November 21, 2024 16:44
Advertisement

-Advertisement-

އިޝީ

އިޝީގެ ކޭކު އެޅުމުގެ ޖާދޫ

ކުޑައިރުގެ ހަނދާންތަކަށް ޖެހިލާއިރު އަބަދުވެސް ހަނދާނުގައި ހުންނަނީ މަންމައާއެކު، ބަދިގެތެރޭ ތައްޓެއް ހިފައިގެން ފުށް މޮޑެން އިންނަ ހަނދާނެވެ. މަންމަ ކޭކު އަޅާތަން އަބަދުވެސް ފެނި އެކަމަށް ލޯބި ޖެހުނީ އުމުރުގެ ކިހާ ހިސާބަކުންކަން ބުނަން ނޭނގޭހާ އޭރު އުމުރުން ހަގެވެ. އެހަނދާންތަކަށްފަހު، މީގެ 6 އަހަރު ކުރިން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތެއް ކުރުމުގެ ވިސްނުމުގައި ކޭކު އެޅުމުގެ މަސައްކަތުގެ ތެރެއަށް ވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކަމުން މަންފާއަށް ހޯދުމުގެ ބޭނުމުގައެވެ.

މިހާރު އުމުރުން 32 އަހަރުގެ އާޝާ އިޝީ މުޙައްމަދު (އިޝީ) ކޭކު އެޅުމުގެ މިމަސައްކަތުގެ ތެރެއަށް އަމަލީ ގޮތުން ވަދެވުނީ އޭނާގެރައްޓެއްސެއްގެ ވެޑިން ކޭކަކުންނެވެ. ވަގުތު ކުޑަތަން ވެފައި ވަނިކޮށް ރަހުމަތްތެރިއެއްގެ ކޭކު ހަލާކު ވެގެން ގޮތް ހުސްވެފައިވާ ރަހުމަތްތެރިޔާގެ ކައިވެންޏަށް އެޅި މިކޭކު ވެގެންދިޔައީ އިޝީގެ މިމަސައްކަތުގެ ފެށުމަށެވެ.

މިމަސައްކަތް މިހިސާބުން ފެށި އިތުރަށް ފުޅާވެ އަޅާ ކޭކުތަކުގެ ފެންވަރު މިއަދު އިންސްޓަގްރާމުގެ ޕީކޮކްގެ ނަމުގައި ހިންގާ މި ޕޭޖުގައި އަޕްލޯޑުކޮށްފައިވާ ކޭކު ތަކުން އެނގުނެވެ.

Advertisement

ގިނަ ވަގުތުތަކެއް ހޭދަވާ، ބުރަ މަސައްކަތެއް

ކޭކު އަޅާ ގިނަމީހުން ފާހަގަ ކުރާ ފަދައިން އިޝީ ވެސް ފާހަގަކުރީ ކޭކު އެޅުމަކީ މިކަމަށް ގިނަ ވަގުތު ހޭދަވާ ބުރަ މަސައްކަތެއްގެ ގޮތުގައެވެ. އެކިކަހަލަ މުނާސަބާތަކާއި ގުޅިގެން ލިބޭ އޯޑަރުތައް ނިންމުމަށް ބައެއްފަހަރު ރޭގަނޑުގެ ނިދި ނުލިބި އެތައް ވަގުތެއް އެކަމުގައި ހޭދަ ކުރަންޖެހޭ ކަމެކެވެ. އަދި ކޭކު އެޅުމަކީ ހެނދުނު 8 ގަޑިއިރުގެ ވަޒީފާއަކަށް ވުރެން ބޮޑަށް އިޝީ ގަބޫލުކުރާ ގޮތުގައި ބުރަ ބޮޑު ގުރުބާނީއެކެވެ. އަދި ކޭކު އަޅާ ނިމޭއިރު ކަސްޓަމަރަކު ހިންހަމަޖެހޭ ފެންވަރަށް ކޭކު އެޅުމަށްޓަކައި ހޭދަކުރަން ޖެހޭ ވަގުތު ގިނަ ކަމުގައެވެ. ޝައުގުވެރިކަމާއެކު، އޭނާ ކުރާ މި މަސައްކަތަކީ އިޝީ ގަބޫލުކުރާ ގޮތުގައި އާމްދަނީ ހޯދުމަށް ކުރަން ރަނގަޅު މަސައްކަތެކެވެ. އަދި ކުރާ މަސައްކަތުގެ އާމްދަނީ އާއި ކަސްޓަމަރުންގެ ހިންހަމަ ޖެހުމަކީ މިމަސައްކަތުގައި ދެމިހުރުމަށް އިޝީއަށް ލިބޭ ބޮޑު ހިތްވަރެކެވެ.

"މިމަސައްކަތް ބުރަ ނަމަވެސް މިކުރެވެނީ ހަގީގަތުގައި ކަސްޓަމަރުން ބޭނުންވާ ފެންވަރުގެ ކޭކުތަކެއް އަޅައި ދެވި އެމީހުން މިކުރާ މަސައްކަތް ބަލައިގަންނާތީ. އަދި މިއީ އާމްދަނީ ހޯދުމަށް ކުރަން ރަނގަޅު މަސައްކަތެއް"  އިޝީ ފާހަގަ ކުރިއެވެ.  

ކޭކު އޯޑަރ ނެގުމުގައި މުހިންމު އިސްކަމެއް ދެނީ ކޮންމެ ކޭކަކަށްވެސް ދޭންޖެހޭ ވަގުތު ދެވޭ މިންވަރަށް ވަގުތު ލާފައި  އޯޑަރ ނެގުމެވެ. އެގޮތުން އާންމުކޮށް ދުވާލެއްގެ މައްޗަށް 7 ކޭކާއި 8 ކޭކާއި ދެމެދުގެ މިންވަރަކަށް ކޭކު އެޅުމުގައި ވަގުތު ހޭދަކުރާ ކަމަށް އޭނާ ބުންޏެވެ.

ކޭކު އެޅުމުގެ މިމަސައްކަތުގައި ބޮޑެތި ގޮންޖެހުން އެބަހުރި

އިޝީ ބުނާގޮތުންނަމަ މިމަސައްކަތް ކުރުމުގައި އެކި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ. އެގޮތުން ކަސްޓަމަރ ހަވާލުކުރާ ކޭކުތައް ކަސްޓަމަރު ދޭ ބަޖެޓަށް އަޅައިދިނުމުގައި ދަތިތަކެއް ހުރެއެވެ. އެގޮތުން މާލެއިން ގަންނަން ލިބޭ ތަކެތި އަގުބޮޑުވުމާއި ބޭނުންވާ ބްރޭންޑުތައް މާލެއިން ލިބެން ނެތުމެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އާމްދަނީ ހޯދުމަށް ކުރާ ވަރަށް ބުރަ މަސައްކަތެއް. ވަކި ބަޖެޓެއް ދީފަ ކޭކު ވަކި ބަޖެޓަކަށް ފިޓް ކުރަން ބައެއް ފަހަރު ވަރަށް އުނދަގޫވޭ. ދެރައީ މިކަންކަން އަދިވެސް ގަބޫލުނުކުރެވޭ ކަސްޓަމަރުން އުޅޭތީ. މިއީ ވަރަށް ބޮޑު ގޮންޖެހުމެއް". އިޝީ ކިޔައިދިނެވެ.

މީގެ ކުރިން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ކޭކު އެޅުމުގެ ޚާއްސަ ކޯސްތައް ފުރިހަމަކޮށްފައިވާ އިޝީ ބުނީ މިމަސައްކަތް އިތުރަށް ދަސްކުރަން ބޭނުންވިޔަސް އެފުރުސަތު ރާއްޖޭގައި ނެތް ކަމަށެވެ. މިއީ އިތުރަށް މިހުނަރު ކުރިއަރުވަން ބޭނުންވާ އެތައް ބަޔަކަށް އެދޮރު ބަންދުވާ ހިސާބެވެ.

ކޭކު އެޅުމުގެ ތަމްރީނު އެހެންމީހުންނަށް ދިނުމަކީ އުއްމީދެއް

މތަފާތު ގިނަ ކޭކުތަކެއް އަޅައިފައިވާ އިޝީ ގެ އެންމެ ބޮޑު އުއްމީދަކީ ކޭކު އެޅުމުގެ އިތުރު ހުނަރު ދަސްކޮށް މުސްތަގުބަލުގައި މިކަން ބަޔަކަށް ބުނެދިނުމެވެ.

"އަބަދުވެސް ވަރަށް ބޮޑަށް ބޭނުންވޭ އިޝީގެ ފަރާތުން ބަޔަކަށް ކަމެއް ބުނެދީ ދަސްކޮށް ދިނުން. މިއީ ވަރަށް ޝައުގުވެރިކަމާއިއެކު  މި މަސައްކަތުގައި ޖެހިފައިވާ ލޯތްބެއްގެ ސަބަބުން ކުރާ ކަމެއް. ވީމާ ބަޔަކަށް މިކަން ކުރާނެ ގޮތް އެނގޭ ވަރަކުން ކިޔައިދީ ބަޔަކު ތަމުރީނު ކުރުމަކީ ދެކެން ބޭނުންވާ ދުވަހެއް" މިހާރުވެސް ގާތް ރަހުމަތްތެރިންނާއި އާއިލާގެ ބައެއް މީހުނަށް ކޭކު އެޅުމުގައި އެކިގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ އިޝީ ބުންޏެވެ.

އާއިލާ ހާއްސަކޮށް މައިންބަފައިންނާއި، ރަހުމަތްތެރިން އަދި އިޝީ ލައްވާ ކޭކު އަޅާ ކަސްޓަމަރުންގެ ލޯތްބާއި ސަޕޯޓު އިޝީ ތަކުރާރުކޮށް ފާހަގަ ކުރިއެވެ. އަދި މި މަސައްކަތުގައި ކުރިއަށް ދިއުމުގައި އެންމެ ބޮޑު ހިތްވަރަކީ އެއީއެވެ.

+1
0
+1
17
+1
9
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް