ނ.މަނަދޫ ހުޅަނގުގޭ އަޙްމަދު ހާރޫން(ބަގޭ)، އުފަންރަށް ދޫކުރައްވާ މާލެ ވަޑައިގެން ތައުލީމް ހާސިލްކުރެއްވުމަށް އަހުމަދިއްޔާގައި އުޅުއްވި ދުވަސްވަރު ހާބަރު ކަޑައެއްގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މި ބުނާ ކަޑައިގައި 1998 ހިސާބުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ކޮންމެ ރެއަކުހެން ބައިސްކަލުގައި ތިންބޭފުޅުން އެކަޑައަށް ވަޑައިގަންނަވައެވެ. އެ ތިން ބޭފުޅުން ވަޑައިގެން ކަޑައިގައި ތިއްބަވައިގެން ދައްކަވާ ސިޔާސީ ވާހަކަތަކުގެ އަޑުތައް އިވިއިވި ސިޔާސީ ކަންކަމަށް ލޯހުޅުވެން ފެށިއެވެ. އެތިން ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، އަރިހުގައި މުޙައްމަދު ޒިޔާދު(ޒިޔައްޓޭ) އާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް އެވެ.
އޭރު ސިޔާސީ ދާއިރާއަށް ފާޅުގައި ނިކުންނެވުމުގެ ވިސްނުންފުޅެއް ނެތްނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުޤުވެރިކަމާއެކު، ގްރޭޑް 11 އަދި 12 ގައި ކިޔެވި ދުވަސްވަރު ޢަމަލީ ތަޖްރިބާ ހޯއްދެވުމުގެ ގޮތުން މަސައްކަތް ކުރެއްވުމަށް ވަޑައިގެންނެވީ ސަފާރީއަކަށެވެ. އެހެންނަމަވެސް ގްރޭޑް 12 އާއި ހަމައަށް ތަޢުލީމު ހާސިލްކުރެއްވުމަށްފަހު ވިސްނުންބަދަލުވެ ރަނގަޅު ވަޒީފާއެއް ހޯއްދެވުމުގެ ބޭނުމުގައި 2004ވަނަ އަހަރު ގުޅިވަޑައިގެންނެވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ވަޒީފާއަށެވެ. ވަރަށް ޝައުގުވެރިކަމާއެކު މަސައްކަތްކުރައްވަމުން ދަނިކޮށް، 2017 ގައި ކަސްޓަމްސްގެ ވަޒީފާއިން ވަކިވެވަޑައިގެންނެވީ އެ މުޢައްސަސާގެ ކަންތައްތައް އެއިރު ކުރިއަށްދިޔަ ގޮތާއިމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެންނެވެމުންނެވެ.
އަޙްމަދު ވިދާޅުވީ އޭނާ ސިޔާސީ ދާއިރާއަށް ނެރެދިނީ ރައްޓެހިން ކަމަށެވެ. ޢާއިލާގެ ބަދަހިކަމާއެކު ލިބޭ ހިތްވަރާއި އެހީތެރިކަން ފާހަގަ ކުރައްވާ، މަޖިލީހުގެ ކެމްޕޭނަކީވެސް ރައްޓެހިން ވަރަށް ދުރާލާ ރާވައިގެން ކޮށްދެއްވި ކަމެއްގެގޮތުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ރައްޓެހިންނާއި ދާއިރާގެ ރައްޔިތުންގެ އުންމީދުތައް ހާސިލްނުކޮށް ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެންނެވުމަކަށް އަޙްމަދު ބޭނުންފުޅެއް ނުވެއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމް.ޑީ.ޕީ)އަށް ނިސްބަތްވާ މެންބަރެއް ކަމުން ޕާޓީއާއި ގުޅޭގޮތުން ދެކެވޭ ބައެއް ވާހަކަތައްވެސް އަހާލީމެވެ. މެންބަރު އަޙްމަދު ވިދާޅުވީ އެމް.ޑީ.ޕީ ބައިބައިވެއްޖެ ކަމަށް ދައްކަން މަސައްކަތް ކުރަނީ ޕާޓީގެ ބައެއް ނިންމުން ތަކުގައި އުފެދޭ ޚިޔާލު ތަފާތުވުންތައް ފެނި އިދިކޮޅު ޕާޓީން ކަމަށެވެ. އެހެންނަމަވެސް އެޚިޔާލުތަފާތުވުން ތަކަކީ ޑިމޮކްރަސީގެ މުހިންމު އަސާސެއްކަން އެފިކުރަށް ނޭގޭ ކަމަށެވެ. އެމް.ޑީ.ޕީގެ ދެފެކްޝަނެއްގެ ވާހަކަ މާބާރަށް ދެކެވެނީ އިދިކޮޅު ޕީ.ޕީ.އެމް/ ޕީ.އެން.ސީގެ ލީޑަރެއް ނެތުމާއި ސިޔާސީ ބާރެއް ނެތުމުގެ ސަބަބުން އިދިކޮޅުޕާޓީއެއްގެ ގޮތުގައިތިބެ ކުރާނެ ސިޔާސީކަމެއް ނޭގިގެން ކަމަށް މެންބަރު ވަނީ ސިފަކުރައްވާފަ އެވެ.
މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން މެންބަރު އަޙްމަދު ވިދާޅުވީ މިހާރުގެ މަޖިލީހަކީ އެތައް ގުނައެއް ސްޕީޑް ހަލުވި މަޖިލީހެއް ކަމަށާއި، ކޮންމެ މެންބަރަކީވެސް ރައްޔިތުންގެ އަޑުއަހާ ވީވަރަކުން ރައްޔިތުންގެ ބަސް ހޯދައިގެން މަސައްކަތްކުރާ މެންބަރަކަށްވާތީ އޮންނަނީ ކުރާނެ ކަންކަން ގިނަވެފައި ކަމަށެވެ. އެހެންނަމަވެސް ކުރީގެ މަޖިލީހުން ފެނުނީ ކުރާނެ ކަމެއް ނެތިގެން އުޅުނުތައް ކަމަށާއި، 19ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުރާ ހުރިހާ ކަމެއްގައިވެސް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާއާއި ޢާންމުންގެ ޚިޔާލު ހޯދައިގެން ކަންކަން ނިންމާ މަޖިލީހެއް ކަމަށެވެ.
ނ. އަތޮޅު މިއޮތީ ވަރަށް ފަހަތުގައި
އަޙްމަދު ޤަބޫލުފުޅުކުރައްވާ ގޮތުގައި ހުރިހާ ރޮނގަކުންވެސް ނ.އަތޮޅު އޮތީ ވަރަށްބޮޑަށް ފަހަތުގައެވެ. އޭނާ ވިދާޅުވީ އެހެން އެކަން ވާންޖެހުނީ ރައީސް ޔާމީން ގެންގުޅުއްވި މާލެއަށް ހުރިހާ އެންމެން ޖަމާކޮށް އެއްފަސްކުރުމުގެ ސިޔާސަތުގެ ސަބަބުން ކަމަށެވެ. "މި ސަބަބަށްޓަކައި ރަށްރަށުގެ އާބާދީ މަދުވެ ހުރި ޓެލެންޓްވެސް ގެއްލެނީ. މިއަތޮޅުގެ ރައްޔިތުންގޮސް އެހެން ހިސާބުތަކުގައި ބޭސް ފަރުވާއަށާއި ދަރިންނަށް ކިޔަވައިދޭން ތިބެންޖެހޭ ކަމަކަށް ޤަބޫލެއް ނުކުރަން. ރަށުގައި ދިރިއުޅެވެން ޖެހޭނެ. ހުރިހާ އަސާސީ ބޭނުންތަކެއް ފުއްދެން ޖެހޭނެ. ކުޑަކަމެއް ވާއިރަށް މާލެއަށް ދާންޖެހިގެން ނުވާނެ." މިއީ ޖަޒީރާ ރާއްޖެއެއްގައި ބަދަލު ކުރަންޖެހޭ ކަންކަން ކަމަށް މެންބަރު ފާހަގަ ކުރެއްވިއެވެ.
ފާހަގަ ކޮށްލެވޭ ދާއިރާތަކުގެ އިސްމަޤާމުތަކާއި ސަރުކާރުގައިވެސް ނ.އަތޮޅުގެ މީހުން މިހާރަށްވުރެ ގިނަވާން ޖެހޭކަމަށް އޭނާ ގަބޫލުފުޅު ކުރައްވައެވެ. "މިކަން ކުރެވޭނީ ރަށްރަށުގައިދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ގިނަ ދާއިރާތަކުން ފަސޭހަކަމާއިއެކު ތަޢުލީމާއި ތަމްރީން ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެހިގެން. ފާހަގަކޮށްލަން ޖެހެނީ މިއަދު މުޅި ނ. އަތޮޅަށް ބަލާއިރުވެސް ގްރޭޑް 11 އަދި 12 އާ ހަމައަށް ކިޔަވާދެވެނީ 2 ރަށުގައިކަން. އަދި ކުރިން 11 އަދި 12 އަށް ކިޔަވަދިން ސުކޫލުތަކުގައި މިހާރު އެ ފުރުސަތު ނެތްކަން. މިފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން، މަޖިލީހުގައި ނ.އަތޮޅަށް ނިސްބަތްވާ ހަތަރު މެންބަރުން މަސައްކަތް ކުރައްވަނީ ނ.އަތޮޅުގައި ތަޢުލީމާއި ތަމްރީނުގެ ގޮތުން ޤާބިލު މީހުން އުފެއްދުމަށް ވަސީލަތްތައް ފަހިކޮށްދިނުމަށް" އަޙްމަދު ވިދާޅުވިއެވެ.
