އަޅުގަނޑު، ޑރ. ލީނާ އާއި ދިމާވީ ތުއްތުކުދިން ވިއްސާ ކޮޓަރިންނެވެ. އެދުވަހުގެ އޮންކޯލް ޑޮކްޓަރުގެ ކިބައިން ފާހަގަވީ އޯގާތެރިކަމާއި އަޅާލުމެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެފައެވެ. ސުވާލުތަކަށް ޖަވާބުދެނީ ނުލާހިކު ގަޔާވެގެންނެވެ. ސުވާލު ކުރާމީހާ އެސުވާލު އެހުނީތީ އުފާވާބީދައިންނެވެ. އޭޑީކޭގައި ޑޮކްޓަރެއްގެ ގޮތުގައި ފާއިތުވި 10 އަހަރު މަސައްކަތް ކުރެއްވި ޑރ. ލީނާ އާއި ގުޅޭގޮތުން ލިޔުމެއް ލިޔެލަން ޝައުގުވެރިވީ މިހެންވެއެވެ. ޑރ. ލީނާ 'ޒީޓައިމްސް' އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވަނީ ޑޮކްޓަރަކަށް ވުމަށް ކުރެއްވި ދަތުރުގެ ތަފްސީލް ދެއްވާފައެވެ.
މައިންބަފައިންގެ ހުވަފެން
ޑރ. ލީނާ ވިދާޅުވި ގޮތުގައި އެންމެ ކުޑައިރުއްސުރެ ވެސް ޑޮކްޓަރަކަށް ވުމަށް މައިންބަފައިން ދެކޭ ހުވަފެންތަކުގެ ވާހަކަ މައިންބަފައިން ދިޔައީ ހިއްސާކުރަމުންނެވެ. އެކަމުގެ ސަބަބުން އެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމުގެ އުންމީދު އަބަދުވެސް ސިކުނޑީގައި ހަރުލާފައި އޮންނަ ކަމަށެވެ. އަދި އެނޫން ދާއިރާއަކާއި މެދު އެހާ ސަމާލުކަމެއް ނުދެވި ޑޮކްޓަރަކަށް ވުމުގެ ޝައުގު ހިތުތެރޭގައި އަބަދުވެސް އޮންނަކަން ފާހަގަކުރެއްވިއެވެ.
"ޑޮކްޓަރަކަށް ވުމަކީ ޝައުގާއިނުލާ ވާނޭކަމެއް ނޫން. އެ ޝައުގަށް އަބަދުވެސް ދިރުން ދިނީ މަންމަމެން. އެކަމަށްޓަކައި މަންމަމެނަށް ވަރަށް ބޮޑަށް ޝުކުރުވެރިވެވޭ." ޑރ. ލީނާ
ތަޢުލީމީ ދަތުރު
މާލެއަށް އުފަން ޑރ. ލީނާ އޯލެވެލްގެ ކިޔެވުން އަމީނިއްޔާ ސްކޫލުން ނިންމުމަށްފަހު އޭ ލެވެލް ހެދުމަށް ދަތުރު ފެށީ އިންޑިއާއަށެވެ. އިންޑިއާގެ ޗެންނާއީގެ އަންހެންކުދިންނަށް ޚާއްސަ ބޯޑިން ސްކޫލެއް ކަމަށްވާ ކްރެސެންޓް މެޓްރިކްސް އަދި ހަޔަރ ސެކަންޑަރީ ސްކޫލްއިން ތަޢުލީމް ޙާސިލްކުރުމަށްފަހު ސްކޯލާރޝިޕަކާއި އެކު މިސްރާބު ޖެހީ ޖަވާހަރުލާލް އިންސްޓިޓިއުޓް އޮފް ޕޯސްޓްގްރެޖުއޭޓް މެޑިކަލް އެޑިއުކޭޝަން އެންޑް ރިސާޗް އަށް އެމް.ބީ.ބީ.އެސް ހެދުމައްޓަކައެވެ.
އެހެނަސް، ޑޮކްޓަރަކަށް ވުމަށް އެޅި ބިންގަލަށް ލޮޅުމެއް އައީ ޔުނިވަރސިޓީގައި 2 އަހަރު ވީތަނާ، އަލަތު ކައިވެންޏަށް ބަލިވެއިނުމުންނެވެ. ނަމަވެސް، ހިތްވަރު ކޮށްލާފައި ތުއްތު ދަރިފުޅު ވިހެއުމަށްފަހު ކިޔެވުމާއިގެން ކުރިއަށް ދިޔައީއެވެ. ދެން އައީ ހީވެސް ނުކުރާފަދަ ތޫފާނެކެވެ. ދެކެން ބޭނުން ނުވާ ފަދަ ދުވަސްތަކެކެވެ. ކައިވެނި ރޫޅުމާއިއެކު ސްކޯލާރޝިޕާއި ޑޮކްޓަރީކަމުގެ ކިޔެވުން ދޫކޮށްލައި ދަރިފުޅާއި އެކު މަންމަމެން ގާތަށް ދިޔައީއެވެ.
މިހިސާބުން ޑޮކްޓަރަކަށް ވުމަށް ކުރި ހުވަފެންތަކަށް ނިމުމެއް އައީބާވައެވެ؟ ނޫނެކެވެ. ތުއްތުދަރިފުޅަށް 2 އަހަރުގައި އަމިއްލައަށް ފައިސާ ދައްކާ ގޮތަށް އަލުން ކިޔަވަން ދިޔުމަށް ނިންމީ ހަމަ ދަރިފުޅަށްޓަކައެވެ. ޗައިނާގެ ޑާލިއަން މެޑިކަލް ޔުނިވާސިޓީ އިން ކިޔެވުން ކުރިއަށްގެންދިޔައީ މައިންބަފައިންގެ އޯގާތެރިކަމުގެ ހިޔަލުގައި ދަރިފުޅު ބަހައްޓާފައެވެ.
އޭޑީކޭގެ މެޑިކަލް އޮފިސަރަކަށް
ޑރ.ލީނާ އޭޑީކޭގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ފެށީ 2014 ގައެވެ. އެއީ އިންޓާންޝިޕްގެ އަހަރު ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ޔުނިވާސިޓީއިން ނިންމާލުމަށްފަހުގައެވެ. އޭޑީކޭގައި މަސައްކަތް ކުރިއިރު ސަމާލުކަން ދިނީ، އުސޫލް ތަކުގައި ހިފަހައްޓައި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި ވީހާވެސް ގިނަ ބަލިތަކާއި ގުޅޭ ތަޖުރިބާތައް ހޯދުމަށެވެ. ނަތީޖާއެއްގެ ގޮތުން 2017 ވަނަ އަހަރުގައި ސްޕެޝަލައިޒް ވުމައްޓަކައި އޭޑީކޭއިން ފަންޑުކުރާ ގޮތަށް އަނެއްކާވެސް ކިޔެވުމަށް ދަތުރުފެއްޓީ ނޭޕާލްގެ ނޭޝަނަލް އެކަޑަމީ ފޯ މެޑިކަލް ސައިންސަސް އަށެވެ. ޑރ. ލީނާގެ ތަޢުލީމީ މި މަރުޙަލާގައިވެސް މައިންބަފައިންނާއި ދަރިފުޅުގެ ސަޕޯޓް ލިބުނުކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ޚާއްސަކޮށް އައު އުންމީދުތަކާއެކު ދިރިއުޅުން ފަށައި ފިރިމީހާގެ ސަޕޯޓް ފާހަގަކުރައްވާ ވިދާޅުވީ، "ރެޒިޑެންސީގެ އަހަރު ފިރިމީހާގެ ކިބައިން ފެނިގެންދިޔަ ސަޕޯޓް ވަރަށް ފާހަގަކުރެވޭ. އަހަރު މެދުތެރެއިން ހުރިހާކަމެއް ނިންމާލަންވެސް ހިތަށްއެރި. އެހެނަސް ހުރިހާ ކަމެއް ދޫކޮށްލާފައި އައިސް އިމްތިހާންތައް ނިމެންދެން ގާތުގައި މަޑުކުރުން ވެގެންދިޔައީ ހަމަ ވަރަށް ބޮޑު ސަޕޯޓަކަށް."
އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް
އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ވުމަށް ޝައުގުވެރިވީ ކީއްވެތޯ ސުވާލު ކުރުމުން ޑރ. ލީނާ ހިނިތުންވެލާފައި ޖަވާބުދިނެވެ.
"ގައިނީއަކަށް ވާން ނިންމީ މާބަނޑުވުމުން ފެށިގެން ވިހެއުމާއި ހަމައަށް މައިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި، އަދި ތުއްތު ދަރިފުޅު ހެދިބޮޑުވުމަށް ކުރާ ދަތުރުގެ ފިޒިއޮލޮޖީ ދިރާސާކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާތީ." އަދި މީގެ އިތުރުންވެސް އުފާވެރި ހަބަރުތަކާއި މައިންބަފައިން އެމީހުންގެ ދަރިން ފެނުމުން މުނުމަތިން ފެންނަ އުފާވެރިކަން ފެނުމުން ވަރަށް އުފާވާކަމަށް ޑރ. ލީނާ ފާހަގަކޮށްލިއެވެ.
އަދި އަންހެނުންގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުން ޑރ. ލީނާ ބަލަނީ ވީހާވެސް އޯގާތެރިކަމާއި އެކު ބަލިމީހުންނާއި މުޢާމަލާތު ކުރެވޭތޯއެވެ. ސަބަބަކީ ފުދޭވަރަކަށް ނާޒުކު ދާއިރާއެއްކަމުގައި ވާތީއެވެ. ދަރިމައިވުމުގައި ތަކުލީފު އުފުލާ މީހުންވެސް ފުދޭވަރަކަށް ގިނަކަމާއި އެމީހުންނަށް އެހީވެވޭތީ ވަރަށް އުފާވާކަމަށް ޑރ. ލީނާ ވިދާޅުވިއެވެ.
އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ޙައިސިއްޔަތުން ފާހަގަކުރެވުނު ކަންކަން
މި ދާއިރާގައި މަސައްކަތް ކުރާތާ އަހަރުތަކެއް ވީއިރު، ޑރ. ލީނާ އަށް ފާހަގަވެފައި ވަނީ އަންހެނުންގެ ތެރޭގައި އަންހެނުންގެ ބަލިތަކަށް ހުންނަންޖެހޭ ވަރަށް ހޭލުންތެރިކަން ނުހުންނަކަމެވެ. ސްކޫލު ދަޢުރުއްސުރެ މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށް ޤަބޫލުކުރާ ޑރ.ލީނާގެ ބަސްތައް ވަރަށް ސާފުވެފައި ސީދަލެވެ. " ޤަވާއިދުން ޗެކްއަޕްސް ހެދުމަކީ ވަރަށް މުހިންމު ކަމެއް. އަންހެނުން އެކަންޏެއްނޫން. ހުރިހާ އެންމެންވެސް. ރާއްޖޭގައި އެހާބޮޑަކަށް ނީނދޭ އަންހެނުންގެ ބަލިތަކާއި އަންހެނުންގެ ހަށިގަނޑާއި ގުޅޭގޮތުން ހޭލުންތެރި ކުރެވިފައެއް. އެވެއަރނެސް ވަރަށްބޮޑަށް ބޭނުންވޭ." އަދިވެސް ޑރ. ލީނާ ފާހަގަކުރެއްވި އެއް ނުކުތާއަކީ ދިވެހި މުޖުތަމަޢުގައި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ގެ ބަލި ތަހަންމަލު ކުރާ އަންހެނުން ވަރަށް ގިނަކަމަށާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން މުހިންމުކަމެއްގެ ގޮތުގައި ދެކޭކަމެވެ.
އަދި އިންޓަވިއު ނިންމާލަމުން ޑރ. ލީނާ ވަނީ މައިންބަފައިންނަށާއި ދިރިއުޅުމުގެ ބައިވެރިޔާއަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. އެބަޔަކާއި ނުލައި ޑޮކްޓަރަކަށްވެ މިހާރު މިދާއިރާގައި ދެމިހުރި ހިސާބަށް ނާދެވޭނެކަމާއި، މާލީގޮތުންނާއި، ޖިސްމާނީގޮތުންނާއި ޖަޒުބާތީގޮތުން ވެދިން އެހީ އަދަދު ނުކުރެވޭހާ ގިނަކަމަށެވެ. އަދި އަންހެން ކަނބަލުންނަށް ދޭންބޭނުންވާ މެސެޖެއްގެ ގޮތިގައި ފާހަގަކުރެއްވީ "ކަސްރަތު ކުރުމަކީ މަޖުބޫރުވީމާ ކުރަން ބަހައްޓާފައި އޮތް ކަމަކަށް ނަހަދައި، ކަސްރަތާ ދުޅަހެޔޮކޮށް ކެއުން އެއީ ދިރިއުޅުމުގެ ބަޔަކަށް ހަދާށެވެ." ވަރަށް ތެދު ނަސޭހަތުން ފުރިގެންވާ ބަސްކޮޅެކެވެ. ރައްކާވެ ތިބިއްޔާ ދަތުރުތާއެވެ.