October 6, 2024 11:38
Advertisement

-Advertisement-

އިސްލާމީ އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނަން- ރައީސުލްޖުމްހޫރިއްޔާ

ހިޖްރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. ހިޖްރީ އައު އަހަރު އަޅުގަނޑުމެންނަށް ހަނދާން އައުކޮށްދެނީ ކީރިތި ރަސޫލާ صلى الله عليه وسلم ޙަޔާތްޕުޅުގައި އެކަލޭގެފާނު ނިންމެވި އެންމެ ޙައްސާސް އެއް ނިންމެވުމެވެ.

ހިޖުރައިގެ ދަތުރުފުޅުގެ މަތީގައި ކީރިތި ރަސޫލާ صلى الله عليه وسلم ކަންކަން ކުރެއްވި ގޮތާ، މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތެއް ޤާއިމުކުރުމަށް އެޅުއްވި ފިޔަވަޅުތަކާ، މައްކާ ފަތަޙަކުރެއްވުމުގެ ބޮޑު ކާމިޔާބީ އޭގެ 10 ވަރަކަށް އަހަރު ފަހުން ޙާޞިލްކުރެއްވި ގޮތަކީ، ކޮންމެ ޤައުމެއްގެ ކުރިއެރުމާ ކާމިޔާބީއަށްވެސް އަގުހުރި ދަރެސްތަކެއްކަން ފާހަގަކުރައްވާފައިވެއެވެ.

" ކީރިތި ރަސޫލާ صلى الله عليه وسلم ގެ މުޅި ދިރިއުޅުއްވުމުންވެސް ފެންނާން އޮތީ، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަން ޖެހޭ މިފަދަ އެތައް މިސާލެއް. މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ، ޤައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަން. ޢާއިލާތައް ބަދަހިވާން ޖެހޭކަން. މުރާލިކަމާ ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭކަން. އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭކަން. ކޮންމެ ފަރުދަކުވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭކަން. އިސްރާފު ނުކުރުމާ، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފިނަމަ، މުޅި ޤައުމުގެ އިޤްތިޞާދު ހަރުދަނާވާނޭކަން. އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ޤާނޫނުތަކާ އުޞޫލުތައް ތަންފީޒުވާން ޖެހޭކަން". ރައީސްގެ ޚިޠާބުގައިވެއެވެ.

Advertisement

ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން ކަމަށް ފާހަގަކުރެއްވިއެވެ. އަދި ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުން ކަމަށާއި، މަސްތުވާތަކެއްޗާ، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމަޢުވަނީ އިހުމާލުވެފައި ކަމަށް ވިދާޅުވިއެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާ ޚަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަޅުގަނޑުމެން އަހުލުވެރިވުން ކުޑަކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

" މާނަވީ ގޮތުން ބަލާއިރު، ހިޖުރަކުރުމުގެ މާނައަކީވެސް އިންސާނާ ހުރި ޙާލަތުން، އެއަށްވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫޢަވުން. އައު އަހަރާއެކު އަޅުގަނޑުމެންގެ ޢަޒުުމަކަށް ވާންވީ، ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާ، ފުދުންތެރިކަމާ، ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުން. އެންމެން އެއް ރޫޙެއްގައި މި ޤައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުން". ރައީސުލްޖުމްހޫރިއްޔާ

ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މުސްލިމް އަޚުންނާ އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ ހަނގުރާމައިގެ ނާމާން ޙާލަތެވެ. މުޅި އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، 'މިއީ އެއް އުންމަތެއްކަމުގައި' ކީރިތި ޤުރުއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާ، އެއްބާރުލުމާ، ގުޅުންތައް ވަރުގަދަކުރަން ޖެހެއެވެ. އިރާދަކުރެއްވިއްޔާ، އިސްލާމީ އުންމަތުގެ ހައްޤުގައި އަޑުއުފުލުމަށް އިސްނަގާ، އަދި އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް