November 23, 2024 17:16
Advertisement

-Advertisement-

ވާހަކަ: މެންދަން (ދިހަވަނަބައި)

އިބްރާހިމްފުޅާއި ޝަރީފާ ހިނގަމުންދިޔައީ އެކީގައެވެ. އެމީހުންނަށްވުރެ ކުރީގައި ހުރެ ޝީމާ ވެސް ދިޔައެވެ. ގެއާއި ހަމައަށް އާދެވުމުން އިބްރާހިމްފުޅު ވެސް އޭނާގެ ގެއަށް ދާން ހިނގައިގަތެވެ. އިބްރާހިމްފުޅު ދިއުމުން ޝީމާ ފުރަތަމަވެސް އަހަން ބޭނުންވީ ކަންތައް ހިނގައިދިޔަ ގޮތެވެ. އިބްރާހިމްފުޅާއި ޝަރީފާ އާއި ގުޅެން ޝީމާ ހުރީ ވަރަށް ބޭނުންވެފައެވެ. ގޯތިތެރެއަށް ވަދެވުމާއިއެކު ޝީމާގެ ސުވާލުތައް އޭނަގެ މަންމަ އާއި ކުރިމަތި ކުރަންފެށިއެވެ.

"ކޮބާ މިހާރު ހުރިހާ ކަމެއް ހަމަޖެހުނީދޯ" ޝީމާ އުފަލުން އޭނަގެ މަންމަގެ އަތުގައި ހިފައި ބާރުކޮއްލިއެވެ.

"އެކަން ނިމިއްޖެ. ފުރަތަމަ މަރުހަލާ ނިމުނީ. ދެން ކުރިއަށްދާންވީ. މަންމަ ހިތަށް އަރަނީ ކައިވެނިކުރުމަށްފަހު މަންމަ ގޭގައި މަޑުކޮއްލާނީއޭ" ޝަރީފާ އޭނަގެ ވިސްނުން ހާމަކޮއްލިއެވެ.

Advertisement

"ތިއީ ވަރަށް ރަނގަޅު ގޮތެއް. މަންމަ އެބަޖެހޭ ދެން ރެސްޓެއް ނަގަން. ވަޒީފާއަށް ނުގޮސް ގޭގައި ދެން އިންނަންވީ. ފައިސާ ހޯދަން އިބްރާހިމްފުޅުބެ އާއި ހަވާލުކޮއްލާ" ޝީމާ ހޭންފެށިއެވެ.

"އާނ ދޯ ތިބުނާގޮތުން މަންމައަށް ވަރަށް ފަސޭހަވާނެ. ދެން ދަރިފުޅު ކޮންއިރަކުން ކައިވެނީގެ ވާހަކަ ދައްކާނީ. މިރަށުގައިވެސް އެބައުޅޭ ރަނގަޅު ކުދިން" ޝަރީފާ ބުނެލިއެވެ.

"ނެތެއްނު. މިހާރު ނޫޅޭ ރަނގަޅު މީހެއް" ޝީމާ ފޫހި ރާގަކަށް ބުނެލިއެވެ.

"މީހަކާއި އިންނަން ނޯންނާނެ އުމުރެއް. ފައިސާގެ ތަނަވަސްކަމެއް. ހަމައެކަނި ބޭނުންވާނީ ލޯބި. އެލިބިއްޖެއްޔާ ހުރިހާ ކަމެއް ފުރިހަމަވީ. އަދި އެލިބި އަތުން ދޫވިޔަ ނުދޭންވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ" ޝަރީފާ އޭނަގެ ދަރިފުޅު ޝީމާއަށް ރަނގަޅު ނަސޭހަތެއް ދިނެވެ.

ޝަރީފާގެ ވިސްނުން ވަރަށް ރަނގަޅެވެ. ކައިވެންޏެއް ކުރާއިރު އެހުރިހާ ކަމަކަށް ވިސްނުން ބަހައްޓާނެކަމަށް ބުންޏެވެ. ޝަރީފާ ހުރީ ވަރަށް އުފަލުންނެވެ. އެކަނިވެރި ދިރިއުޅުމަކަށްފަހު އުފާވެރި ހަޔާތެއް ފެށެނީއެވެ.

ޝީމާ ފިހާރައިގަ އިންދުވަހެކެވެ. އެއީ ދުވަސްތަކަށްފަހު ފިހާރައިގެ ސްޓޮކް ޗެކް ކޮއްލުމަށެވެ. މިހާރު ޝީމާގެ ބެލުމުގެ ދަށުން ދެފިހާރަ ހިނގަމުންދާތީ ފިހާރައިގެ ކައުންޓަރުގައި އިންނާކަށް ނުޖެހެއެވެ. މިހާރު ޝީމާ ބަލަހައްޓަނީ އިދާރީ ކަންތަކެވެ. ކުޑަ އޮފީހެއް ހަދާފައި އެތާގައެވެ. ހުރިހާ ކަމެއް ބަލަހައްޓަނީ ޝީމާއެވެ. އެހެންވުމާއި އެކު ފާއިޒަށް މިހާރު ވަރަށް ފަސޭހައެވެ. އެހިސާބަށް ޝީމާއަށް އާދެވުނީވެސް ޝީމާގެ ތެދުވެރިކާއި ހިތްވަރުންނެވެ.

ޝަރީފާ އާއި އިބްރާހިމްފުޅުގެ ދިއުޅުމުގެ ކަންތައް ދެމީހުން ދިޔައީ ރާވަމުންނެވެ. އަދި ކައިވެނި ކުރާނެ ދުވަހާއި ވަގުތެވެ. ދިރިއުޅޭނެ ތަނަކާއި މެދުގައެވެ. ނަމަވެސް ޝަރީފާއަށް އެންމެ އުނދަގޫވަނީ ވަޒީފާއަށް ދާތީވެ އިބްރާހިމްފުޅަށް ބޭނުންވާ ވަގުތު ނުދެވޭތީއެވެ. ކައިވެނީގެ ކަންތައް ހަމަޖައްސަންވެސް ވަރަށް ގިނަ ވަގުތު ބޭނުންވާނެއެވެ. ނަމަވެސް ޝަރީފާގެ ވަޒީފާ ހަމަޖެހިފައި އޮންނަގޮތުން ކިރިޔާވެސް ހުސްވަގުތެއް ލިބެނީ ރޭގަނޑު ފިހާރަ ބަންދުކުރާފަހުންނެވެ. އެކަމާއި ޝަރީފާ އޭނަގެ ދަރިފުޅާއި ވާހަކަ ދެއްކިއެވެ. މަންމަގެ ނިންމުން ނިންމާނީ ކިހިނެއްތޯ މަޝްވަރާ ކުރިއެވެ. އެމަޝްވަރާ ވެސް ނިމުނީ ޝަރީފާ ބޭނުންވާ ގޮތަށެވެ. ދެން ވަޒީފާއަށް ނުގޮސް އައު ހަޔާތެއް ފަށާށެވެ. ނަމަވެސް ޝަރީފާ އެންމެ ޖެހިލުންވީ އެވާހަކަ ފާއިޒާއި ހިއްސާކުރާށެވެ. އަދި އެވާހަކަ ފާއިޒާއި ހިއްސާކުރާނެ ގޮތަކާއިމެދު ވިސްނިއެވެ. ސަބަބަކީ އެމީހުން މިހިސާބަށް ގެންނަން އެންމެބޮޑު އެހީތެރިކަމެއްވީ ފާއިޒެވެ. އެހެންނަމަވެސް ކޮންމެ ކަމެއް ފާއިޒުގެ ހުއްދަ ހޯދަން ޖެހޭނެބާއޭ ޝަރީފާ ހިތަށް އެރިއެވެ. ކޮންމެ މީހަކީވެސް މިނިވަނެކެވެ. ވަރަށް ވިސްނުމަށްފަހު އެންމެފަހުން ޝަރީފާ ބޭނުންވީ އެވާހަކަ ފާއިޒާއި ހިއްސާ ކުރުމަށެވެ. އެއިރުން ވާނެގޮތެއްވެސް އެނގިދާނެތާއެވެ. އަދި އެގޮތަށް ނިންމީވެސް އިބްރާހިމްފުޅާއި ވާހަކަ ދެއްކުމަށްފަހުގައެވެ.

ހެނދުނުގެ އިރުއަރައިގެން އައި ވަގުތުވެސް ޝަރީފާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ޝަރީފާ ބޭނުންވީ ވީހާވެސް އަވަހަކަށް ފާއިޒަށް އެވާހަކަ އަންގާށެވެ. އެހެންވުމާއި އެކު މިއަދު ޝަރީފާ ވަޒީފާއަށް ނުގޮސް ގޭގައި މަޑުކޮއްލީއެވެ. އަދި ޝީމާ ވަޒީފާއަށް ދާން ނިކުތުމުން ޝަރީފާވެސް ބޭރަށް ދާން ހިނގައިގަތެވެ. ޝަރީފާގެ މިސްރާބު ހުރީ ސީދާ ފާއިޒުމެންގެ ގެއާއި ދިމާލަށެވެ.

މިއަދު ކަންތައް ވާނީ ކިހިނެއްކަމާއިމެދު ޝަރީފާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ހީވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވާން އުޅޭހެންނެވެ. މަޑު ފިޔަވަޅިތަކެއް އަޅަމުން ގޮސް ފާއިޒުމެންގެ ގޯތިތެރެއަށް ވަނުމާއި އެކު ފުރަތަމަވެސް ޝަރީފާގެ ލޮލުގައި އަޅައިގަތީ ފާއިޒުގެ މަންމައެވެ. އަދި ޝަރީފާ ފެނުމުން އުފަލުން ގޮވައިލިއެވެ.

"ދަރިފުޅާ މިއަދު ވަޒީފާއަށް ނުދަނީތަ. މިހާރު މިގޭގައި ގެންގުޅޭ ބޭރުމީހާ އެހާ ރަނގަޅެއް ނޫން" ޝަރީފާ ފެނުމާއި އެކު ފާއިޒުގެ މަންމަގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް ބޭރުކޮއްލިއެވެ.

"އަދި ރަނގަޅުވާނެ" ޝަރީފާ ދިނީ ކުރު ޖަވާބެކެވެ. ފާއިޒުގެ މަންމަ ބޭނުންވަނީ އަބަދުވެސް ޝަރީފާ އެގޭގައި މަސައްކަތް ކޮއްލަދޭން ހުންނާށެވެ. އެމީހުން ޝަރީފާ ދެކެ އަބަދުވެސް ވަރަށް ލޯބިވެއެވެ.

"ކޮބާ މިއަދު ފާއިޒު. ކޮބާ ބައްޕަ ކިހިނެއް" ޝަރީފާ އެހެން ބުނި ވަގުތު ފާއިޒުގެ ބައްޕަވެސް ބޭރަށް ނިކުމެގެން އަންނަނީއެވެ.

"ކަމެއް ބޭނުންވީތަ ދަރިފުޅާ. ހާދަ ހީވޭ ކަމެއް ވެގެން އުޅޭހެން" ފާއިޒުގެ މަންމަ ސުވާލުކޮއްލީ ކަމެއް އެނގިގެން އުޅޭކަހަލަ ގޮތަކަށެވެ.

"ފާއިޒު މިވަގުތުވީ އެއްޗެއް ބަލާ ބޭރަށް ގޮސް. ވަރަށް އަވަހަށް އަންނާނަމޭ ބުނެފައި ދިޔައީ" ފާއިޒުގެ މަންމަ ވަރަށް ލޯބިން ޝަރީފާގެ އަތުގައި ފިރުމައިލިއެވެ.

އެމީހުން ވާހަކަ ދައްކަން ތިއްބާ ފާއިޒުވެސް ގޯތިތެރެއަށް ވަން މަންޒަރު ޝަރީފާއަށް ފެނުމާއި އެކު ފުން ނޭވާއެއް ޝަރީފާ ދޫކޮއްލިއެވެ. ޝަރީފާ ބޭނުންވާ ވާހަކަ ފަށާނީ ކިހާ ހިސާބަކުންކަމެއް ޝަރީފާއަށްވެސް ނޭނގުނެވެ. ދެން ހަދަންވީ ގޮތެއް ނޭގި މުޅި މީހާ ފިނިވިއެވެ. އަދި ކުއްލިއަކަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.

"ކިހިނެއްވީ. މިއަދު ބަލީތަ. ވަޒީފާއަށް ނުދަނީތަ" ފާއިޒު އައިސް ޝަރީފާގެ ގާތުގައި މަޑުކޮއްލިއެވެ.

"ނޫން. މިއަދު މަޑުކޮއްލާނަމޭ ހިތަށް އެރީ" ޝަރީފާއަށް ވާހަކަ ދެއްކެނީވެސް ވަރަށް ބިރުން ހުރެއެވެ.

"ކިހިނެއްވީ. ކަމެއް ގޯސްވީތަ" ފާއިޒު އަނެއްކާވެސް އަހައިލިއެވެ.

"ނޫން. ނޫން. ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު. އެކަމަކު ހިތަށް އެރީ މިއަދު ގޭގައި މަޑުކޮއްލާނީއޭ" ޝަރީފާމެން ވާހަކަ ދައްކަން ފެށުމުން ފާއިޒުގެ މަންމަ އާއި ބައްޕަވެސް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

"ބުނެބަލަ. މީހަކު އެއްޗެކޭ ބުނީތަ ނުވަތަ ވަޒީފާގައި ހިތްހަމަނުޖެހޭ ކަމެއް ވީތަ" ފާއިޒުވެސް ހުރީ ވަރަށް ހާސްވެފައެވެ. ޝަރީފާ އަކީ ކުރިން ދުވަހަކުވެސް ވަޒީފާއަށް ފަރުވާކުޑަކުރި މީހެއް ނޫނެވެ.

"މިހާރު އުމުރުން ދުވަސްވެ ގައިގައި ނެތް ކަމެއް ކުރާނެހާ ހިތްވަރެއް" ޝަރީފާ މަޑުމަޑުން މައުޟޫއަށް އަނބުރަމުން ދިޔައެވެ.

"އެހެންވިއްޔާ މަސައްކަތް ކުރާނެ ކަމެއްނެތް. އެވާހަކަ އަހަރެން އޮންނާނީ ޝީމާގެ ގާތުގައިވެސް ބުނެފައި. މަންމައަށް ރެސްޓް ދޭށޭ. މަސައްކަތް ނުކުރުވާށޭ" ފާއިޒުގެ ވާހަކަ ހުރިގޮތުން ހީވަނީ ޝަރީފާ ވަޒީފާއިން ދޫކޮއްލަން ބޭނުން ނުވާހެންނެވެ.

"ތިކަހަލަ ކަމެއް ނެތް" ޝަރީފާގެ މައުޟޫ އާއިގެން ކުރިއަށް ދެވޭ ގޮތެއް ނުވެ ކޮޅު ބެދެނީއެވެ.

"ދެން މުސާރަ ކުޑައީތަ" ފާއިޒު ސުވާކޮއްލިއެވެ.

"އަހަރެން މިހެން ހުސްކޮށް ހުންނަން ބޭނުން ނުވަނީ މިހާރު" ޝަރީފާ ޖަވާބު ދިނެވެ.

"ރަނގަޅު ވާހަކައެއް. ހުސްކޮށް ހުންނާނެކަމެއް ނެތް. އެއިރުން ފޫހިވާން ފަށައިފާނެ. އަބަދުވެސް ކޮންމެވެސް ކަމެއްގައި އުޅުނީމަ ރަނގަޅުވާނީ. އެހެން ނޫނިއްޔާ ސިއްޙަތަށްވެސް އޭގެ ނުރަނގަޅު އަސަރު ކޮއްފާނެ" ޝަރީފާ ދައްކަން އުޅޭ ވާހަކައެއް ފާއިޒަށް ނޭގޭހެން ޝަރީފާއަށް ހީވިއެވެ.

"މިހާރު އަހަރެން ގަސްދުކުރަން ދެން ވަޒީފާއަށް ނުދާން. މިގޮތަށް މިނިންމީ ވަރަށް ވިސްނާފައި" ޝަރީފާ ބުނެލިއެވެ.

"އަނެއްކާ އަހަރެމެން ދެކެ ރުޅި އައިސްގެންތަ. އަހަރެންގެ މަންމަ ވަރަށް ދެރަވާނެ ޝަރީފާ ރުޅިއަތުވެއްޖެއްޔާ" ފާއިޒުގެ މޫނުމަތިން ނުތަނަވަސްކަމުގެ މަންޒަރު ފެންނަމުން ދިޔައެވެ.

"ދެން މިވަގުތަށް ގޭގައި މަޑުކޮއްލަން ބޭނުންވާތީ މިގޮތަށް މި ނިންމީ" ޝަރީފާ ޖަވާބު ދިނެވެ.

"އަސްލު ވެގެން ތިއުޅޭ ގޮތް ކިޔާލަ ދީބަލަ" ފާއިޒު ހުރީ ހިތް ނުތަނަވަސްވެފައެވެ

"އަހަރެން ބޭނުންވަނީ މީހަކާއި އިންނަން" އެންމެފަހުން ޝަރީފާ ބުނެލިއެވެ.

"އޯކޭ. މިރަށު މީހެއްތަ. ކޮންނަމެއް ކިޔާ މީހެއްތަ" ފާއިޒު އަހާލިއެވެ.

= ނުނިމޭ =

+1
3
+1
6
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް