November 24, 2024 08:07
Advertisement

-Advertisement-

ލޮނުގަނޑު އުފުލެމުން އެ އަންނަނީ ކަންބޮޑުވާ މިންވަރަށް، އަޅާނުލާ ތިބެވޭނެތޯ؟

ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ގައުމުތަކުގެ ތެރޭގައި އެންމެ ނާޒުކު އެއް ތިމާވެއްޓެއް އޮންނަ އަދި ބިންތިރި ގައުމުތަކުގެ ތެރެއިންވެސް ތިމާވެށީގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމެވެ. ދުނިޔެމަތީގެ ސުވަރޭގޭގެ ގޮތުގައި ބަޔަކު މީހުން ބަލާ މި ޖަރީރާ ރީތި ގޮނޑުދޮށްތަކާއި އެކި ކުލަކުލައިގެ ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސާފު ރާއްޖެ އަކީ އަޅުގަނޑުމެންނަށް އެންމެ ބޮޑު ނަފާއެއް ލިބޭ ޤުދުރަތީ އެއް ނިއުމަތެވެ.

މި ރީތިކަން ބަލާލުމަށް އެތައް މިލިއަން ފަތުރުވެރިން ރާއްޖެ އަންނައިރު އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ނުވަތަ ވިސްނަންވީ ކަމަކީ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާއި މޫސުމީ ބަދަލުތަކުން ވެށި ހިމާޔަތް ކުރުމަށެވެ. ކުނިބުނިން ތަޣައްޔަރުވެފައިވާ މޫދުތަކާއި ފަރުތަކާއި މުރަކައިގެ ބަގީޗާތައް ސާފުކޮށް މާދަމާއާއި ހަމައަށް އެ ރީތިކަން ފޯރުކޮށްދެވޭތޯ ބެލުމެވެ. ދުނިޔެ ހޫނުވާ މިންވަރު ދަށްކޮށް ކަނޑުގެ ލޮނުގަނޑު އުފުލެން މެދުވެރިވާ ސަބަބުތަކުން އަރައިގަތުމެވެ.

ދުނިޔެ ހޫނުވާ މީންވަރާއި ލޮނުގަނޑު އުފުލޭ މިންވަރަށް ބަލާއިރު 1880 ން ފެށިގެން ގްލޯބަލް އެވްރެޖަކީ 8-9 އިންޗި އެވެ. އެހެންނަމަވެސް 2022 ވަނަ އަހަރު ވަނީ އާ ރިކޯޑު އަދަދެއް ފާހަގަ ކުރެވިފައެވެ. އެގޮތުން އެއަހަރު 4 އިންޗި (101.2 މިލިމީޓަރ) އާއި ހަމައަށް ލޮނުގަނޑު އުފުލިފައިވެއެވެ. މިއީ 1993 ވަނަ އަހަރު ރެކޯޑް ކުރެވުނު މިންވަރަށްވުރެ އިތުރު އަދަދެކެވެ.

Advertisement

2006 ން 2015 އަށް އަޅާކިޔާއިރު ކޮންމެ އަހަރަކު ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އެވްރެޖް ގޮތެއްގައި ހުރީ 0.06 މިލިމީޓަރު އާއި 0.14 މިލިމީޓަރާއި ދެމެދުގެ ރޭޓެއްގައެވެ.
މީގެ 50 އަހަރު ކުރިއާ އަޅާބަލާއިރު އުދައެރުމުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ރަށް ގިރުން އިތުރުވުމާއި، ބިމުއަޑީގައިވާ ގުދުރަތީ ގޭސް ފަށަލަތަކާއި ސާފު ފެން ފަށަލަތަކުން ނަގަމުންދާ މިންވަރު ބޮޑު ތަނުން އިތުރުވެފައިވާއިރު ކަނޑުގެ ލޮނުގަނޑު އުފުލޭ މިރޭޓް ދަށް ކުރެވެން އަންނަނީ ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރުކޮށްގެން ކަމަށް ތިމާވެށީގެ އިލްމުގެ މާހިރުންނާއި ދިރާސާކާރުން ބުނެއެވެ.

