November 24, 2024 11:58
Advertisement

-Advertisement-

ވާހަކަ: މެންދަން - ފުރަތަމަބައި

އޮއްސެމުންދިޔަ އިރާއި އެކު ޝަރީފާ ދިޔައީ ކައްކަން ތައްޔާރު ކުރަމުންނެވެ. އެއީ ޝަރީފާގެ އާދައެވެ. ފިރިމީހާ މަހުން ލަފަންވާއިރަށް މަސް ކައްކަން ތައްޔާރު ކޮއްފައި ބަހައްޓަނީ ފަސޭހަ ކޮއްލުމުގެ ބޭނުމުގައެވެ. ޝަރީފާއަށް ލިބިފައިވާ ތިން ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ ހަމައެކަނި އަންހެން ކުއްޖެކެވެ. އެއީ އެންމެ ދޮށީ ދަރިފުޅެވެ. އެހެން ކުދިން ގޮތް ނޭނގޭ ބައްޔެއް ޖެހިގެން މަރުވީއެވެ. ބައެއް މީހުން ބުނާ ގޮތުން އެކުދިން މަރުވީ ބަޔަކު މީހުން ހެދި ފަންޑިތައިންނެވެ. އެކަން ޝަރީފާއަށް ގަބޫލުވެސް ކުރެވޭ ގޮތްތައް ފެންނަމުން ދިޔައެވެ. ދެކުދިން މިދުނިޔެ ދޫކުރިތާ ހަފްތާއެއް ނުވަނީސް ޝަރީފާގެ ފިރިމީހާވެސް ނިޔާވީއެވެ. ޝަރީފާގެ ދުނިޔެ ބަނަވިއެވެ. އެކަނި ކުޑަ ކުއްޖަކު ބަލަން ޖެހުނީއެވެ. ޝަރީފާ ދޮން އާދަނާއި ކައިވެނިކުރީ އާއިލާގެ މީހުންގެ ނުގަބޫލުގައެވެ. އެހެން ވުމާއި އެކު ކައިވެނީގެ ވާހަކަ ދެއްކި ދުވަހުން ފެށިގެން ޝަރީފާގެ އާއިލާގެ މީހުން އޭނަ އާއި ގުޅުން ކަނޑާލައި ގެއިންވެސް ނެރެލިއެވެ. ނަމަވެސް އެކަމަށްވެސް ކެތްތެރިވެ ހިތްވަރާއިއެކު ދޮން އާދަނާއި ކައިވެނި ކުރީއެވެ. އަދި ތިން ކުދިން ލިބި ދެކުދިންނާއި ދޮން އާދަނު ނިޔާވުމުންވެސް އާއިލާގެ މީހުން ޝަރީފާ ބަލައެއް ނުގަތެވެ. ޝަރީފާ އެކަނި ވީއެވެ. ދަރިފުޅު ބަލަހައްޓަން ކޮންމެވެސް ގޮތެއް ހޯދަން މަޖުބޫރުވީއެވެ. މީހުންގެ އަތުން ލާރި ހޯދުމަށް ވުރެ އަމިއްލައަށް މަސައްކަތް ކޮއްގެން އާމްދަނީ ހޯދަން ޝަރިފާ ހިތްހަމަޖެހެއެވެ. ޝަރީފާ ދިރިއުޅެމުން ދިޔައީ ދޮންއާދަނުގެ އަމިއްލަ ގޭގައެވެ.

މީހުންގެ ގޭގައި އަންނައުނު ދޮވުމާއި ކެއްކުން އެއީ ޝަރީފާގެ މަސައްކަތެވެ. އެމަސައްކަތުގައި އުޅޭ ވަގުތުވެސް ދަރިފުޅު ޝީމާ ބަލަހައްޓައެވެ. އެންމެ ވަގުތުކޮޅަކަށްވެސް ލޯމަތިން ޝީމާ ގެއްލޭކަށް ބޭނުމެއް ނޫނެވެ. ޝަރީފާގެ ވަރުބަލިކަން ޝީމާއަށް ނުދައްކާވެތޯ މަސައްކަތް ކުރި ނަމަވެސް އެޅަސިކުނޑިއަށް އެކަން ވިސްނެއެވެ. މަންމަ ކުރަމުންދާ ބުރަ މަސައްކަތް ލޮލަށް ފެންނަމުން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަނަމަވެސް ޝަރީފާގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. ޝީމާ ސްކޫލް ނިމެން ގާތްވުމުން އިތުރު ހިތްވަރެއްލާފައި ކުރިއަށް ދަނީ ލޯބިވާ ދަރިފުޅު ޝީމާގެ ދިރިއުޅުން އުފާވެރި ދިރިއުޅުމަކަށް ހެދޭތޯއެވެ. ހެނދުނު ގަޑިއަކީ ޝީމާ ސްކޫލްގައި އުޅޭ ވަގުތަށް ވުމުން އެވަގުތު ޝަރީފާ ހޭދަކުރަނީ އެކިގެތަކުގައި މަސައްކަތް ކޮއްލަދިނުމުގައެވެ. އެމަސައްކަތުގައި ޝަރީފާ އެންމެ ހިތްހަމަ ޖެހެނީ އެއްވެސް ދުވަހެއް ލަސްނުކޮށް އެމީހުން މުސާރަ ދޭތީއެވެ. ޝަރީފާގެ ހާލަތު އެމީހުންނަށް އިހުސާސް ކުރެވެނީކަން ނޭގެއެވެ. އެއިގެތެރެއިންވެސް ފާއިޒްގެ އާއިލާ ފާހަގަ ކޮއްލެވެއެވެ. އެ އާއިލާ އަކީ ކޮންމެވެސް ވަރެއްގެ ތަނަވަސް އާއިލާއެކެވެ. އަނބިމީހާ ނިޔާވިފަހުން ފާއިޒް އުޅެނީ އޭނަގެ މައިންބަފައިންނާއި އެކުގައެވެ. ޝަރީފާ އެގޭގައި ކުރަން ޖެހޭ މަސައްކަތަކީ ފާއިޒްގެ ބަލި މަންމަ އާއި ބައްޕަގެ އަންނައުނު ދޮވެ އިސްތިރި ކުރުމެވެ. އެގެއިން ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބޭތީ ޝަރީފާ އެގޭގެ މަސައްކަތް ދޫކޮއްލާކަށް ބޭނުމެއް ނޫނެވެ.

Advertisement

ޝީމާ ސްކޫލް ދައުރު ނިމުނީއެވެ. ގޭގައި ހުރުމުގެ ބަދަލުގައި ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އެއީ ކުޑަ ރަށަކަށް ވުމާއި އެކު ވަޒީފާ ލިބުމަކީ އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. ޝީމާ ބޭނުންވީ އޭނައަށްޓަކައި ބުރަ އުފުލި މަންމަ ދެން އިތުރަށް މަސައްކަތް ނުކޮށް ގޭގައި މަޑުކުރުވާށެވެ. ނަމަވެސް އެކަމަށް ޝީމާގެ މަންމަ ޝަރީފާ އެއްބަސް ނުވަނީ މާދަމާ ވެސް މަރުވެއްޖެއްޔާ ދަރިފުޅު ދިރިއުޅެވޭނެ ވަރަށް ފައިސާ ނުލިބިދާނެ ކަމަށް ބުނެއެވެ. ތަކުރާރުކޮށް ޝީމާ އެދުނު ނަމަވެސް އެކަމަށް ކޮންމެފަހަރަކުވެސް މަންމަ ބުނަނީ ނޫނެކެވެ.

"އަޅުގަނޑު މިހާރު މިހުރީ ސްކޫލް ދައުރު ނިމިފައި. ދެން މަންމަ ގޭގައި މަޑުކޮއްލާ" ޝީމާ އާދޭހާއި އެކު ބުނެލިއެވެ.

"ނޫން. ދަރިފުޅު ތިވަރަށް ކިޔާތީ މަންމައަށް ވަރަށް އުނދަގޫވޭ. އެހެން ނޫނިއްޔާ މަންމަ އާއި އެކު މަސައްކަތުގައި ބައިވެރިވާންވީނު" ޝަރީފާ އެންމެފަހުން ބޭނުންވި ގޮތް ހާމަކުރިއެވެ.

ޝަރީފާ ބޭނުންވީ އަދިވެސް ޝީމާ އޭނަގެ ގާތުގައި ހުރުމަށެވެ. އެހެންކަމުން ފާއިޒް ގާތުގައި ބުނެ އެގެއިން ޝީމާއަށް މަސައްކަތް ހޯދިއެވެ. ޝަރީފާ އާއި އެކީގައެވެ. ދެމައިންވެސް އެކަމަށް ވަރަށް އުފަލުން ތިއްބެވެ. ފާއިޒުގެ އާއިލާގެ މެންބަރުންގެ ހެޔޮކަމުން ޝަރީފާ ހުންނަނީ އުފަލުން ފޮޅިފައެވެ.

ހެނދުނުގެ އިރު އެރުމާއި އެކު ޝަރީފާ ޝީމާއަށް ގޮވައި މަސައްކަތުދާން ބުނެއެވެ. ޝަރީފާގެ ކުރިމަތީގައި އަދިވެސް ޝީމާ އަކީ ކުޑަކުއްޖެކެވެ. ކޮންމެ ދުވަހަކުވެސް ޝީމާއަށް ގޮވުމާއި އަދި ޝީމާ ހޭލައިގެން އަންނަންވާއިރަށް ސައި ތައްޔާރުކޮއްފައި ބަހައްޓައެވެ.

'"ދެންވެސް އަވަސް ކޮއްބަލަ މަސައްކަތުދާން. މިހާރު އުޅޭ ކުދިން ހީވާނީ ފައިސާއަކީ ވަރަށް ފަސޭހައިން ލިބޭ އެއްޗެއް ކަމަށް" ޝަރީފާ ދަރިފުޅު ލަސްވުމުން ހިތްހަމަނުޖެހުނެވެ.

ޝަރީފާގެ ހިތްވަރުން ޝީމާ ތައްޔާރުވެލައިގެން މަސައްކަތު ދާން ހިނގައިގަތީ ފާއިޒުމެންގެ ގެއަށެވެ. މިއަދު އެގޭގައި ދޮންނަންށާއި އިސްތިރި ކުރަން ވަރަށް ސާމާނު ހުންނާނެތީ އަވަހަށް ދާން ޝަރީފާ ބޭނުންވެއެވެ. ޝަރީފާ އާއި ޝީމާ ދެމީހުން ގޮސް ފާއިޒުމެންގެ ގެއަށް ވަންއިރު ފާއިޒު ގޯތިތެރޭގައި ސިގިރެޓެއް ބޯން ހުއްޓެވެ.

"ޝަރީފާ އަހަރެން މިއުޅެނީ މާދަމާ ފިހާރައެއް ހުޅުވަން. އެހެންވީމާ މާދަމާ އިން ފެށިގެން ޝަރީފާގެ ދަރިފުޅު ފިހާރައަށް ބަދަލު ކުރަންވީނު" ފާއިޒް ބޭނުންވީ ތެދުވެރި ރަނގަޅު ކުއްޖެކެވެ.

"ލައްބަ. އެކަމަކު އަޅުގަނޑުގެ ވަޒީފާ ނުގެއްލޭނެ ދޯ" ޝަރީފާ ބުނެލިއެވެ.

"ކީއްވެ ގެއްލެންވީ. ތިއީ ތެދުވެރި އިޚުލާސްތެރިއެއް. ލައްކަ ދުވަސް ވެއްޖެތާ މިގޭގައި މަސައްކަތް ކުރާތާ" ފާއިޒު ހީލިއެވެ.

ޝަރީފާވެސް ދެކެނީ އެއީ ވަރަށް ރަނގަޅު ބައެއްގެ ގޮތުގައެވެ. އެހެން ވުމާއި އެކު ޝަރީފާގެ ހިތުގައި ފާއިޒުގެ އާއިލާއަށް ވަރަށް ޚާއްސަ ގަދަރެއް ދެވިފައިވެއެވެ. ފާއިޒުގެ މަންމަ އާއި ބައްޕަވެސް ބަލިކޮށް އުޅޭތީ ބައެއް ދުވަސް ދުވަހު ޝަރީފާ އަށް ވަރަށް ބުރައެވެ.

ޝީމާއަށް ލިބުނު އައު ވަޒީފާއަށް ނިކުތީ ވަރަށް އުފަލުންނެވެ. މަންމަ އާއި އެކީ މަންމައަށް އެހީތެރިވެދޭން އުޅުނު ނަމަވެސް މިހާރު ވަކި ވަޒީފާއެއް ލިބުމުން ޝީމާ ހުރީ ވަރަށް އުފަލުންނެވެ. ދެމައިންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެތީއެވެ. ޝީމާ ގޮސް ފިހާރައަށް ވަދެ ވަށައިގެން ހޯދައިލިއެވެ. އާދައިގެ ފިހާރައެކެވެ. ޝީމާ ގޮސް ކައުންޓަރުގައި އިށީނެވެ. އެ ފިހާރާގައި ތިބެނީ ޝީމާ އާއި ބަނގުލަދޭޝްގެ މީހަކާއި ދެމީހުންނެވެ. ޝީމާ އަށް މަސައްކަތް ހަވާލުކޮށް ކަންތައް ކުރަންވީ ގޮތް ކިޔައިދޭން ފާއިޒުވެސް ހުއްޓެވެ. އެފިހާރަ އަކީ ޝީމާގެ ގެއާއި ދުރުނޫން ހިސާބެއްގައި ހުންނަ ތަނަކަށް ވުމުންވެސް އެކަންވީ ޝީމާ އަށް ވަރަށް ފަސޭހަވި ކަމަކަށެވެ. ދެ މުވައްޒަފުން ފިހާރާގައި އުޅޭތީ ކޮންމެވެސް ވަރަކަށް އުނދަގޫވި ނަމަވެސް ފާއިޒް ޝީމާގެ އާއިލާއަށް ކުރަމުންދާ އިތުބާރަށް އެއްވެސް ބަދަލެއް އަތުވެދާނެ ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ. ކުޑަމިނުން ޝަކުވާއެއް މިންވަރުވެސް އެވެ.

"ކޮބާ ދަރިފުޅާ. މަންމަ މިއައީ މިތަން ބަލާލަން" މެންދުރު ގެއަށް ދަމުން ޝަރީފާ ފިހާރައަށް ވަދެލިއެވެ.

"މަންމާ މިއަދު ވަރަށް ބިޒީ. ހިނގާ ކޮންމެވެސް ފިނި އެއްޗެއް ބޯލަން" ޝީމާ މަންމަގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރު ފެނުމުން ބުނެލިއެވެ.

"ދަރިފުޅާ މަންމަގެ އަތުގައި ނެތް މިވަގުތު ލާރިއެއް. ދެން އެހެން ފަހަރަކުން" ޝަރީފާ ބުނެލިއެވެ.

"އަޅުގަނޑޭ ދޭނީ" ޝީމާ ހީލިއެވެ.

"އެކަމަކު އަމާނާތްތެރި ވާތި. ރަނގަޅަށް އުޅޭތި" ޝަރީފާ އަބަދުވެސް ދެމުންދާ ނަސޭހަތް ދިނެވެ.

ޝީމާ ބޭނުންވީ މެންދުރު ނަމާދަށް ފިހާރަ ބަންދު ކޮއްލާފައި ގެއަށް ދާށެވެ. މެންދުރު ނަމާދު ކޮއްލައިގެން އެކެއް ޖަހާއިރު އެނބުރި އަންނަ ގޮތަށެވެ. ބިދޭސީ މީހާވެސް ކާން ވާނެތާއެވެ. މެންދުރު ނަމާދަށް ބަންގި ގޮވުމުން ފިހާރަ ތަޅުލާފައި ޝީމާ އާއި ޝަރީފާ ހިނގައިގަތީ ގެއަށް ދާށެވެ. މެންދުރުގެ ގަދަ ހޫނުން ސަލާމަތްވުމަށް މަންމަގެ އަތުގައި ކުޑައެއް އޮތެވެ. ޝީމާ ދިޔައީ ފާރާއި ވީހާވެސް ކައިރިން ހިޔަލުންނެވެ. ހިނގަމުން ދިޔައިރުވެސް ޝީމާއަށް ބެލެނީ މަންމަގެ މޫނަށެވެ. މަންމައަށް ލިބިފައިވާ އުފާވެރިކަން މޫނުމަތިން ފާޅުވަމުން ދިޔައެވެ.

= ނުނިމޭ =

+1
1
+1
1
+1
10
+1
2
+1
2
+1
3
+1
2

Advertisement

ގުޅުންހުރި ލިޔުންތައް