November 22, 2024 06:56
Advertisement

-Advertisement-

ކައިވެނީގެ ފަހުން ދެމަފިރިން އެކުގައި ބޭރަށް ދިއުން މަދުވޭތަ؟

ކައިވެނިކުރުމަށްފަހު ދިރިއުޅުމަށް އަންނަ ބަދަލުތައް ވަރަށް ބޮޑެވެ. އުފުލަންޖެހޭ ޒިންމާއާއި ވާންޖެހޭ ގުރުބާނީވެސް އެހާމެ ބޮޑެވެ. ކައިވެނީގެ ކުރިން އުޅުނު ދިރިއުޅުން އެއްކޮށް ބަދަލުވެ މުޅިން އައު ދިރިއުޅުމަކާއި ކުރިމަތިލާއިރު މީހާ ވަރަށް ބޮޑަށް ތައްޔާރުވާންޖެހެއެެވެ. 

ކައިވެނިކުރުމަށްފަހު އެއީ ދެމީހުންގެ ދިރިއުޅުމެކެވެ. އޭގެ ކުރިން އައި ދިރިއުޅުމުގައި ތިމާ އަމިއްލައަށް ކަންކަން ނިންމުމާއި އަމިއްލަ ވަގުތު ހޯދައިގެން ކަންކަން ކުރަމުންދިޔަ އުސޫލުތައް ބަދަލުވެގެންދެއެވެ. މިހުރިހާ ކަމަކީވެސް ތިމާ ތައްޔާރުވެ ކުރިމަތިލާންޖެހޭ ކަންކަމެވެ. ބައެއް މީހުންނަށް ކައިވެނި ކުރުމަށްފަހުވެސް ކުރީގައި އުޅުނުގޮތް ނޫން ގޮތަކަށް އުޅެންޖެހުމުން އުދަގޫވެއެވެ. އަނެއްބައި މީހުންނަށް ކުރީގައި އުޅުނު އެކަނިވެރި ދިރިއުޅުން ފަޅުފިލާގޮސް އުފާވެރިކަން އިންތިހާއަށް ބޮޑުވެއެވެ. ކައިވެނި ކުރަނީ ކޮންމެ މީހަކުވެސް ހަޔާތުގެ ބައިވެރިއާއެކުގައި އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ ފޮނި އުއްމީދުގައެވެ. ބައެއް މީހުންގެ ހަޔާތަށް ހީކުރި ވަރަށްވުރެ ބޮޑަށް އުފާވެރިކަން ގެނުވައެވެ. އަނެއްބައި މީހުންގެ ހަޔާތަށް ނިކަމެތިކަން ކުރިމަތިވެއެވެ. އެކިއެކި ސަބަބުތަކާހުރެއެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. ކޮންމެ ފަހަރަކު ކާމިޔާބާއި ހަމައަށް ވާސިލް ނުވެދާނެއެވެ. ދިރިއުޅުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ހުރިހާ ކަމެއްވެސް ދަސްވާނީ ތަޖުރިބާއިންނެވެ.

ބައެއް މީހުން ބުނޭ ތިމަންނަ ދިރިއުޅުމެއް ފެށިފަހުން މާބޮޑަށް ބިޒީވެއެވެ. ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް ކޮފީތަކަށް ދިއުމަށް ހުރަސްއެޅެއެވެ. ދިރިއުޅުމަކީ އަބަދު މަޖަލާއި ކުޅިވަރެއް ނޫނެވެ. ކައިވެނި ކުރުމަށްފަހު ބައިވެރިއާއިއެކު ވަގުތު ހޭދަކޮށް ދިރިއުޅުން އާރާސްތުކުރުމަށް ވިސްނަންޖެހެއެވެ. ބައެއް މީހުން ބުނާގޮތުގައި ކައިވެނިކުރުމުން ގޭގައި ބަންދުވެއެވެ. ބޭރަށް ދާނެ ވަގުތެއް ނުލިބެއެވެ. 

Advertisement

" އޮފީހުން ގެއަށް އައިސް ކައްކާލުމަށްފަހު ފިރިމީހާގެ ކަންކަން ކުރުމަށްފަހު ވަރަށް ވަރުބަލިވޭ. ކޮފީއަކަށް ދާނެ ވަގުތެއް ނުލިބޭ އަދި ދަރިން ލިބުނުފަހުން މާބޮޑަށް ބިޒީވޭ މިހެން އުޅެން ޖެހުމުން ދިރިއުޅުން މަތިން ފޫހިވެ ފިރިމީހާއަކަށްވެސް ވަގުތެއްނުވޭ". ރައްޓެއްސަކު ކިޔައިދިނެވެ. 

އެހެންރައްޓެއްސަކު ކިޔާދިންގޮތުގައި ރީތިވެލައިގެން ބޭރަށް ދާހިތުން ހުއްޓަސް ފިރިމީހާ ބޭރަށް ދާން ނުބުނާތީ ވަރަށް ދެރަވެއެވެ. އަބަދު މަސައްކަތުގައި އުޅުމަށްފަހު ހިތްހަމަޖެހޭ ވަގުތު ހޭދަނުކުރެވޭނަމަ މިކަން ހައްލުކުރާނީ ކިހިނެއްބާ؟ ކައިވެނި ކުރުމަށްފަހު ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ނުދޭ މައްސަލައަކީ ވަރަށް އާއްމު މައްސަލައެކެވެ. މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ބައެއް ކަންކަން ކިޔާލަދޭނަމަވެ.

ދެމީހުންވެސް ޝައުގުވެރިކަން ހުންނަ އެއްކަމެއް ހޯދުން

ދެމީހުންނަކީ ވަރަށް ތަފާތު ދެމިޒާޖުގެ މީހުންނަށްވާތީ ދެމީހުންވެސް މަސައްކަތުގައި އުޅުމަށްފަހު ގެއަށް އައިސް އެމީހެއްގެ އަމިއްލަ ކަމެއްގައި ދުވަހުގެ ބާކީބައި ހޭދަކުރެއެވެ. އަންހެނެއްނަމަ ގޭތެރޭގެ ބައެއް ކަންކަމުގައެވެ. ފިރިހެނެއްނަމަ ކޮމްޕިއުޓަރު ނުވަތަ ފޯނާއި ކުޅުމުގައެވެ. މީގެ ބަދަލުގައި ދެމީހުންވެސް ގަޔާވާ ކަމެއް ކުރަން ރާވާށެވެ. އެކީގައި ގޭމެއް ކުޅެލައި ނުވަތަ އެކީގައި ފިލްމެއް ބަލާލަން ރާވާލާށެވެ. އަދި މީގެ އިތުރުން ދެމީހުން ވާހަކަ ދައްކާލުމަށްފަހު އެކުގައި ޖިމަކަށް ގޮސްލާށެވެ ނުވަތަ ގޭގައި ކަސްރަތުކޮށްލާށެވެ. ނުވަތަ އެކުގައި ދުވަން ދާށެވެ. މިކަހަލަ އެތައް ކަމެއް އެކުގައި ކޮށްލުމަށްފަހު ކޮފީއެއް ބޯލާށެވެ. އޭރުން އެކުގައި ހޭދަކުރެވޭވަގުތު އެ ހޯދުނީއެވެ.

ގޭތެރޭގެ ކަންކަން ދެމީހުންނަށް ބަހާލުން

ގޭތެރޭގައި ކެއްކުމާއި ސާފުކުރުން ދެމީހުންގެ މައްޗަށް ބަހާލާށެވެ. މިޒަމާނަކީ ދެޖިންސުގެ މީހުންވެސް ކައްކާ ސާފުކޮށް އުޅޭ ޒަމާނެކެވެ. އެކަމުގައި ކުރީ ޒަމާނުގެ ވިސްނުން ނުގެންގުޅޭށެވެ. އެކަކު ކެއްކީމަ އަނެކަކު ތަށިތައް ދޮވެދޭށެވެ. ހަފްތާއަކު އެއްދުވަހު ނަމަވެސް ބޭރުން ކާލަން ދުވަހެއް ޚިޔާރުކޮށް އަރާމުކޮށްލާށެވެ.

ކުދިންނާއެކު ދެމަފިރިން އެކުގައި ބޭރަށް ދާށެވެ!

ކުދިން ގޮވައިގެން ހަފްތާގެ ބަންދުދުވަހު އެކުގައި ބޭރަށް ދިއުމަކީ އާދައަކަށް ހަދާލާށެވެ. ދެމަފިރިންނާއި ކުދިންވެސް ރީތިވެލައިގެން ބޭރަށް ނިކުމެ އުފާކޮށްލުމަކީ އާދައަކަށް ހަދާލާށެވެ. ބީޗަށް ނުވަތަ ޕާކަށްވެސް ދެވިދާނެއެވެ. އޭރުން އެކުގައި އެހޭދަކޮށްލެވެނީ ހާދަހާވާ އުފާވެރި ވަގުތުކޮޅެކެވެ. ކުދިން ކުޅެން ދޫކޮށްލުމަށްފަހު ދެމަފިރިން ވާހަކަ ދައްކާލަން ތަނެއްގައި މަޑުކޮށްލުންވެސް ރަނގަޅެވެ.

މިގޮތަށް ދެމަފިރިން ވާހަކަދައްކައިގެން ހިތްހަމަޖެހޭނެ ގޮތަށް އަމަލު ބެހެއްޓުމުން އުފާވެރި ދިރިއުޅުމެއްގައި ކުރިއަށްދެވެއެވެ. 

+1
0
+1
1
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް