November 23, 2024 20:17
Advertisement

-Advertisement-

ވާހަކަ: މެންދަން- ހަތަރުވަނަބައި

ފާއިޒުގެ މަންމަ ޚަދީޖާ އަށް ރޮވެންފެށުނެވެ. އޭނަގެ ވާހަކައިން އެނގުނުގޮތުގައި ދުވަހަކުވެސް އެކަހަލަ ކަމެއް މެދުވެރިއެއް ނުވެއެވެ. އެހެންވުމުން އެކަމާއި ފިކުރު ކުރެވެނީއެވެ.

"ހިނގާ ކޮންމެވެސް ފިނި އެއްޗެއް ބޯލަން. ވަރަށް ހޫނު ގަދަ ދުވަހެއްދޯ. ކޮބާ ބައްޕަ" ޝަރީފާ ބޭނުންވީ އެވާހަކަ އެހެން ދިމާލަކަށް އަނބުރާލުމަށެވެ. ޝަރީފާ އެމީހުންދެކެ ވާލޯބިން ފާއިޒުގެ މަންމަ އަށް އަދި ބައްޕަ އަށް ކިޔަނީވެސް މަންމަ އާއި ބައްޕައެވެ. އެހެން ނުކިޔަންވީ ކީއްވެހެއްޔެވެ. އެހާވެސް އެމީހުން ރަނގަޅެވެ. އުފަން ދަރިއެއްފަދައިން ބަލައެވެ. ޝަރީފާ ޚަދީޖާ ބައިންދާފައި ބަދިގެއަށް ގޮސް ރޯސްސިރަޕް ތައްޓެއް ހަދައިގެން އައިސް ދިނެވެ. ބުއިންތަކުގެ ތެރެއިން ޚަދީޖާއަށް އެންމެ މީރީ ރޯސްސިރަޕެވެ. ޝަރީފާ ގެނައީ ދެތައްޓެވެ. އެއީ މަންމަ އާއި ބައްޕައަށެވެ. ޚަދީޖާއަށް ކައިރީގައި ހުރި މޭޒުމަތީގައި ދެތަށި ބެހެއްޓުމަށްފަހު ޝަރީފާ އަނެއްކާވެސް ހިނގައިގަތީ ފާއިޒުގެ ބައްޕަ ބަލާ ގޭތެރެއަަށެވެ. ފާއިޒުގެ ބައްޕަ އަކީ ހިނގަން އުނދަގޫ މީހަކަށް ވާތީ ވަރަށް ފަރުވާތެރިކަމާއިއެކު އަތުގައި ހިފަހައްޓައިގެން ޝަރީފާ އައިސް ޚަދީޖާގެ ގާތުގައި ބޭންދިއެވެ.

"މިއީ ހާދަ ރަނގަޅު ކުއްޖެކޭ" ފާއިޒުގެ ބައްޕަ އިށީންނަމުން ބުނެލިއެވެ.

Advertisement

"އާން ދޯ. ދަރިފުޅާ މަންމަގެ ފޯނު ރިންގުވާ އަޑު އެއިވެނީ. ގެނެސްދީފާނަންތަ" ޚަދިޖާ ބުނެލިއެވެ.

"ލައްބަ މިދަނީ" ޝަރީފާ ދުވެފައި ދިޔައެވެ.

"ފާއިޒު މި ގުޅަނީ" ޝަރީފާ ބާރަށް ދުވެފައި އައިސް ޚަދީޖާގެ އަތަށް ފޯނު ދިނެވެ. ޚަދީޖާ އިނީ ވަރަށް އުފަލުންނެވެ. ފާއިޒާއި ވާހަކަ ދައްކަމުން ދިޔައިރު އެމަންޒަރު މޫނުމަތިން ފާޅުވަމުން ދިޔައެވެ.

ޝަރީފާ އެމަންޒަރު ބަލަން އިނީ ޝީމާގެ ފޯނުކޯލެއްގެ އިންތިޒާރުގައެވެ. ހިތް ތެޅެމުން ދިޔައީ އެމީހުންގެ ހާލާމެދުގައެވެ. އެމީހުންގެ ޚަބަރެއް ވުމަށް އެދި ހިތް ތެޅެމުން ދިޔައެވެ. ޚަދީޖާގެ ފޯނުކޯލް މާދިގުވާތީ ޝަރީފާ ދުރަށްޖެހިލީ އެމީހުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ޝަރީފާ ގޮސް ދުރުގައި ހުރި ޖޯލިފަތީގައި އިށީނެވެ. ޚަދީޖާ ނިމުމުން ފޯނު ފާއިޒުގެ ބައްޕަ އަތަށް ދިނެވެ. ޝަރީފާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ކޮންމެ ފަހަރަކުވެސް ޝަރީފާއަށް ހީވަނީ ޚަދީޖާމެން ވާހަކަ ދައްކަމުން ދިޔަ ފޯނު ޝަރީފާގެ އަތަށް ދޭން ގޮވާހެންނެވެ. ޝަރީފާ ދަނީ އިރުއިރުކޮޅާއި ސިއްސައިގެންނެވެ. ނަމަވެސް މިފަހަރު ޝަރީފާ ސިއްސައިގެން ދިޔައީ ޝީމާގެ ކޯލަށެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ ވަރަށް ބާރަށެވެ. އަޑު އަހާލަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.

"ދަރިފުޅާ ކިހިނެއް ހާލު" ޝަރީފާއަށް އެހެން ބުނެވުނީ ވަރަށް ބާރަށެވެ.

"ވަރަށް ރަނގަޅު. ހޮޓަލަށް އައިސް ހަމަޖެހިލައިގެން މިގުޅީ. ފާއިޒުބެ ވަރަށް ރަނގަޅު. ހީވަނީ ހަމަ ބައްޕައެއްހެން" ޝީމާ ހުރީ ވަރަށް އުފަލުންނެވެ.

"މަންމަ މިހުންނަނީ ވަރަށް ހާސްވެފައި ދަރިފުޅުގެ ޚަބަރެއްވެސް ނުވާތީ" ޝަރީފާ ބުނެލިއެވެ.

"މިއަދު މިއުޅެނީ ޝޮޕިންގއަށް ދާން ފާއިޒުބެ އާއި އެކު" ޝީމާ ބުނެލިއެވެ.

އޯކޭ ފަހުން ގުޅާށޭ ބުނެ ޝަރީފާ ފޯނު ކަނޑާލީ އުފަލުން ހުރެއެވެ. ޝަރީފާ ދުވެފައިގޮސް ފާއިޒުގެ މައިންބަފައިންގެ ގާތަށް ހުއްޓުނެވެ. އަދި އުފަލުން ހުުރެ ވާހަކަ ދައްކަން ފެށިއެވެ.

"އެމީހުންގެ ހާލު ވަރަށް ރަނގަޅޯ. ދެންމެ އެގުޅީ އެމަންޖެ" ޝަރީފާގެ އުފާވެރިކަން އޭނަގެ ހަރަކާތުންނާއި މޫނުމަތިން ފެންނަމުން ދިޔައެވެ.

"އާން. ފާއިޒުވެސް ބުނި ޝީމާ އެއީ އޭނަ މަންމަ ކަހަލަ ބަސްއަހާ ވަރަށް ރަނގަޅު ކުޖެއް ކަމަށް" ފާއިޒުގެ ބައްޕަ ބުނެލިއެވެ.

"ދެން ހިނގާ ގޭތެރެއަށް ދާން. ވަރަށް ވަރުބަލި ދުވަހެއް މިއަދަކީ" ފާއިޒުގެ ބައްޕަ އޭނަގެ އަންހެނުން ޚަދީޖާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.

ޝަރީފާ ހިނގައިގަތީ ޚަދީޖާގެ އަތުގައި ހިފައިގެންނެވެ. މަޑު ހިނގުމެއްގައި ޝަރީފާ ދިޔައީ އެމީހުންނަށްވެސް ހިނގޭ ވަރަކަށެވެ. މަޑުމަޑުން ގޮސް އެމީހުން ކޮޓަރިއަށް ވައްދާފައި ޝަރީފާ ހިނގައިގަތީ ދޮންނަމެޝިނާއި ދިމާލަށެވެ. މިއަދު ދޮންނަން ހުރި އަންނައުނު ވަރަށް ގިނައެވެ. ޝަރީފާ ގޮސް ދޮންނަ މެޝިނަށް އަންނައުނު ލާފައި ގޮސް ކައްކަން އުދިއެވެ. މިއަދު ކައްކަނީ ތޮޅި ރިހައެވެ. ތޮޅި ރިހަ އަކީ ފާއިޒުގެ މަންމަމެންނަށް ވަރަށް މީރު ރިހައެކެވެ.

ހެނދުނު ޝަރީފާއަށް ހޭލެވުނީ ވަރަށް ލަސްވިފަހުންނެވެ. ލޯ ހުޅުވައިލެވުމާއި އެކު ފުރަތަމަވެސް ބަލައިލެވުނީ ފާރުގައި ހަރުކޮއްފައި ހުރި ގަޑިއަށެވެ. ގަޑިން ނުވައެއް ޖަހަނީއެވެ. މިއަދު ކުރަން ވަރަށް ގިނަ މަސައްކަތް އެބަހުއްޓެވެ. އަވަހަށް ތެދުވެ ގިފިއްޔާއި ދިމާލަށް ދާން ހިނގައިގަތެވެ. މިއަދަކީ ޝީމާމެންވެސް ރަށަށް އަންނަ ދުވަހެވެ. އެހެން ވުމާއި އެކު ދެ ގޭގައި ކުރަން ކުރަންޖެހޭ ކަންތައް ގިނައެވެ. ޝަރީފާ އަވަހަށް ތައްޔާރުވެލައިގެން ފުރަތަމަވެސް ފެށީ ގޯތިތެރެ ކުނިކެހުމުގެ މަސައްކަތެވެ. ޝީމާ އަންނަންވާއިރަށް ގޯތިތެރެ ކުނިކަހާ ސާފުކޮށް ބާއްވަން ބޭނުންވީއެވެ. އެމީހުން ރަށަށް އަންނަނީ ހަވީރުކަންވެސް އެއީ ޝަރީފާގެ ނަސީބެވެ. އެހެން ނޫންނަމަ  މިހާރަށްވުރެވެސް މާ ބިޒީ ވާނެއެވެ. ޝަރީފާ އޭނަގެ ގޭގައި ނިންމަން ހުރި ކަންތައް ނިންމާފައި ފާއިޒުމެންގެ ގެއަށް ދެވުނު އިރު ހުރީ މެންދުރުވާން ކައިރިވެފައެވެ. ނަސީބަކުން ފާއިޒުގެ މައިންބަފައިންނަށް ހެނދުނު ސައިދޭން މީހަކު އާދެއެވެ. އެވެސް އެއީ ޝަރީފާއަށް އެގަޑިއަށް ދާން އުނދަގޫވެދާނެތީ ފާއިޒު ހަމަޖެއްސި ގޮތެކެވެ. ޝަރީފާއަށް އެގަޑީގައިވެސް އުޅެވޭނެ ނަމަ އެމީހުން ބޭނުންވަނީ ޝަރީފާއެވެ.

ހަވީރުގެ ފިނިވައިރޯޅިއެއް ޖެހެމުން ދިޔައެވެ. ރަށުގެ ބަނދަރުމަތީގައި ޝަރީފާ މަޑުކޮއްލައިގެން ހުރީ ވަރަށް އުފަލުންނެވެ. މަޑު ނޫކުލައެއްގެ ހެދުމެއް ލާފައި އެއީ ގުޅޭ ބުރުގާއެއް އަޅާފައި ހުއްޓެވެ. ދުރުން މީހުންތައް ފެންނަމުން ދިޔަނަމަވެސް ޝަރީފާ އިން ހިސާބުގައި އެއްވެސް މީހަކު ނެތެވެ. ޝަރީފާ ބަނދަރުމަތީގައި ހުރި ހޮޅުއަށީގައި އިނދެ މޫދާ ދިމާލަށް ބަލަމުން ދިޔައީ އޭނާގެ ލޯބިވާ ދަރިފުޅު ރަށަށް އަންނަ ވަގުތަށެވެ. އިރުއިރު ކޮޅާ ޝަރީފާއަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލައެވެ. ވަގުތު ގާތްވާވަރަކަށް ޝަރީފާ އިން ދިމާލަށްވެސް މީހުން މަޑުމަޑުން ޖަމާވަމުން ދިޔައެވެ. އެމީހުންވެސް އިންތިޒާރު ކުރަމުން ދަނީ މާލެއިން އަންނަ ލޯންޗަށެވެ. މާގިނަ ވަގުތެއް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. މާދުރުން ލޮނުގަނޑު ކަފަމުން ބާރު ދުވެލީގައި ލޯންޗު ރަށާއި ދިމާލަށް ދުއްވަމުން އަންނަ މަންޒަރު ޝަރީފާއަށް ފެނުމާއި އެކު ހޮޅުއަށިން ތެދުވެ ކުރިއަށް ޖެހިލިއެވެ. އަތަނަށް އެއްވެފައިވާ މީހުންތަކުގެ ތެރެއިން ފުރޭނިގެން ގޮސް އެންމެ ކުރީގައި މަޑުކޮއްލީ އެންމެ ފުރަތަމަ ޝީމާއަށް މަރުހަބާ ކިއުމަށެވެ. ލޯންޗު ފަޅުތެރެެއަށް ވަދެ ބަނދަރާއި ގާތް ކޮއްލި ވަގުތު ލޯންޗުގެ ތެރެއިން ޝަރީފާއަށް އޭނާގެ ދަރިފުޅު ފެނުމުން އުފަލުން އަތް ހިއްލާ ހަނަ އަޅަން ފެށިއެވެ.

"މަންމަ ހާދަހާ ކުޅަދާނައޭ" ޝީމާ ބަނދަރުމައްޗަށް ފޭބުމާއި އެކު ބުނެލިއެވެ.

"ލައްކަ އިންތިޒާރެއް ކުރެވިއްޖެތާ. ހާދަ ރީތި ހެދުމެއް ލައިގެން ތިހުރީ" ޝަރީފާ ޝީމާގެ ހެދުމުގައި އަތް ކާއްތާލިއެވެ.

"މަންމައަށް ވެސް އޮންނާނެ މީގެ ހެދުމެއް ގެނެސްފައި. އަދި އޮންނާނެ ސަޕްރައިޒެއްވެސް" ޝީމާ އޭނަގެ މަންމަގެ ކޮލުގައި ހިފައިލީ ވަރަށް ލޯބިންނެވެ.

"ކޮބާ ފާއިޒު" ޝަރީފާ އަހައިލިއެވެ.

"އެމީހުން ދާނެ ގެއަށް. އަހަރެމެން ހިނގާ ގެއަށްދާން ފޮށިތައް ހިފައިގެން" ޝީމާ ހިނގައިގަތެވެ.

"ހާދަހާ ބޮޑު ފޮއްޓެއް. އެކޮޅުން ގަތީތަ. ވަރަށް ބާޒާރު ކޮއްލައިފިންދޯ" ޝަރީފާ ހުރީ އުފަލުން ފޮޅިފައެވެ.

"ގެއަށް ގޮސް ފޮށި ހުޅުވީމަ ފެންނާނެ" ޝީމާ ޖަވާބު ދިނެވެ.

"މަންމައަށްވެސް ގެނައިންދޯ" ޝަރީފާ އިތުރަށް ޔަގީންކޮއްލަން ބޭނުންވިއެވެ.

"އާން. މަންމައަކަށްނު އެއްޗެއް ގެންނާނީ" ޝީމާ ހޭންފެށިއެވެ.

= ނުނިމޭ =

+1
0
+1
3
+1
5
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް