އިންސާނާގެ ހަގީގީ ކާމިޔާބީއާއި ބާއްޖަވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމަ މާނައިގައި އީމާންވުމުންނެވެ. މި އީމާންކަމަކީ އިސްލާމް ދީނުގެ އަސާސެވެ. އިންސާނާއަށް ދުނިޔަވީ ހަޔާތުގެ އުފަލާއި އަރާމު އަދި އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް ހަރުދަނާ ކޮށްގެންނެވެ. މާއްދިއްޔަތުގެ ތެރެއަށްގޮސް ހުސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ ނުބައިމަގުން ދެވުމަކީ ވަރަށް ކައިރިކަމެކެވެ.
ޙަޤީޤީ މާނައިގައި މާތް ﷲ އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި، ބާއްޖަވެރިކަމުގެ އިހްސާސްތައް އުފައްދާ ކަމެކެވެ. "ނަމަވެސް މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން އިވޭ އަޑަކީ، ދީނީ ވާޖިބުތައް އަދާކުރަމުންދާއިރުވެސް ވަރަށް ފަސޭހައިން މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެވޭ ވާހަކަ. މިއީ މިއަދު އަހަރެމެންނާ ކުރިމަތިވެފައިވާ ވަރަށް ބޮޑު މުޞީބާތެއް. މިއީ އަހަރެމެންގެ އީމާންކަން ބަލިކަށިކަމުގެ އަލާމާތެއް".
އީމާންކަމަކީ ހިތުގައި ސާބިތުވެފައިވާ ވަރުގަދަ ޢަޤީދާ އެވެ. އެއީ ތިމާ ތެދުކޮށް ކަށަވަރުކޮށްފައިވާ ކަށަވަރު ކުރުމެވެ. އިސްލާމް ދީނުގެ ބިންގާ ކަމުގައި ވެފައިވަނީ، މިދެންނެވި ތެދުކުރުމެވެ.
އަހަރެމެންގެ މުޖުތަމަޢު އިސްލާހުކޮށް، މަސްތުވާތަކެތި ފަދަ ބޮޑެތި ޖަރީމާތަކުންނާއި، ފާޙިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ އީމާންކަމުގެ ޢަޤީދާ ވަރުގަދަކޮށް، ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނައިގައި އީމާން ވެގެންނެވެ. މާތް ﷲ ޙަޟްރަތަށް ރުޖޫޢަވެ އެކަލާނގެއާއި އިންސާނާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށްގެންނެވެ.
ޤައުމުގެ ތަޢުލީމީ ފަލްސަފާއާއި ޤައުމީ މަންހަޖު ފުރިހަމައަށް ތަންފީޛުކޮށް އަހަރެމެންގެ ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއް މިއަދު ރާވަންޖެހެއެވެ. އެކުދިންގެ ހިތްތަކުގައި ދީނީ ޢަޤީދާ ވަރުގަދަވާނެ ގޮތްތަކެއް ވިސްނަން ޖެހެއެވެ. އިސްލާމީ އުންމަތް ބިނާކޮށް ތަރައްޤީ ކުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރަކަށް ވީހިނދު އަހަރެމެންގެ ޤައުމުގެ ޒުވާނުން މިކަންކަމުގައި އިސްނަގަން ޖެހެއެވެ.