November 23, 2024 22:40
Advertisement

-Advertisement-

ވާހަކަ: ލޭތިކި (އަށާރަވަނަބައި)

އެހެން ރޭރޭ ގޮތަށް އިރުއޮއްސެން ގާތްވި ވަރަކަށް ޝަރުވާންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ސުވައިދާ އަންނަންވާއިރަށް ނަލަ ހެދިލައިގެން ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މަންމަވެސް އިރުއިރުކޮޅާ ކޮޓަރިން ނިކުމެ ސުވައިދާ އައިތޯ ޝަރުވާންގެ ގާތުން އަހައިލައެވެ. ޝަރުވާންވެސް ހުރީ ސުވައިދާގެ އިންތިޒާރުގައެވެ. މަންމަ އުޅެމުން ދިޔަގޮތުން ހީވަނީ ކޮންމެވެސް ކަމަކާއި ފިކުރުބޮޑުވެގެން އުޅޭހެންނެވެ.

ދިގު އިންތިޒާރުގެ ނިމުން އައީ ގަޑިން އަށެއްވެސް ޖެހިފަހުންނެވެ. ޝަރުވާނާއި މަންމަ ސުވައިދާގެ އިންތިޒާރުގައި ތިއްބާ ވަރަށް ހެވިލާފައި ގޭތެރެއަށް ވަނީ ސުވައިދާއެވެ. މަންމަ އާއި ޝަރުވާނާއި ސަލާމް ކުރުމަށްފަހު ޝަރުވާންގެ ގާތުގައި އިށީނެވެ. އަދި ވަރަށް ހަމަޖެހިލާފައި މަންމަ އާއި ވާހަކަ ދައްކަން ފެށިއެވެ.

"ކޮބާ ދަރިފުޅާ ސުވައިދާ ކިހާ ހިސާބެއްގައި އޮތީ ދަރިފުޅުމެންގެ ކައިވެނީގެ ކަންތައް" މަންމަ ކެތް ނުކުރެވިގެން އެންމެފަހުން އަހައިލިއެވެ.

Advertisement

"ވީހާވެސް އަވަހަކަށް ދޯ" މަންމައަށް ޖަވާބު ދިނީ މިފަހަރު ޝަރުވާނެވެ.

"ސުވައިދާގެ ވާހަކަ ޝަރުވާން މަންމައަށް ކިޔައިދީފި. އެއީ އެއްވެސް މައްސަލައެއް ނޫން" މަންމަ ސުވައިދާގެ ގާތަށް ޖެހިލިއެވެ.

ޝަރުވާންގެ މަންމަގެ ހެޔޮބަސްތަކުން ސުވައިދާގެ ހިތް އުފަލުން ފޮޅެމުން ދިޔައެވެ. ވާން އުޅޭ ފިރިމީހާގެ ގާތުގައި އިނީ ކައިވެނީގެ ކަންތައް ހަމަޖައްސާށެވެ. މައިދައިތަގެ ފުރިހަމަ އެއްބާރުލުން ލިބުމަކީ ކުރިއަށްދާން ލިބުނު އިތުރު ހިތްވަރެކެވެ. ސުވައިދާ އާއި ޝަރުވާން ވާހަކަ ދައްކަން ބައިތިއްބާފައި މަންމަ ދިޔައީ ބޭރަށެވެ. ދެމީހުންނަށް މިނިވަންކަން ދޭން ބޭނުންވާތީއެވެ. އެހެންނޫނިއްޔާ އެމީހުންގެ ވާހަކަ ދެއްކުމަށް ހުރަސްއެޅިދާނެ ކަމަށްޓަކައެވެ. މަންމަ ބޭރަށް ނިކުތުމާއިއެކު ޝަރުވާން މަންމަ ވީ ހިސާބެއް ބަލާލުމަށް ބޭރަށް ނިކުމެލިއެވެ. މަންމަ ފެންނާކަށް ނެތެވެ. ޝަރުވާނާއި ސުވައިދާގެ ދިރުއުޅުން ކުރިއަށް ގެންދަންވީ ގޮތް ދެފަރާތުންވެސް ހުށަހަޅަމުން ދިޔައެވެ. އެކަކު އަނެކަކަށް ދޫދެމުންނެވެ. އެއްވެސް މީހަކު އަނެކާއަށް އެއްވެސް ކަމެއްގައި ހުރަސްއަޅާކަށް ބޭނުމެއް ނުވެއެވެ. ދެމީހުންވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. އެމީހުންގެ ވާހަކައިގައި ތިއްބާ ބޭރުން މީހަކު ސަލާމް ގޮވައިލިއަޑަށް ޝަރުވާން ބޭރަށް ނިކުތެވެ. ބޭރުގައި ހަމީދާ މަޑުކޮއްލައިގެން ހުރިއިރު އޭނަގެ ފަހަތުން ޝަރުވާންގެ މަންމަ ކޮތަޅެއް ހިފައިގެން އާދެއެވެ. ޝަރުވާން ސަލާމް ބަލައިގަތުމާއިއެކު ހަމީދާ ގޭތެރެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް ޝަރުވާން އެކަމަށް ހުރަސް އެޅިއެވެ. ޝަރުވާން ބޭނުންވީ ހަމީދާ ގޭތެރެއަށް ނުވައްދާށެވެ.

"ދަރިފުޅާ. އޭނަ އަތުގައި އޮތް ކޮތަޅު ގޭތެރެއަށް ވައްދަބަލަ" ޝަރުވާންގެ މަންމަ ހަލީމާ ގޮވައިލިއެވެ.

ޝަރުވާނަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް މަންމަ އައިސް ހަމީދާ ގޮވައިގެން ގޭތެރެއަށް ވަނެވެ. އަދި ފުރަތަމަވެސް ހަމީދާއަށް ސުވައިދާ ތައާރަފް ކުރަމުން ދިޔައެވެ. އެކަމާއި ހިތްހަމަނުޖެހުމުގެ މަންޒަރު މޫނަމަތިން ޝަރުވާން ދައްކަމުން ދިޔަނަމަވެސް މަންމައަށް އެމަންޒަރު ނުފެންނަ ކަހަލައެވެ.

"ވަރަށް އަވަހަށް އިންނަން އުޅެނީ. ކައިވެނީގެ ހަފްލާއަށް ކިޔާނަން އިނގޭ" މަންމަ ހުރީ ޝަރުވާނަށް ސުވައިދާ ލިބުނީތީ ވަރަށް އުފަލުންނެވެ.

"ތެދެއްތަ ދައްތައަށް ކިޔާނަންތަ" ހަމީދާ ޝަރުވާނުގެ ގާތަށް ޖެހިލިއެވެ.

އެމަންޒަރު ބަލަން ސުވައިދާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ނަމަވެސް ވާންއުޅޭ މައިދައިތަ އުފަލުން ކުރާ އެއްވެސް ކަމަކަށް ހުރަސް އަޅާކަށް ސުވައިދާ ބޭނުމެއް ނޫނެވެ. އެއީ ސުވައިދާ ދުވަހަކުވެސް ކުރަން ބޭނުންވާ ކަމެއްވެސް ނޫނެވެ. ސުވައިދާ އާއި ހެދި އެ އާއިލާގައި އެއްވެސް މައްސަލައެއް ޖެހޭކަށް ސުވައިދާއެއް ބޭނުމެއް ނޫނެވެ. އެހެންވުމުން ދުރުގައި އެއްވެސް އެއްޗެއް ނުބުނެ މަޑުކޮއްލީއެވެ.

"ދައްތަ އަންނަމުން ޝިފާވެސް ގެންނާނަން އިނގޭ" ހަމީދާ އެހެން ބުނެލާފައި އިތުރަށް އެއްޗެކޭ ނުބުނެވެނީސް އެއަށް ޝަރުވާންގެ މަންމަ ޖަވާބު ދިނެވެ. ޝިފާ އާއި އެންމެންވެސް ގެންނަން ވާނެކަމާއި މި ހަފްލާ އަކީ ވަރަށް މަޖާ ހަފްލާއަކަށް ވާން ބޭނުން ކަމަށް ބުންޏެވެ. ހަމީދާ އާއި ހެދި ސުވައިދާ އާއި ޝަރުވާނަށް ކަންތަކާއިމެދު ވާހަކަ ދައްކަން ހުރަސްއެޅެމުން ދިޔައެވެ. ނަމަވެސް އެތައް އިރެއްވީރުވެސް ހަމީދާ އެގައަކުން ދާކަށް ނޫޅުނެވެ. ހަމީދާ ބޭނުންވީ ވީހާވެސް ގިނައިރަކު އެގޭގައި މަޑުކޮއްލާށެވެ. ޝަރުވާނާއި ސުވައިދާ އެތާ ތިބޭތާ އެތައް އިރެއް ވީފަހުން ހަމީދާގެ ކިބައިން ސަލާމަތްވިއެވެ.

"ކީއްވެ އޭނަ އެހާއިރު ވަންދެން މަޑުކުރުވީ" ހަމީދާ ދިއުމުން ޝަރުވާން ނުރުހުމުގެ ރާގުގައި ބުނެލިއެވެ.

"އެއީ ގާތް މީހެއް. އެމީހުންނަށް ބަލަންވާނެ. ކަމޭ ހިތަންވެސް ވާނެ" މަންމަ ދޭން ފެށީ ނަސޭހަތެވެ. އެއަށް އިތުރަށް ވާހަކަ ދައްކަން ޝަރުވާން ބޭނުމެއް ނޫނެވެ. އެރޭގެ ބައްދަލުވުން ނިމިގެން ދިޔައީ ހުރިހާ ކަމެއްވެސް އެމީހުން ބޭނުންވި ގޮތަށް ނިމިގެންނެވެ.

އައު ދުވަހަކަށް އިރު އެރީއެވެ. އައު ކަންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެކި ދުވަސްތައް ތަފާތެވެ. އެ ހުރިހާ ކަމަކަށް ޝަރުވާން ހުރީ ތައްޔާރުވެގެންނެވެ. މުޅި ރަށުގައި އޮތީ ޝަރުވާން ބީރައްޓެހި ކުއްޖަކާއި އިންނަން އުޅޭ ވާހަކައެވެ. އެކި މީހުން އެވާހަކަ ދައްކަނީ އެކި ގޮތަށެވެ. ބައެއް މީހުން ބުނާ ގޮތުން ރަށުން މީހަކު ޝަރުވާން އިންނަން ނުލިބުނީއެވެ. އަނެއް ބަޔަކު ބުނާ ގޮތުން ޝަރުވާން ފަގީރުވުމުން އިންނާނެ މީހަކުވެސް ނުވީއެވެ. މީހަކު ދައްކާނެ ވާހަކައަކަށް ޝަރުވާން ރައްދު ދޭކަށް ބޭނުމެއް ނޫނެވެ. އެއީ ބޭކާރު ކަމެކެވެ. އެއަށް ވުރެ އަމިއްލަ ކަންތަކާއިގެން އުޅުނިއްޔާ މާރަނގަޅެވެ.

ޝަރުވާން ތައްޔާރު ވަމުން ދިޔައީ ކައިވެނީގެ ކަންތަކަށެވެ. ޕާޓީ ބާއްވާނެ ތަނަށް ބޭނުންވާ ތަކެތި ހޯދައި ގެއަށް ލުމުގެ މަސައްކަތެވެ. އެންމެފަހު ވަގުތަށް އެއްވެސް ކަމެއް ނުކޮށް ބާއްވާކަށް ބޭނުން ނުވާތީއެވެ. ކައިވެނީގައި ލާން ބޭނުންވާ ހެދުން ފެހުމާއި އަދިވެސް އެހެނިހެން ކަންތަކެވެ. އެ ހުރިހާ ކަމެއްގައިވެސް މަންމަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން ދިޔައެވެ. އަދި ޝަރުވާންގެ ރައްޓެހިންގެ ފަރާތުން ހީވެސް ނުކުރާހާ އެހީތެރިކަން ލިބުނެވެ. ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުންނެވެ. ޝަރުވާން އެހަފްލާއަށް ދައުވަތު ދޭން ބޭނުންވާ ލިސްޓް ތައްޔާރު ކުރުމަށް ހަވާލު ކުރީ މަންމަ އާއި އެވެ. މަންމަ ބޭނުންވާ ގޮތަކަށް އެކަން ދޫކޮއްލީއެވެ. އެހުރިހާ ކަމެއް ޝަރުވާން ބޭނުންވާ ގޮތަށް މަންމަ ނިންމައިލިއެވެ.

ޖެހުމުން ދިޔަ ރޯޅިތައް މަޑުވެ އުޑުގެ ވިލާތަށްވެސް މަޑުޖެހި ވަށައިގެންވާ ގަސްތައްވެސް ހަމަހިމޭން ވަމުން ދިޔައެވެ. ރަށުގެ ތުނޑީކޮޅާއި ދިމާލަށް މީހުން މިސްރާބު ޖަހަމުން ދިޔައިރު މާދުރުދުރުން އެކި ކުލަކުލައިގެ އަލިތައް ފެންނަމުން ދިޔައެވެ. ދުވާލު ގަޑީގައި ރަށުގެ އެންމެ ހިތްގައިމު ހިސާބު ރޭނގަޑުވެސް ފެންނަމުން ދިޔައީ ވަރަށް ނަލަކޮށެވެ. އެކި އުމުރުފުރައިގެ މީހުންވެސް އެމީހަކަށް އެންމެ ރަނގަޅު ހަދިޔާއެއް ހިފައިގެން އައިސް ޝަރުވާން މެންނަށް މަރުހަބާ ކިޔަމުން ދިޔައީ ވަރަށް އުފަލުންނެވެ. މަޑު ނޫކުލައެއްގެ ގަމީހަކާއި ކަޅު ފަޓްލޫނެއް ޝަރުވާން ލައިފައި ހުރިއިރު ސުވައިދާ ހުރީ މުޅިން ހުދު ކުލައިގެ ހެދުމެއްގައެވެ. ހެދުމުގައި ހަރުކޮއްފައިވާ މިނާފުށްތަކުން ހެދުން އިތުރަށް ފުރިހަމަވިއެވެ. ހަފްލާއަށް އަންނަމުންދާ މެހެމާނުންނަށް ދެމީހުންވެސް ސަލާމްކޮށް މަރުހަބާ ކިޔަމުން ދިޔައިރު ޝަރުވާންގެ މަންމަ އެމަންޒަރު ބަލަން ވަރަށް ކައިރީގައި ހެވިފައި ހުއްޓެވެ. ކޮންމެ މީހަކުވެސް އައިސް އެމީހަކު ގެނައި ހަދިޔާ ހަވާލުކުރުމަށްފަހު ހިނގައިގަންނަނީ ކެއުމާއި ދިމާލަށެވެ.

"އައްސަލާމް އަލައިކުމް" ޝަރުވާން އަށް ސަލާމް ގޮވައިލީ ހަމީދާއެވެ. ހަމީދާގެ ގާތުގައި ޝިފާ އޭނަގެ ދަރިފުޅު އުރައިގެން ހުއްޓެވެ.  ޝަރުވާން ހިތް ނުތަނަވަސްވި ނަމަވެސް އެކަމެއް ބޭރުފުށުން ނުދައްކައެވެ.

"ކޮބާ ކާން ދާންވީނު" ޝަރުވާން ބޭނުންވީ އެވަގުތު ޝިފާ އެތަނުން އަވަހަށް ފޮނުވައިލާށެވެ

"އަހަރެން އެބަބަލަން ކަލޭގެ އަނބިކަނބަލުންގެ މައުލޫމާތު. ލަސްނުވެ އެކަންވެސް ހާމަ ވާނެ" ޝަރުވާނާއި ގާތަށް ޖެހިލުމަށްފަހު ޝިފާ ބުނެލިއެވެ. ނަމަވެސް އެ ވަގުތަކީ ޝިފާއަށް ރައްދުދޭން ރަނގަޅު ވަގުތަކަށް ނުވާތީ އަނގަމަޑުންލައިގެން ހުރީއެވެ. ނަމަވެސް ޝިފާ އަނގަ ހުއްޓާނުލައި ވާހަކަ ދައްކަމުން ދިޔައެވެ.

"އެހެން މީހުން އެއަންނަނީ. ދެންދޭ ކާން" އެންމެފަހުން ޝިފާ އެތަނުން ފޮނުވާލަން ޝަރުވާންގެ މަންމަ ހަލީމާ އައިސް ޝިފާގެ ގާތުގައި ބުނެލިއެވެ. ހަލީމާ އެހެން ބުނުމާއިއެކު ފާޑަކަށް ބަލައިލުމަށްފަހު ދަރިފުޅުގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ދަޢުވަތު ދިން ހުރިހާ އެންމެން ކަހަލަ ގޮތަކަށް ހަފްލާގައި ބައިވެރި ވިއެވެ. ޝަރުވާނާއި ސުވައިދާވެސް މީހުން މަދުވެލުމާއި އެކު އެއްޗެއް ކާން ހިނގައިގަތެވެ. އަދި ތައްޓަށް ކާއެއްޗެއްތި އެޅައިގެން އައިސް އެކަހެރި ދިމާލެއްގައި ސުވައިދާގެ އަތުގައި ހިފައިގެން އައިސް އިށީނެވެ. އެމަންޒަރު ބަލަން މޭޒެއް ދޮށުގައި ޝިފާ އާއި ހަމީދާ ތިއްބެވެ. އެމީހުން ބަލަމުން ދާކަން ޝަރުވާނަށް އެނގުނު ނަމަވެސް ސުވައިދާއަކަށް ނޭނގެއެވެ. ސުވައިދާ އިނީ އެމީހުންނަށް ފުރަގަސްދީގެންނެވެ. އެހެންކަމުން އަތުގެ ހަރާކަތުންވެސް ޝިފާ ދިޔައީ ޝަރުވާނަށް އިންޒާރު ދެމުންނެވެ. ދޭތެރެއަކުން ޝަރުވާން އޭނަގެ މަންމަ ކޮބައިތޯ ބަލައިލައެވެ. މަންމަ އެކަނި ވެދާނެތީއެވެ. އެމީހުން ކާން ތިއްބާ ޝަރުވާންގެ މަންމަ އައިސް ޝަރުވާނާއި ވާހަކަ ދައްކަން ފެށިއެވެ.

"ދަރިފުޅުމެން ދޭ ގެއަށް ނިމުނީމަ. މަންމަ ދާނަން މިތަން ހަމައަކަށް އަޅުވާލާފައި" މަންމަ ބޭނުންވީ ޝަރުވާނުމެންނަށް ވަގުތު ދޭށެވެ. އެމީހުންނަށް ވީހާވެސް ބޮޑަކަށް މިނިވަންކަން ދޭށެވެ.

މަންމަ އެހެން ބުނުމުން ޝަރުވާން އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. އަދި ކައިވެނީގެ ހަފްލާއަށް އައި މީހުން އެސަރަހައްދުން ދިއުމާއި އެކު ޝަރުވާން ހިނގައިގަތީ ސުވައިދާގެ އަތުގައި ހިފައިގެން ގެއާއި ދިމާލަށެވެ. ދެމީހުން އެކަނި ލޯބީގެ މާތައް ފޮޅުވަމުން ގެއާއި ދިމާލަށް ހިނގަމުން ދިޔައިރު އެއްވެސް މީހަކު އެހިސާބުން ފެންނާކަށް ނެތެވެ.

"ހާދަހާ ލޯބި ދެކުދިން. ކީއްވެ މިފަދަ އުފާވެރި ރެއެއްގައި އެކަނި ތިދަނީ" ހަމީދާ ދުވެފައި އައިސް ޝަރުވާންމެންނާއި އަރައި ހަމަކޮއްލިއެވެ.

"މިއީ ކިހާ ހިތްގައިމު ކަމެއް. ވައިމަޑު އަލިމަޑު. މީހުން މަދު" މިފަހަރު ހަމީދާއަށް ޖަވާބު ދިނީ ސުވައިދާއެވެ.

"ވަރަށް ދޫ ހެލޭ ކުއްޖެއްދޯ" ހަމީދާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"މާދަމާ މިރަށަށް އެބައާދޭ ވަރަށް މޮޅު މީހެއް. އެއީ ފާލު ބަލާ މީހެއް. ފަންޑިތަ ހަދާ މީހެއް. ޝަރުވާން ބޭނުމިއްޔާ ދެވަނަ އަންބެއްވެސް ހޯދައިދީފާނެ" ހަމީދާގެ ރާގު ހުރީ މަލާމާތުގެ ރާގަކަށެވެ. އެ ވާހަކަތަކަށް ޝަރުވާން އެއްވެސް އިޖާބައެއް ނުދެއެވެ.

"ޝަރުވާން ހާދަހާ ފޮނިވެލާފައި ތިހުންނަނީ ތިކުއްޖާ ލިބިގެންތަ" އަނެއްކާވެސް ހަމީދާ ވާހަކަ ދައްކަމުން ދިޔައެވެ.

"އޭތް. ހަމިއްތާ. ކަލޭ މޮޔަވީތަ" އެންމެފަހުން ޝަރުވާނަށް ކެތް ނުކުރެވިގެން ބުނެލިއެވެ. އެވަގުތަކީ ޝަރުވާނުމެންގެ ގެއާއިވެސް އަރައި ހަމަވި ވަގުތެވެ.

= ނުނިމޭ =

+1
0
+1
4
+1
1
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް