November 24, 2024 07:21
Advertisement

-Advertisement-

ވާހަކަ: މެންދަން (ބާރަވަނަބައި)

އިބްރާހިމްފުޅާއި ޝަރީފާގެ ކައިވެނީގެ ފޮނި ދުވަސްތައް ފާއިތުވެގެން ދިޔައީ އުފާވެރިކަމާއެކުގައެވެ. ދުވާލު ގަޑީގައި ގިނަފަހަރަށް އިބްރާހިމްފުޅު އުޅެނީ މަސައްކަތުގައެވެ. ނަމަވެސް، ދެމަފިރިން އުޅެނީ އެކަކު އަނެކަކަށް ވަރަށް އިތުބާރުކޮށްގެންނެވެ. އެމީހުންގެ ގުޅުމަކީ އިސްލާމީ އުސޫލުތަކުގެ މަތިން ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ.

ހެނދުނު އިރު އެރިވަގުތާއި އެކު އަޑު އިވުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. ފާއިޒުގެ ބައްޕައަށް ހާރޓްއެޓޭކެއް ޖެހި ނިޔާވީއެވެ. މި ހިތާމަވެރި ޚަބަރުން އިބްރާހިމްފުޅާއި ޝަރީފާ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެމީހުން ހިތުގައި ވޭނާއި ހިތާމަ ފުރިގެން ދިޔައެވެ.

ދުވަސްތަކެއް ފާއިތުވެގެން ދިޔަފަހުން، ފާއިޒުގެ މަންމަ ދިރިއުޅުނު ކޮޓަރިއާއި ގޭގެ އެހެނިހެން ތަންތަން މަރާމާތުކުރުމުގެ މަސައްކަތް އިބްރާހިމްފުޅާ ހަވާލުކުރިއެވެ. ފާއިޒު ބޭނުންވަނީ ގޭތެރެއަށް ބަދަލުތަކެއް ގެންނާށެވެ. އެމަސައްކަތް ފާއިޒު ހަވާލުކުރީ އިބްރާހިމްފުޅާއެވެ. ފާއިޒުމެންގެ ގޭގައި އިބްރާހިމްފުޅު ވަޑާމުގެ މަސައްކަތުގައި އުޅޭއިރު ޝަރީފާވެސް އުޅެނީ އެގޭގައެވެ. އެވަގުތު އެގޭގައި ކުރަންޖެހޭ ކަންތައްތައް ވަޒީފާއެއް ނޫންގޮތުން ނަމަވެސް ކޮށްދެމުން ދިޔައެވެ.

Advertisement

މި ދުވަސްވަރު ފާއިޒުގެ ހިތުގައި އޮތް ހިތާމަ ކުޑަކޮށް ފިލުވައިދިނުމަށް އިބްރާހިމްފުޅާއި ޝަރީފާ މަސައްކަތް ކުރިއެވެ. އެމީހުން ފާއިޒަށް އަޅާލައި އޭނާއަށް ހިތްވަރުދެމުން ދިޔައެވެ. މިކަމުން ފާއިޒުގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައިރު އިބްރާހިމްފުޅާއި ޝަރީފާގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ. އެމީހުންގެ ލޯބި އިތުރުވެ އެކަކު އަނެކަކަށް އޮތް އިތުބާރު އިތުރުވެގެން ދިޔައެވެ. ދެމީހުންނަށް ދަރިއަކު ނެތް ނަމަވެސް އެމީހުންގެ ޝަކުވާއެއް ނެތީ ދެމީހުންނަކީވެސް މިހާރު ދަރިން ހޯދައިގެން އުޅެވޭ ވަރަށް ވުރެ އުމުރުން ދޮށީ މީހުންކަމަށް ވާތީއެވެ.

ވަގުތު ފާއިތުވަމުން ދިޔައިރު، ފާއިޒުގެ ގެ މަރާމާތުކޮށް ނިންމީ ފާއިޒު ބޭނުންވާ ގޮތަށެވެ. އިބްރާހިމްފުޅުގެ މަސައްކަތާއި މެދު ފާއިޒު ވަރަށް ހިތްހަމަޖެހުނެވެ. ފާއިޒުމެންގެ ގޭގެ މަސައްކަތް ނިމުނު ދުވަހު ޝަރީފާގެ ހިތުގައި އުފަލާއި ހިތާމައިގެ އިހުސާސްތައް އެކުއެކީގައި ފެށިގެން ދިޔައެވެ. އުފާވީ މަސައްކަތް ނިމުނީތީއެވެ. ހިތާމަކުރީ ދެން އެގެއަށް ދިއުމުގެ ބޭނުމެއް ނެތިދާނެތީއެވެ. ނަމަވެސް، ފާއިޒުގެ އެދުމުގެ މަތިން ޝަރީފާ އަދިވެސް އެގެއަށް ގޮސް އުޅެއެވެ. ނަމަވެސް ޝަރީފާ އެގެއަށް ގޮސް އުޅެނީ އިބްރާހިމްފުޅު މަސައްކަތަށް ދިއުމުންނެވެ. އިބްރާހިމްފުޅު ގޭގައި އުޅޭ ވަގުތު ބޭރަށް ދާކަށް ޝަރީފާ ބޭނުމެއް ނޫނެވެ. ހުރިހާ ވަގުތެއް އިބްރާހިމްފުޅަށް ހުސްކޮއްލަން ޝަރީފާ ބޭނުމެވެ.

އެހެން ދުވަސްތަކެކޭ އެއްގޮތަށް އިބްރާހިމްފުޅު މަސައްކަތަށް ދިއުމުން ޝަރީފާ ހިނގައިގަތީ ފާއިޒުމެންގެ ގެއަށް ދިއުމަށެވެ. ދަރިފުޅު ޝީމާވެސް ވަޒީފާއަށް ދިއުމުން ޝަރީފާ އެކަނި ގޭގައި އުޅެން ޖެހޭތީއެވެ. އަދި ފާއިޒުގެ އެދުމަށް އަބަދު ނޫނެކޭ ބުނަން ނުވެސް ކެރޭތީއެވެ. ޝަރީފާ އެގެއަށް ދިޔައިރު ބޭރުގައި ހުރި ގޮނޑިއެއްގައި ފާއިޒު އިނީ ކޮންމެވެސް މީހެއްގެ ފޯނެއްގައެވެ. ޝަރީފާ ފެނުމާއި އެކު އަވަހަށް އެފޯނު ކަނޑައިލިއެވެ.

"ޝަރީފާ ތިޔަ ގޮނޑިތައް ތަންކޮޅެއް އެއްފަރާތަށް ޖައްސާލަދީބަލަ" ފާއިޒު ބުނެލިއެވެ.

ޝަރީފާ ހިނިތުންވެލަމުން އެކަން ކޮށްދިނެވެ. އޭނާގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދެމުންދިޔައެވެ. ފާއިޒު އޭނާއަށް މިހާ ގާތްވެފައިވަނީ ކީއްވެބާއެވެ. އޭނާގެ އާއިލާއަށް މިހާ ބޮޑު އެހީތެރިކަމެއް ދެމުން ގެންދަނީ ކީއްވެބާއެވެ.

ޝަރީފާމެންގެ އާއިލާއަށް އަބަދުވެސް ފާއިޒުގެ އެހީތެރިކަން މެދުނުކެނޑި ލިބެމުން ދެއެވެ. ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ކަމުގައިވިޔަސް، ނުވަތަ ކުއްލިއަކަށް ދިމާވާ ޚަރަދުތަކަށް ކަމުގައިވިޔަސް، ފާއިޒު އަބަދުވެސް ހުންނަނީ ތައްޔާރަށެވެ.
"ޝަރީފާ ތިހެން ހުއްޓިގެން ހުރީ ކީއްވެ" ޝަރީފާ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓައި ފާއިޒު އަހައިލިއެވެ.

"އަޅެ... އަޅުގަނޑު ހަމަ... އަޅުގަނޑުމެންނަށް ތިޔަ ކޮށްދެއްވާ އެހީތެރިކަމާ މެދު ވިސްނެނީ. ހާދަ ހެޔޮފުޅޭ" ޝަރީފާ މަޑުމަޑުން ބުންޏެވެ.

"އަހަރެން ތިޔަ އާއިލާއަށް އެހީތެރިވާން ބޭނުންވަނީ އިޚްލާޞްތެރިކަމާއެކު" ފާއިޒު ހިނިތުންވެލިއެވެ.

"ޝަރީފާމެންނަށް ލިބޭ އެއްޗަކުން އުޅެވޭތަ. ކިހިނެއް ދޯ ދެން ތިޔަ އުޅެނީ އިބްރާހިމްފުޅާއި އިނދެގެން ތިޔަ އުޅެނީ ލޯބިންތަ" ފާއިޒު އަހައިލިއެވެ.

"އަލްޙަމްދުލިއްލާހް. ވަރަށް ލޯބިން އުޅެނީ. ދެމަފިރިންގެ ޙައްޤުތައް އަދާކުރަމުން އުފާވެރި ދިރިއުޅުމެއް އުޅެމުން މިދަނީ" ޝަރީފާ ހިނިތުންވެލިއެވެ.

"މާތްﷲ ގެ ޙަޟްރަތުން ތިޔަ ދެ މީހުންގެ ދިރިއުޅުމަށް ބަރަކާތްލައްވާށި. ތިޔަ ދެމަފިރިންގެ ލޯބި އަބަދުވެސް ދެމިގެންދާށި" ފާއިޒު ހެވިލާފައި ބުންޏެވެ.

"އާމީން. ޝުކުރިއްޔާ ފާއިޒު. މާތްﷲ ތިބާއަށްވެސް ހެޔޮ ރަޙްމަތް ލައްވާށި" ޝަރީފާ ޝުކުރުވެރިކަމާއެކު ބުންޏެވެ.
"ދެން އަހަންނަށްވެސް މީހަކު ހޯދައިދީފާނަންތަ" ފާއިޒު ބުނެލިއެވެ.

"ކޮންތާކުން. މިހާރު ނޫޅޭ ރަނގަޅު މީހުން. އެއްވެސް މީހެއްގެ މޫނުމަތީގައި ނޯވޭ ލިޔެފައި. އެހެންނޫންނަމަތާ ދޯ" ޝަރީފާ ހޭންފެށިއެވެ.

"ޝަރީފާވެސް ތިއިނީވިއްޔާ މީހަކާއި އަހަރެން މިހެން ހުއްޓައި" ފާއިޒު ނޫން ނޫން ކަމަށް ހަދާފައި ބުނެލިއެވެ.

ފާއިޒު އެހެން ބުނުމާއި އެކު ޝަރީފާގެ މޫނުމަތިން ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކުރިން އެވާހަކަ ފާއިޒު ނުބުނީ ކީއްވެހެއްޔެވެ. މިހާރު މީހަކާއި އިންފަހުން އެވާހަކަ ބުންޏަސް ކުރާނެކަމެއް ނޯންނާނެތާއެވެ. ޝަރީފާ ހިތާއި ހިތާ ކިޔައިލެވުނެވެ. އަދި ފިރިމީހާއަށް ބޭވަފާތެރި ނުވާން ހިތުގައި އަޒުމް ކަނޑައެޅިއެވެ.

"އިބްރާހިމްފުޅަށްވުރެ އަހަރެން މާ ރަނގަޅު" ފާއިޒު ބުންޏެވެ.

"ކީއްވެ ތިގޮތަށް މިއަދު ތި ވާހަކަ ދައްކަނީ" ޝަރީފާ ވަރަށް ދެރަވެލާފައި އަހާލިއެވެ.

"އަހަރެންގެ އަތުގައި ވަރަށް ގިނަ މުދަލާއި ފައިސާ އެބަހުރި. ޝަރީފާ ބޭނުން ހުރިހާ އެއްޗެއް ގަނެދޭނަން" ފާއިޒު ބުންޏެވެ.

"ފާއިޒު ލޯބި އެއީ ގަނެވޭ އެއްޗެއް ނޫން. އަހަރެން އިބްރާހިމްފުޅު ދެކެ ވަރަށް ލޯބިވޭ. އޭނާއަކީ އަޚްލާޤު ރަނގަޅު ރިވެތި މީހެއް" ޝަރީފާ ހިނިތުންވެލިއެވެ.
ފައިސާއަކީ ހުރިހާ އެއްޗެއް ނޫން. އަހަރެން ބޭނުންވަނީ ހިތުގެ ހަމަޖެހުމާއި ހަލާލު ލޯބި. އެކަން އިބްރާހިމްފުޅު ދޭ" ޝަރީފާ ބުނެލިއެވެ. ފާއިޒުގެ އެދުމަށް ނޫނެކޭ ބުނެ ޝަރީފާ ގެއަށް ދިޔައެވެ. އޭނާގެ ހިތުގައި އިބްރާހިމްފުޅުގެ ލޯބި ފުރިހަމައަށް އޮތެވެ.
ފާއިޒުގެ ހެޔޮކަމާއި އޯގާތެރިކަމަށް ޝުކުރުވެރިވުމާއެކު، ޝަރީފާ ދުޢާކުރިއެވެ. އަދި މުސްތަޤުބަލުގައި ހެޔޮ އެދޭނެކަމަށް ފާއިޒުގެ ގާތުގައި ބުނެ ގެއަށްދާން ހިނގައިގަތެވެ.

"ސޮރީ. ދެން އެއީ ނުދައްކާ ވާހަކައެއްކަމަށް ހަދަމާ" ޝަރީފާ ހިނގައިގަތުމުން ފާއިޒު ގޮވާލައިފައި ބުނެލިއެވެ.

"އޯކޭ. އަހަރެންގެ ހިތްބުރަކަމެއް ނެތް" ޝަރީފާ ފަސްއެނބުރި ޖަވާބުދިނެވެ.

ޝަރީފާ ގެއަށް ވަންއިރުވެސް އޭނާގެ ހިތުގައި އަދިވެސް ފާއިޒުގެ ވާހަކަތައް އަޑުގައި ގުގުމަމުންދިޔައެވެ. ޝަރީފާ ވިސްނާލިއެވެ.

"ފާއިޒު އެހެން ބުނީ ކީއްވެބާއޭ އޭނާގެ ހިތުގައި އަހަރެންނާ ދޭތެރޭ ލޯބި އުފެދުނީ ކީއްވެހޭ" ޝަރީފާ ހިތަށް އަރަމުން ދިޔައެވެ.
ޝަރީފާ ގޭތެރެއަށް ވަދެ ސިޓިންގ ރޫމަށް ދިޔައިރު އިބްރާހިމްފުޅު އިނެވެ.
"ކޮބާ ފާއިޒުމެން ކިހިނެތް. މިހާރު ހަމައަކަށް އެޅެންފަށައިފިދޯ" ޝަރީފާ ފެނުމާއި އެކު އިބްރާހިމްފުޅު އަހައިލިއެވެ.

"ރަނގަޅު. ދެން ހިނގާ ކާން. ޝީމާވެސް އަންނަން އުޅޭނެ މިހާރު. ޝަރީފާ ގޮސް އިބްރާހިމްފުޅުގެ ގާތުގައި އިށީނެވެ.
އިބްރާހިމްފުޅު ޝަރީފާގެ ފަހަތުން ގޮސް ކާމޭޒުދޮށުގައި އިށީނެވެ. އަދި މޭޒުމަތީގައި ހުރި ކާއެއްޗެއްސަށް ވަކިވަކިން ބަލައިލިއެވެ. އަދި ތައުރީފުގެ ބަސްތައް ފައްޗަކަށް އަމުނައިލިއެވެ. އެކަމާއި ޝަރީފާ އުފާވި ނަމަވެސް އަދިވެސް ޝަރީފާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ފާއިޒުގެ ވާހަކަތަކެވެ.

"ޝަރީފާ ކިހިނެއް ވެގެން ތިހެން ވިސްނުމަކަށް ގެއްލިފައި އިންނަނީ" އިބްރާހިމްފުޅު ކަންބޮޑުވެފައިވާ ރާގަކުން އަހައިލިއެވެ.

"އޯ... އެއްވެސް ކަމެއް ނޫން. ހަމަ އެހެން ހުރެވުނީ" ޝަރީފާ ކުއްލިއަކަށް ސިހިގެން ގޮސް އިބްރާހިމްފުޅާއި ދިމާލަށް ބަލައިލިއެވެ.
އިބްރާހިމްފުޅު ޝަރީފާގެ ޖަވާބުން ހިތްހަމަޖެހުނު ކަމަކަށް ނުވިއެވެ. ނަމަވެސް އިތުރަށް އެ ވާހަކަ ދިގު ނުކުރުމަށް ނިންމިއެވެ. "އަހަރެން ދެން ކައިގެން ކުޑަކޮށް މަޑުކޮށްލާފައި މަސައްކަތަށް ދާނަން." އޭނާ ބުންޏެވެ.
ކެއުމަށްފަހު އިބްރާހިމްފުޅު ކުޑައިރުކޮޅެއް ގޭގައި ހޭދަކޮށްލުމަށްފަހު މަސައްކަތަށް ދިއުމަށް ތައްޔާރުވާން ފެށިއެވެ. އޭނާ ދޮރާ ދިމާލަށް ހިނގައިގަތް ވަގުތު  ޝީމާވެސް އައިސް ގެއަށް ވަންނަނީއެވެ. އިބްރާހިމްފުޅު ގެއިން ނިކުންނަމުން ދަނީއޭ ބުނެ ފަހަތަށް އެނބުރިލިއެވެ. ޝަރީފާގެ މޫނުމަތިން ކުއްލިއަކަށް ކަންބޮޑުވުމުގެ ނިޝާންތަކެއް ފެނުނެވެ. އިބްރާހިމްފުޅު އެކަން ފާހަގަކުރި ނަމަވެސް އޭނާ މަސައްކަތަށް ލަސްވާން ބޭނުން ނުވާތީ އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ.

= ނުނިމޭ =

+1
1
+1
1
+1
1
+1
2
+1
0
+1
0
+1
0

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް