"އަންނާށެ ދާން ހިލަން އުދު. ރަންޒަމާން ދިވެހީންގެ ދެކޭން. ކަން އޮތްގޮތް އިހު ދެކޭން" މިއީ ދާދިފަހުން އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ ލަވައެއްގައި އިވޭ ތިންބަހުގެ ރައިވަރެކެވެ. ވީޓީވީ އިން ގެނެސްދިން 'ޤައުމުގެ ދުލުން' ލަވަ މުބާރާތުގައި އާއިޝަތު ޖޫނީ ޖިނާހުގެ ހިތްގައިމު އަޑުން އިވުނު މި ރައިވަރުގެ އަޑު ކަންފަތުގައި ޖެހުމާއެކު، ދިވެހިންގެ އާދަކާދައާއި ސަޤާފަތުގެ ކުލަރީތި ތަސްވީރެއް ދައްކުވައިދޭ މިފަދަ ރައިވަރެއް މިޒަމާނުގައި މިހާ ފުރިހަމައަށް ހެދީ ކާކުބާއޭ ހިތަށްއެރިއެވެ. ޒީޓައިމްސް އިން ކުޑަކޮށް އަތްފުނާ އަޅައިލުމުން އެނގުނީ މިއީ، މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބުދުލް ޢަނީ (ތޭރަވާގެ) ހުށަހެޅުމަކަށް، އުފަންވީ ރައިވަރުކޮޅެއްކަމެވެ. އަދިވެސް އެއީ ކާކުގެ މަސައްކަތެއް ކަމެއް ނުބުނެވޭދޯއެވެ. ދެން މިއޮތީ އެވާހަކައެވެ. ނ. މާފަރަށް އުފަން، އިބްރާހީމް ސަމީރުގެ ވާހަކައެވެ.
ޒީޓައިމްސްއިން ގުޅާލައި، ކިޔުންތެރީންނަށް ޕްރޮފައިލްއެއް ގެނެސްދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްލީމާ ހީނލައިފައި ސަމީރުގެ ވާހަކަ ފެށީ "އަދި ޕްރޮފައިލް ހަދާވަރުގެ މަސައްކަތެއް ނުކުރެވޭ ނޫންހޭ" ބުނަމުންނެވެ.
"އަސްލު ސަމީރު އެއީ ބައްޕަގެ ވެސް ނަން. އެހެންވީމަ އާއިލާގެ ގިނަމީހުންނާ ރަށުމީހުން ވަރަށް ނުކިޔާނެ ސަމީރުއެކޭ. ދެން ކުރުވެފައި ފަސޭހަވީމާ ވެސް ކަންނޭނގެ. ރަށުމީހުނަށް މީ އިބްރާހީމް. އެނޫން މީހުނަށް ސަމީރު." ނަމުގެ ކުރު ތަޢާރަފެއް ދެމުން ސަމީރު ބުނީ މިހެންނެވެ.
މި ޖަނަވަރީ މަހުގެ 6 ގައި 33ވަނަ އުފަންދުވަސް ފާހަގަކުރި ސަމީރުގެ ގިނަ ވަގުތުތަކެއް މިހާރު ހުސްކޮށްލައިފައިވަނީ ޕަބްލިކް ސާރވިސް މީޑިއާގެ ސީނިއާ ޑިޖިޓަލް މާކެޓިން އެގްޒެކެޓިވްގެ ހައިސިއްޔަތުން އަދާކުރަމުން އަންނަ ޒިންމާތަކަށެވެ. ޑެންޓަލް އެސިސްޓެންޓެއްގެ ގޮތުގައި ވަޒީފާގެ މައިދާނަށް ނުކުމެ 11 އަހަރެއްހާ ދުވަހު އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަމަވެސް، އަބަދުވެސް އެންމެ ޝައުޤުވެރިކަން އޮތް، މާކެޓިންގެ ރޮނގުން ކުރިއަށް ދާން 2017 ވަނަ އަހަރު ކްލީކް ކޮލެޖުން ފަހިވި ފުރުސަތާއި، "މިހާރު" ނޫހުގައި ޖާނަލިސްޓެއްގެ ގޮތުން ހޭދަކުރި ދުވަސްކޮޅުގެ ވާހަކަ ސަމީރު ފާހަގަކުރީ އަތުގައި ހިފި ނަސީބުތަކުގެ ގޮތުގައެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ކަންކަމަށް، ޅަދުވަހުއްސުރެ ހިތުގައި އޮތް ޚާއްޞަ ޝައުޤުވެރިކަމުގެ ވާހަކަ ކިޔައިދެމުން ސަމީރު ބުނީ އެންމެ ފުރަތަމަ ޅެމެއް ހެދީ ގްރޭޑް 4 ގައި ކިޔެވި އިރު ކަމަށެވެ. "އޭރު ވެލިދޫއަށް ކިޔަވަން ގޮސް ހުރެފައި ރަށަށް އައި ފަހަރަކު. ރަށުގައި އޮތް ބަށި މުބާރާތެއް. އޭގައި ދައްތަމެންން ބައިވެރިވި "އެލިގޭޓާ" ކިޔާ ޓީމެއް ހަދައިގެން. ދެން އެ ޓީމަށް ސަޕޯޓުކުރަން އަމިއްލައަމިއްލަޔަށް ލަވައެއް ލިޔެގެން މި ކިޔަނީ އަލީރަމީޒުގެ "ކަޅިރަވައެއްގައިވާ ޖާދޫހޭ" މި ރާގަށް "އެލިގޭޓާއަށް ސާބަސްދޭށޭ. ދައްކާލަނީ މޮޅުކުޅުމޭ" ކިޔައިގެން. އެ ލިޔެފައި އޮތް ފޮތް އޭގެ މާފަހުން ދައްތަމެންނަށް ފެނިގެން އަދި މި ހުނަރުގެ ވާހަކަ ގޭ މީހުނަށް ވެސް މި ރޭކާލީ" މިއީ ސަމީރުގެ ޅެންވެރިކަމުގެ ފެށުމެވެ.
ސުކޫލު ދައުރުގައި އެ ހުނަރު މީހުނަށް މާބޮޑަށް ދައްކައިލަން ނުކެރުނު ނަމަވެސް ގްރޭޑް 11 ގަ އުޅެމުން އެ އަހަރު ބޭއްވި ޤައުމީ ޅެންހެދުމުގެ މުބާރާތުގައި ބައިވެރިވެ ސުކޫލުތަކުގެ ބައިން 3 ވަނަ ޙާޞިލްވުން ވެގެން ދިޔައީ އެ ހުނަރާ މެދު ޔަޤީންކަން ބޮޑުވެގެން ދިޔަ ކަމަކަށެވެ. "އޭރު ދެން ބޮޑަށް ވިސްނިފައި އޮންނަނީ ޅެންވެރިކަމާ މިކަންކަމަކީ އެއީ ދެން މާ މަތީފެންވަރެއްގެ ބަޔަކު ނޫނީ ކޮށްގެން ވެސް ނުވާނެ ކަންކަމޭ"
ނަމަވެސް ސުކޫލު ދައުރު ނިމުމަށްފަހު މާލެ ބަދަލުވެ، އޭރު އެ ގެންގުޅުނު ވިސްނުންވެސް މަޑުމަޑުން ދޫކޮށްލައި ބައެއް އުފެއްދުންތައް މީސްމީޑިއާގައި ޙިއްސާކުރަން ފެށުމާއެކު ދާއިރާގެ ފުންނާބުއުސް ލޯތަކުގައި އިސާހިތަކު އަޅައިގަތްކަމަށް ސަމީރު ބުންޏެވެ. އެގޮތުން ފަހިވި ފުރުސަތުތަކުގެ ތެރެއިން ސަމީރުވަނީ ފްރީލާންސް ރައިޓަރ އެއްގެ ގޮތުގައި ސަން އޮންލައިންގެ އިތުރުން މުރާސިލް އަށް ލިޔެފައެވެ. ލިޔުންތެރިޔާގެ ނަމުގައި ޕޭޖެއްހަދައި 100 އަށް ވުރެ ގިނަ ޕޯސްޓް އޭގައި ގެނެސްދީފައިވެއެވެ. އަދި މިހާރު ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސޯޝަލް މީޑިއާގައި އެގެނެސްދޭ ތަފާތު ހެއްވާ މަޖާ ޕޯސްޓް ތަކަކީ ވެސް ސަމީރުގެ ފާހަގަކޮށްލެވޭ ހުނަރެކެވެ.
ޤައުމުގެ ދުލުން ލަވަ މުބާރާތަށް ފުރުސަތު ލިބުނުގޮތް 'ޒީ ޓައިމްސް' އަށް ސަމީރު ވަނީ ހިއްސާކޮށްފައެވެ. " ތޭރަޔާ ދިމާވޭ ކުރިން ވެސް، އެކަމަކު ޅެންވެރިންގެ ބަހާރު ވައިބަރ ގުރޫޕުގެ ތެރެއިން ބޮޑަށް ދެކެފަރިތަވީ. ފަހުން ދެން ތޭރައަށް ވެސް މި ހުނަރު ފާހަގަކުރެވިގެން ކަމަށް މި ބަލަނީ، މިފަހަކުން ގުޅައިލައިފައި، ސަޤާފަތާއި ޤައުމިއްޔަތާއި ގުޅުވައިގެން މިވެނި އެވެނި ގޮތަކަށް ރައިވަރުކޮޅެއް ހެދިދާނެހޭ އެހީ. ދެން ލަވައެއްގެ ރާގަށް ކިޔަން، ވަކި މައުޟޫއަކަށް، ވަކި ކަހަލަ ވާހަހަތަކެއް ހިމަނައިގެން ރައިވަރުކޮޅެއް އެކަށައެޅުން ވީ ހަމަ ތަފާތު ކަމަކަށް. އެކަމަކު އަޝްއަރު ވަޙީދުގެ އެދުމަކަށް ވެސް އެ ބާވަތުގެ މަސައްކަތެއްގައި އުޅެވިފައި އޮތީމާ ހިތަށް އެރީ މިކަން ވެސް ނުވާވަރެއް ނޫނޭ. ދެން އޭގައި ގެންގުޅެފައި ހުރި ވިސްނުންތައް ވަރަށް ތަފުސީލުކޮށް އޮންނާނެ ޙިއްސާވެސް ކޮށްލާފައި އަޅުގަނޑުގެ އެފްބީގައި، އެއީ ދެން އާ ބާވަތެއްގެ މަސައްކަތެއް ވީމާ. މިހާތަނަށް މިގޮތަށް މުޅި ލަވައެއް ރައިވަރަކަށް ހަދާފަ އޮއްވާ ވެސް ނުދެކެން. ޖުމްލަ 4 ރައިވަރު އެއީ. ގިނަ ބަޔަކަށް ހިތްގައިމުވެ ބަލައިގަތުމުން އެންމެ އުފާވީ."
ރަސްމީ ވަޒީފާގެ އިތުރުން ލިބޭ ފުރުސަތުތަކުގައި، ރޭޑިޔޯ ޑްރާމާ ކުޅުމާއި، އެކި ބާވަތުގެ ލިޔުންތަކާއި ތަމްސީލު، އިޝްތިހާރު ސްކްރިޕްޓް ފަދަ ލިޔުންތެރިކަމުގެ ތަފާތު މަސައްކަތްތަކުގެ އިތުރުން، މަދަޙަކިޔުމާއި ރައިވަރު ކިޔުމުގެ ފަންނަކީ ވެސް ސަމީރުގެ ފަންނުވެރިކަމުގެ ލިސްޓުގައި ނުހިމަނައި ދޫކޮށްލާ ވަރުގެ ކަންކަމެއް ނޫނެވެ. ބަހާއި އަދަބުގެ މި ހުރިހައި ކަމެއްގެ ތެރޭން ވެސް މިހާތަނަށް ލިބުނު އެންމެ ފާހަގަކުރެވޭ ފުރުސަތަކީ، އަލަށް އެކުލަވައިލި ގްރޭޑް 12،11 ގެ ދިވެހިފޮތުން، ސަމީރުގެ ރައިވަރުގެ ބައެއް މަސައްކަތްތަކަށް ޖާގަ ލިބުމެވެ.
" އަލަށް އެކުލަވާލި ދިވެހި ފޮތްތަކުގައި ހުންނާނެ ބައެއް ރައިވަރު ހިމަނައިފަ. އެއީ ދެން ޚާއްޞަ އުފަލެއް ލިބުނުކަމެއް. އެހެން ބަޔަކަށް އަޅުގަނޑުގެ މަސައްކަތަކުން ކޮންމެވެސް ޢިލްމީ މަންފާއެއް ލިބޭކަމުގެ އިޙްސާސް ކުރެވޭތީ. މިހާރު ވެސް ބައެއް ސުކޫލުތަކުގެ ދިވެހި އިމްތިހާނު ކަރުދާހުގައި ރައިވަރުގެ މަސައްކަތްތައް ހިމަނައިލުމުގެ ފުރުސަތު ލިބޭ. އަދި އަދަބީ އެކި ކަންކަމާ ގުޅުންހުރި ހުށަހެޅުންތައް ވެސް ލިބޭ. ދެރައީ ވަގުތުގެ ގޮތުން ހުރިހާ ހުށަހެޅުމަކަށް ހުރިހާ ފަހަރަކު އާނބަސް ނުބުނެވޭތީ.
ޅެމާއި އަދަބިއްޔާތުގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމުގައި ފުންނާބު އުސް ޅެންވެރީންނާއި އެދުރުންގެ ފުށުން ކެނޑިނޭޅި ލިބުނު އަދި މިހާރު ވެސް ލިބެމުންދާ އެހީތެރިކަން ސަމީރު ފާހަގަކުރީ ޝުކުރެވިކަމާއެކު އެވެ. "އަޝްރަފް މުދައްރިސް، ޑރ. އަޝްރަފް، ޝާހިދު ޙަލީމް، އުތީމު އާދަމްބެ. މިހެންގޮސް ހަމަ ވަރަށް ގިނަ. އެންމެންގެ ނަން ނުވެސް ކިޔޭނެތާ! ދެން ވަކިން ޚާއްޞަކޮށް އުސްތާޛު އާދަމް ނަޞީރުގެ އެހީ ފާހަގަކޮށްލަން. ވަރަށް ދީލަތި ހަމަ ހުރިހާ ބޭފުޅުންވެސް."
ނ. މާފަރުގެ މަޝްހޫރު ދެ ޢާއިލާގެ ތެރެއިން "ދޮންކެ" އާއިލާ އާއި "ލަބަރި" އާއިލާ އަށް ނިސްބަތްވާ ޞާބިރާ ޢަބްދުއްރަޙްމާން އާއި ބައްޕަ ސަމީރު ޢަލީގެ 5 ކުދިންގެ ތެރެއިން ސަމީރާއި އެންމެ ދޮށީ ބޭބެއާއި ދެބޭންނަކީ އަލްބީނޯއިންނެވެ. އެއީ އުފެދުމުގައި "މެލަނީން" އާ ގުޅުންހުރި ޖީންއެއް މަދުވުން ނުވަތަ ބަދަލުވުމުގެ ސަބަބުން ޤުދުރަތީގޮތުން ލިބޭ ޚާއްޞަ ތަފާތުކަމެކެވެ.
"ބޮޑަށް އަތްވަށް ވަރަށް ބަލިކަށިވާނެ. އަވީގެ ހޫނު ހަންގަނޑުގައި ޖެހުމުން ވަރަށްބޮޑަށް ވަރުބަލިވާނެ. ސީދާ އިރުގެ އަލި ހަންގަޑުގައި ޖެހިގެން ލިބޭ ގެއްލުން ހުންނާނެ ހަމަ ފަސްއަހަރު ވާންދެން ވެސް. އެކަމަކު އަވީގައި ނުޖެހި ރާއްޖެއަކު ވެސް ނޫޅެވޭނެތާ ދޯ! ދުވާލު ބޭރަށް ނުކުންނަންޏާ ސަން-ބްލޮކް ޓްރީޓްމަންޓް، ޔޫޕީއެފް އުފެއްދުންތައް. ދެން އަންގިވެސް ބޭނުންކުރަން. ބޮޑަށް އަވި ދެންޏާ ކުޑަނަގަން. ސައިކަލުވެސް ނުދުއްވަނީ ދުވާލުގަޑީގައި ހިޔަލުން ނުދުއްވޭނެތީ."
ސަމީރު ފާހަގަކުރި ގޮތުގައި އަލްބީނޯއަކަށްވުމުން ލޮލުގެ ފެނުމުގައިވެސް އުދަގޫތަކެއް ހުރެއެވެ. " ލޮލުގެ ވެސް ކަޅިއެއް ނުއެއް ހުއްޓޭނެ. އަބަދުވެސް ތެޅިތެޅި ހުންނާނީ. 'ނެރޯ ފޯކަސް' އެއް ހުންނާނީ ވެސް. އެހެންވެ ކައިރިކޮށްގެން ބަލަނީ ފޯނުން ބަލައި އުޅޭއިރު ވެސް. ދެން ކުޑައިރު އެޅިޔަސް ވަކި ހިސާބަކުން ނަންބަރު އައިނު ވެސް ދޫކޮށްލީ. އައިނު އެޅީމާ ސިކުނޑި އަށް ބާރު ބޮޑުވާނެ ކަމަށް ޑޮކްޓަރުން ބުނާތީ. އެކަމަކު މިހާރު ދެން ހަމަ ވަރަށް ހޭނިފަ މިހިރީ މިގޮތަށް އުޅެން. މާ ބޮޑު އުނދަގޫކަމެއް އިޙްސާސެއް ނުވޭ"
ކުޑައިރުއްސުރެ އާއިލާއިން ސަމީރު ގެންގުޅުނީ ވަރަށް ލޯބިން ކަމަށާއި އެހެންވުމުން އަލްބީނޯއަކަށްވީތީ އެހެންމީހުންނާއި ތަފާތު ކަމެއް އަމިއްލައަށް އިހުސާސް ނުވާ ކަމަށް ސަމީރު ބުންޏެވެ. މިފަދަ އެހެން މީހުންނަށް ސަމީރު ބުނެދޭ ވާހަކައެއް ވެސް އެބައޮތެވެ. "މަގުމަތިން ހިނގާއިރު މީހުން ވަރަށް ބަލާނެ. އަދި ދިވެހިބަހުން ވާހަކަ ދައްކަން ފަށާއިރަށް ބައެއް މީހުން ހީކުރަނީ ބޭރު މީހަކު ދިވެހިން ވާހަކަ ދައްކަނީ ކަމަށް. ބުނަން މިއުޅެނީ އަސްލު އަމިއްލައަށް ވިސްނައިގެން އުޅޭށޭ ތަފާތުވުމަކީ މައްސަލައެއް ނޫންކަން. ކޮންމެ މީހަކީ ވެސް ތަފާތު މީހެއްތާ ދޯ! އަމިއްލައަށް ތިމާގެ ހުރި ހުނަރެއް ކުރިއަރުވަން މަސައްކަތްކުރާށޭ އެހެންމީހުނާ އެއްގޮތްތޯ ތަފާތުތޯ ނުބަލާ"
ފަހު ސުވާލެއްގެ ގޮތުން، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސަމީރުގެ ފޭސްބުކް ފީޑުންނާއި ސްޓޯރީތަކުން ފެންނަ ތަފާތު ވައްތަރުގެ ޖޫސް އަދި ކޮފީގެ އިތުރަށް ކާއެއްޗެހި ތައްޔާރުކުރަނީ ކާކުތޯ ސުވާލުކޮށްލީމެވެ. "އެއީ ދެން ހަމަ އަމިއްލަޔަށް. ވަރަށް ލޯބިވެއޭ ކާބޯތަކެތި ދެކެވެސް"
ސަމާސާ ރާގެއްގައި އެހެން ބުނެލި ނަމަވެސް ޔަގީންވާކަމަކީ، ސަމީރުގެ ހުރީ ހަމައެކަނީ އަދަބީ އަދި އިސްތިހާރު ކުރުމުގެ ހުނަރެއް ނޫންކަމެވެ. އެހެންވީމާ ކެއްކުމާއި ކޮފީ ތައްޔާރުކުރުމުގެ ހުނަރުވެސް ލިސްޓަށް އިތުރުކޮށް ނުލައި ނިންމާލެވޭކަށް ނެތެވެ. މިއީ ހަމަ ތަފާތު ހުނަރުތަކެއް ލިބިފައިވާ ޒުވާނެކެވެ.