ބިންތިރި ގައުމުތައް ދެމިއޮތުމާއި ގުޅިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ލޮނުގަނޑު އުފުލުމާއި ރަށް ގިރުމެވެ. ރަށްފުށު ދިރިއުޅުމުގެ އާމްދަނީ ބިނާވެފައި އޮންނަނީ ކަނޑުގެ ވަސީލަތްތަކަށެވެ. މަސްވެރިކަމާއި ފަތުރުވެރިކަމުން ނަފާ ހޯދާ މި ރާއްޖެއަށް ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ކުރެއެވެ. ކެއުމުގައި އެންމެ ގިނައިން އަޅުގަނޑުމެން ބޭނުން ކުރާ މަހާ މަހުގެ ބާވަތްތައް މަދުވެ، ކަނޑުން ބާނާ މިންވަރު މަދުވަމުންދާނަމަ ފުޑް ސެކިއުރިޓީ އާއި އެކްސްޕޯޓުން ލިބޭ އާމްދަނީވެސް ދަށްވެގެން ހިނގައިދާނެއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލޭ ތިން ސަބަބެއް ވެއެވެ. ފުރަތަމަ ކަމަކީ ދުނިޔޭގެ އެކި ބައްރުތަކުގައިވާ ގަނޑުފެންތައް ވިރި ކަނޑަށް ފެން ގިނަވުމެވެ. ދެވަނަ ކަމަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ވޮލިއުމް އިތުރުވުމެވެ. ތިންވަނަ ކަމަކީ ބިމުއަޑީގައިވާ ދައުރުވާ ރީތި ފެންފަށަލަ މަދުވުމެވެ. އަދި ކުޅިތަކާއި ކޯރުތަކާއި އެއްގަމުގައިވާ ފެންގަނޑުތައް ހިނދި ނުވަތަ އެއްކޮށް ހިކި ބިމުގެ ތެތްކަން ކެނޑި ބައެއް ތަންތަން ހަނަފަސްވަމުން ދަނީވެސް ދުނިޔެ ހޫނުވުމުގެ ސަބަބުންނެވެ.

އިންސާނުންގެ އެކި އެކި ބޭނުންތަކަށް ބިންހިއްކުމާއި ގަސްކެނޑުން ފަދަ ކަންކަމުގެ ސަބަބުންވެސް ގުދުރަތީ ވެއްޓަށް ދަނީ ގެއްލުން ވަމުންނެވެ. އެ ގެއްލުމުގެ އަސަރު ފެންނަން ފަށަނީ ދުރު މުސްތަގުބަލުގައެވެ. ކުއްލިއަކަށް އޭގެ ގެއްލުމާއި ކުރިމަތިލާން ނުޖެހުނު ނަމަވެސް ފަހުން ކުރާ އަސަރުތަކާއި އެކަމުން އަރައިގަތުމަށް ކުރަން ޖެހޭ ހޭދަވެސް ބޮޑުވެއެވެ.

ދުނިޔޭގެ ފިނިހޫނުމިން، ހޫނުވަމުންދާ މިންވަރު މައްޗަށް ދާއިރު އިތުރަށް ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައިވިޔަސް، ހަޤީގަތަކީ އެންޓާޓިކާ އާއި ގްރީން ލޭންޑްގައިވާ ގަނޑުފެންތައް ހޫނުގެ ސަބަބުން ވިރެމުންދާ ވަރަކަށް ކަނޑުގެ ލޮނުގަނޑު އުފުލެމުންދާކަމެވެ. 2000 ވަނަ އަހަރާއި އަޅާކިޔާއިރު ގަނޑުފެންތައް ވިރޭ މިންވަރު އިތުރުވެ 2100 ވަނަ އަހަރާ ހަމައަށް 6.6 ފޫޓު (2 މީޓަރު) އާއި ހަމައަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ބެލެވޭ ކަމަށް ކަމުގެ މާހިރުން އަންދާޒާ ކުރެއެވެ. މި ރޭޓް މަދުކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް އަޅުގަނޑުމެން ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރު ނުކޮށްފިނަމަ ދުނިޔޭގެ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. ގަސް ކެނޑުން މަދުކޮށް ގަސް އިންދުން އިތުރުކުރަންވީއެވެ. ތިމާވެއްޓާ ރައްޓެހި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވާންވީއެވެ.

+1
0
+1
5
+1
1
+1
1
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް