ސެންޓަރ ފޮރ ހަޔަރ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީ އިމާރާތުގައި ކުރިއަށްދިޔަ މި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމަށް ބޭނުންވާ އެކި ކަންކަމުގައި ޤައުމަށް ކަންތައް ކޮށްދޭންތިބީ ކުދިން ކަމަށެވެ.
" އަބަދުވެސް ދެކެން ޖެހޭނީ ތިމަންނައަށް ކޮންކަމެއްތޯ ތިމަންނަގެ ޤައުމަށް ކޮށްދެވޭނީ. އެ ޤައުމީ ލޯބި އޮންނަންޖެހޭނެ. އެ ޤައުމީ ލޯބި ހުރެގެން ކަމެއް ކޮށްދެވޭނީވެސް. އަމިއްލަ ނަފްސަށް ކަމެއް ކޮށްދީގެން. އެކަން ކުރުމުގެ ފުރުސަތު މިތަނުން މި ލިބެނީ. އެކަން ކޮށްދޭން ޕްރިންސިޕަލް އާއި ޓީޗަރުންނާއި މެނޭޖްމަންޓް އަދި ސަރުކާރު މިހުންނަނީ. އޭލެވެލް އަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މުޅި ރާއްޖޭގައި ވަރަށްގިނަ ފުރުސަތުތައް އިތުރުކުރަން ނިންމާފަވަނީ" ރައީސް ވިދާޅުވިއެވެ.
ކިޔަވަމުންދާ ހުރިހާ މާއްދާއަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން ކުރެވޭނީ އަމިއްލަ ނަފްސަށް އިތުބާރު ކޮށްގެން ކަމަށް ފާހަގަކުރެއްވިއެވެ.
ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހުރިއްޔާ ވަނީ މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ކިޔަވައިގެން ނުކުންނަ ކުދީންނަށް ޚާއްޞަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި އެސެމްބްލީގައި ރައީސްގެ ދެއްކެވި ވާހަކަފުޅު ފެއްޓެވީ، މީގެ ތިރީހަކަށް އަހަރުކުރީން، 1995 ވަނަ އަހަރުން 1997 ވަނަ އަހަރަށް ސީ.އެޗް.އެސް.ސީގައި (އޭރުގެ އެސް.އީ.ސީ ގައި) މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވުމަށް އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް އައުކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުންވެސް އެމަނިކުފާނު ވަނީ، އުމުރުގެ ކޮންމެ ހިސާބެއްގައިވެސް ކާމިޔާބު ޙާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ ޢަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ދެއްވި ނަސޭހަތް ތަކުރާރުކުރައްވައިފައެވެ.