޫމްގެ ދޮރު ހުޅުވައިލިއެވެ. އަދި ބޭރަށް ނިކުމެ ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަޑުފިޔަވަޅުތައް އަޅަމުން ކުރިއަށް ދެވުނީ ކިރިޔާއެވެ. މަންމަގެ ކޮޓަރީގެ ބޮކި ދިއްލައިލިތަނާހެން ޝަރުވާން އެނބުރި ގޭތެރެއަށް ވަންނަން ހިނގައިގަތީ ވަރަށް ސިއްރުންނެވެ.

"ކޮންތާކަށް ތި ދަނީ. މަންމަ ނުހޭލާނެ. ދެންވެސް އާދެބަލަ" ފަހަތުން ސުވައިދާ ގޮވައިލިއަޑަށް ޝަރުވާން އެނބުރި ފަހަތަށް ބަލައިލިއެވެ.

"މަންމަ ނިދަންދެން އަހަރެން މިހުންނަނީ އިންތިޒާރުގައި" ސުވައިދާ އަނެއްކާވެސް ބުނެލިއެވެ.

ޝަރުވާން ސުވައިދާ ގޮވައިގެން އައިސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. އަދި ވަރަށް ލޯބިން އަތުގައި ހިފަހައްޓާލައިގެން އިނދެ ސުވައިދާގެ މޫނަށް ބަލައިލިއެވެ. ސުވައިދާގެ މޫނުން އެއްވެސް ކަހަލަ ވަރުބަލިކަމެއް އަދި ހާސްކަމެއް ފެންނާކަށް ނެތެވެ. މޫނުމަތިން ފާޅުވަމުން ދިޔައީ އުފާވެރި ކަމެވެ. ވަރަށް ހަމަޖެހިލައިގެން ހިނިތުންވުމާއިއެކު ޝަރުވާންގެ ގާތުގައި ސުވައިދާ އިނެވެ. ނަމަވެސް ޝަރުވާންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައީ އެމީހުން ކޮޓަރީގައި އުޅޭކަން މަންމައަށް އެނގިދާނެތީ އެކަމާއި ބިރުންނެވެ.

"މިތާ ތިއްބާ މަންމަ އަތުވެއްޖެއްޔާ ކިހިނެއް ހަދާނީ" ޝަރުވާން ވަރަށް ބިރުން ހުރެ އަހައިލިއެވެ.

"އަދިވެސް ފިރިހެނަކަށް ނުވޭދޯ. މަންމައެއް ނާންނާނެ. އަޔަސް އަހަރެން ނުފެންނާނެ. ވަގުތުން ފިލާނަން" ސުވައިދާގެ އެވާހަކަ ޝަރުވާނަށް ގަބޫލުކުރަން ފަސޭހަވީ ކުރިން މަންމަ ފެނިގެން ފިލި ގޮތުންނެވެ. އެހާ ކުޅަދާނަ ކަމުންނެވެ.

"ދެންވެސް ބުނެބަލަ. ކޮން ރަށެއް. ކޮން ދީނެއް. ކޮން ގައުމެއް" ޝަރުވާން މަޖަލަކަށް ހަދާފައި އެހެން ބުނެލީ އެހުރިހާ މައުލޫމާތެއް އޮޅުންފިލުވަން ބޭނުންވާތީއެވެ.

ޝަރުވާންގެ އެސުވާލު ތަކަށް އެންމެފަހުން ސުވައިދާ ޖަވާބުދިނެވެ. ރަނގަޅަށް އަޑު އަހާށޭ ބުނެ ޝަރުވާންގެ ކޮލުގައި ހިފައިލިއެވެ.

"އަހަރެންނަކީ މިރަށުގެ ފިރިހެނަކާއި އެހެން ރަށެއްގެ އަންހެނަކަށް ލިބިފައިވާ ދަރިއެއް. މިރަށުން އަހަރެން ދިޔައީ ބައްޕަ ނިޔާވުމާއި ގުޅިގެން. އަހަރެންނާއި މަންމަ އާއި ދެމީހުން އެކަނި އެގޭގައި ދިރިއުޅުނިން ވަރަށް ޒަމާން ވަންދެން. އެކަމަކު މިރަށުގެ މީހުންގެ އެހީތެރިކަމެއް އަހަރެމެންނަކަށް ނުލިބުނު. އެމީހުންގެ ކިބައިން ލިބުނީ ހިތްދަތިކަމާއި އުނދަގޫ. އެންމެފަހުން އަހަރެމެން މިރަށް ދޫކޮއްލާފައި ދިޔައީ. މިހާރުވެސް އަހަރެމެން އުޅުނުގެ އެހެރީ ފެންނަން ފަޅުގެއެއްހެން" ސުވައިދާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އެމަންޒަރު ބަލަން ޝަރުވާން އިނެވެ.

ނަމަވެސް އެވާހަކަތައް އިތުރަށް ކިޔައިދޭހާ ހިތްވަރެއް ސުވައިދާއަކަށް ނުލިބުނެވެ. ޝަރުވާންވެސް އިތުރަށް އެވާހަކަ އަޑުއަހަން ބޭނުން ނުވީ ސުވައިދާއަށް ކޮއްފައިވާ ފުން އަސަރު ފެނިފައެވެ. ސުވައިދާ އަކީ ކޮންމެ ކަހަލަ ކުއްޖެއް ނަމަވެސް ދޫކޮއްލާކަށް ޝަރުވާން ބޭނުމެއް ނޫނެވެ. ސުވައިދާ ކިޔައިދިން ގޮތުން ޝަރުވާންގެ މަންމައަށް އެއީ ކޮން އާއިލާއެއްގެ ކުއްޖެއްކަން އެނގޭނެ ކަމަށް ހިތާ ޝަރުވާނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް ސުވާލަކީ މިރަށުގެ މީހުންނަކީ އެހާ ގޯސް ބައެއްބާއެވެ. އެއީ ޝަރުވާނަށް ގަބޫލު ކުރަން އުނދަގޫ ކަމެކެވެ. ނަމަވެސް އެއާއިލާއަށް ގޯސްވީކަމަށްވެސް ވެދާނެއެވެ. ޝަރުވާން ބޭނުންވީ ހަޔާތުގެ ބައިވެރިއަކަށް ސުވައިދާ ގެންނާށެވެ. އެއީ ކޮންމެ ކަހަލަ ކަމެއް ކުރިމަތިވިޔަސް ވަރިހަމަ ކަމަށް ބަލާފައެވެ. ދެމީހުން ވާހަކަ ދައްކަން ތިއްބާ ފަތިސްނަމާދަށް ބަންގި ގޮވަން ފެށުމާއިއެކު ސުވައިދާ ދާން ހިނގައިގަތެވެ. ނަމަވެސް ސުވައިދާއަށް ވުރެ ކުރިން ކޮޓަރިން ބޭރަށް ނިކުތީ ޝަރުވާނެވެ. އެއީ މަންމަ ހޭލާ އުޅޭ ގަޑިއަށް ވާތީ ސުވައިދާ އަށް ބޭރަށް ނިކުމެވޭނީވެސް މަންމަ ކޮޓަރީގައި އުޅޭ ގަޑީގައެވެ. އެހެން ނޫނިއްޔާ އަނެއްކާވެސް އަލުން މިފެށި ކަންތައް ހުއްޓާލަން ޖެހުމަކީ ކައިރި ކަމެކެވެ. ޝަރުވާން ބޭރަށް ނިކުތް ގަޑިއަކީ މަންމަވެސް ކޮންމެވެސް ކަމަކު ބޭރަށް ނިކުތް ގަޑިއަށް ވާތީ ވަރަށް ސިއްރުން ޝަރުވާނަށް ސުވައިދާ ގޮވައިގެން ބޭރަށް ނިކުމެވުނެވެ. ސުވައިދާ ގޮވައިގެން ގޮސް ދޮރާށިން ނިކުތްތަނާހެން މަންމަ ޝަރުވާނަށް ގޮވައިލިއެވެ. ޝަރުވާން ނޭނގޭކަމަށް ހަދާފައި އައިސް މަންމަގެ ގާތަށް ހުއްޓި ވަރަށް ލޯބިން މަންމަގެ އަތުގައި ހިފައިލިއެވެ.

"ކޮންތާކަށް ތިދަނީ" މަންމަ ސުވާލު ކޮއްލިއެވެ.

"ނަމާދަށް. މިސްކިތަށް. ވަރަށް އަވަހަށް" ޝަރުވާންގެ ވާހަކަ ދައްކަމުން ދިޔައީ ހުއްޓެމުން ހުއްޓެމުންނެވެ.

"ހާދަ ރަނގަޅު ކުއްޖެކޭ. މަންމަ ނުގޮވަނީސް އަމިއްލައަށް ހޭލައިގެން އަބަދުވެސް ތިހެން ދާންވާނެ" ޝަރުވާންގެ މަންމަ ހުރީ ވަރަށް އުފަލުންނެވެ. އަދި އަލަށް އަމިއްލައަށް ހޭލައިގެން މިސްކިތަށް ދާ މަންޒަރު ފެނުނީމައެވެ.

= ނުނިމޭ =

+1
1
+1
6
+1
2
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް