ގެދޮރުގެ ދަތިކަން ހައްލުކުރުމަށް އައު ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަސައްކަތަކީ ރަސްމާލެ ހިއްކާ އެތަން ތަރައްގީކުރުމެވެ. ވިލިމާލެ އާއި ގުޅީފަޅު، ބުރިޖަކުން މާލެ އާއި ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނައިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވީ ވަރަށް ތަފާތު ޚަބަރެކެވެ.
މާލެ އާއި ރަސްމާލެ ކަނޑު އަޑިން އަޅާ ޓަނަލަކުން ގުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރ އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލްގައި ރޭލުގައި ދުއްވާފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުންވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޓަނަލް އެޅުމަށްޓަކައި އެކަމުގެ ޤާބިލުކަން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދަވާކަމަށާއި، ފީސިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީގެ ތަރައްގީއަށް ހުރި މުހިންމު ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ފަސްއަހަރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭ އެއްވެސް މީހެއް ނުހުންނާނެ ކަމަށެވެ. އަދި މާލޭގެ މަގުތައް ހަދައި މާލޭގެ ޕާކިންގެ ދަތިކަމުގެ މައްސަލަވެސް ހައްލު ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ވިލިމާލޭގެ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލް އެޅުމާއި، މަސް މާރުކޭޓުގެ މަސައްކަތް ރޯދައިގެ ފަހުން ފެށުމަށް ރޭވިފައިވާކަމަށާއި، ސިނަމާލެ ސަރަހައްދުގައި މިހާރު ހުރި 5 އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތާއި، ވިލިމާލޭގައި ގާއިމުކުރާ 500 ހައުސިންގ ޔުނިޓުގެ މަސައްކަތާއި، އަދި މި ނޫންވެސް މާލެ ސަރަހައްދުގެ ތަރައްޤީއަށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ބައެއް މަޝްރޫޢުތަކުގެ ތަފްސީލުތައް ވަނީ ހާމަކުރައްވާފައެވެ.
ވެރިރަށް މާލެސިޓީގައި 2 ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު ބޯހިޔާވަހިކަމުގެ ދަތިކަމުގެ ޝަކުވާ ވޭތުވެދިޔަ އެތައް އަހަރަކު ރައްޔިތުން ދަނީ ކުރަމުންނެވެ. ބޮޑުއަގުގައި ތަންތަން ކުއްޔަށް ހިފައިގެން މިސަރަހައްދުގައި ދިރިއުޅެން މަޖުބޫރު މީހުންވެސް އެބަތިއްބެވެ. އޭގެތެރޭގައި ތަޢުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާއާއި ވަޒީފާ އަދާކުރުން ހިމެނެއެވެ. މިފަދަ އެންމެންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމަކީ އަބަދުވެސް ދެކޭ ހުވަފެނެކެވެ.