"ރިސޯޓްތަކުގައިވެސް ނ.އަތޮޅުގެ ކުދިން އުޅޭނީ ވަރަށް އާދައިގެ ވަޒީފާތަކުގަ. އިސްމަޤާމުތަކުގައި ނ.އަތޮޅު ކުދިން ވަރަށް މަދުވާނެ. އެއަށްވުރެ މާރަނގަޅު ފުރުސަތު ފަހިވާން ޖެހޭނެ." ކަމަށް މެންބަރު ވިދާޅުވިއެވެ.
ހޮސްޕިޓަލިޓީ ދާއިރާއިން މުވައްޒަފުން ތަމްރީނުކުރުމަކީ އެގޮތުން އެންމެ އިސްކަންދޭ އެއްކަންތަކެވެ. އެގޮތުން 2019ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީއާއި ނ.އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލަރުން އަދި އަތޮޅުގައި ހިންގަމުންދާ ރިސޯޓްތަކުގެ އިސްވެރިން މަޝްވަރާކޮށް، ބޮޑު އިސްކަމެއްދީގެން އެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރުމަށްވަނީ އެއްބަސްވެވިފައެވެ. އަތޮޅުގައި ތިބެގެން އެ ތަމްރީނުތައް ހެދޭނެ ކަމަށާއި، ވަޒީފާގައި އުޅެމުންވެސް ތަމްރީނުތަކުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހޭފަދަ ގޮތަކަށް ކަންކަން ރާވަމުން އަންނަ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ. 2020ގައި އެފަދަ ތަމްރީނުތައް ފެށުމަށް މަޝްވަރާ ކުރެވުނުނަމަވެސް ކޮވިޑްގެ ޙާލަތާއި ގުޅިގެން ޓުއަރިޒަމް ދާއިރާ ހުއްޓުމަކަށް އައުމުން އެކަން އަދި ފެށޭގޮތް ނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
ނ.އަތޮޅުން ލިބޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވާން ޖެހޭނެ ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ. ނ.އަތޮޅުގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިއަކު އިނގިލި ކޮޅަށް ކައްޓެއް ހެރުނީމާ ފަރުވާ ހޯދަން ޓްރީޓޮޕަށް ދިއުމަކީ އެއްގޮތަކަށްވެސް ޤަބޫލުކުރާ ކަމެއްނޫންކަމަށާއި ފަތުރުވެރިން ބޭނުންވާ ފަރުވާ އަތޮޅު ތެރެއިން ފަސޭހަކަމާ އެކު ލިބެން ޖެހޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
"ޒުވާނުންނަށް ފަހިކޮށްދޭންޖެހޭ ފުރުޞަތުތަކަކީ ޚާއްޞަ އިސްކަމެއް ދޭންޖެހޭކަމެއް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ކޮންމެ ކުއްޖަކީވެސް އެ ކުއްޖަކަށް ޚާއްސަ ހުނަރެއް ހުންނާނެ ކުއްޖެއް. ބޭނުންވަނީ އެހުނަރު އުފަންކުރާނެ މާހައުލެއް. އެގޮތުން ވޯޓާ ސްޕޯޓްސް، އިންޑޯ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ވަރަށް މުހިންމު" މެންބަރު ހާރޫން ވިދާޅުވިއެވެ.
ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު
kalw heyonuvaane mi raajje ehfas kohbala
ތިމަގާމުގަ ހުންނައިރު ވަރަށް ރައްޔިތު ވާނެ ދެންވާގޮތް ބަލަން ތިބެމާ.
ބަގޭއަކީ އެއްވަނަ. މިވަރުގެ މެންބަރެއް އަދި މަނަދޫ ދާއިރާއަކަށް ނާދޭ
ކޮމެންޓްސް ބަންދުކުރެވިފައި