November 23, 2024 22:58
Advertisement

-Advertisement-

ވާހަކަ: ލޭތިކި (ސަތާރަވަނަބައި)

ޝިފާ ހޭންފެށިއެވެ. ޝަރުވާނަށް ޝިފާއެއް ނުލިބޭ ވާހަކަ ބުނުމުންނެވެ. ޝިފާ ބޭނުންވީ ޝަރުވާންގެ ހަޔާތަށް އަންނާށެވެ. ކުރިންވީ ކަންތައް ހަދާން ނާއްތާލާފައި ޝިފާ ބޭނުންވީ އަލުން ގުޅޭށެވެ. ނަމަވެސް އެކަމަށް ޝަރުވާން ދެކޮޅު ހެދީ ކުރިން ދިމާވި ކަންތައް އަލުން މެދުވެރިވާން ނޭދޭތީއެވެ. އަދި މިހާރު ޝަރުވާން އުޅެނީ ކައިވެންޏެއް ކުރާށެވެ. ޝިފާގެ އާދޭސްތަކަށް ތަކުރާރުކޮށް ޝަރުވާން ނޫނޭކޭ ބުނަމުން ދިޔައެވެ. ޝިފާ އާދޭސް ކުރަން ހުއްޓައި އޭނަގެ ދަރިފުޅު އައިސް ޝިފާގެ އަތުގައި ހިފަހައްޓައިގެން ހުރެ ބަނޑުހައިވެއްޖެ ކަމަށް ބުނަމުން ދިޔަ ނަމަވެސް ޝިފާއަށް އެއަޑު އިވޭ ކަމަކަށް ނުވިއެވެ. އެންމެ ފަހުން ޝަރުވާނަށް ކެތް ނުކުރެވިގެން ދަރިފުޅުގެ އެދުމުގެ އަޑު އަހާބަލާށޭ ތަންކޮޅެއް ބާރަށް ބުނެލެވުނެވެ.

"އެއީ އަހަރެންގެ ދަރިފުޅޭ. ދަރިފުޅުގެ ގޮތް އަހަރެންނަށް އެނގޭނީ. އެހެން މީހަކަށް ނޭނގޭނެ" ޝިފާ ހިތްހަމަ ނުޖެހިގެން ހިނގައިގަތީ ދަރިފުޅު އުރައިގެންނެވެ.

ޝަރުވާން އެކަމާއި އަޅައެއް ނުލިއެވެ. އެއީ ކީއްކުރަން ކުރާކަމެއްބާއެވެ. އެއީ ޝަރުވާނާއި ބެހޭވެސް ކަމެއް ނޫނެވެ. ޝިފާ އާއި އަލުން ގުޅިއްޖެއްޔާ ދިރިއުޅުން އަނެއް ފުށަށް ޖެހޭނެއެވެ. އެގޮތަށް ވާކަށް ޝަރުވާން ބޭނުމެއް ނޫނެވެ.

Advertisement

"އޭތް މަންޖޭ މަޑުކޮއްލަބަލަ. އާދެބަލަ" ޝަރުވާނާއި ތަންކޮޅެއް ދުރުން މީހަކު ގޮވައިލިއަޑަށް ޝަރުވާން ބަލައިލިއެވެ. ފަހަތުގައި ހުރީ ހަމީދާއެވެ. ރަށުގެ މީހުން ކިޔަނީ ޕޮލިސްއެވެ. ނޭނގޭ ކަމެއް ރަށަކުން ނުހިނގާނެއެވެ.

"ކީކޭ ހަމިއްތާ" ޝިފާ އެނބުރި ޝަރުވާންމެންގެ ގާތަށް އަންނަން ހިނގައިގަތެވެ.

"ކޮންކަމަކާއި ތިދަނީ. ޝަރުވާން އުޅެނީ އިންނަންށޭ. އެކަމަކު އަދި އެމަންޖެ އެއްވެސް މީހަކަށް ނުފެނޭ. ހީވަނީ ފޮރުވައިގެންހެން ގެންގުޅެނީ" ހަމީދާ އޭނަ ބޭނުންވި މަޢުޟޫ އާއިގެން ކުރިއަށް ދިޔައެވެ.

"ހަމީދާ ތިދެން ކޮން ވާހަކައެއް. އަހަރެން އިންނާނެ މީހަކާއި އަހަރެން އިންނާނަން. އެކަމަކު އެނުވާނެ މުއްސަންޖަކަށް. އެވާނީ ފަގީރު ދެރަ ނިކަމެތި ކުއްޖަކަށް" ޝަރުވާން ނޫން ނޫން ގޮތަށް ބުނެލީ ޝިފާ އާއި ނިސްބަތްކޮށެވެ.

"ކާކު ބުނީ ނީންނާށޭ. އެކަމަކު ފައިސާ ހުރިއްޔާ އުޅެން ފަސޭހަ ވާނެ" ޝިފާވެސް ވާހަކަ ދައްކަން ފެށިއެވެ.

"ފައިސާ އެއީ އެއްވެސް އެއްޗެއް ނޫން" ޝަރުވާން ގަދަކޮއްލިއެވެ.

"ބަލަ ފައިސާއަށް ނުގުޑާނެ އެއްޗެއް ނުހުންނާނެ މިދުނިޔެމަތީގައި. އެކަން އަދި ފެންނާނެ. އަހަރެން އަތުގައި ފައިސާ އެބަހުރި" ޝިފާ ފަޚްރުވެރިވެލާފައި ބުނެލިއެވެ.

ޝިފާ ދައްކާ ކޮންމެ ވާހަކައަކަށް ހަމީދާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހަމުން ދިޔައެވެ.

"ޝިފާ ކޮއްކޯ ވާހަކައެއް ބުނަންތަ. މިކަހަލަ ކުދިންނާއި ނުވާނެ ވައިވެސް އެޅޭކަށް. ހިނގާ ގެއަށް ދާން. ހަމިއްތަވެސް ވަރަށް ބަނޑުހައިވެފައި މިހުންނަނީ" ހަމީދާ ޝިފާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. ހަމީދާ އަކީ އެގޮތަށް އަބަދުވެސް އުޅެމުންދާ އަންހެނަކަށް ވާތީ ޝަރުވާންގެ ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ. އަބަދުވެސް ފައިސާ ހުންނަ މީހަކީ ހަމީދާގެ ގާތް މީހެކެވެ. އަދި އެފަދަ މީހަކު ބުނާ ކޮންމެ ކަމެއް ކޮންމެކަހަލަ ކަމެއްވެސް އެއްވެސް ފަސްޖެހުމެއް ނެތި ކޮއްފާނެއެވެ.

ޝަރުވާންވެސް ދެން އިތުރަކަށް އެމީހުންނާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އެނބުރި ގެއަށް އައީ އެތަނަށް ނުދެވުނު ނަމައޭ ހިތަށް އަރަމުންނެވެ. އެފިކުރުގައި ހިނގަމުން އައިސް ގެއަށް ވަންއިރު މަންމަ ގެއަކު ނޫޅެއެވެ. ޝަރުވާން ގޮސް ކޮޓަރީގައި އޮށޯވެލީ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭތޯއެވެ. މެންދުރު ހޫނު ވަގުތަށް ވުމުން ޝަރުވާން ހުރީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ލޮލަށް ނިދީގެ އަސަރު އިންތިހާއަށް ކޮއްފައިވީ ނަމަވެސް ނިދާލެވޭނީވެސް މެންދުރު ނަމާދު ކޮއްލައިގެންނެވެ. އެހެން ނޫނިއްޔާ މަންމަ އައިސް ގޮވާނެއެވެ. ޝަރުވާން އެނދުގައި އޮށޯވެލީ އިރުކޮޅަކުން ތެދުވާނަމޭ ހިތާއެވެ. ކިތަންމެ ނިދި އައި ނަމަވެސް ހިތްވަރުކޮއްލާފައި ނުނިދަން މަސައްކަތް ކުރިއެވެ. ނަމަވެސް ފަސްވަރަކަށް މިނިޓް ވީފަހުން ޝަރުވާންގެ މައްޗަށް ނިދި ވެރިވެގަތީއެވެ. އަރާމް ނިންޖަކުން ނިދާފައި އޮއްވައި ޝަރުވާން ސިއްސައިގެން ދިޔައީ ބުޅަލެއް ފުރާޅުމައްޗަށް ފުންމާލި އަޑަށެވެ. ޝަރުވާން އަވަހަށް ފާރުގައި ހަރުކޮއްފައިވާ ގަޑިއަށް ބަލައިލިއެވެ. ގަޑިން ހަތަރެއް ޖަހަނީއެވެ. އަވަހަށް ތެދުވެ މަންމަ ކޮބައިތޯ ބަލައިލިއެވެ. މިހާއިރު ނިދިފައި އޮތް އިރުވެސް މަންމަގެ ޚަބަރެއް ނުވުމުން ޝަރުވާން ހާސްވާން ފެށިއެވެ. ގޭތެރެވެސް ވަރަށް ރަނގަޅަށް ހޯދައިލިއެވެ. އެއްވެސް ކަހަލަ ހިލަމެއް ނުވިއެވެ. ޝަރުވާން ދުވެފައި ބޭރަށް ނިކުތެވެ. މަގުގެ ދެކޮޅު ބަލައި ވަށައިގެން ހޯދައިލިއެވެ. މަންމަ އަކީ ދުވަހަކުވެސް ޝަރުވާން ނަމާދު ނުކޮށް ހުރެއްޖެއްޔާ އަވަހަށް ނަމާދަށް ފޮނުވާ މަންމައެކެވެ. އަދި ގަޑިއަށް ޝަރުވާން ނިދިފައި އޮތަސް ގޮވާނެއެވެ. ޝަރުވާން ދުވެފައި ދިޔައީ ރަށުގެ އުތުކޮޅަށެވެ.

"ކަލޭގެ މަންމަ ދޯ ތި ހޯދަނީ" މަގުމަތިން ހަމީދާ ފެނުމުން ބުނެލިއެވެ.

"ކޮންތާކުވީ" ޝަރުވާން އަހައިލިއެވެ.

"އެބައިން އަތިރިމަތީ މަޖާ ވާހަކައެއްގައި. ކޮބާ އިންނަން އުޅޭ މަންޖެ" އެވަގުތުވެސް ހަމީދާ މަސައްކަތް ކުރީ އެވާހަކަ އޮޅުންފިލުވާށެވެ.

"އަހަރެންނަށް އިންނާނެ މީހަކު ހޯދަދޭންތަ ތިއުޅެނީ. ވަރަށް ހީވޭ އެހެންހެން" ޝަރުވާން ހިތްހަމަ ނުޖެހުނެވެ.

"ހާދަވަރެއް ވެފައި ތިހުންނަނީ. ބަލަ އެހެރީ ޝިފާ އިނދެބަލަ. ވަރަށް ލޯބި ކުއްޖެއް" ހަމީދާ ބުނެލިއެވެ.

ޝަރުވާން މަންމަ ގާތަށް ދިޔައިރުވެސް ހަމީދާ ޝަރުވާނާއި އެއްވަރަށް ހިނގަމުން ދިޔައެވެ. ހަމީދާގެ އަނގަ ހުއްޓާލާ އެންމެ ފަހަރެއްވެސް ނުދެއެވެ. ޝަރުވާން ބޮލަށް އުނދަގޫވެގެން ހިނގުން ހުއްޓާލާ ފަހަރުވެސް އާދެއެވެ. ވަރަށް ހިތްވަރު ކޮއްލާފައި މަންމަ އާއި ހަމައަށް އާދެވުމުން ހަމީދާ ދުރުގައި މަޑުކޮއްލިއެވެ.

"ދަރިފުޅާ މަންމަ ލަސްވެގެންދޯ ތިއައީ. މި މީހުންގެ ވާހަކައިގައި ޖެހިފައި އިނދެވުނީ" ޝަރުވާން ފެނުމާއި އެކު މަންމަ ބުނެލިއެވެ.

"އެކަމަކު އަހަރެން ވަރަށް ބިރުން މިހުރީ މަންމަ ލަސްވީމަ. މަންމައަށް ވީގޮތެއްވެސް ނޭނގެ" ޝަރުވާން ބުންޏެވެ.

ޝަރުވާން އެހެން ބުނުމުން މަންމަ ތެދުވެގެން އައިސް ޝަރުވާން އާއި އެކީ ގެއަށް ދާން ހިނގައިގަތެވެ. އެމީހުން ހަމަ ހިނގައިގަތުމާއި އެކު ހަމީދާވެސް އެމީހުންނާއި އެއްވަރަށް ހިނގަމުން ދިޔައެވެ.

"ހަލީމާއްތާ. ކޮބާ މިހާރު ތިގެއަށްވެސް ވަދެނުލެވޭދޯ. ވަރަށް ބިޒީކޮށް މިއުޅެނީ. ކޮބާ ދަރިފުޅު ނޫޅޭތަ މީހަކާއި އިންނަން" ހަމީދާ އެއްނޭވާއިން ހުރިހާ އެއްޗެއް ބުނެލިއެވެ.

އެވާހަކަ އަށް ސަމާލުކަމެއް ނުދީ ޝަރުވާނާއި އޭނަގެ މަންމަ އައިސް ގޭ ދޮރާށިން ވަނުމާއި އެކު ހަމީދާ އެނބުރި ދާން ހިނގައިގަތީ އޭނާ ކުރަން އުޅުނު ކަންތައް ކާމިޔާބު ނުވާނެކަން އެނގުމުންނެވެ. ޝަރުވާން ގޮސް ސިޓިންގރޫމްގައި އިށީނެވެ. މަންމަ ގޮސް ކޮޓަރިއަށް ވަދެފައި އައިސް ޝަރުވާންގެ ގާތުގައި އިށީނެވެ.

"ކޮބާ މިހާރު ދެން ކިހިނެއް ހަދަނީ ކައިވެނީގެ ކަންތައް" މަންމަ ސުވާލު ކޮއްލިއެވެ.

"އަހަރެން ބޭނުމެއް ނޫން އަދި ސުވައިދާވެސް ބޭނުމެއް ނުވޭ އޭނަ އަކީ ކާކުކަން އެނގޭކަށް. މިބުނީ ޖިންނިއެއްކަން" ޝަރުވާން ކިޔައިދިނެވެ.

"މަންމަގެ މައްސަލައެއް ނެތޭ. މިގޭގައި އެހެން ބަޔަކުވެސް އުޅެނީކީ ނޫން. ދެން ކާކަށް އެނގޭނީ" މަންމަ ބޭނުންވީ ސުވައިދާ އާއި ވީހާވެސް އަވަހަކަށް ކައިވެނި ކުރުވާށެވެ.

"އެކަމަކު މީހުން ވަރަށް ފާރަލާނެދޯ" ޝަރުވާން ބުންޏެވެ.

"ދަރިފުޅާ. އަޑުއަހާބަލަ. މީހުން ދައްކާހާ ވާހަކައަކަށް ކިޔާހާ އެއްޗެއް އަޑު އަހައިގެން ކުރިއަކަށް ނުދެވޭނެ" މަންމަ ހިތްވަރު ދެމުން ދިޔައެވެ.

މަންމަގެ އެވާހަކަތައް ޝަރުވާނަށްވީ ހިތްވަރަކަށެވެ. ދިރިއުޅުން ކުރިއަށް ގެންދަން މަންމަގެ ހިތްވަރު ވަރަށް ބޭނުމެވެ. މަންމަ ބޭނުންވީ ވީހާވެސް އަވަހަކަށް ސުވައިދާ އާއި ކައިވެނި ކުރާށެވެ. ޝަރުވާނަށް ނަސޭހަތާއި ހިތްވަރު ދިނުމަށްފަހު މަންމަ ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ. ޝަރުވާންވެސް ސުވައިދާ އާއި ބައްދަލު ކުރަން ދިއުމުގެ ކުރިން ކުޑަކޮށް ހަމަޖެހިލަން ކޮޓަރިއަށް ވަނެވެ. މަންމަ ވެސް ދެން ނިކުންނާނީ މަޢުރިބު ނަމާދު ކޮއްލައިގެންނެވެ. މިރޭ ޝަރުވާން ސުވައިދާ އާއި ބައްދަލުކޮށް ހުރިހާ ކަމެއް ހަމަޖައްސަން ވަނީ ރާވާފައެވެ. ޝަރުވާން ކޮޓަރިއަށް ވަދެ ފުރަތަމަވެސް ތަރުތީބެއް ނެތި ހޭވިފައިވާ ކޮޓަރި ހަމައަކަށް އެޅުވުމުގެ މަސައްކަތް ފެށިއެވެ. ކޮޓަރިތެރެ ކުނިކަހާ ސާފުކޮއްލިއެވެ. އެނދު ތަންމަތި އެޅުން ބެހެއްޓީ އެންމެ ފަހުގެ މަސައްކަތަކަށެވެ. ޝަރުވާން ކޮޓަރި ސާފު ކުރަމުން ދަނިކޮށް ޝަރުވާންގެ ލޮލުގައި އަޅައިގަތީ މޭޒު ދަށުގައި އޮތް ހުދު ކުލައިގެ ކަރުދާސް ކޮޅަކަށެވެ. ފަންކާގެ ވައި ޖެހުނު ނަމަވެސް އެ ކަރުދާސް ކޮޅަށް އެއްވެސް ކަހަލަ އެނގުމެއް ނުވެއެވެ. ޝަރުވާން ގޮސް އެ ކަރުދާސްކޮޅު ނަގައި ހުޅުވައިލިއެވެ. އެއްވެސް ކަހަލަ ލިޔުމެއް އެ ކަރުދާސްކޮޅުގައި ނެތެވެ. ނަމަވެސް ޝަރުވާން ހައިރާންވީ އެ ކަރުދާސްކޮޅުގެ ކަނުގައި ރަތް ކުލައިން ތިއްކެއް ޖެހިފައި ހުއްޓާ ފެނުމުންނެވެ. ޝަރުވާން ވަރަށް ރަނގަޅަށް ބަލައިލިއެވެ. ބަލާބެލުމަށް ހީވަނީ އެއީ ލޭ ހެންނެވެ. ޝަރުވާން އެ ކަރުދާސްކޮޅުން ވަސް ބަލައިލިއެވެ. މަޑުމަޑު ސެންޓް ވަހެއް ފިޔަވާ އެހެން ވަހެއް ނުދުވައެވެ.

"މަންމާ. މަންމާ" ޝަރުވާން ގޮވައިލިއެވެ.

ޝަރުވާން ގޮވައިލި އަޑަށް މަންމަ ބާރަކަށް ދުވެފައި އަތުވެއްޖެއެވެ.

"ކިހިނެއްވީ" މަންމަ ސުވާލި ކޮއްލިއެވެ.

"މިއީ ކޮން ކަރުދާސްކޮޅެއް. ހީވަނީ ލޭ ހޭކިފައި ހުރިހެން" ޝަރުވާން ބުނެލިއެވެ.

"އާން. ތިއީ މަންމަ ގެންގުޅުނު އެއްޗެއް. މަންމަގެ އިނގިލި ކެނޑިގެން ބޭނުން ކުރި ކަރުދާސްކޮޅެއް" މަންމަ އެހެން ބުނެލާފައި ކޮޓަރިން ނިކުތެވެ.

= ނުނިމޭ =  

+1
0
+1
1
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް