November 23, 2024 20:16
Advertisement

-Advertisement-

ކުރުވާހަކަ: އިހުސާސް

ވަރަށް މީރު ކެއުމެކެވެ. ކޮންމެ ރެއަކު ނޫނަސް މިތަނަށް އައިސް ކެއުމަކަށް އިންސާފް ކޮއްލުމަކީ އަހަރެންގެ އާދައަކަށް ވަނީ ވެފައެވެ. ރަށުގެ އެންމެ ހިތްގައިމު ހިސާބުގައި ހަދާފައިވާ މިރެސްޓޯރަންޓަކީ ވަރަށް ރީތި އަދި އެހާމެ ކެއުންތައް މީރުވެސް ތަނެކެވެ. ރެސްޓޯރަންޓް ވަނީ ދެބަޔަކަށެވެ. އެއީ ސިގިރޭޓް ބޯ މީހުންނަށް ޚާއްސަ ބަޔަކާއި ސިގިރޭޓް ނުބޯ މީހުންނަށް ޚާއްސަ ބައެކެވެ. އަހަރެން އަބަދުވެސް ގޮސް އިންނަނީ ސިގިރެޓްގެ ވަސްވެސް ނުޖެހޭ ހިސާބުގައެވެ. އަހަރެންނަކީ އަންހެން ކުއްޖަކަށްވީ ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ދެކެ ވަރަށް ނަފްރަތު ކުރެވެއެވެ. އެއީ އަހަރެން ވަރަށް ކުޑައިރުއްސުރެން ފެށިގެންނެވެ. އަހަރެންގެ ބައްޕަ ސިގިރެޓް ބުއިން ހުއްޓައިލީވެސް އަހަރެން ވަރަށް ކިޔައި ރޮއިހަދައިގެންނެވެ. ދުންފަތަށް ނަފްރަތު ކުރެވެން ފެށުނީ ކީއްވެކަމެއް އަހަންނަކަށްވެސް ނޭނގެއެވެ.

އުޑުމަތީގައި ވިލާބޯވެ ވާރޭ ވެހެމުންދިޔައެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން އަހަރެންވެސް އޮފީސް ނިންމާލާފައި ގެއަށް ދަމުން އެ ރެސްޓޯރަންޓަށް ވަދެ ކޮފީއަކަށް އޯޑަރު ކޮއްލީމެވެ. އަހަރެން ހުރީ ހޫނު ކޮފީއެއް ބޯލަން ވަރަށް ބޭނުންވެފައެވެ.

އަހަރެންނަކީ ރެގިއުލާރ ކަސްޓަމަރަކަށް ވުމުން ޚިދުމަތްވެސް ވަރަށް އަވަހެވެ. އަހަރެންގެ ކޮފީތަށި ގެނެސް މޭޒުމަތީގައި ބެހެއްޓި ތަނާހެން އަހަރެންނަށް ފެނުނީ ކުރިމަތީގައި އިން އަހަރެންގެ އޮފީސް ކުއްޖެކެވެ. އެއީ އަހަރެންނާއި އެކު މަސައްކަތް ކުރާ ނަސްރާއެވެ. އެކަނި މޭޒެއް ދޮށުގައި އިނީމަ އަހަރެން ގޮސް އޭނަގެ ގާތުގައި އިށީނީ އެކަނިވެރިކަން ފިލުވައިލާށެވެ. އެއީ ވަރަށް ރަނގަޅު މުރާލި ކުއްޖެކެވެ. ކަމަށް ކަމޭހިތާ އޯގާތެރި ކުއްޖެކެވެ.

Advertisement

"އަހަރެން ބިލް ދައްކާނީ މިއަދު" އަހަރެން ގޮސް ނަސްރާގެ ގާތުގައި އިށީނުމާއި އެކު ނަސްރާ ބުނެލިއެވެ.

އަހަރެން އާނ އެކޭ ބުނެލުމުގެ ގޮތުން ބޯ ޖަހައިލީމެވެ. ނަސްރާ ކިހާ ރަނގަޅުހެއްޔެވެ. ނަސްރާ އަކީ އަބަދުވެސް އޮފީހުގައި އުޅޭއިރުވެސް އެހެން މީހުންނަށް ވަރަށް ކަމޭހިތާ ކުއްޖެކެވެ. އަހަރެމެން ދެމީހުން ވާހަކައިގައި ތިއްބާ ކުރިމަތީގައި ހުރި މޭޒުގައި އިށީނީ އާލިފެވެ. ސްކޫލް ދައުރުގައި އަހަރެންގެ ގާތުގައި އެތައް ފަހަރު ރައްޓެހިވާން އެހި ޒުވާނެކެވެ. އެއިރު އަހަރެން އެކަމަށް އިންކާރު ކުރަމުން ދިޔައީމެވެ. އެއީ މަސްތުވާތަކެތި ބޭނުން ކުރަމުން ދާތީ އަމުދުން އަހަރެން ވަރަށް ފޫހިވާ މީހެކެވެ. ނަމަވެސް އެކަންތަކުގައި ޖަލުގައި އެތައް އަހަރެއް ހޭދަ ކުރުމަށްފަހު އާލިފް ގެއްލުނެވެ. އާލިފް މިރަށުން ގެއްލުމުން އަހަރެންގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ސަބަބަކީ އޭނާގެ ކިބައިން އަހަރެން މުޅި އުމުރަށް ސަލާމަތްވި ކަމުގެ އިހުސާސް ވީމައެވެ. ނަމަވެސް މިހާރު އެޒުވާނާ ވަރަށް ތަފާތެވެ. އަހަރެންނަށް މިފެނުނީ ވަރަށް ދުވަސް ކޮއްލާފައެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެއީ ހަމަ އެޒުވާނާ ބާއެވެ. އަހަރެންގެ ހިތާއި ހިތާއި ކިޔައިލެވުނެވެ. އާއެކެވެ. އެއީ ހަމަ އާލިފެވެ. ވަރަށް ސްމާރޓެވެ.

"އެއިނީ ކާކު ފެހިކުލައެއްގެ ގަމީހެއް ލައިގެން" އަހަރެން ނޭނގޭ ކަމަށް ހަދާލައިފައި އެހީމެވެ.

"އެއީ މިރަށަށް އަންނަން އުޅޭ ޑޮކްޓަރެއް. ސަންޑޭގައި ނިކުންނާނެ ޖޮބަށް" ނަސްރާ ބުނެލިއެވެ.

"ވަރަށް ރީތިދޯ" އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

"ސާބަހޭ އެއީ މީހެއްގެ ފިރިއެއް. އަދި ލޯބި ލޯބި ކުދިންތަކެއްގެ ބައްޕައެއް. އޭނަގެ ވައިފްވެސް ވަރަށް ރީތިވެފައި ވަރަށް ހިތް ހެޔޮވާނެ" ނަސްރާގެ އެ ޖުމްލަތަކުން އަހަރެންގެ ހިތް ތޮރުފަމުން ދިޔައެވެ. އަހަރެން ހިތް ބައްޔެއް ނުކުރެވޭނެކަން އަހަރެންނަށް އެނގެއެވެ. އަހަރެންނަށް އަހަރެންގެ ނަފްސަށް އިތުބާރު ކުރެވެއެވެ. އެއީ މީހެއްގެ އަންބަކަށް ކީއްކުރަން ދަރިންތަކެއްގެ ބަފައަކަށް ވީނަމަވެސް އަހަރެން އެކަން ހާސިލް ކުރަން ބޭނުމެވެ. އެކަމަށް އަހަރެންގެ ހިތުގައި އަޒުމް ކަނޑައެޅީމެވެ. ނަސްރާގެ ގާތުގައި އިނދެފައި އަހަރެން ގޮސް އާލިފްގެ ގާތުގައި އިށީނީމެވެ. އަދި ވަރަށް އިޚްތިރާމާއި އެކު ސަލާމް ގޮވާލައިފައި އަހަރެން ދަންނަންތޯ އަހައިލީމެވެ.

ޖަވާބު ވަރަށް ކުރުވެފައި އެހާމެ ރީއްޗެވެ.

"ކީއްވެ ނޭގެންވީ. ތިއީ އަހަރެންގެ ހަޔާތަށް ކުރިން ގެންނަން އުޅުނު މަންޖެ" އާލިފް ހޭންފެށިއެވެ.

"ސޮރީ. އަހަރެންނަށް އެގޮތަށް ކަންތައްވީތީ" އަހަރެން މަޢާފަށް އެދުނީ އާލިފާއި ވާހަކަ ދައްކަން ކޮންމެވެސް ގޮތެއް ހޯދައިލުމުގެ ބޭނުމުގައެވެ.

"އަހަރެން މިއީ މިހާރު ޑޮކްޓަރެއް. މިއަދު މިއައީ. އަހަރެންގެ ދެ ކުދިންނާއި ލޯބި ވައިފެއް އެބަހުރި. ވާނެ އެމީހުންނާއި ބައްދަލުކޮއްލަން" އާލިފް ވާހަކަތައް އަދިވެސް ހުރީ ވަރަށް ގާތް ކޮށެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަރެން ބޭނުންވީ ވީހާވެސް ގިނައިރަކު އާލިފާއި ވާހަކަ ދައްކަން މަޑުކޮއްލާށެވެ. އަހަރެންނަން ހުރިހާ ވަގުތެއްގައިވެސް ބަލަން އިނދެވުނީ އާލިފްގެ މޫނަށެވެ. އެކަން އާލިފަށްވެސް އެނގުނު ނަމަވެސް އެކަން އޭނާ ސިއްރުކުރަމުން ދިޔައެވެ. އެކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގުނެވެ.

"އޯކޭ ޑޮކްޓަރ. އަހަރެން މިހާރު އިންނަން ބޭނުމޭ ބުނެފިއްޔާ" އަހަރެންގެ ހިތުގެ އުދާސްތައް އެއްވެސް ޖެހިލުމެއް ނެތި ބޭރުކޮއްލީމެވެ.

"ސޮރީ. އެއިރުން އަހަރެންގެ ދަރިން ކިހާ ދެރަވާނެ" އާލިފް ދިނީ އަހަރެން ބޭނުންވި ޖަވާބެއް ނޫނެވެ.

"އޯކޭ. އަހަރެން ދެއަންބަށް އިނދެފާނަން" އަހަރެން ބޭނުންވީ އާލިފްގެ ހިތް އަތުލުމެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އޭނާ ގަބޫލެއް ނުވިއެވެ. މުޅިންވެސް ދައްކަނީ ދަރިން ބިކަވެދާނެ ވާހަކައެވެ. އަހަރެންނަށް ދަރިން ނުބެލެންވީ ކީއްވެހެއްޔެވެ. އަހަރެން ހުރީ ކިޔަވައިގެން ރަނގަޅު ވަޒީފާއެއްގައެވެ. ނަމަވެސް އާލިފްގެ އަނބިމީހާ އަކީ ގޭގައި އިންނަ މީހެކެވެ. އޭނާ އަށް ކުރާ ހުރިހާ ޚަރަދެއް ކުރަނީ އާލިފެވެ. އަހަރެންގެ ހިތުގައި ނަފްރަތުގެ އަލިފާން ރޯވިއެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އާލިފް ހާސިލް ކުރުމަށް އަހަރެންގެ ހިތުގައި އަޒުމް ކަނޑައެޅީމެވެ.

ހެނދުނު އަހަރެން އޮފީހަށް ދިޔައީއްސުރެން އުޅުނީ ވަރަށް ބޮޑަށް ބޯ އަނބުރާ ހޮޑުލަވާތީއެވެ. ހެނދުނު ރަނގަޅަށް ސައި ނުބޮވެނީކަމަށްވެސް ވެދާނެއެވެ. މި ފަހަކަށް އައިސް އަހަރެން ކެއުމާއި ދުރުވިކަން އަހަރެންނަށް އިހުސާސް ކުރެވެއެވެ. އެންމެފަހުން ކެތް ނުކުރެވިގެން ސިއްޚީމަރުކަޒަށް ނަސްރާ ގޮވައިގެން ދިޔައީމެވެ. ނަސީބު ވަރަށް ރަނގަޅެވެ. އަހަރެން ބެލީ ޑޮކްޓަރ އާލިފްއެވެ. ހަމައެކަނި އައިވީއެއް ގުޅައލީއެވެ. އަދި އަހަރެންނަށް އެހެންވީ ރަނގަޅަށް ނުކާތީކަމަށް ބުންޏެވެ. އަހަރެން އެވަގުތުވެސް ފުރުސަތުގެ ބޭނުން ހިފީމެވެ. އަހަރެންނާއި އިނދޭތޯ ވަރަށް އާދޭސް ކުރީމެވެ. އެންމެފަހުން އަހަރެންނާއި ބައްދަލުކުރަން އާލިފް އެއްބަސްވިއެވެ. އަހަރެން ބޭނުންވީ އާލިފްގެ އަމިއްލަ ގޭގައި ބައްދަލު ކުރާށެވެ. ނަމަވެސް އެކަމަށް އާލިފް އިންކާރު ކުރިއެވެ. އާލިފް ބޭނުންވީ އަހަރެންނަކީ ރައްޓެއްސެއްގެ ނަޒަރުން ދެކުމެވެ.

ރޭގަނޑުގެ ހަމަހިމޭންކަން އަހަރެންނަށް އިހުސާސް ކުރުވީ ވަރަށް ފޮނި އިހުސާސެކެވެ. އަހަރެން ދެކެމުންދިޔަ ހުވަފެނުގައި ކުލަޖައްސާލާނެ ފުރުސަތެއް އަލަށް ލިބުނީއެވެ. އެފުރުސަތު ބޭނުން އަހަރެން ރަނގަޅަށް ހިފަން ގަސްދު ކުރީމެވެ. އަހަރެންނާއި އާލިފް ބައްދަލުކުރަން ހަމަޖެހިފައި އޮތީ އަހަރެމެން ދެމީހުންވެސް ދިމާވި ރެސްޓޯރެންޓުންނެވެ. ގަޑި ޖެހުމުގެ މާކުރިން އަހަރެން ގޮސް އިންތިޒާރުގައި އިނީމެވެ. ވަށައިގެންވާ މާހައުލަށް ރަނގަޅަށް ބަލައިލީމެވެ. ހުރިހާ މޭޒެއް ހުރީ ފުރިފައެވެ. މިތަނުން އަހަރެން އާލިފާއި ބައްދަލު ކޮއްފިއްޔާ ރަށުގެ އެންމެނަށް އެނގޭނެވެ. އެހެންވުމުން އަހަރެން އާލިފަށް މެސެޖްކޮށް އެހެން ދިމާލަކުން ބައްދަލުކޮއްލަން އެދުނީ ދެމީހުންގެވެސް ރައްކަލަކަށެވެ. އެކަމަށް އާލިފް އެއްބަސް ވުމުން އަހަރެން ވަރަށް އުފާވިއެވެ. އަހަރެމެން ބައްދަލު ކުރީ ރަށުގެ އަތިރިމަތިންނެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވާ ހަމަހިމޭން ތަނެކެވެ. އަހަރެންގެ ހިތުގެ އުދާސްތައް ބޭރުކުރަން އެންމެ ރަނގަޅު ތަނެކެވެ. އެތާގައި ތިބެގެންވެސް އަހަރެން އާލިފް ގާތުން ވަރަށް އާދޭސް ކުރީމެވެ. މިފަހަރުވެސް އާލިފްގެ ބަހަނާއަކަށް ދައްކަނީ ދަރިންނެވެ. ނަމަވެސް ދަރިންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމާއި އަހަރެންނަށްވެސް އެއްވެސް ޚަރަދެއް ދޭކަށް ނުޖެހޭނެކަން އަހަރެން އާލިފަށް ހަނދާންކޮއްލަ ދިނީމެވެ. އަހަރެން އެތައްއިރެއް ވަންދެން އާލިފްގެ އުނގުގައި އޮވެ ރުއީމެވެ. އެންމެ ފަހުން އަހަރެން އާލިފަށް ދިން ޔަގީންކަމާއި އެކު އަހަރެންނާއި ދެއަންބަށް އިންނަން އެއްބަސް ވިއެވެ. އަހަރެން ހިތް އުފަލުން ފޮޅުނެވެ. އަހަރެންނަށް މުޅި ދުނިޔެ ލިބުނު ކަހަލައެވެ. އަހަރެން އުފަލުންގޮސް އާލިފްގެ ގައިގާ ބައްދާލީމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް ދިގު އިންތިޒާރު ކުރަމުންނެވެ. އަހަރެން ހުރީ ދިމާވާ ކޮންމެ ހުރަހަކާއި ކެރިގެން ކުރިމަތިލާ ގޮތަށެވެ. ކޮންމެ ދުވަހަކު އަހަރެން އާލިފް އާއި ބައްދަލުކޮށް ކައިވެނީގެ ކަންތައް ހަމަޖައްސަމުން ދިޔައީ ވަރަށް ފޮނި އުންމީދަކާއި އެކުގައެވެ. އަހަރެން އޮފީހުގައި އިންދާ އަހަރެންގެ ފޯނަށް އާލިފް ގުޅިއެވެ. އަހަރެން އަވަސްއަވަހަށް ފޯނަށް ޖަވާބު ދިނީމެވެ. ނަމަވެސް އާލިފްގެ ފޯނުން ގުޅީ އޭނަގެ އަންހެނުންނެވެ.

"ކާކު ތިއީ. އަހަރެންގެ ފިރިމީހާ ދޫކޮއްލާ. އަހަރެން ބޭނުމެއް ނޫން ދަރިންނަށް ދޮންމަންމައެއް ލިބޭކަށް" އާލިފް އަނބިމީހާ ވާހަކަ ދެއްކީ ވަރަށް އަސަރާއި އެކުގައެވެ. ނަމަވެސް އަހަރެންގެ ހިތަށް އެކަމުން ކުރި އެއްވެސް އަސަރެއް ނެތެވެ.

"އެއްވެސް ދެރައެއް ނުލިބޭނެ. ތީނައަށްވެސް ފަސޭހައެއްނު. އަނެއްކާ އާލިފް ހުންނާނީ ވަރަށް އުފަލުން. ތީނަ ބޭނުމެއް ނުވޭތަ ފިރިމީހާ އުފަލުގައި އުޅޭތަން ދެކޭކަށް" އަހަރެންނަށް އެހެން މީހެއްގެ އިހުސާސް ނުކުރެވުނެވެ. އާލިފް އަނބިމީހާ ދައްކާ ވާހަކަތަކަށް އަހަރެން ވަރަށް ހުޝިޔާރު ކަމާއި އެކު ޖަވާބު ދެމުން ދިޔައީމެވެ. އޭނަގެ ރުއިމުގެ އަޑު އަހަރެން އަހާކަށް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވީ އަހަރެންގެ ފިރިމީހާއަށް އާލިފް ހަދާށެވެ.

އަހަރެމެންގެ ކައިވެނި ކުރެވުނީ ޑިސެމްބަރު ފުރަތަމަ ހަފްތާގެ ހުކުރު ދުވަހުގެ ރޭގަނޑުގައެވެ. ރަށުގެ ސްކޫލް މުޅި ގޯތިތެރެ ޒީނަތްތެރި ކޮއްފައިވަނީ އަހަރެންނަށް އެންމެ ރީތި ފިޔާތޮށި ކުލައިންނެވެ. ރަށުގެ ގިނަ ބަޔަކު ހާޒިރުވި އެހަފްލާއަށް އާލިފްގެ ދޮށީ އަނބިމީހާ އާއި ދަރިންނެއް ނާދެއެވެ. އެކަމަށް އަހަރެން އެއްވެސް ދެރައެއް ނުވަމެވެ. އަހަރެންވީ އުފަލެވެ.  ކައިވެނީގެ ހަފްލާ އަށް ހާޒިރުވި އެންމެންވެސް އަހަރެމެންނަށް ހެޔޮދުޢާ ކުރިއެވެ.

ކައިވެންޏަށްފަހު އަހަރެން އުޅުނީ އަހަރެންގެ މައިންބަފައިންގެ ގޭގައެވެ. އާލިފް އުޅެމުން ދިޔައީ އޭނާގެ އަމިއްލަ ގޭގައެވެ. އެއީ އެގޭގައި އުޅުމަކީ އެހާ މަސްލަހަތު ހަމަޖެހޭ ކަމެއް ކަމަށް އަހަރެންނަށް ނުފެންނާތީ ސީދާ އަހަރެން ނިންމި ނިންމުމެކެވެ. ނަމަވެސް މިގެއަށްވެސް އާލިފް އައިސް އުޅެއެވެ. އަހަރެންނަށް ދޭންޖެހޭ ވަގުތު ވަރަށް ރަނގަޅަށް ދެއެވެ. ޝަކުވާ ކުރާނެ ފުރުސަތެއްވެސް ނުދެއެވެ. އެހާވެސް އާލިފް ރަނގަޅެވެ. އެވާހަކަ އަހަރެންގެ މައިންބަފައިންވެސް ދައްކައެވެ.

އަހަރެންގެ ކައިވެންޏަށް އަހަރެއްވީ ތަނާހެން އަހަރެންގެ ބަނޑު ބޮޑުވިއެވެ. ބަނޑު ބޮޑުވެ އަހަރެން ވަރަށް ބަލިވިއެވެ. އަހަރެން ވަރަށް ހިތްވަރު ކުރީމެވެ. އަހަރެންނަށް އެހިތްވަރު ކޮއްލެވުނީ އާލިފްގެވެސް އެހީތެރިކަމާއި އެކުގައެވެ. ދުވަސްތަކަށްފަހު އަހަރެން ދުވަސްނުފުރާ ވިހެއީ ވަރަށް ލޯބި އަންހެން ކުއްޖެކެވެ. އަހަރެން އުފަލުން ފުރުނެވެ. އަހަރެން އެންމެ އުފާވީ ހުރިހާ ވަގުތެއްގައިވެސް އަހަރެންގެ ގާތުގައި ލޯބިވާ ފިރިމީހާ ހުންނާތީއެވެ. ނަމަވެސް އަހަރެންގެ ދަރިފުޅު މިދުނިޔެއަށް އުފަންވީ ނުކުޅެދޭ ކުއްޖެއްގެ ގޮތުގައެވެ. އެއްފައި ނެތެވެ. އަހަރެން އެކަމާއި ވަރަށް ދެރަވި ނަމަވެސް އެއީ އަހަރެންނަށް މެދުވެރި ކުރެއްވި ގޮތް ކަމަށް ހިތާ ހިތްހަމަޖައްސައިލީމެވެ. ސިއްޚީމަރުކަޒުގައި ހަފްތާއެއްހާ ދުވަހު އޮތުމަށްފަހު އަހަރެން ގެއަށް ބަދަލުވީމެވެ. އާލިފަކީ ޑޮކްޓަރަކަށް ވާތީ ދަރިފުޅުގެ ކަންތައް ބަލަހައްޓަން ވަރަށް ފަސޭހަވިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށްވެސް އަވަހަށެވެ. އަހަރެންގެ ދަރިފުޅުވެސް ދިޔައީ ބޮޑުވަމުންނެވެ. ނަމަވެސް ދަރިފުޅަށް ނުހިނގޭތީ ދަރިފުޅުގެ ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ އަހަރެންނަށެވެ. އެހެން ވުމާއި އެކު އަހަރެން ވަޒީފާ ދޫކޮށް ގެއަށް ބަދަލުވީމެވެ. އަހަރެންގެ ހުރިހާ ވަގުތެއް އަހަރެންގެ ލޯބިވާ ދަރިފުޅަށް ދޭށެވެ. އަހަރެން ވަޒީފާއިން ވަކިވުމަށްފަހު އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓަނީ އަހަރެންގެ ލޯބިވާ ފިރިމީހާ އާލިފެވެ. ދަރިފުޅަށް ނުހިނގޭ ކަމުގެ އިހުސާސް ވިޔަކަ ނުދެމެވެ. އަދި އާލިފްގެ ދޮށީ ދަރިންނާއިވެސް ގާތް ގުޅުން ބާއްވަމުން ދިޔައީ އުފަލާއި އެކުގައެވެ.

ހޮނިހިރު ދުވަހުގެ ހަވީރުގެ ހިތްގައިމު ވަގުތެވެ. އަހަރެން ތައްޔާރުވަމުން ދިޔައީ ދަރިފުޅުގެ ހަތަރުވަނަ އުފަން ދުވަސް ފާހަގަ ކުރުމަށެވެ. ދަރިފުޅުގެ ކޮންމެ އުފަންދުވަހެއްވެސް އަހަރެން ވަރަށް ވަރުގަދައަށް ފާހަގަ ކުރަމެވެ. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅަށް ވާތީއެވެ. އެކަމުގައިވެސް އާލިފްގެ ވަރަށް ބޮޑު އެއްބާރުލުން ލިބެއެވެ. އަހަރެންނަކީ ހަނގު އަނބި ނަމަވެސް އެއްވެސް ކަމެއްގައި ދަރިފުޅު އަދި އަހަރެންވެސް ތަފާތެއް ނުކުރެއެވެ. ޕާޓީއަށް ކުދިން އަންނަމުން ދިޔައިރު އަހަރެން އުޅުނީ ވަރަށް ބިޒީކޮށެވެ. އާލިފް އެވަގުތު ވީ ބޭރުގައެވެ. ދެތިން ފަހަރަކު ގުޅައިފީމެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ މިދަނީ ކަމަށެވެ. އަހަރެން މަސައްކަތުގައި ހުއްޓައި ނަސްރާ އައިސް އަހަރެންނަށް ގޮވައިލިއެވެ. އަދި އާލިފް ކޮބައިހޭ އެހުމުން ބޭރުގައޭ ބުނީމެވެ. ނަމަވެ ނަސްރާގެ ދުލުން އިވުނީ އަހަރެން އަޑުއަހަން ބޭނުން ނުވާ ޖުމްލަ ތަކެކެވެ.

"އާލިފް އެބައުޅޭ އޭނަގެ ބިޓާއި އެކީ އެގޭގައި. މީހަކު ބުނި އެމީހުން އުޅެނީ އިންނާށޯ" ނަސްރާގެ ވާހަކައިން އަހަރެންނަށް ހީވީ ބިންގަނޑު ފައިދަށުން ދެމިގަތް ހެންނެވެ. އަހަރެންނަށް ގަބޫލުވެސް ނުކުރެވުނެވެ.  އަހަރެންގެ ބޮލަށް އެނބުރުން އެރުމުން އެތާގެ ހުރި ގޮނޑިއެއްގައި އިށީނީމެވެ. އަދި މަޑުމަޑުން ދެލޯ މަރައިލީމެވެ.

އާލިފް ގެއަށް އަންނަންދެން އަހަރެން ނުނިދާ އޮތީމެވެ. ދަރިފުޅު ނިންދަވާފައި އާލިފްގެ އިންތިޒާރުގައި ކޮޓަރީގައެވެ. އާލިފަކީ އެހާ ގިނައިރަކު ބޭރުގައި އުޅޭ މީހެއް ނޫނެވެ. ގަޑިން ދިހައެއް ޖެހިއިރު އާލިފް އައިސް ކޮޓަރިއަށް ވަނެވެ. އަހަރެން ވަރަށް ލޯބިން ގޮސް އާލިފްގެ އަތުގައި ހިފައިލީމެވެ. އަދި ކައިފިންތޯ އާއި ކާނަންތޯ އަހައިލީމެވެ. އާލިފްގެ ޖަވާބަކީ ރައްޓެއްސަކާއި އެކީ ކޮފީއެއް ބޯލައިގެން އައި ކަމަށެވެ. އަހަރެން އަޅާ ނުލަމެވެ. އާލިފް ހެދުން ބަދަލުކޮއްލައިގެން އައިސް އެނދުގައި އޮށޯތެވެ.

"އަހަރެން ހަޑިތަ" އަހަރެން ސުވާލު ކޮއްލީމެވެ.

"ނޫން ވަރަށް ރީތި. ކާކު ބުނީ ހަޑިއޭ" އާލިފްގެ ތައުރީފް އަޑު އިވުނެވެ.

"އަހަރެން އަޑުއެހިން އާލިފް ބިޓެއް ގެންގުޅޭ ވާހަކަ" އަހަރެން ސުވާލު ކޮއްލީމެވެ.

"އާނ އިންނަން މިއުޅެނީ. ތިންވަނަ އަންބަކަށް" އާލިފް ތެދުބަހުން ވާހަކަ ދެއްކިއެވެ.

"އަހަރެން ގަބޫލެއް ނޫން. އަހަރެންގެ ދަރިފުޅަކީ ނުކުޅެދޭ ކުއްޖެއް. އޭނަ ކިހާ ދެރަވާނެ" އަހަރެން އެކަމަށް ހުރަސް އަޅަން މަސައްކަތް ކުރީމެވެ.

"އަހަރެންގެ ދޮށީ އަނބިވެސް ތިހެން ބުނި. އަހަރެންވެސް ބުނިން. އެކަމަކު ތީނައަށް ގަބޫލު ކުރެވުނުތަ. އިހުސާސް ކުރެވުނުތަ" އާލިފް ޖަވާބު ދިނެވެ.

ރަނގަޅު ވާހަކައެކެވެ. އަހަރެން އެ އަޑު ނާހަމެވެ. އަހަރެން ބޭނުންވާ ކަންތައް ކުރީއެވެ. އެވެސް އަންހެނެކެވެ. އަހަރެން ފަދަ އިންސާނެކެވެ. އެނާ ދެރަވާނެ ވަރު ނުވިސްނުނީއެވެ. އެންމެފަހުން އަހަރެން ވަރި ނުކޮށް ތިންވަނަ މީހަކާއި އިނުމަށް ހުއްދަ ދިނީމެވެ. ހިތަށް މަޖުބޫރު ވެގެންނެވެ. ކުރިން އަހަރެންނަށް އިހުސާސް ނުވީއެވެ. ކުރިން އެ އިހުސާސްވިނަމަ މިހެން ނުވީސްތާއެވެ. އޭނާގެ ރުއި ރުއިން މިއަދު ރޯން މިޖެހުނީ އަހަރެންނަށެވެ.

= ނިމުނީ =

+1
1
+1
4
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް