ފިޓްޒޯން އަކީ 2014ވަނަ އަހަރު ހުޅުމާލޭގައި ހުޅުވި ފުރަތަމަ ޖިމެވެ. މިއީ ހުޅުމާލެއިން ވަރަށް ގިނަ މީހުން ފެރީގައި މާލެ ގޮސް ޖިމަށްދާކަން ފާހަގަކުރެވިގެން ވަރަށް އާދައިގެ ގޮތަކަށް ފެށި ޖިމެކެވެ. އެންމެ ފަންގިފިލާއެއްގައި ފެށި މިވިޔަފާރި މިހާރު ވަނީ އެއަށްވުރެ ބޮޑު ޖާގަހުރި ތަނަކަށް ބަދަލުކޮށްފައެވެ. ކޯވިޑަށްފަހު މާލީގޮތުން ދިމާވި ގޮންޖެހުންތަކާއެކު މުވައްޒަފުންނަށް މުސާރަދޭވަރުގެ އާމްދަނީއެއް ނުލިބުމުން ފިޓްޒޯން ހިންގުމުގައި އިސްކޮށް އުޅުނީ އެއްޢާއިލާއެކެވެ. އެއީ 24 އަހަރާއި 22 އަހަރާއި 18 އަހަރުގެ ތިން ފިރިހެން ދަރިންނާއި މެނޭޖިން ޑިރެކްޓަރ އަޙްމަދު ރިޔާޒްއެވެ.
ފިޓްޒޯންގެ މޭނޭޖިން ޑިރެކްޓަރ އަޙްމަދު ރިޔާޒް ބުނީ "ދަރިންނަކީ މިދާއިރާގައި އުޅޭ ކުދިން. ކިޔަވައިގެން އައިސްތިބި ސެޓިފައިޑް ޕާސަނަލް ޓްރޭނަރުން ތިން ކުދިންނަކީވެސް. އެހެންވީމަ އެކުދިންގެ ހިތްވަރަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން. އަދި މިހާރު ފްރީ ލައިސަންސް ޓްރޭނަރުންގެ އެހީތެރިކަން ވަރަށބޮޑަށް ލިބޭތީ އެފަރާތްތަކަށްވެސް ވަރަށް ޙާއްސަ ޝުކުރެއް."
ކޯވިޑްގެ ތެރޭގައި ޖިމް ބަންދުކުރަން ޖެހުމުން ފިޓްޒޯނަށް ގޮންޖެހުންތަކާއި ކުރިމަތިވިއެވެ. ކުލި ދައްކައިގެން ކުރަން ޖެހޭ ވިޔަފާރިއަކަށްވާތީ ދިމާވި އެންމެބޮޑު ދައްޗަކީ ޖިމް ބަންދުކޮށްފައި ބަހައްޓައިގެން ކުލި ދައްކަން ދަތިވުމެވެ. ފިޓްނެސް މާކެޓްގައި އަލަށް އަރައިގެން އަންނަ ޓްރޭނަރުންނާއި، ބައެއް ބޫޓްކޭމްޕްތަކުގައި އެކްސަސައިޒްތަކުގެ އަގުތައް ވަރަށްބޮޑަށް ދަށްކުރަމުންދާތީ އެއީވެސް ފިޓްޒޯނަށް އޮތް ގޮންޖެހުމެކެވެ.
ކޯވިޑް-19ގެ ލޮކްޑައުންއަށްފަހު ޖިމްގެ ޚިދުމަތްދޭން އަލުން ފެށިއިރު ދުވާ މެޝިންތަކުގައި ޕާޓްޝަން ޖަހާފައިވާ ކަމަށާއި، އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަންކަން އިންތިޒާމު ކުރެވިފައިވާކަމަށް ފިޓްޒޯނުން ބުނެއެވެ.
ފިޓްޒޯނަކީ ރިސޯޓުތަކާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މަޝްހޫރު ސެލެބްރިޓީންގެ މެދުގައިވެސް މަޤުބޫލު ތަނެއްކަމަށް ރިޔާޒް ފާހަގަކުރިއެވެ. ރިޔާޒް ބުނީ ވަރަށް ގިނަފަހަރު ރިސޯޓްތަކަށް އަންނަ މަޝްހޫރު މީހުންގެ ޕާސަނަލް ޓްރޭނަރުންގެ ގޮތުގައި ފިޓްޒޯނުގެ ޓްރޭނަރުން ހަމަޖައްސާ ކަމަށާއި، ރިސޯޓްތަކަށް ޓްރޭނަރުން ގޮސްގެން ޚިދުމަށް އެޖިމުގެ ފަރާތުން ފޯރުކޮށްދޭ ކަމަށެވެ.
ފިޓްޒޯނަކީ ހުޅުމާލޭގައި އެންމެގިނަ ބާވަތްތަކުގެ ފިޓްނެސް ޕްރޮގްރާމްތައް އެއްޖިމަކުން ފޯރުކޮށްދޭ ހަމައެކަނި ޖިމް ކަމަށާއި އެ ޖިމްގައި މިހާރު އެންމެ ކުރިއަރަމުން އަންނަނީ ބޮމްބޭޖިއަމް ކަމަށް ރިޔާޒް ބުންޏެވެ. މިއީ ރާއްޖޭގައި މިހާރު ވައިގައި ހިފަމުން އަންނަ ރާއްޖެއަށް އެހާ ޢާންމުނޫން ބާވަތެއްގެ ކަސްރަތެކެވެ. އެ ކަސްރަތު މާލެއަށް ތަޢާރަފް ކުރީ ފިޓްޒޯނުންނެވެ.
ފިޓްޒޯނުން ވަނީ އާއަހަރާއި ދިމާކޮށް ޚާއްސަ ޕްރޮމޯޝަންތަކެއް ފަށާފައެވެ. އެގޮތުން ގްރޫޕް ފިޓްނަސް އާއި ޕާސަނަލް ޓްރޭނިންގެ އަގުތައް ވަނީ ހެޔޮކޮށްފައެވެ. "ގްރޫޕް ފިޓްނަސް ހަފްތާއަކު ތިންދުވަހު ނަގަން ބޭނުންވާ ފަރާތްތަކަށް މިހާރު ހަމަޖެހިފައިވަނީ 650 ރުފިޔާގެ ފީއެއް. ދެން ޕާސަނަލް ޓްރޭނިން ހުޅުވިފައި ހުންނާނީ 23:50 އަށް. ޢާންމުކޮށް ގިނަ ޖިމްތަކުން 4000 ރުފިޔާ ވަރު ނަގާނެ ޕާސަނަލް ޓްރޭނިންއަށް. އެކަމަކު ފިޓްޒޯނުން މިއޮތީ ހުރިހާ އަގުތަކެއްވެސް ތިރިކޮށްފަ."
މީގެ އިތުރުން 3 އަހަރާއި 15 އަހަރާދޭތެރޭ ކުޑަކުދިންނަށް ފިޓްޒޯނުގައި ކުލާސްތަކެއް ނަގައިދެއެވެ.
ފިޓްޒޯނަކީ އަންހެނުންނާ ފިރިހެންނުން ވަކިން އަދި ދެ ޖިންސްގެ މީހުން އެއްކޮށްވެސް ސެޝަންތައް ނަގައިދޭ ޖިމެކެވެ. މި ޖިމުގައި އެންމެ ކާމިޔާބުކަމާއެކު ކުރިޔަށްގެންދެވޭ ޕްރޮގްރާމަކީ ބޮޑީ ޓްރާންސްފޮމޭޝަނެވެ. "އެއީ 13 ހަފްތާގެ ބޮޑީ ޓްރާންސްފޯމް ޕްރޮގްރާމެއް، އެއީ ވަރަށްބާރު ސްޕީޑްގައި ކުރިޔަށްދާ ޕްރޮގްރާމެއް." ކަމަށް ރިޔާޒް ބުނެފައިވެއެވެ.
ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ފިޓްޒޯނުން ގާތްގަނޑަކަށް 800 ވަރަކަށް ކެލޮރީ ވިރުވާލަދޭ 'ފިޓްމިކްސް' ކުލާހެއް ކުރިޔަށް ގެންދެއެވެ. މިއީ ފީއަކާއި ނުލައި ކޮންމެ މީހަކަށްވެސް ނަންނޯޓު ކޮށްގެން ބައިވެރިވެވޭ ކުލާހެކެވެ.
ކޯވިޑަށްފަހު މިހާރު ވިޔަފާރި މަޑުމަޑުން ރަނގަޅުވަމުން އަންނައިރު ފިޓްޒޯނުގައި މިވަގުތު ޖުމްލަ 17 ޓްރޭނަރުން މަސައްކަތް ކުރެއެވެ.
ފިޓްޒޯން ހިންގުމުގެ ހުރިހާ ޒިންމާތަކެއް ނަގަމުންދާ ރިޔާޒް އަކީ 1992ގައި ބަނޑޮސް އައިލެންޑް ރިސޯޓުގައި އެރިސޯޓުގެ ވެރިޔާ މުޙައްމަދު ވަހީދުއްދީންގެ ޕާސަނަލް ޓްރޭނަރެވެ. އޭގެފަހުން ސަން އައިލެންޑް ރިސޯޓްގެ ރެކްރިއޭޝަން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު 7 އަހަރު ވަންދެން ވެލައްސަރު މޯލްޑިވްސްގައިވެސް މަސައްކަތް ކުރިއެވެ. 2011ވަނަ އަހަރު ދިރިއުޅުން މާލެއަށް ބަދަލުވެ މާލެފިޓްނަސް ހިންގުމުގައި 4 އަހަރު ހޭދަކޮށްފައިވެއެވެ.
އޭގެ ފަހުން އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ޚިޔާލު ދިނީ އެކުވެރިއެއް ކަމަށާއި، އެކަން ހަގީގަތަކަށް ހަދައިދިން ޢަލީ ފާރިޝް، މުޙައްމަދު ޢަބްދުﷲ ހަނީފް ކަމަށް ފާހަގަކޮށް އެދެމީހުންނަށް ރިޔާޒް ވަނީ ޝުކުރު އަދާކޮށްފައެވެ.
ފިޓްޒޯނަށްދާ ބައެއް މީހުންގެ ކޮމެންޓަތައް ކިޔާލިއިރު އެންމެ ފާހަގަކުރެވުނު އެއްކަމަކީ ބައެއް މީހުން ބުނެފައިވަނީ "ފިޓްޒޯނަށް ގޮއްސިއްޔާ ރިޔާ ބޭނުން ދުވަހަކަށް ހިއްކާލަދޭނެ" ކަމަށެވެ. ފިޓްޒޯނަކީ މަތީ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދޭ ތަނެއް ކަމުން ޓްރެއިނަރުންގެ އިރުޝާދާއި އެހީތެރިކަމާއެކު ފިޓްވާން ބޭނުންވާ މީހުންނަށް އަވަސްކަމާއެކު ނަތީޖާ ދައްކަމުންދާ ތަނެކެވެ.