November 23, 2024 19:52
Advertisement

-Advertisement-

ކުރުވާހަކަ: މަޖުބޫރަކުން

އަހަރެން ފޯނު ބަލައިލީމެވެ. ފުރަން ދާން ގަޑި ޖެހެނީއެވެ. އަހަަންނާއި އެކު ފުރާ އެހެން ކުދިން ގަޑިއަށް ލޯންޗް ކައިރިއަށް ދާން އަހަރެން އޮތީ ބުނެފައެވެ. އަހަންނަކީ ދަތުރު އެންމެ އިސްކޮށް ހަމަޖެއްސި މީހާއެވެ. އެހެންވުމުން އެހެން މީހުންނަށް އަހަރެން ނަމޫނާއަކަށް ވާންވާނެތާއެވެ. ގެއިން ނިކުންނަމުން މަންމަ އާއި ބައްޕަގެ ގައިގައި ބައްދާލީމެވެ. އަހަރެން ނިކުންނަންދެން އެދެމީހުން ބަލަހައްޓައިގެން ތިބީ ވަރަށް ލޯބިންނެވެ. ނަސީބު ވަރަށް ރަނގަޅެވެ. އެންމެ ކުރިން ދެވުނީ އަހަންނަށެވެ. އަހަރެންނަކީ އަބަދުވެސް ގަޑިއަށް ވަރަށް ފަރުވާތެރި މީހެކެވެ.

ލޯންޗް އޭގެ ބާރު މިނުގައި ދުއްވަމުން ދިޔައީ ކައިރީގައި އޮތް ރިސޯޓަށެވެ. ކަނޑު މަޑު ނަމަވެސް ވައި ކޮންމެވެސް ވަރަކަށް ޖެހެމުން ދިޔައެވެ. ގާތްގަނޑަކަށް ތިރީހަކަށް މިނިޓް ދުއްވުމަށްފަހު އަހަރެމެންގެ މަންޒިލަށް އާދެވުނެވެ. އެރިސޯޓުން އަހަރެމެންނަށް ކީ ވަރަށް ފުރިހަމަ މަރުހަބާ އެކެވެ. އަަހަރެމެން އެރަށަށް ދިޔައީ އަހަރެންގެ ވިޔަފާރީގެ މަސައްކަތެއްގައެވެ. އެރަށަށް އައިސް ހުރި ރަޝިޔާގެ ވިޔަފާރިވެރިއަކާއި ބައްދަލު ކޮއްލުމަށެވެ. އަހަރެންވެސް ކޮޓަރިއަށް ގޮސް ބޭނުންވީ މިރޭގެ ބައްދަލުވުމަށް ދާންވާއިރަށް ކުޑަކޮށް ހަމަޖެހިލާށެވެ. އަދި ހަމަހިމޭން މާހައުލެއްގައި ވަގުތުކޮޅެއް ހޭދަ ކޮއްލާށެވެ. އަހަރެން ކޮޓަރިން ބޭރަށް ނިކުމެ އެތާގައި ހުރި ގޮނޑިއެއްގައި އިށީނީ މޫދަށް ބަލަހައްޓައިގެންނެވެ. ތަންކޮޅެއް ދުރުން މީހުން އުޅޭ މަންޒަރު ފެނެއެެވެ.

"އައްސަލާމް އަލައިކުމް" މީހަކު ސަލާމް ގޮވައިލި އަޑަަށް އަހަރެން ބަލައިލީމެވެ. ކުރިމަތީގައި އިނީ ރަށުގެ މުވައްޒަފެކެވެ. އޭނަ ދުއްވާ ބަގީގައި އައިސް އަހަރެން ފެނުމުން ސަލާމް ގޮވައިލީއެވެ. ޖަވާބުގައި އަހަރެން ސަލާމް ބަލައިގަތީމެވެ.

Advertisement

"އަޅުގަނޑަކީ ޝަފީނާ. ތިޔަ ބޭފުޅުންނާއި ހަވާލުވެ ހުންނާނީ އަޅުގަނޑު. އެއްވެސް ކަމެއް ބޭނުމިއްޔާ އަޅުގަނޑަށް ގުޅާލަދެއްވާ" އެެހެން ބުނެފައި ޝަފީނާ ދިޔައީއެވެ. ވަރަށް ހިތްހެޔޮ އޯގާތެރި ކުއްޖެކެވެ. ވާނީވެސް އެހެންތާއެވެ. ރިސޯޓްތަކަށް ގެންނާނީ ތަމްރީން ދީފައެވެ. އަހަރެން އަނެއްކާވެސް މަޑުކޮއްލީ ހަމަހިމޭންކަމުގެ މާހައުލުގައި ވަގުތުކޮޅެއް ހޭދަކޮއްލާށެެވެ. އެކަހަލަ ވަގުތަކީ މާލެއިން ލިބޭނެ ވަގުތެއް ނޫނެވެ.

އަހަރެން ތައްޔާރުވީ ރޭގަނޑުގެ ކެއުމަށްފަހު އަހަރެންގެ ވިޔަފާރިވެރިޔާ އާއި ބައްދަލުކޮއްލާށެވެ. އަހަރެންނާއިއެކު އަހަރެންގެ އޮފީހުގެ ދެ މުވައްޒަފަކުވެސް ބައިވެރިވިއެވެ. އަހަރެން ބޭނުންވީ ކޮޓަރިއަށް ގޮސް ޑޮކިއުމަންޓްތައް ހިފައިގެން ދާށެވެ. އަހަރެން އޮފީސް ކުދިން ގާތުގައި މަޑުކޮއްލަން ބުނެފައި ޝަފީނާއަށް ގުޅައިލީމެވެ. ކޮޓަރި އާއި ހިސާބަށް ދާން ވެހިކަލެއް ހަމަޖެހޭތޯއެވެ. އަހަރެން ގުޅިތާ ފަސްމިނިޓްވެސް ނުވަނީސް އަހަރެންގެ ގާތަށް ހުއްޓުނީ ޝަފީނާއެވެ. ވަަރަށް އަދަބުވެރިކަމާއިއެކު ވާހަކަ ދެއްކިއެވެ. އެ ބަގީ ދުއްވަން އިނީ ޝަފީނާއެވެ. އިތުރު އެއްވެސް މީހަކު ނެތެވެ. ޝަފީނާ ދުއްވަމުން ދިޔައީ އަހަރެންގެ ކޮޓަރި އާއި ދިމާލަށެވެ.

"މިއީ ހާދަ ހިތްގައިމު މާހައުލެކޭ. ނެތްތަ ޖޮބެއް" އަހަރެން ސަމާސަ ރާގަކަށް ބުނެލީމެވެ.

"ސަރ ތިއީ ބޮޑު ވިޔަފާވެރިއެއް. ދެން ކީއްކުރަން މިކަހަލަ ޖޮބަކަށް އަންނަންވީ" ޝަފީނާ ވަރަށް އަދަބު އިހުތިރާމާއި އެކު ވާހަކަ ދެއްކިއެވެ.

"ސަރ ނުކިޔާ. މި މާހައުލު ވަރަށް ހިތްގައިމު" އަހަރެން މަޖާވެލާފަައި ބުނެލީމެވެ.

"އަޅިގަނޑަކީ ވަރަށް ފަގީރެއް. މަންމަ އެކަނި ހުންނަނީ. އަޅުގަނޑު ކުރާ މަސައްކަތަކުން ލިބޭ އެއްޗަކުން މަންމަވެސް ބަލަހައްޓަނީ" ޝަފީނާ ބުނެލިއެވެ.

"ފަގީރުކަން ބާއްވާ. އަހަރެން ހީކުރީ މީހެއްގެ އަންބެއް ކަމަށް" އަހަރެން ބުނީމެވެ. އަހަރެން އެހެން ބުނީ ޝަފީނާގެ އަޑުގައި ހުރި އޯގާތެރި ކަމުންނެވެ.

އަހަރެމެންގެ ވާހަކަ އެހިސާބަށް ދެވުނުތަނާހެން އަހަރެންގެ ކޮޓަރިއަށް އާދެވުނެވެ. އަހަރެން ކޮޓަރިއަށް ވަދެ ހުރިހާ ޑޮކިއުމަންޓެއް ނަގައިގެން އަނެއްކާވެސް އައިސް ބަގީގައި އިށީނީމެވެ.

"އަހަރެންވެސް މިއީ ބައްޕަގެ ފައިސާއިން ފެށުނުކަމެއް. އިރާދަކުރެއްވީތީ ތަނަވަސް ކަމުގައި އުޅެނީ" އަހަރެން އަނެއްކާވެސް ވާހަކަ  ދައްކަން ފަށައިފީމެވެ.

"ނަސީބު ގަދަ. އަޅުގަނޑުގެ ބައްޕަ ވީ ތަނެއްވެސް ނޭނގެ. ދުނިޔޭގައި ހުރިކަމެއްވެސް ނޭނގެ. ކުޑައިރު މަންމަ ދޫކޮއްލާފައި ދިޔައީ. އެކަމަކު މަންމަ އަބަދުވެސް ގެންގުޅޭނެ ބައްޕަގެ ފޮޓޯއެއް" ޝަފީނާގެ ހަޔާތުގެ ވާހަކަ ކުރުކޮށް ކިޔައިދިނެވެ. މާގިނަ ވާހަކަ ދެއްކޭކަށް ނެތެވެ. އަހަރެންގެ ވިޔަފާރީގެ ބައިވެރިޔާ އާއި ބައްދަލު ކުރަން ހަމަޖެހިފައިވާ ތަނަށް އާދެވުނީއެވެ. އަހަރެން އެތަނަށް ދިޔައިރު އޮފީސް ދެކުދިންވެސް އެތާގައި ތިއްބެވެ. އަހަރެންގެ ވިޔަފާރީގެ ބައްދަލުވުން އެރޭ ވަރަށް ކާމިޔާބެވެ. އިތުރު ބައްދަލުވުމެއް ބާއްވަން ބޭނުންވާތީ އެއްރޭ މަޑުކޮއްލަން ނިންމީމެވެ. އަހަރެމެންގެ ވިޔަފާރީގެ ބައްދަލުވުން ނިމުނީ ވަރަށް ލަސްވިފަހުންނެވެ. އެހެން ކުދިން އެކަނި ދާން ބޭނުންވާތީ އަހަރެން އެކަމަށް ހުއްދަ ދިނީމެވެ. ނަމަވެސް އަހަރެން ދާން ބޭނުންވީ ޝަފީނާ އާއި އެކީގައެވެ. އެއީ ކީއްވެކަން އަހަންނަށްވެސް ނޭނގުނެވެ. ދުވަހަކުވެސް އަަަަަހަންނަށް މިހެން ނުވެއެވެ. ލައްކަ ކުދިންނާއި ދިމާވިއެވެ. އަހަންނަށް އަހަރެންގެ ހިތަށް ބާރެއް ނުފޯރުވުނެވެ. ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތް ބަދަލުވެއްޖެއެވެ. އަހަރެންގެ އެދުމަށް ޝަފީނާ އަހަރެން ބަލާ އައެވެ. އަހަރެން ބޭނުންވީ ޝަފީނާ އާއި ވާހަކަ ދައްކާށެވެ. އަދި އަހަރެންގެ ހަޔާތަށް ގެންނާށެވެ.

"އަހަންނަށްވެސް މިހާ މިނިވަންކޮށް މިއުޅެވެނީ މީހަކާއި ނީނދެ އުޅޭތީ" އަހަރެން ބޭނުންވާ މަޢުލޫއަށް ބަދަލު ކުރީމެވެ.

"އޯހް. ފައިސާ އެބަހުރި. ތަނަވަސް. ދެން ކީއްވެ. މިޒަމާނުގައި ހުރިހާވެސް އެއްޗަކީ ފައިސާ" ޝަފީނާ ޖަވާބު ދިނެވެ.

"ނޫން. އެހެން ނޫންނަމަ އަހަރެންގެ ހުންނާނެއެއްނު. އަހަރެން ބޭނުމީ ޝަފީނާ ކަހަލަ އޯގާތެރިއެއް" އަހަރެން ސީދާ ބުނެލީމެވެ.

"މިހާރު ނޫޅޭނެ ތިކަހަލަ ރަނގަޅު ފިރިހެނުން. އަހަރެންގެ މަންމަވެސް ހާލުގައި ޖެއްސީ ތިކަހަލަ މަޅިއެއްގައި. އަދިވެސް އެ އުޅެނީ އެކަމުން ސަލާމަތް ނުވެވިގެން" ޝަފީނާ ބުނެލިއެވެ.

އަހަރެން ވަަރަށް ދެރަވިއެވެ. ނަމަވެސް ގޮތް ދޫނުކޮށް ޝަފީނާއަށް ހުށަހެޅުންތައް ހުށަހަޅަމުން ދިޔައީމެވެ. އެންމެފަހުން ޝަފީނާ އެއްބަސްވީ އޭނަގެ މަންމަގެ ގާތުގައި އަހާ ހުއްދަ ލިބުމަށްފަހު ނޫނީ ޖަވާބެއް ނުދެވޭނެކަށެވެ. އަހަރެން އެކަމަށް އެއްބަސްވީމެވެ. ނަމަވެސް ލަސްނުކުރަން އެދުނީމެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ޝަފީނާ އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އަކަށް ހެދުމެވެ. އެރޭގެ ބައްދަލުވުން ނިމުނީ ޖަވާބަކަށް އިންތިޒާރު ކުރާށޭ ބުނަމުންނެވެ. އަހަރެން ގޮސް ކޮޓަރިއަށް ވަދެ ވަރަށް ވިސްނީމެވެ. ލިބޭނީ ކޮންކަހަލަ ޖަވާބެއްތޯއެވެ. އަހަރެން އެވިސްނުމުގައި އޮއްވާ ނިދުނު އިރެއްވެސް ނޭނގެއެވެ. އަހަންނަށް ހޭލެވުނީ ޝަފީނާގެ ފޯނު ކޯލަކަށެވެ. ފޯނު ރިންގުވާ އަޑަަށް އަވަހަށް ފޯނަށް ޖަވާބު ދިނީ ޝަފީނާ ދޭނެ ޖަވާބަކަށް އަހަރެންގެ ފެންބޮވައިގެންފައިހުރިވަރުންނެވެ.
"ކޮބާ ޖަވާބު" އަހަރެން އަހައިލީމެވެ.

"މިގުޅީ ރަސްމީ ކަމެއްގައި. ސައި ބައްލަވަފިންތޯ" ޝަފީނާ އަހައިލިއެވެ.

"ނުބޮން. ދެން ކީކޯ މަންމަ ބުނީ" އަހަންނަށް އަނެއްކާވެސް އަހައިލެވުނެވެ.

އަހަރެންގެ އެދުމަށް ސައިބޯން ދާން ޝަފީނާ އަހަރެން ބަލާ އައެވެ. ޝަފީނާ ފެނުމުން އަހަރެން ވަރަށް ހާސްވިއެވެ.

އަހަރެންް ޝަފީނާ ދުއްވަން އިން ބަގީގެ ފަހަތުގައި އިށީނީމެވެ. އަދި ވަރަށް ސީރިއަސް ކަމާއި އެކު ޝަފީނާގެ މޫނަށް ބަލައިލީމެވެ.

"މަންމަ ބުނީ އޯކޭއޯ. އަހަރެން ބޭނުމިއްޔާ ކުރިއަށް ގެންދާށޯ" ޝަފީނާ ބުނެލިއެވެ.

އެންމެފަހުން އަހަރެންގެ ހުށަހެޅުން ޝަފީނާ ގަބޫލު ކުރީއެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. ހަޔާތުން އެންމެ ދުވަހެއްވެސް ބޭކާރު ކޮއްލާކަށް ބޭނުމެއް ނޫނެވެ.

އަހަރެން މާލެ ދާން ފުރީ ހަވީރުގެ ވަގުތެއްގައެވެ. އަހަރެން ފުރުވަން އަހަރެންގެ ވިޔަފާރީގެ ޕާޓްނަރާއި ޝަފީނާ އައިސް ތިއްބެވެ. ލޯންޗު އެރަށުގެ ފަޅުން ނިކުންނަންދެން ޝަފީނާ އަހަންނަށް ހަނާއަޅަމުން ދިޔައެވެ. އަހަރެން މާލެ އައިސް މަންމަމެން ގާތު ވިޔަފާރީގެ ވާހަކަ ދެއްކީމެވެ. ކާމިޔާބު ދަތުރެއް ކަމަށް ބުނީ ވަރަށް އުފަލުންނެވެ. އެމީހުންވެސް ތިބީ އެކަމާއި ވަރަށް އުފަލުންނެވެ. ބައްޕަ ދުރަށް ޖެހިލި ވަގުތު އަހަރެން ޝަފީނާގެ ވާހަކަ މަންމަ އާއި ހިއްސާކުރީމެވެ. މަންމަ އެއްބަސްވެއްޖެއްޔާ ބައްޕަވެސް އެއްބަސްވާނެކަން އަހަންނަށް އެނގެއެވެ. މަންމަ އެއްބަސްވިއެވެ. އަދި ޝަފީނާ އާއި ބައްދަލު ކުރަން ބޭނުންވާ ވާހަކަ ބުނެލިއެވެ. ނަމަވެސް އަހަރެން ބޭނުންވީ ޝަފީނާގެ އެއްވެސް މައުލޫމާތެއް އަދި މަންމަމެންނަށް ނުދީ ސިއްރު ކުރާށެވެ. ސަޕްރައިޒެއް ދޭށެވެ. އެންމެފަހުން ހަމަ އެވަގުތު އެވާހަކަ މަންމަ ބައްޕަގެ ކަންފަތަށް އަރުވައިލިއެވެ. ބައްޕަވެސް ވަަރަށް އުފާވިއެވެ. އަދި އެމީހުން މާލެ ގެނައުމަށް އެދުނެވެ. އަހަރެންގެ މައިންބަފައިންވެސް ބޭނުންވީ ވީހާވެސް އަވަހަކަށް އެކައިވެނި ކުރުވާށެވެ. އަހަރެންގެ އުފަލަކަށް ހުރަސްއެޅޭ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ.

އަހަރެން އެވާހަކަތައް ޝަފީނާ އާއި ހިއްސާކުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ޝަފީނާ އާއި އަހަރެން ބޭނުންވީ ދެފަރާތުގެ އާއިލާއަށްވެސް ސަޕްރައިޒެއް ދޭށެވެ. އަދި ވީހާވެސް އަވަހަކަށް އަހަރެންގެ މައިންބަފައިންނާއި ބައްދަލު ކުރަން މާލެ އައުމަށް އެދުނީމެވެ. އަދި ތިބެންވާނީވެސް އަހަރެމެންގެ ގޭގައި ކަމަށް ބުނީމެވެ.

ހަވީރުގެ ފިނި މުޅި ރަށަށް ފެތުރިފައި އޮތެވެ. މާލޭގެ މަގުތައް ބާރުބޮޑުކަމުން އަހަރެން ހުޅުލެއަށް ދިޔައީ ބޭރުމަގުން ލާފައެވެ. އަހަރެންގެ ކާރު ދުއްވަން އިނީ އަހަރެންގެ ޑްރައިވަރެވެ. ހަވީރު ހަތަރުގަޑިބައިގެ ފްލައިޓުން ޝަފީނާ އާއި މަންމަ މާލެ އައެވެ. އެއަރޕޯޓުން އެމީހުންނަށް މަރުހަބާކީ އަހަންނެވެ. މަންމަ އާއި ބައްޕަ މަޑުކޮއްލީ ގޭގައެވެ. އެމީހުން ގޮވައިގެން އައިސް ގޭތެރެއަށް ވަންއިރު މަންމަ އާއި ބައްޕަ އުޅެނީ ކޮޓަރީގައެވެ. އަހަރެން އެމީހުން ސިޓިންގރޫމްގައި ބައިތިއްބާފައި މަންމަ އާއި ބައްޕައަށް ގޮވައިލީމެެވެ. މަންމަ ނިކުމެ އެމީހުންނާއި ސަލާމް ކުރަން ހުއްޓާ ބައްޕަ ނިކުތެވެ. އަދި ކުއްލިއަކަށް މަޑުޖެހިލި ގޮތުން އަހަރެން ހީކުރީ ބައްޕަގެ ފަޔަށް ތަދެއް  އެރީ ކަމަށެވެ.

"ޝަރީފާ" ބައްޕައަށް ބުނެވުނެވެ.

"ބައްޕަގެ ފްރެންޑެއްތަ" އަހަރެން އަހައިލީމެވެ. ނަމަވެސް އެއަށް އެއްވެސް ޖަވާބެއް ނުދީ ބައްޕަ އެތެރެއަށް ވަނީއެވެ. ވީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. ޝަފީނާގެ މަންމަވެސް ކޮޅަށް ތެދުވިއެވެ. އަދި ވަރަށް ހާސްވެފައިވާ މޫނެއް އަހަންނަށް ފެނުނެވެ.

"ހިނގާ ދާން. މިވަގުތަށް" ޝަފީނާގެ މަންމަ ބުނެލިއެވެ.

އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އަހަރެންގެ ފަހަތުން މަންމަވެސް ވަނެވެ.

"ކިހިނެއްވީ" އަހަރެން ހުރީ ހައިރާންވެފައެވެ.

"އެއީ ދަރިފުޅުގެ ދައްތަ. ކުރިން ބައްޕަ ކައިވެނި ކުރި މީހާގެ ދަރިއެއް ޝަފީނާއަކީ" މަންމަ ބުނެލިއެވެ.

"ކީއްވެ ތި ވާހަކަ ކުރިން ނުބުނީ" އަހަންނަށް ރޮވުނެވެ.

"ބައްޕަ ދެކެ ލޯބިވާ ވަރުން ބައްޕަގެ ލައިފްގެ ވާހަކަ މަންމަ އެއް އިރެއްގައިވެސް ނާހަން. އެކަމަކު ބައްޕަ ކުރިން ކައިވެންޏެއް ކުރި ވާހަކަ ބުނި" މަންމައަށް ގިސްލާ ރޮވެން ފެށުނެވެ. އަހަންނަށް ބޭރަށް ނިކުންނަށް ނުކެރުނެވެ. ލަދުންނެވެ. އަދި ޝަފީނާ ގަންނާނެ ލަދަކާއިމެދު ވިސްނުނެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި ބޭރަށް ނުކުމެލީމެވެ.

"ސޮރީ. އަޅުގަނޑުމެން ދަނީ" ޝަފީނާގެ މަންމަ ދާން ހިނގައިގަތެވެ.

"ދައްތާ. މަޑުކޮއްބަލަ" އަހަރެން ކުރިން ލޯބިވެރިޔާ އަށް އަހަންނަށް ގޮވަން މަޖުބޫރިވީ ދައްތަގެ ނަމުން ގޮވާށެވެ. އެއީ އަހަރެމެންނަށް ނޭނގި ވީ ކަމެކެވެ. އަހަރެން އެމީހުންގެ ކިބައިން މަޢާފަށް އެދުނީމެވެ. އެވަގުތު މަންމަވެސް ބޭރަށް ނިކުތެވެ. އަދި ދެން އެގެއިން ނުދިއުމަށާއި އެއީ އެމީހުންގެ ވެސް ގެ ކަމަށް ބުނެ މަޑު ކުރުވިއެވެ. އެއީ މާޒީ ކަމަށާއި ވެދިޔަ ތަނެއް ވެދިޔައީ ކަމަށް ބުނެ ވިސްނައިދިނެވެ. އެކަމަށް އެމީހުންވެސް އެއްބަސްވިއެވެ. އެކަން ގަބޫލު ކުރިއެވެ. އަހަރެން ގޮސް ޝަފީނާގެ އަތުގައި ހިފައިލީމެވެ. ލޯބިވެރިއެއްގެ ހައިސިއްޔަތަކުން ނޫނެވެ. ދައްތަގެ ހައިސިއްޔަތުންނެވެ. އަރެމެންނަށް މަޖުބޫރުވިއެވެ. މަޖުބޫރަކުން ނަމަވެސް މިކަން އެނގުނުކަން ނަސީބެކެެވެ.

= ނިމުނީ =

+1
0
+1
1
+1
7
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް