September 20, 2024 10:56
Advertisement

-Advertisement-

އެވޭލާ ވާހަކަ: ކަރުނައިގެ އަގު

ހާސްކަމާއި ހިތްދަތި ދުނިޔެއެއް އޭނާ ހޭދަކުރަމުންދަނީ ރުއިމާއި ހިތާމަ ތަކުގައެވެ. ހިތަށްއަރާ ކޮންމެ އެއްޗެއްގައި ވަނީ ގިސްލުމާއި ކަރުނައެވެ. ވޭނާއި ހިތާމައެވެ. އެކުވެރި މައުސޫމް އަހަރެން ހިތްހަމަ ޖައްސާލުމަށްޓަކައި ނަސޭހަތާއި ހެޔޮބަސްތައް އިއްވަމުން ދެއެވެ. ނަމަވެސް އޮހޮރެމުންދާ ކަރުނައަކަށް ހުއްޓުމެއް ނާދެއެވެ. ދުވަހަކަށްފަހު ދުވަހެއް ދަނީ ހިތާމަތައް ބޮޑުވަމުންނެވެ.

ދިރިދުނިޔޭގައި ހުރުމަށް ސަބަބުތަކެއްވެއެވެ. އެހެންވުމުން އެސަބަބުތަކުގެ ތެރެއިން އެއްސަބަބަކީ މައުސޫމުގެ އޯގާތެރިކަމަށް ވުންވެސް ވެދާނެއެވެ. ނަމަވެސް އަހަރެންގެ ލޮލުން ފޭދެމުންދާ ކަރުނަތަކަކަށް ލުޔެއް ނުލިބެއެވެ. ގިސްލަގިސްލާފަ ނަޒީރު އޭނާގެ ނަފްސަށް ކިޔަމުންދިޔައެވެ. އަޑުއަހާކަށް ހަމަ އެކަކުވެސްނެތެވެ. އަހަރެންގެ މިހާލަތު ދެކޭކަށް މަންމައާއި އަންހެން ކޮއްކޮއަކު ނޫނީ ނެތެވެ. އެދެމީހުނަށް މިފަދަކަމެއް ހިއްސާކުރުމަކީ އަހަރެންނަށް ކުރެވޭނެކަމެއް ނޫނެވެ. މައުސޫމަކީވެސް އެހާމެ ލަދުރަކި ކުއްޖެކެވެ. މީހަކުގެ ކައިރީ އަނގައިން ބުނަންވެސް ނުކެރޭ ލަދުގޮއްޔާ ކުއްޖެކެވެ. ނަޒީރުގެ ސިކުނޑީގައި އެބުރެމުންދަނީ މިހިތިކަރުނައިގެ އަސްލު ކަމަށްވާ އެކުއްޖެއްގެ ވާހަކައެވެ. އެކުއްޖެއްގެ ވާހަކަ މައުސޫމަށް އޮތީ ވަންހަނާ ކޮށްފައެވެ. މައުސޫމްގެ ފުރަތަމަ ސުވާލަކީވެސް އެއީއެވެ. "ތިކަރުނައިގެ އަގު އެކުއްޖަކު ވަޒަންކުރާނެތޯއެވެ؟" އެސުވާލުގެ ޖަވާބުދޭން އަހަރެންގެ ދުލަށް ހަރަކާތެއް ނުގެނެވުނެވެ. ހަށިފުރާ ނޭވާއެއްލުން ނޫން އެހެންކަމެއް އަހަންނަކަށް ނުކުރެވުނެވެ. ބާލިހުގައި ލެގިލައިގެން ބިއްޖެހިފަ އިނުން ނޫންކަމެއް އަހަންނަކަށް ނުކުރެވުނެވެ. މިގޮތަށް އޮވެ ނިމިދާންވީހެއްޔެވެ.؟ ނަޒީރު އޭނާގެ ނަފްސާއި ސުވާލު ކޮއްލިއެވެ. އެތަކެއްފަހަރު މިސުވާލު ތަކުރާރުކުރުމާއެކު ފުންނޭވާއެއްލިއެވެ. އެވަގުތު މައުސޫމް އައިސް ނަޒީރުގެ ކޮޓަރި ހުޅުވާލިއެވެ. ފުރަތަމަވެސް މައުސޫމަށް ފެނުނީ އޮތްބޮޑު ތަސްބީހެކެވެ. އެވަގުތު ނަޒީރު ހުރީ ފާޚާނާގައެވެ. ނަޒީރު ނުކުތްއިރު މައުސޫމް އިނީ ތަސްބީހުގެ އޮތްތައް ގުނާށެވެ. ތުންތަޅުވުމާއެކު އަތުގެ ހަރަކާތް އަވަހެވެ. އެވަގުތު މައުސޫމުގެ ހަރަކާތްފެނި ނަޒީރަށް ހީގަނެވުނެވެ. އަދި ބޭއިޚްތިޔާރުގައި ސުބުޙާނަﷲ އޭ ބުނެވުނެވެ.

މައުސޫމްވެސް މިހާރު ތަސްބީހަ ކިޔަނީދޯ! ނަޒީރު ސުވާލުކޮއްލިއެވެ. މައުސޫމް: ނަޒީރުގެ ކަރުނައަށް ޝިފާއެއް ލިބޭތޯ މިކަން ކުރަން މަޖުބޫރުވެއްޖެއެވެ. ހީވަނީ މިކަމުންވެސް ޝިފާލިބިދާނެހެންނެވެ.: ނަޒީރު ލޮލުން ކަރުނަ ފުހެލަމުން "ﷲގެ އިރާދަފުޅުން މިކަރުނައިގެ ޝިފާއަކީ މައުސޫމް ކިޔަވާ ކިޔެވުމަކުން ލިބޭނެ ޝިފާއެއްނަމަ އުއްމީދު އެބައޮތެވެ." މައުސޫމް: "ހަގީގަތް އޮޅުވާނުލާށެވެ. ތިކަރުނައިގެ އަސްލު ކިޔާދީބަލާށެވެ. އަސްލު އެނގުމުން ޝިފާ ހޯދަން ފަސޭހަވާނެއެވެ." ސަމާސާ ރާގުގައި މައުސޫމް ބުނެލިއެވެ. މިހާދުވަސްވީއިރުވެސް ތިވީގޮތެއް، އަދި ކަރުނަ އަންނަން ޖެހުނު ގޮތުގެ ތަފްސީލް ކިޔާނުދެމެއްނޫންތަ.؟ މައުސޫމާއި ނަޒީރަކީ ކުޑައިރުއްސުރެ ނުލާހިކު ރައްޓެހި ދެރަހުމަތްތެރިންނެވެ. ބައެއްމީހުންނަށް ހީވެފާވާގޮތުގައި އެއީ އެއްބަނޑު ދެބޭންނެވެ. އެކިއެކި ތަންތަނަށް ދާއިރުވެސް ފެންނަނީ ދެކުދިން އެކުގައި ދާތަނެވެ. ދެކުދިންނަށް ދިމާވާކަންތައްތަކުގެ ވާހަކަ އެއްކުއްޖަކު އަނެއްކުއްޖަކަށް ކިޔާދެއެވެ. އެކަމަކު މިކަރުނައިގެ ވާހަކަ ނަޒީރު މައުސޫމަކަށް ކިޔާނުދެއެވެ. ކިޔާދޭން ނުކެރެނީއެވެ. ސަބަބެއް ނެތިއެއްނޫނެވެ. މިކަން މައުސޫމަށް އަންގަން ލަދުވެތިވަނީ ކަމަށް ވެދާނެއެވެ. ފަހަރެއްގައި ރަހުމަތްތެރިކަމުގެ ގުޅުމަށް ބުރޫއަރާފާނެތީއެވެ. ކޮންމެދުވަހަކުވެސް މިފަދަ އެތައް ވަހުންތައް ނަޒީރުގެ ސިކުނޑީގައި އެނބުރެމުން ދާންފަށައިފިއެވެ. މައުސޫމް ވެސް އެވަގުތު ތަސްބީހަ އެނދުމަތީ ބޭއްވުމަށްފަހު ގެއަށް ހިނގައްޖެއެވެ.

Advertisement

ތަފާތުވަހުންތަކުގަ ނަޒީރު ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ރިހިދޯދިގޭ ޖަވާދު ކިޔާކުއްޖަކާ އެއްދުވަހަކު ދިމާވެއްޖެއެވެ. ނަޒީރުއާއި ތިމާގެ ކުއްޖެކެވެ. ހިކިއަނަރޫފަވެފައިވާ ނަޒީރު ފެނުމުން ޖަވާދު އަހާލިއެވެ. "ނަޒީރުގެ ހާލުކިހިނެއްތަ؟ ހާދަހިކިފައޭ ތިހިރީ. އަނެއްކާ ކޮންމެވެސް ކުއްޖެއްގެ އަވާގައި ޖެހުނީދޯ! އަނެއްކާ ކޮންކުއްޖެއްތަ؟ ނިކަން ބުނަލަދީބަލަ. ކުރީގަ އެހާރީތި ހަށިގަނޑެއް ހުރި އިންސާނާ މިހާރު ތިހީވަނީ ހޯނެއްހެންވިއްޔާ. ނިކަންތިވީގޮތް ކިޔާދީބަލަ! މިސުވާލުގެ ޖަވާބު ނަޒީރު ދިނީ ވަރަށް ކުރުކޮށެވެ. "މިލޯބީގެ "އަފްސާނާ" ފަހުން ކިޔާދޭނަމެވެ." އޭގެދުވަސްކޮޅެއްގެ ފަހެވެ. އަތިރިމަތީގަ ހުރި ހިޔާބޮޑުގަހެއްގެ ހިޔަލުގައި ނަޒީރު އިނެވެ. ހުދުދޮންވެލީގެ ބީޗެކެވެ. އިރުމަތީފަރާތުން މަޑުވައިރޯޅިއެއްޖެހެމުން ދިޔަދުވަހެކެވެ. މިވައިރޯޅީގެ ސަބަބުން ނަޒީރުގެ ކޯތާފަތްމަތީން ކަރުނައިގެ އަސަރު ވަނީ ހިކިފައެވެ. ބައެއްގެ އަޑުއިވުމާއެކު މޫނު ފުހެލާފަބަލާލިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ލޭ ހޫނުވާން ފެށިއެވެ. ބުނަންނޭނގޭ އިހުސާސްތަކެއް ވާންފެށިއެވެ. އޭނާއާއި 20 ފޫޓް ދުރުގައި މައުސޫމް އަދި ކޮއްކޮ އަފްސާނާއާއި މަންމަ ހުއްޓެވެ. ރަކިފާޑަކަށް ބަލާލުމަށްފަހު ކުރަކިއަޑަކުން މައުސޫމްއަށް ގޮވާލިއެވެ. މައުސޫމްވެސް ނަޒީރަށް ގޮވާލިއެވެ. އަދި ކައިރިއަށްޖެހި އިށީނެވެ. އަފްސާނާ އާއި މަންމަ ގޮޑުދޮށުރާޅުޖަހާފަށުގައި ތިބެގެން ރާޅުބިސްހޮވަނީއެވެ. ނަޒީރު އާއި މައުސޫމް އެގަސްދޮށު ތިބެގެން ތަފާތު އެކިވާހަކަ ދައްކަމުން ދިޔައިރުވެސް ނަޒީރުގެ ނަޒަރު ފޯކަސް ކުރެވިފަ މިހުންނަނީ އަފްސާނާ ދިމާއަށެވެ. މައުސޫމުގެ ވާހަކަ ގިނަވުމުން ނަޒީރު ބައެއްފަހަރު މާޔޫސްވެއެވެ. ލޮލުގެ ދުރުމީން އަފްސާނާ ފެންނަ ކޮންމެފަހަރަކު ހިނިތުންވެލައެވެ. މިހިނިތުންވެލާ މަންޒަރު އަފްސާނާ އަށް ފެނި އަފްސާނާވެސް ނަޒީރުއާއި ދިމާލަށް ބެލުން ގިނަވެއްޖެއެވެ. އަފްސާނާގެ މަސައްކަތް ހުއްޓިއްޖެއެވެ. ބޭނުންވަނީ މަންމައާއި ދުރަށްޖެހިލާށެވެ. ނަމަވެސް....... ބުނަން ނުކެރި ގަބުވެފައިހުރީއެވެ. އިރުކޮޅެއްފަހުން މަންމަ ބަލާލިއިރު އަފްސާނާ މިހުރީ ނަޒީރުއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މަންމަ ކޮންތަނެއްތަ ތިބަލަނީ. ހިނގާއަވަހަށް ގެއަށްދާން. މިހާރު މާގިނައިރުވެއްޖެ. އާނ! މަންމަ ހިނގާދާން އަފްސާނާވެސް ބުނެލިއެވެ. ދެމައިންގޮސް ގަސްދޮށަށް ދިއުމުން މައުސޫމްވެސް މަންމަމެންނާއެކު ދާން ހިނގައިގަތެވެ. އެވަގުތު އަފްސާނާ އަތުގެ އިޝާރާތުން ސަލާމް ކޮއްލިއެވެ. ދިޔަމަގުމަތިން އަފްސާނާ އެނބުރި ފަސްބަލަމުން ދިޔަމަންޒަރު މައުސޫމްއަށް ފާހަގަވިއެވެ. ކޮއްކޮ، ނަޒީރުދެކެ ހިތްކިޔާފިކަން ފާހަގަކުރެވުނެވެ. މިއީހަމަ "ގުދުރަތީ ރިއެކްޝަނެކެވެ". މިކަން ޔަގީންކޮށްފަ ނޫނީ ނަޒީރު ކައިރީގައި ނުބުނާނަމެވެ. މައުސޫމް އަފްސާނާގެ މިމަންޒަރުތައް އޮޅުންފިލުވިއެވެ. ނަޒީރު ގަސްދޮށު އިދެގެން ވަރަށް އުއްމީދީ ނަޒަރަކުން އަފްސާނާ ގޮސް ނިވާވަންދެން ބަލަހައްޓައިގެން އިނެވެ. ކުޑަވަގުތުކޮޅަކަށްފަހު ގެއަށްދާން ހިނގައިގަތެވެ. ކުޑަނަމަވެސް އުއްމީދަކާއިގެންނެވެ. މާމުއިގެ ދައުރެއްގެ ފޮނިއުއްމީދެކެވެ. ހާސިލްކުރަންއުޅޭ އުއްމީދަކީ މިއީއެވެ. ލޮލުންފޭދެމުންދިޔަ ކަރުނަތަކަށް ހުއްޓުމެއްއައިކަހަލައެވެ. މިކަރުނައިގެ އަސްލުއަގަކީ އަފްސާނާއެވެ. އޭނާ މިއަގު ވަޒަންކުރާނެބާވައޭ.؟ މިއީ އަހަރެންގެ ހިތުގައި އުފެދޭސުވާލެކެވެ. ނަޒީރު މިހެންހިތަށް އަރުވަމުން ފަހަތް ބަލާލިއެވެ.

އެވަގުތު އޭނައަށް ފެނުނީ ޖަވާދުއެވެ. ޖަވާދުއަށް ގޮވާލުމުން ކައިރިއަށް އަތުވެއްޖެއެވެ. މިރޭ އަށެއްގެ ފަހުން އަހަރެންގެ ގެއަށް އާދެވިދާނެތަ؟ އަހަރެން ފަހުންބުނާނަމޭ ބުނިވާހަކަ ބުނެދޭނަމެވެ. އިންޝާﷲ އާދެވޭތޯބަލާނަމެވެ. ޖަވާދު ބުނެލިއެވެ. ނަޒީރު ގެއަށް ވަދެ ފެންވެރުމަށްފަހު ގޭގެ ބިތުގައި ހުރި ގަޑިއަށް ބަލާލިއިރު އަށްގަޑިފަނަރަ ހިނގީއެވެ. އިޝާނަމާދު ކުރުމަށްފަހު ގޭގެ ފުޅަފިކައިރީގައި ހުރި ޖޯއްޔެއްގައި އިށީދެލީއެވެ. ކުޑައިރުކޮޅެއްފަހުން ބައެއްގެ އަޑުއިވުމުން ބަލާލިއިރު މިއީ މައުސޫމްއާއި އަފްސާނާއެވެ. ނަޒީރުއަށް ކުއްލި ޝޮކެއް ލިބުނު ކަހަލައެވެ. އެތަނުން އެކަކީ ނަޒީރުގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އަނެކަކީ މައުސޫމުގެ ކޮއްކޮ އަފްސާނާއެވެ. މައުސޫމް ނަޒީރުގެ ކަންފަތްދޮށުގައި ސިއްރުސިއްރުން އެއްޗެއް ބުނެލިއެވެ. އެއިރު އަފްސާނާ ހުރީ އެދެމީހުނާއި ތަންކޮޅެއް ދުރުގައެވެ. ނަޒީރު އާއި މައުސޫމް އެދެއްކި ވާހަކައެއްދެއްކުމަށްފަހު ޖޯލިފަތީގަ ހަމަޖެހުމާއެކު އަފްސާނާވެސް ޖޯލިފަތީގައި އިށީދެލިއެވެ. ނަޒީރު ހަމަ ކަހާތަން ހިރުވާވެސްނުލާ އިނީއެވެ. ކުޑަސުކޫތަކަށްފަހު ވައިއަޑަކުން މައުސޫމް، ނަޒީރު ކައިރީގާ ބުނެލިއެވެ. ކޮއްކޮ އަފްސާނާ މިއައީ ނަޒީރުގެ ލޮލުން އޮހޮރޭ ކަރުނުތަކުގެ ޝިފާއެއް ހޯދާދެވޭތޯއެވެ. ނަޒީރު މިކަމުގައި ބުނަނީކީކޭތަ؟ އަހަރެންގެ ލޮލުން ފޭދުނު ކަރުނުތަކުގެ އަސްލަކީ އަފްސާނާއެވެ. އަދި އެކަރުނުތަކުގެ ޝިފާއަކީވެސް ހަމަ އަފްސާނާއެވެ. ބައްޔަކަށް ޝިފާލިބޭން ނޭދޭނީ ފަހެކާކުބާއޭ. ނަޒީރު ބުނެލިއެވެ. ނަޒީރު މިހެން ބުނުމާއެކު މައުސޫމް، ކޮއްކޮ އަފްސާނާ އާއި ނަޒީރު ގުޅުވާލަދިނުމުގެ އެއްމެ ފަހުގެ ވާހަކަ ދެއްކުމަށްފަހު ބުނެލިއެވެ. މިވާހަކަތަކަށް އިހުތިރާމްކޮށް ސިއްރުކުރާށެވެ. މިރެއަކީ ނަޒީރުއާއި އަފްސާނާ މިހާކައިރީން ބައްދަލުވި ފުރަތަމަރެއެވެ. ލަދުރަކިވެ އަފްސާނާ ނަޒީރު އާއި ދިމާލަށް އަތްދިއްކޮށްލިއެވެ. ހީވަނީ މިރޭގެ ވަކިވުމުގެކުރިން ސަލާމް ކޮއްލިހެންނެވެ. އެރޭގެ ވަކިވުން ވެގެންދިޔައީ ނަޒީރު ލޮލުން އޮހޮރެމުންދިޔަ ކަރުނަ ހުއްޓުމަކަށް އައި ރޭ ކަމަށެވެ. ނަޒީރުގެ އުއްމީދު އާވެގެން ދިޔަ ތާރީޚީ ރެއަށެވެ. ނަޒީރު ފޮނި އުއްމީދުގެ ކަޑަކަށް ޢަރަގުވެފައި އޮއްވާ މީހަކު ގޮވި އަޑަށް ބަލާލިއިރު ކައިރީގައި މިހުރީ ޖަވާދުއެވެ. ނަޒީރު" ޖަވާދު ތިޔައައީދޯއެވެ. ކުޑަކޮށް ލަސްވެއްޖެއެވެ. ދެންމެއަކު މައުސޫމް އާއި އަފްސާނާ އެދިޔައީއެވެ. އުއްމީދުގެ ހުޅުކޮޅު ދިއްލިއްޖެއެވެ. މައުސޫމް އަހަރެން ވަރަށް ޝައުގުވެރިވާ ވާހަކަތައް ކިޔާދެއްވުމަށްފަހު އަފްސާނާ ގޮވައިގެން ގެޔަށް އެދިޔައީއެވެ. އެދެއްކި ވާހަކަތަކަކީ ސިއްރަކަށްވާތީ އެވާހަކަ ނާހާށެވެ.: ނަމަވެސް އަހަރެން ޖަވާދު ކައިރީގައި ބުނަން އުޅުނުވާހަކަ ބުނާނަމެވެ. އެވާހަކައަކީ އަހަރެންގެ ލޮލުން ފޭދުނު ކަރުނަތަކަކީ އަފްސާނާގެ ހަނދާނުގައި ފޭދުނު ކަރުނަތަކެކެވެ. ނަމަވެސް މިރޭ އެކަރުނަ ފޭބުން ހުއްޓިއްޖެއެވެ. އޭގެ ޝިފާއެއްކަމަށްވާ އަފްސާނާ ވަނީ އަހަންނާއި ގުޅިފައެވެ. ދެންމިލޮލަކުން ކަރުނައެއް ނުފައިބާނެއެވެ. މިއީ އަހަރެންގެ ހަޔާތުގައި ވަރަށް ތާރީޚީ ރެއެކެވެ. މިހާރު ޖަވާދުއަށް މިވާހަކަ މިކިޔާދެވުނީއެވެ." ޖަވާދުވެސް ނަޒީރަށް ލިބުނު ޖަވާހިރު ދޫކޮށްނުލުމަށް ނަސޭހަތްތެރިވެ އެގެއިން ނުކުމެގެންދިޔައީ ސުންގަޑި ސާޅީހުގައެވެ.

ދެންފެށިގެން ދިޔައީ މާމުއިގެ ހަޔާތެކެވެ. ނަޒީރު އާއި އަފްސާނާގެ ގުޅުންބަދަހިވަމުންދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ރަށުގެ އެކިމަގުތަކުންން އެދެޒުވާނުން ފެންނަމުންދާ ލޯތައް ގިނައެވެ. އަތިރިމަތީގެ ދިމަދިމާލުންވެސް ފެންނަނީ އެދެޒުވާނުންނެވެ. ގިނަދުވަސްތައް މާމުއިގެ ހަޔާތުގާ އުޅުމުގެ ފުރުސަތެއް ނަޒީރު އާއި އަފްސާނާއަކަށް ނުލިބުނެވެ. އެކިމަގުތަކުންނާއި ބީޗްގެ އެކިހިސާބުން އެދެޒުވާނުން މަހުރޫމް ކޮއްލީ އަފްސާނާގެ މަންމަގެ ދެތިން ޖުމްލައިންނެވެ. ދަރިފުޅުމެން ތިގޮތަށް ދުވަސް ހޭދަކުރުން ބުއްދިވެރިއެއްނޫނެވެ. ކައިވެނިކުރުމަށްފަހު ދިރިއުޅުމުގެ ޙަޔާތެއް ފަށަންވީއެވެ. މީހުންގެ ބަދުނާމުން ސަލާމަތްވާނީ އެއިރުންނެވެ. މަންމަގެ އިރުޝާދުތަކަށް ތަބާވެ އަފްސާނާ ޖަވާދު އާއި ވާހަކަ ދެއްކުމަށްފަހު ހަމަޖެއްސީ ކުރިއަށް އޮތް މަހުގެ ފަނަރަވަނަ ދުވަހުގެ ރޭ އަށްގަޑިތިރީހުގައި ކައިވެނީގެ ހަފްލާ ބޭއްވުމަށެވެ. ދެޢާއިލާއިންވެސް އެރެއަށް ވަރަށް ފުރިހައަށް ތައްޔާރުވެއްޖެއެވެ. އަފްސާނާގެ ގޯތިތެރެ ވަނީ އެއްކޮށް ޒީނަތްތެރިކޮށްފައެވެ. އެޒަމާނާއި ގުޅޭ ތަފާތު ކެއުންތަކާއި ބުއިންތަކުން މޭޒުތައް ވަނީ ފަޅުފިލުވާފައެވެ. ކުޑައިރުކޮޅެއްގެތެރޭގައި ކައިވެނީގެ ވަލީމާތައްޔާރުވެ ޚަތީބުވެސް ދުރުވެއްޖެއެވެ. ތިންފަށުގެ ރަނަށް ރަންކި ކައިވެނި ޚަތީބު އަގުދުކޮށްދިނުމާއެކު މުޅިހޯލުތެރެ ގުގުމާލީ ޑަބިޔާގެ މިއުޒިކުތަކުންނާއި އެޒަމާނުގެ ލަވަތަކުންނެވެ. އެވަގުތު ކެއުމަށް އިންސާފުކުރަމުންދިޔަ މިހަފްލާ ނިމުނީ ބާރަގަޑި ތިރީހުގައެވެ. އެތަކެއްދުވަހުއްސުރެން ނަޒީރު، އަދި އަފްސާނާ ދެކެމުންއައި ހުވަފެން މިއަދު މިވަނީ ހަގީގަތަކަށް ވެފައެވެ. ނަޒީރުގެ ލޮލުން ފޭދުނު ކަރުނުތަކަށް ކެތްކުރުމުގެ ނަތީޖާއަކީ އަފްސާނާ އޭނަގެ ދިރިއުޅުމާއިގުޅުމެވެ.  

 

ނޯޓް: މިއީ ރ. އިންނަމާދޫ އަލީ ޝަމީމު ލިޔުއްވި އެވޭލާ ވާހަކަ ފޮތުން ނަކަލު ކުރެވުނު ވާހަކައެކެވެ. ކުދިކުދި ބަދަލުތައް ވާނީ ގެނެސްފައެވެ.

+1
0
+1
2
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް