އިސްލާމްދީނަކީ ހުރިހައި ފުރިހަމަކަމަކާއި ރިވެތިކަމެއް އެކުލެވިގެންވާ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމެވެ. މަތިވެރި އަޚުލާޤުގެ ހުރިހައި ސިފަޔަކަށް މިދީން މަގުދައްކައެވެ. އެގޮތުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވާ މަތިވެރި ދެ ސިފައެކެވެ. ލަދުވެތިކަމަކީ ކޮބައިހެއްޔެވެ؟ ދިވެހިބަހުގެ ރަދީފުގައި ލަދުވެތިކަން މާނަކޮށްފައިވަނީ އެއީ، އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުމެވެ. ނުވަތަ އެހެން މީހުންނަށް ފާޅުކުރަން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުންވުމެވެ.
ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. ލަދުވެތިކަން ހުރެއްޖެ މީހާ ފާޖިރުކަމާއި މާތް ﷲ ހަރާމްކުރައްވާފައިވާ ކަންތައްތަކާ ދެމެދު ހުރަހެއް ޤާއިމުކޮށްފިއެވެ. އެންމެހައި ނޭއްގާނީ އަމަލުތަކުން އެ މީހަކު ދުރުވާނެއެވެ. އަދި އެފަދަ މީހަކަށް މަކާރިމުލްއަޚްލާޤުގެ ރިވެތި ފޭރާމުން ޒީނަތްތެރިވެވެއެވެ.
ލަދުވެތިކަން އެމީހެއްގެ ކިބައިގައި ހުރެއްޖެމީހާ އިއްފަތްތެރިކަން އިސްކުރާނެއެވެ. އޭނާގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރި ކުރާނެއެވެ. އެމީހެއްގެ ހަވާނަފްސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ ނަފުސު މައިތިރިކޮށްފި މީހަކަށް އޮތީ ކޮންފަދަ އުފާވެރިކަމެއްހެއްޔެވެ؟
ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ މިރިވެތި ސިފައިން ބޭރުވެފައިވާތަން ފެނުމެވެ. ހެދުން އެޅުމާއި، މުއާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެނުމެވެ. މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ހަރަކާތްތެރިވަމުން އެދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަވެސް ބިރުވެތިކަމެއް ނެތިއެވެ.
ލަދުވެތިކަމާއި އިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ކޮންމެހެން ހުރުން ލާޒިމު ސިފައެކެވެ. އެހެނީ އެ މުޖުތަމައެއްގެ އަޚްލާޤީ މިންތަކާއި އިޖްތިމާޢީ ފޭރާން ބިނާވެފައިވާ މައިގަނޑު އެއް ސިފައަކީ ލަދުވެތިކަމުގެ ސިފައެވެ.