އައްޑޫސިޓީ މަރަދޫފޭދޫ، ސިނަމާގެ އިބްރާހީމް ޒައުލް މުހައްމަދު އަކީ އުމުރުން 9 އަހަރު ވީއިރުވެސް އެއްވެސް ހަރަކާތެއް ނުކުރެވޭ ވާހަކަ ނުދެއްކޭ ކުއްޖެކެވެ.
'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން ޒައުލްގެ މަންމަ އާއިޝަތު ޒާހިރާ އަދި ޒައުލްގެ ބައްޕަ މުހައްމަދު އިބްރާހީމް ވަނީ އެންމެ ކުޑައިރުއްސުރެ ޒައުލްގެ ބަލި ހާލަތު ހުރިގޮތް ކިޔައިދީފައެވެ.
" ބަނޑުގައި އޮތްއިރުވެސް އެނގޭ ބަލިކުއްޖެއްކަން. ސިކުނޑި ކައިރީގައި ސިސްޓެއް އުފެދިފަހުރީ ވިހެއި އިރުވެސް. އައްޑޫ ހޮސްޕިޓަލުގައި ވިހައިގެން 3 ދުވަސްވީތަނާ ދެން ފޮނުވާލީ އައިޖީއެމްއެޗަށް. އެއަށްފަހު އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ގޮސް އޮޕަރޭޝަން ކޮށްފަ ސިސްޓް ނެގީ. ސިސްޓްގެ ސަބަބުން ސިކުނޑި ބޮޑުވާންޖެހޭ ވަރަށް ބޮޑު ނުވެ ހުރީ ފެން އުފެދިފައި" ޒައުލްގެ ބައްޕަ ކިޔައިދިނެވެ.
ޒައުލްގެ ހާލަތު އިތުރަށް ކިޔައިދެމުން އޭނާގެ ބައްޕަ މުހައްމަދު އިބްރާހީމް ބުނީ ޒައުލް އަށް ލޮލަށް ފެންނަކަން ވެސް އެނގެނީ ފޯނުގެ ލައިޓް ޖެއްސުމުން ލޮލުގެ ކަޅުކަޅި ހަރަކާތް ކުރާތީ ކަމަށެވެ. އަދި އަޑުއިވޭކަން އެނގެނީ ނިދާފަ އޮންނައިރު އަޑެއް އިވިއްޖެނަމަ ހޭލެވޭތީ ކަމަށެވެ.
" އެއްވެސް ވަރަކަށް ވާހަކަ ނުދެއްކޭ. ތަނެއްގައި ނިއިށީދެވޭ. ބުރަކަށިވެސް ހުންނަނީ އެސްއަކުރެއް ގޮތަށް ލެނބިފައި". އަސަރާއެކު ޒައުލްގެ މައިންބަފައިން ކިޔައިދިނެވެ.
ޒައުލް އަކީ ކުޑައިރު ފިޓުޖެހުނު ކުއްޖެކެވެ. އެހެންނަމަވެސް ފަރުވާއަށްފަހު ފިޓުޖެހުމަށް ހައްލެއް ލިބިފައިވަނިކޮށް މިފަހަރު ބަލިވުމާއެކު އަނެއްކާވެސް ވަނީ ފިޓުޖެހެން ފަށައިފައެވެ.
" މި ކޮޅުން ދޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ޑޮކްޓަރުން ބުނަނީ. ހަށިގަނޑުގައި އިންފެކްޝަން އުފެދި ނިއުމޯނިއާ ޖެހިފައި ހުރީ. ފިޓުވެސް ވަނީ ވަރަށް ގިނަ ފަހަރު ޖެހިފައި. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭތާ 2 ހަފްތާ ވީއިރު އައިސީޔޫގައި ފަރުވާދޭތާ 1 ހަފްތާ މިވީ. އޮކްސިޖަން ލެވެލްވެސް ވަރަށް ދަށްކޮށް ހުރީ".
މުހައްމަދު އިބްރާހީމް މައުލޫމާތު ދިންގޮތުގައި ޒައުލް އަކީ 3 ކުދިން ހިމެނޭ އެއާއިލާގެ އެންމެ ކުޑަކޮށް ހުންނަ ކުއްޖާއެވެ. ދެން ތިބި 2 ކުދިންނަކީވެސް ސްކޫލަށްދާ ދެކުދިންނަށް ވުމުން ދާއިމީ ވަޒީފާއެއް ނެތި އަމިއްލަ މަސައްކަތްކޮށްގެން ހޯދާ ރުފިޔާއިން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސް ހޭދަކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އާސަންދަ ހަމަޖެއްސުމަށް އެދި ޑޮކްޓަރު ދީފައިވާ ލިޔުން އާސަންދަ އޮފީހަށް ހުށަހަޅާފައިވާއިރު އެ ލިޔުމުގައި ވެސް ވަނީ ރާއްޖެއިން ބޭރަށް ގެންދިއުމަށް ވީލްޗެއަރ އަދި އޮކްސިޖަން ބޭނުންވާކަމަށް ފާހަގަކޮށްފައެވެ.
" ގޭގައި އަބަދުވެސް އޮކްސިޖަން މެޝިނެއް ގެންގުޅެން. އެކަމަކު އެމެޝިނުގައި ހުރީ މައްސަލަ ޖެހިފައި. އަޅުގަނޑުމެންގެ ދެންތިބި 2 ކުދިން ސްކޫލަށް ގެންދަމުން ހޮސްޕިޓަލުގައި މިތިބެނީވެސް 2 މީހުން ޑިއުޓީ ބަހައިގެން. އެހެންވުމުން އަޅުގަނޑުމެންނަށް މިވަގުތު ފައިސާގެ އެހީތެރިކަން ވަރަށް ބޭނުން. ރާއްޖެއިން ބޭރަށް ގެންދެވެން އޮތީވެސް މެޑިކަލް ޓީމަކާއެކު އޮކްސިޖަން ގުޅައިގެން. އެހީތެރިކަން ހަމަޖެހުނުހާ އަވަހަކަށް އަޅުގަނޑުމެން ބޭނުން ދަރިފުޅު ގޮވައިގެން ފަރުވާއަށް އިންޑިއާއަށް ދާން". ޒައުލްގެ ބައްޕަ މުހައްމަދު އިބްރާހީމް ބުންޏެވެ.
މި އާއިލާގެ އުންމީދަކީ ޒައުލްއަށް ފަރުވާލިބި އެ ކުޑަކުޑަ ހަށިގަނޑުގައި އަޅާ ވޭނަށް ލުއި ލިބުމެވެ. އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޒައުލްގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއާއިލާއިން އާންމުންގެ ކިބައިން އެދޭ ވަރަށްބޮޑު އެދުމެކެވެ.
ޒައުލް އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 7505384
އެކައުންޓް ނަންބަރު ޒައުލްގެ މަންމަ (އާއިޝަތު ޒާހިރާ) 7701166339101