އައު ސަރުކާރު އައިއިރު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަސްކިރުމަށްފަހު ލިބެންޖެހޭ ފައިސާ ނުލިބި ހުރުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހައި ރުފިޔާ ހަވާލުނުކޮށް ހުރިއިރު، ދެފަހަރެއްގެ މަތިން 200 މިލިއަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރައްވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ފާހަގަކުރެއްވިއެވެ.
ރައީސް މިގޮތަށް ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެއްޓެވި ސިލްސިލާ 'ރައީސްގެ ޖަވާބު' ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަސްވެރިއެއްކަމުގައިވާ ހދ. ނޮޅިވަރަންފަރު، ހިޖުރަ އަބްދުލްޣަނީގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކުރައްވާނެ ކަމަށެވެ.
ރައީސް އެ ވިދާޅުވިގޮތަށް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އަވަހަށް ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުރާ މަސައްކަތުގެ އާމްދަނީ ނުލިބި އެތައް މަހެއް ހޭދަވުމުން ކުރަންހުރި މުހިންމު މަސައްކަތްތައް ނުކުރެވި އެކަމުގެ ޝަކުވާ ކުރާ މަސްވެރިން ގިނައެވެ.
އަބްދުލްޣަނީގެ ސުވާލުގައިވެސް ވަނީ މިކަންބޮޑުވުން ފާޅުކޮށްފައެވެ. " ސަރުކާރަށް މަސްކިރިޔަސް ފެކްޓަރީއަކަށް މަސްކިރިޔަސް ލާރިނުލިބޭ މައްސަލަ. އެމީހުން ބޭނުންވާ ހުރިހާކަމެއް ކުރެވޭ. ބައިވަރު ޕްރޮޖެކްޓް ހިންގާ. އެކަމަކު އަހަރެމެންގެ ފައިސާކޮޅު ނުލިބެނީ. ދަތުރެއް ނިންމާފަ އައިސް ހަފްތާއެއް ދެހަފްތާއެއް ވާއިރުވެސް ނުފުރިފަ އެބަތިބެން. ތެޔޮއަޅާނެ ލާރިވެސް ނުލިބިފަ އެބަތިބެން. މިކަންކަން ހައްލުކޮށްދޭން ދަންނަވާލަން ބޭނުން".
މަސްވެރި މަސައްކަތަކީ އެތައް އާއިލާއެއްގެ އާމްދަނީއާއި ގުޅިފައިވާ ޒަމާނުއްސުރެ ދިވެހިން ފުޅާކޮށް ކުރަމުން އަންނަ މަސައްކަތެކެވެ. މިމަސައްކަތުގެ މަންފާ އަށް އުންމީދުކޮށްގެން ފައިސާ ނުލިބި ހޭދަވާ ކޮންމެ ދުވަހަކީ މަސްވެރި އާއިލާތަކަށް ލިބޭނެ ގެއްލުމެކެވެ.
" ލޯނެއް ނަގައިގެންވިޔަސް އެފައިސާ ވަރަށް އަވަހަށް ހަވާލުކުރަން އަޅުގަނޑުމެން މަސައްކަތްކުރަނީ. އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް މިކަން ވަރަށް އަވަހަށް ހައްލުކޮށްދެވޭނެކަން. ހުރިހާ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ވަރަށް އަވަހަށް ހަވާލުކުރުމުގެ މަސައްކަތް މިކުރަނީ. އެކަން ނިމުނީމަ ކުރިއަށް އޮތްތަނުގައި އެގޮތަށް އަބަދު ފައިސާ ދައްކަން ޖެހިފަ ބޮޑުއަދަދަކުން ހުންނަންޖެހޭގޮތަށް ނުވާނެގޮތަކަށް އިރާދަކުރެއްވިއްޔާ ބައްޓަންކުރާނަން. އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއްކަމަކީ މަސްވެރިންނަށް ބޭނުންވާ ފައިސާ ހަމަޖެއްސުން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.