November 22, 2024 22:14
Advertisement

-Advertisement-

'ޢިއްޒަތްތެރި' މެންބަރަކަށް ހޮވުމަށް ވޯޓުދޭން ތިއުޅެނީ ރަނގަޅު ކެންޑިޑޭޓަށްތަ؟

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ހުރިހާ މެންބަރުންނަކީ އަދި ޢިއްޒަތްތެރިންނެއް ނޫނެވެ. މަޖިލީހުގެ ޖަލްސާތަކުގައާއި ކޮމިޓީތަކުގައި 'ޢިއްޒަތްތެރި' ކިޔަން މަޖުބޫރުކުރިއަސް ބައެއް މެންބަރުންގެ އަޚުލާގީ ފެންވަރު ހުރީ މުޖުތަމައު ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އަދި އެއީ މިއަދުގެ ޒުވާނުންނަށް ރީތި ނަމޫނާއެއްވެސް ނޫނެވެ. 

ކޮންމެ 5 އަހަރަކުން މަޖިލީހަށް މެންބަރުން ހޮވާއިރު ރަނގަޅު އަޚުލާގެއްގެ އަދި ޤާބިލު މީހުން ހޮވަން ފެންނަކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަކާލާތު ކުރާ މީހުން ގިނައެވެ. އެކަމަކު އިންތިޚާބުގައި ވޯޓުދޭއިރު އެއްކަލަ ޤާބިލު ކެންޑިޑޭޓަށް ބަލަނީ ކިތައް މީހުން ހެއްޔެވެ. މަޖިލީހުގެ ތަޅުމުގައި ދާއިރާގެ ހައްގުގައި ވަކާލާތު ކުރަން ކެރޭނެތޯ؟ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކުރެވިދާނެތޯ؟ ކުށުގެ ތުހުމަތެއް ކުރެވޭތޯ؟ މަސައްކަތުގެ ތަޖުރިބާއަކީ ކޮބައިތޯ މިފަދަ ކަންތައްތަކަށް ބަލާލިންހެއްޔެވެ؟

ނޫނެކެވެ. ވޯޓާއި ހަމައިން އިސްވެދެންނެވި ކަންތައްތައް ގިނަ މީހުން ހަނދާން ނެތެއެވެ. ތިމާ ތާއީދު ކުރާ ޕާޓީއިން ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ނުވަތަ ގެވެށި އަނިޔާ އާއި އެނޫން ކުށްކުރާ ކަމުގެ ތުހުމަތު ކުރެވޭ ކެންޑިޑޭޓެއް ދެއްކިއަސް މިފެންނަނީ ތާއީދު ކުރާ ތަނެވެ. އެފަދަ ދެވަނައެއް ނެތްކަހަލައެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ.

Advertisement

ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު އެއް ބާރެވެ. މި މަޖިލީހަށް ހޮވަންވާނީ ވަރަށް ރަނގަޅަށް ބެލުމަށްފަހު އެކަށޭނަ މީހުންނެވެ. ދާއިރާގެ ހައްގުގައި މަސައްކަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޒިންމާ ފުރިހަމައަށް އަދާކުރެވޭނެ ފަދަ މީހުންނެވެ. 'އަމާ ބުނީތީ ފަރަށް ދާ އުސޫލުން' މަޖިލީހުގެ މެންބަރުކަން ކުރާ ބައެއް ނޫނެވެ.

ގިނަ ދުވަހު ސަލާމުގައި ދުނިޔެ ވަށައި ބުރުޖަހާ 'މެންބަރެއްގެ ޒިންމާ ނުނަގާ' މަޖާކުރަން ހޮވާތަނަކަށް މަޖިލީސް ވެގެން ގޮސްގެން ނުވާނެއެވެ. އެއަށްވުރެ ޒިންމާދާރު މީހުން ހޮވުމަކީ ވޯޓުދޭ މީހުންގެ ޒިންމާއެކެވެ. އެހެންނޫނީ 19 ވަނަ މަޖިލީހުގައި ތިބި ޒިންމާ އަދާނުކުރާ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުން ހިތާމަކުރި ގޮތަށް ދެންވެސް ހިތާމަކުރަން ޖެހިދާނެއެވެ. ލައިވް ޓީވީތަކުން ދައްކަމުންދާއިރު އަދަބެއް އަޚުލާގެއް ނެތި މަޖިލިސް ތަޅުމުގައި އެކުޅޭ ޑްރާމާ ނުކުޅޭނެ ފަދަ ބަޔަކު ހޮވުމަށް މަސައްކަތްކުރަމާތޯ އެވެ. 93 ދާއިރާއަށް މަޖިލީހުގެ މެންބަރުން ހޮވާއިރު އުންމީދަކީ އެކަމަށް އެންމެ އެކަށޭނަ މެންބަރުން ހޮވިގެން ދިއުމެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް