November 23, 2024 21:24
Advertisement

-Advertisement-

އުފެއްދުންތެރި ދުވަހަކަށް އެންމެ މުހިންމީ ދުޅަހެޔޮ ފެށުމެއް!

ގިނަ ސިއްޙީ މާހިރުންނާއި ޑައިޓީޝަނުން ލަފާ ދެއްވާ ގޮތުގައި ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމެވެ. އަދި މުޅިދުވަހުގެ ޙަރަކާތްތައް ރަނގަޅަށް ފެށުމަށް ހެނދުނުގެ ނާސްތާގައި ފައިދާހުރި ކާނާ ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން މިއީ އެންމެ ގިނަ ބަޔަކަށް ދޫކޮށްލެވޭ ކެއުމެވެ. މި ހިމަނާލަނީ ބުރަކޮށް އުޅެމުންވެސް ހެނދުނުގެ ނާސްތާގައި ބޭނުންކުރަން ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ހަށިގަނޑަށް ފައިދާހުރި ކެއުންތަކެވެ.

ދޮންކެޔޮ ބޭނުން ކުރުން:

ދޮންކޭލަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ، ހަޖަމުގެ ނިޒާމު ރަނގަޅަށް ދައުރުކުރުމަށް ކޮންމެހެން ހަށިގަނޑަށް މުހިންމު މޭވާ އެކެވެ. އަދި ދޮންކޭލުގައި ގިނަ އަދަދަކަށް ފައިބަރގެ ބާވަތާއި ވިޓަމިން ސީ އަދި ވިޓަމިން ބީ ސިކްސް ހިމެނެއެވެ. ދޮންކެޔޮ ބޭނުންކޮށްގެން ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ތަކެތީގެ ތެރޭގައި ބަނާނާ އޯޓްމީލް، ޕީނަޓް ބަޓަރ ވިތް ބަނާނަރ، ބަނާނާ ސުމޫތީސްގެ އިތުރުން ބަނާނާ ޕޭންކޭކްސް ތައްޔާރު ކުރެވިދާނެއެވެ.

Advertisement

ކުކުޅު ބިސް:

ކުކުޅު ބިހަކީ ޕްރޮޓީންގެ ބާވަތް އެކުލެވޭ، ވިޓަމިން އަދި މިނަރަލްސް އޭގައި ހިމެނޭ ސިނކުޑިއަށް ފައިދާހުރި ކާނާ އެކެވެ. އަދި ބިހުގައި އެކުލެވިގެންވާ ގިނަ އަދަދެއްގެ ޕްރޮޓީން މި މާއްދާގެ ސަބަބުން ގިނައިރު ބަނޑުހައި ނުވެ ހިފަހައްޓާލެވޭނެއެވެ. ހަށިގަނޑު ހެލިފެލިވެ އުޅުމަށް މުހިންމު ފެނުކެއްކި ބިސް ބޭނުން ކުރެވިދާނެއެވެ. އަދި ބިސްގަނޑު، ސްކްރަމްބަލް އެގްގެ އިތުރުން އެގް ޓޯސްޓަކީ ފަސޭހައިން ތައްޔާރު ކޮށްލެވޭނެ އެއްޗެކެވެ.

އޯޓްސް:

ގޮވާމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އޯޓްސްއަކީ ހެނދުނުގެ ކެއުމުގައި ބޭނުން ކުރަން އެންމެ ހަށިގަނޑަށް ލުއި އަދި ފައިދާހުރި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ކާނާއެވެ. އޯޓްސްގައި ފައިބަރގެ ބާވަތްތަކާއި، ކާބޯހައިޑްރޭޓްސް، ވިޓަމިން ބީ އަދި މިނަރަލްސްގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން އޯޓްސްގައި ހިމެނޭ ބީޓަ ގްލޫކަންއަކީ ހަށިގަނޑަށް ގެއްލުންވާ ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދޭ މާއްދާއެކެވެ. ބަރުދަން ލުއި ކުރުމަށާއި ހިތުގެ ބަލިތަކުން ދުރުކޮށްދީ، ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދިނުމުގައިވެސް ބޭނުންކުރަން މުހިންމު އެއްޗެކެވެ. އޯޓްސް ބޭނުންކޮށްގެން ތަފާތު ކެއުންތައް ތައްޔާރު ކުރެވޭނެއެވެ. އޭގެ ތެރޭގައި ކުޅިކޮށް/ފޮނިކޮށް އޯޓްސް ކައްކައިގެން، އޯވަރނައިޓްސް އޯޓްސް، އޯޓްސް ބޯކިބާ، އަދި އޯޓްސް ޕޭންކޭކްސް ތައްޔާރު ކޮށްލެވިދާނެއެވެ.

ބުލޫބެރީސް:

ވިޓަމިން އަދި މިނަރަލްގެ ހިމެނޭ މި މޭވާ އަކީ، ލޭގާ ހަކުރު ހުންނަ މިންވަރު ހިފެހެއްޓުމަށް އެހީވެދޭ މޭވާ އެކެވެ. އަދި ބުލޫބެރީގައި ހުންނަ ފައިބަރ މި މާއްދާގެ ސަބަބުން ހަޖަމުގެ ނިޒާމު ރަނގަޅަށް ދައުރު ކުރުމަށް އެހީވެދެއެވެ. އަދި ހަށިގަނޑު ލުއި ކުރުމަށާއި ލޭ ދައުރު ކުރުމަށް އެހީވެދެއެވެ. މި މޭވާ ބޭނުންކޮށްގެން ހެނދުނުގެ ނާސްތާގައި ބުލޫބެރީ އޯޓްމީލް މަފިން، ބުލޫބެރީ ސްމޫތީސް، ބްލޫބެރީ ޕޭންކޭކްސް، ނުވަތަ ޔޯގަޓާއި އެކު ބުލޫބެރީ ބޭނުން ކުރެވިދާނެއެވެ.

ޗިއަރ ސީޑްސް:

ޗިއަރ ސީޑަކީ ގިނަ އަދަދަކަށް ފައިބަރ އެކުލެވޭ، ހިތުގެ މައްސަލަތައް ހުންނަ ފަރާތުން ކެއުމުގައި ބޭނުން ކުރުމަށްވެސް ރަނގަޅު އެއްޗެކެވެ. އަދި ކޮލެސްޓްރޯލް މިންވަރު ދައްކޮށްދިނުމުގެ އިތުރުން ބަރުދަން ލުއި ކުރުމަށާއި ގޮހޮރުގެ މައްސަލަތަކަށްވެސް ޗިއަރ ސީޑްސް ބޭނުން ކުރެވިދާނެއެވެ. ކެއުމުގައި ޗިއަރ ސީޑް ބޭނުންކުރެވޭނެ ފަސޭހަ ގޮތްތަކުގެ ތެރޭގައި އޯޓްސް އާއިއެކު ޗިއަރ ސީޑް ބޭނުންކުރުން، ޔޯގަޓް އަށް އަޅައިގެންނާއި ޗިއަރ ސީޑް ޕުޑިން ތައްޔާރު ކުރެވިދާނެއެވެ.

+1
0
+1
2
+1
6
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް