November 23, 2024 20:22
Advertisement

-Advertisement-

ވާހަކަ: މެންދަން (ފަސްވަނަބައި)

ޝީމާގެ މަންމަ ހުރީ ގެއަށް ދިއުން ލަސްވެފައެވެ. ވީހާވެސް އަވަހަކަށް ގެއަަށްގޮސް ޝީމާ ގެނައި ހަދިޔާ ބަލާލަން ކެތްމަދުވެފައެވެ. އަވަހަށް ދާން ބައެއްފަހަރު ޝީމާގެ އަތުގައިވެސް ހިފަހައްޓައިގެން ދާއިރު ހީވަނީ ބަސްނާހާ ކުޑަކުއްޖަކު ގަދަކަމުން ގެއަށް ގެންދަން އުޅޭހެންނެވެ. މީހަކާއި އަނގައިން ބުނެލެވޭ ވަރެއްވެސް ނޫނެވެ. ވަކި ހިސާބަކަށް ހިނގައިތްތަނާހެން ކަމާލު ގޮވައިލިއަޑަށް ޝީމާ މަޑުކޮއްލިއެވެ.

"ބޮސް ބުނީ މެޑަމްގެ ފޮށިތައްވެސް ގެއަށްލާށޯ މި ޕިކަޕުގައި" ޝީމާއަށް އަނގައިންވެސް ބުނަން ފުރުސަތު ނުދީ ކަމާލް އޭނަ ދުއްވަމުން ދިޔަ ރަށުޕިކަޕަށް ޝީމާގެ ފޮށިތައް އެރުވިއެވެ.

"އަހަރެމެން ދާނަން ހިނގާފައި" ޝީމާ ކަމާލުގެ ގާތުގައި ބުނެލިއެވެ.

Advertisement

"ކީއްކުރަން އޭނަ އެކަނި ފޮނުވަނީ. އެއީ ބިދޭސީއެއް. ފޮށި ގެއްލިއްޖެއްޔާ ދެން ކީއްކުރާނީ" ޝަރީފާ އެންމެފަހުން ޕިކަޕަށް އެރިއެވެ. ޝަރީފާ ބޭނުންވީ ފޮއްޓާއި އެކު ގެއަށް ދާށެވެ. އެފޮށި ލޯ ކުރިމަތިން އެންމެފަހަރަކުވެސް ގެއްލޭކަށް ހިތެއް ނޭދެއެވެ.

ކަމާލު ޕިކަޕް ދުއްވަމުން ދިޔައީ ޝީމާ އާއި އޭނަގެ މަންމަވެސް ގޮވައިގެންނެވެ. ބާރު ދުވެއްޔެއްގައި ގޮސް ފުރަތަމަވެސް ޕިކަޕް ހުއްޓައިލީ ޝަރީފާމެންގެ ގޯތިތެރެއަށެވެ. އަދި ޝީމާގެ ފޮށިތައް ބާލާފައި ޕިކަޕް ދުއްވައިލީ ފާއިޒުމެންގެ ގެއާއި ދިމާލަށެވެ. ޝީމާ އާއި ޝަރީފާ ދެމީހުން ފޮށިތައް ގޭތެރެއަށް ވައްދައި ނިމުމާއިއެކު ޝީމާ އާއި ޝަރީފާ ސުވާލު ކުރަންފެށީ ގެނައީ ކޮންއެއްޗެއްތޯއެވެ. ޝީމާ އެންމެފަހުން ފޮށި ހުޅުވާފައި ހެދުން ކަނޑާ ފޮތިގަނޑެއް މަންމައަށް ދިނެވެ.

"އެންމެ ފޮތިގަނޑެއް ގެނެސްފައިދޯ ތިބުނީ ސަޕްރައިޒެކޭ" ޝަރީފާގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވަމުން ދިޔައެވެ.

"އަން މިއޮތީ މަންމައަށް ގެނައި ރަންފަށެއް. މިއަޅަންވާނެ އިނގޭ ދެން" ޝީމާ އޭނަ ގެނައި ރަންފަށް މަންމަގެ ކަރުގައި އަޅުވައިލިއެވެ.

"މިހާރު ވަރަށް ލޯބި" ޝީމާ އޭނަގެ މަންމަގެ ގައިގައި ބާރަށް ބައްދައިލިއެވެ.

"ދެން ކޮބާ ދަރިފުޅަށް ގެނައި ތަކެތި" އަނެއްކާވެސް ޝަރީފާ ބޭނުންވީ ހުރިހާ އެއްޗެއް ބަލާށެވެ.

"އަހަންނަށް ގެނައީ ބޫޓެއް. މިއޮތީ ބޫޓް" ޝީމާ ބޫޓު ދައްކައިލިއެވެ.

"މަންމަ ބޫޓަށް އަރަން ލަދުގަނޭ. ނުގެންނަންތަ ފައިވާނެއްވެސް" ޝަރީފާ ބުނެލިއެވެ.

"ހީވަނީ ފާއިޒުބެ ގަތްހެން ފައިވާނެއް. މަންމައަށޭ ކިޔައިގެން އުޅުނު ފިހާރަތެރޭގައި ފައިވާނެއް ނަގައިގެން. އަހަރެން ގާތުގަވެސް އެހި ރީތިހޭ. ދެން އަހަރެން ބުނިން ވަރަށް ރީއްޗޭ. އެކަމަކު އެފައިވާނުގެ އަގުވެސް ވަރަށް ބޮޑު" ޝީމާ ބުނެލިއެވެ.

"ދެން މިއޮތީ މަންމަ ގެންގުޅެން ގަތް ހޭންޑް ބޭގެއް" ފޮށިން ހޭންޑް ބޭގް ނަގައި މަންމައަށް ދިއްކޮއްލުމުން މަންމަ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. މަންމައަށް ގެނައި ހަދިޔާ ހަމަވީކަމަށް ޝީމާ ބުނުމުންނެވެ. މަންމަ ކޮޓަރިއަށް ވަނުމުން ޝީމާވެސް ފޮށިތައް ކޮޓަރިއަށް ވެއްދިއެވެ. އަދި ވެފައިވާ ހޫނުން ސަލާމަތްވުމަށް ހެދުން ބަދަލުކޮއްލައިގެން ގޮސް އެނދުގައި އޮށޯތެވެ. މިއަދު ފިހާރައަށް ދާނީބާއޭ ނުދާނީބާއޭ ހިތަށް އަރަމުން ދިޔައެވެ. ޝީމާ ނުދިޔަސް ފިހާރާގައި ކަމާލު ހުންނާނެތާއޭ ހިތަށް އެރިއެވެ. ނަމަވެސް އައު ފިހާރައެއް ހުޅުވަން އުޅޭތީ ކުރަންޖެހޭ ވަރަށް ގިނަ ކަންތައް ހުންނާނެއެވެ. މިއަދު ޗުއްޓީ ހަދާލާނަމޭ ހިތައި އެނދުގައި ހަމަޖެހިލައިގެން އޮށޯތެވެ. ގައިމަތީގައި ރަޖައެއް އަޅައިގެން އޮށޯތީ ނިދާލުމުގެ ބޭނުމުގައެއް ނޫނެވެ. ނަމަވެސް ޝީމާގެ މައްޗަށް ނިދީގެ ބާރު ފޯރުވީ ވަރަށް ފަސޭހައިންނެވެ. ނިދުނީ ކޮންއިރަކުކަމެއްވެސް ޝީމާއަކަށް ނޭނގުނެވެ. ޝީމާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ކަންނެތްފާޑަކަށް އޮވެ ފޯނަށް ބަލައިލިއެވެ. ފާއިޒެވެ. ކޮންމެވެސް ކަމެއް ޖެހިގެން ގުޅަނީއެވެ.

"ކޮބާ މިއަދު ނާންނަންތަ" ޝީމާ ފޯނު ނެގުމާއި އެކު ފާއިޒު ބުނެލިއެވެ.

"ނިދަނީތަ" ޝީމާއަށް ޖަވާބު ނުދެވެނީސް ދެވަނަ ސުވާލު ފާއިޒު ކޮއްލިއެވެ.

"ދާނަން. ނިދުނީ. ތައްޔާރުވެލައިގެން ވަރަަށް އަވަހަށް ދާނަން" ޝީމާ ހިތް އަވަސްވާން ފެށިއެވެ.

"ނޫން. މިއަދު ރެސްޓްކޮއްލާ. ވަރުބަލިވެސް ވެފައި ހުންނާނީ. ދެން މިރޭ އާދޭ އަލަށް ހުޅުވަން އުޅޭ ފިހާރައަށް" ފާއިޒުގެ ޖަވާބު އަޑުއިވިފައި ޝީމާ ވަރަށް އުފާވިއެވެ. މިއަދު އަސްލުވެސް ޝީމާ ވަރަށް ވަރުބައްޔެވެ. އެކަން ފާއިޒަށް އެނގުނީތީ ޝީމާ ފާއިޒަށް ހެޔޮ ދުޢާ ކޮއްލެވުނެވެ.

ނަމަވެސް ދެން އިތުރަށް ނިދާކަށް ޝީމާ ބޭނުމެއް ނޫނެވެ. އެނދުގައި އޮށޯވެ އޮވެއްޖެއްޔާ އަނެއްކާވެސް ނިދިދާނެތީ އެނދުން ތެދުވެ ބޭރަށް ނިކުތެވެ. މަންމަ ފެންނަން ނެތުމުން ދެތިން ފަހަރަކު މަންމައަށް ގޮވައިލުމުންވެސް ޚަބަރެއް ނުވާތީ މަންމަގެ ފޯނަށް އެންމެފަހުން ގުޅިއެވެ. މަންމަވީ ފާއިޒުމެންގެ ގޭގައެވެ. ކޮންމެވެސް ވަރަކަށް ބަނޑުހައިވާތީ ޝީމާ ބަދިގެއަށް ވަދެ ކާންހުރީ ކޮންއެއްޗެއްތޯ ބަލައިލިއެވެ. މަންމަ މެންދުރަށް ކެއްކި ރިހަ އާއި ބަތް ހުއްޓެވެ. ޝީމާ ގޮސް ތަށްޓަކަށް ބަތާއި ރިހަ އަޅައިގެން ކާން އިށީނެވެ. މަންމަ އަންނަންދެން ނުކައި ނުހުރެވޭނެތީ އަވަހަށް ކާން ފެށިއެވެ. މަންމަ އަންނާނެ އިރެއްވެސް ނޭގޭތީ ކޮންމެވެސް އެއްޗެއް ކާލަން ބޭނުންވީއެވެ. ޝީމާ ކާން އިންދާ މަންމަ އައިސް ގޭތެރެއަށް ވަނެވެ.

"ދަރިފުޅާ ބަލާބަލަ މިހުރީ ހައްތަހާވެސް ފާއިޒު ދިންހާ ތަކެތި" ޝަރީފާ ހުރީ އުފަލުން ފޮޅިފައެވެ.

"އަހަންނެއް ނުދެކެން ތި ގަތްތަނެއް" ޝީމާވެސް ހުރީ ހައިރާން ވެފައެވެ.

"ދައްކާލަބަލަ" ޝީމާ އޭނަގެ މަންމަގެ ގާތަށް ޖެހިލިއެވެ.

ޝަރީފާގެ އަތުގައި އަވި އައިނަކާއި ދަބަހެއް އޮތެވެ. އަނެއް އަތުގައި ބޮޑު ރަތް ކޮތަޅެއް އޮތެވެ. އެކޮތަޅު ތެރޭގައި ޝީމާ ބުނި ފައިވާންވެސް އޮތެވެ.

"މިއޮތީ އަހަރެން ބުނި ފައިވާން. ވަރަށް އަގުބޮޑު ފައިވާނެއް ތިއީ" ޝީމާ އެފައިވާން ދައްކައިލަމުން ބުނެލިއެވެ.

"އަޅޭ ފާއިޒު އަހަރެމެންނަށް ހާދަހާ ހެވޭދޯ. ކިހާ ރަނގަޅު. އަހަރެން މިއައީވެސް އެގެއިން ދަރިފުޅަށް ނިދިފައި އޮތީމަ ހިތަށް އެރީ ނުގޮވާ ބާއްވާނީއޭ" ޝަރީފާ ބުނެލިއެވެ.

"އާނދޯ. މަންމަ ތިއީ ވަރަށް ނަސީބުގަދަ އަންހެނެކޭ. ކޮންމެ މީހަކަށްވެސްް ކޮންމެވެސް ގޮތެއް ދައްކަވާނެ ދިރިއުޅުމުގައި. އަހަރެމެން ހެއްދެވީ އެއަށްވުރެ މާ ބާރުގަދަ ފަރާތަކުން. އެފަރާތަށް ވާން ހުރި ކަންތަކާއި ހުރިހާ ކަމެއް އެނގޭނެ. އަހަރެމެން އިންސާނުންނަކީ އެއްވެސް ބާރެއް ލިބިފައިވާ ބައެއް ނޫން. މާދަމާވެސް ނެތި ހިނގައިދާނެ. އެވަރު ބައެއް އަހަރެމެން އިންސާނުންނަކީ" ޝީމާ މަންމައަށް ކިޔައިދިނެވެ. ޝަރީފާ ކޮޓަރި އާއި ދިމާލަށް އެތަކެތި ހިފައިގެން ދާންފެށުމުން ކައިގެން ދާން އަންނާށޭ ކިޔާފައި ޝީމާ ގޮވައިލިއެވެ. ނަމަވެސް ޝަރީފާ ބޭނުންވީ އެތަކެތި ކޮޓަރިއަށް ލާފައި ދެން ކާން އަންނާށެވެ. ކުރިއްސުރެން ފެށިގެން ޝަރީފާއަކީ ވަރަށް ތަރުތީބުން ކަންތައް ކުރަން ބޭނުންވާ މީހެކެވެ.

އިރުއޮއްސި ހަތްގަޑި ބައިވާން އުޅެނީއެވެ. ޝީމާ ތައްޔާރުވަމުން ދިޔައީ އަލަށް އެމީހުން ހުޅުވަން އުޅޭ ފިހާރައަށް ދާށެވެ. ރޭގަނޑުގެ ގަޑިއެއް ކަމުން ޝީމާ އެކަނި ފޮނުވާކަށް އޭނާގެ މަންމަ ބޭނުމެއް ނުވިއެވެ. އަލަށް ހުޅުވަން އުޅޭ ފިހާރަ ހުންނަނީވެސް ޝީމާމެންގެ ގެއާއި ވަރަށް ދުރުގައެވެ. ޝަރީފާ ބޭނުންވީ ޝީމާ ފިހާރައަށް ވަނުމުން ދެން އެނބުރި ގެއަށް އަންނާށެވެ. ދެން އަނެއްކާވެސް ޝީމާ ނިމުމުން ބަލާ ދާގޮތަށެވެ. ނަމަވެސް އެއީ ފަސޭހަ ގޮތެއް ނޫންނަމަވެސް ޝަރީފާ އޭނަގެ ދަރިއަށް ގެއްލުމެއް ލިބިދާނެތީ ހުންނަނީ ބިރުން ސިހިސިހިއެވެ.

ގަޑިން ހަތްގަޑި ސާޅީސްފަހެއް ވީތަނާހެން ދެމީހުން ފިހާރައަށް ދާން ހިނގައިގަތީ ވީހާވެސް އަލި މަގުތަކެއް ބަލާފައެވެ. އަނދިރި މަގުން ދިޔަ ނަމަވެސް އަވަހަަށް ދެވުނީހެވެ. ނަމަވެސް ލަހުން ދެވުނަސް އެމީހުން ބޭނުންވީ ވީހާވެސް  އަލި މަގަކުން ދާށެވެ. ޝީމާމެން ގޮސް ފިހާރަ އާއި އަރައި ހަމަވިވިއިރު ފާއިޒު އާއި އެހެން ދެމީހަކު ވާހަކަ ދައްކަން ތިއްބާ ފެނުނެވެ. ނަމަވެސް އެމީހުންނާއި ދުރުން ގޮސް ފިހާރައަށް ވަން އިރު ފިހާރައިގެ ހަރުތަކުގައި މުދާ ޖަހަން މީހުން އަވަދިނެތި އުޅުނެވެ. ޝީމާ އާއި އޭނަގެ މަންމަ ގޮސް ފިހާރައިގެ ކަނެއްގައި ހުރި ދެ ގޮނޑީގައި ދެމީހުން އިށީނެވެ.

= ނުނިމޭ =

+1
3
+1
3
+1
0
+1
4
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް