November 23, 2024 15:32
Advertisement

-Advertisement-

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ދަތުރުކުރުން މަނާކުރަން ސަރުކާރުން ނިންމެވުމާއެކު ދިވެހީންނަށް ހިތްހަމަޖެހުން!

އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުވެސް ވަނީ އެތައް ހާސް މީހުން ޝަހީދުވެފައެވެ. މީގެތެރޭގައި ކުޑަކުދިންވެސް ހިމެނޭއިރު މި ލާއިންސާނީ އަމަލު ކުށްވެރިކުރުން ފިޔަވައި މި އަމަލުތައް ހުއްޓުވުމަށް މާބޮޑު ކަމެއް އެހެން ގައުމުތަކަށް މިހާތަނަށް ކުރެވިފައެއް ނެތެވެ.  

ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތަކުން ފަލަސްޠީނުގެ ބައެއް ސަރަހައްދުތައް ފުރި، އެތައް ހާސްބައެއްގެ ގެދޮރު ބިމާއި ހަމަވަމުން އަންނައިރު މިމަންޒަރު ފެންނަ ކޮންމެ މުސްލިމަކަށްވެސް ކުރަނީ ހިތްދަތި އަސަރުތަކެކެވެ.

ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ފަލަސްޠީނަށް އެހީވުމުގައި ނަމޫނާ ބައެކެވެ. ސަރުކާރާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ ފާޅުގައި ފަލަސްޠީނުގެ ދިފާޢުގައި ވަކާލާތު ކުރައްވަމުންނެވެ. އެންމެފަހުން ދިވެހީން އެންމެ އުންމީދު ކުރެއްވި ކަންތައްކަމުގައިވާ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ޤާނޫނަށް ބަދަލު ގެނައުމަށް ވެސް ސަރުކާރުން މިވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ މިއަދު ބޭއްވި ކެބިނެޓް މީޓިންގައެވެ.

Advertisement

ވަޒީރުންގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ކުރިން ނުނަގާ ސްޓޭންޑުތައް މި ސަރުކާރުން ނަންގަވަމުން އަންނަ ކަމަށެވެ.

" އަޅުގަނޑުމެން މިހާތަނަށް ނެތް ވާހަކަދައްކާފަ ރާއްޖޭގެ ފަރާތުން ފަލަސްޠީނަށް ބޭނުންވަނީ ކޮންކަމެއްތޯ. މިކަންކަން ދެނެގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އެންވޯއީއެއް ކަނޑައެޅުމަށް ވަނީ ނިންމަވާފަ. އޭގެ އިތުރަށް ޔޫއެން ރިލީފް އެންޑް ވޯކް އެޖެންސީ މެދުވެރިކޮށް ފަލަސްޠީނުގައި ހާލުގައިޖެހިފައިވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒިންގ ހަރަކާތްތަކެއް ހިންގުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ. ފަލަސްޠީނާއެކު ދިވެހިން މިނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށްވެސް ވަނީ ނިންމަވާފަ. ދިވެހި ރާއްޖެއިން އިސްނަންގަވައިގެން ފަލަސްޠީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ރައީސް އަދި ކެބިނެޓުން މިއަދު ވަނީ ނިންމަވާފަ". އިހުސާން ވިދާޅުވިއެވެ.

 ރައީސްގެ އެދިވަޑައިގަތުމަކަށް ފަލަސްޠީނާއެކު ދިވެހީން މިނަމުގައި ޚާއްސަ ޓެލެތޯނެއް މިމަހު 12 ވަނަ ދުވަހު ބޭއްވުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އިސްރާއީލުގެ ޕާސްޕޯޓުގައި ފަތުރުވެރިން އައިސް ރާއްޖޭގައި ޗުއްޓީ ހޭދަކުރާތީ އެކަމުގެ ނުރުހުން ސޯޝަލް މީޑިއާގައި ދިވެހިން ފާޅުކުރަމުން އައިއިރު ސަރުކާރުގެ މިއަދުގެ ނިންމުމާއެކު ގިނަބަޔަކު ދަނީ ހިތްހަމަޖެހުމާއި ޝުކުރުވެރިކަމާއެކު އުފާފާޅުކުރަމުންނެވެ. އަދި އުންމީދު ކުރަނީ ޤާނޫނަށް އަވަސްބަދަލެއް އައިސް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭނެ ދުވަހަކަށެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް