November 24, 2024 00:34
Advertisement

-Advertisement-

މިނިވަން ދިވެހި ރައްޔިތަކަށް ވީތީ ފަޚުރުވެރިވޭހެއްޔެވެ؟

އަޅުވެތިކަމުގެ ހިތިރަހަ އިހުސާސްނުކުރެވޭ ބަޔަކަށް މިނިވަންކަމުގެ އަގު ވަޒަންކުރެވޭނެ ކަމަށް ގަބޫލުކުރަންހެއްޔެވެ؟ ދިވެހިރާއްޖޭގައި މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދަނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ސިޔާސީ ގޮތުން ފުރިހަމަ  މިނިވަންކަން ލިބުނު ދުވަހެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައެވެ. އޭގެ ފަހުން އިނގިރޭސީންގެ އަޅުވެތިކަމުގައި ކަޅުދުވަސްތަކެއް ހޭދަކުރުމަށްފަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުހެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއްކަމަށް ގަބޫލުކޮށް، އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމަކުންނެވެ.

ރާއްޖެ މިނިވަންވިތާ 59 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު ދިވެހިރާއްޖެ މިނިވަން ގައުމަކަށް ހެއްދެވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންގެ މަތިން ހަނދާންކޮށް އެބޭފުޅުން އެކުރެއްވި މަސައްކަތަށް ޝުކުރުވެރިވުން އެއީ  މިއަދުގެ ޖީލަށް ވާޖިބެކެވެ. އަދި އެބޭފުޅުން ކުރެއްވި މަސައްކަތްތައް އެނގުމަކީ މުހިންމު ކަމެކެވެ. އެގޮތުން ސުމުއްވުލް އަމީރު އިބްރާހީމް ނާސިރުގެ މިންނެތް ބުރަ މަސައްކަތްޕުޅުން ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ އެމަނިކުފާނު ކުރިމަތިލެއްވީ އޭރުގެ ރަސްކަމުގައި ހުންނެވި އައްސުލްޠާން މުހައްމަދު ފަރީދުލް އައްވަލްގެ ފަރާތްޕުޅުން ލިޔުމުން ޤާނޫނީ ބާރުވެރިކަމާއި ރުއްސެވުން ހޯއްދެވުމާއި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އިތުބާރު އޮތްކަން ކަށަވަރު ކުރައްވައިގެންނެވެ.

ނަމަވެސް ދިވެހީންގެ ތެރޭގައި މިއަދު މިއޮތީ އަޅުގަނޑުމެންގެ ކާބަފައިން ގެނެސްދިން ސަގާފަތާއި އާދަކާދަތައް ހެއްޔެވެ؟ ބޮޑުރަސްގެފާނާއި ދަންޑަހެލު ފަދަ ޤައުމަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮށްލަންކެރޭނެ ޤައުމީ ލޭހިނގާ ޒުވާނުން މިއަދުގެ ޖީލުގައި އެބަތިބިބާވައެވެ؟ އަޅުގަނޑުމެންގެ ކާބަފައިން ގެނެސްދިން މާތްވި ސަގާފަތާއި އާދަކާދަތައް އަޅުގަނޑުމެންގެ ދަރީންނަށް ކިޔައިދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. ބޮޑުތަކުރުފާނާއި ދަންޑަހެލާއި އެނޫނަސް ޤައުމަށްޓަކައި ޝަހީދުވެފައިވާ ހުސެއިން އާދަމް ފަދަ ދިވެހި ދަރީންގެ ވާހަކަތައް ކިޔައިދީ ޤައުމާއި ދީނަށްޓަކައި ޤުރުބާންވާން ކެރޭފަދަ ދަރިން ބިނާކުރަން ޖެހެއެވެ. ޤައުމަށްޓަކައި ޖާނުންފިދާވި ދިވެހި ދަރީން ކޮށްފައިވާ މިންނެތް މަސައްކަތްތަކުގެ އަގު އަދާކުރެންއޮތީ މި ޤައުމު މިނިވަންކަންމަތީ ދަމަހައްޓައިގެންނެވެ. މުޅި ޤައުމު އެކަތިގަނޑަކަށްވެ ފެއްސާއި ރަތާއި ހުދުގެ ކުލަތަކުން ޖަރީކޮށް ދިވެހި ދިދައަށް ޢިއްޒަތް ދީގެންނެވެ. އެންމެން އެކަތިގަނޑަކަށްވެ ޤައުމާއި ދީނަށްޓަކައި އެކައްޗެއްކިޔައިގެންނެވެ. އަޅުވެތިކަމުގެ ހިތިރަހަ އަރުތެރޭގައި ލުމުގެ ކުރިން މިކަންކަމާމެދު ވިސްނާ ފިކުރުކޮށްލުމަކީ މުހިންމުކަމެކެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވާ މީހަކަށް ތިބާ ވެގެންނެވެ.

Advertisement
+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް